ތަޢުރީފު ކުރުމީ ވެސް އޮންނަ ކަމެކެވެ. ސަނާ ކިޔުމަކީ ވެސް އޮންނަ ކަމެކެވެ. އެހެން ނަމަވެސް…… އަޖައިބުން އަޖައިބެވެ. ހައިރާންވެ އަންތަރީސް ވާވަރު ވެއެވެ.
ހުޝާމަދު ކުރުން ނުވަތަ ނެތްވަރުން ތަޢުރީފު ކުރުން އަދި ހަމަ އެހެންމެ މަދަހަ ސަނާ ކިޔުން މިއަދު މިވަނީ ހައްދުފަހަނައަޅައި ގޮސްފައެވެ. ކޮންމެ ކަމެއްވެސް އޮންނަންވާނީ ވަކި އިމެއްގެ ތެރޭގަ އެވެ. ވަކި ދާއިރާއެއްގެ ތެރޭގަ އެވެ. އެއްވެސްކަމެއް ހަވާސާއިން ބޭރުވެ ސަމާސާ އަކަށް ވެގެން ނުވާނެއެވެ.
އާދޭހެވެ. މިއަދުގެ ޙާލަކީ ކޮބައިތޯއެވެ؟ ނުބައި ކަމެއް ކުރާ މީހާއަށް ވެސްް ޖޯޝާއި ފޯރީގައި ތަޢުރީފު ކުރާމީހުން މަދެއްނޫނެވެ. އަދި ތަފާތު އެކި ހަފްލާތަކުގައާއި ޖަލްސާތަކުގައި ވާހަކަދައްކާ ފަރާތްތަކުން އިސް ބޭފުޅުންނަށް ނެތްވަރުން ތަޢުރީފު ކުރަނީ ވަކި ސުމާރެއް ބަލައިފައެއް ނޫނެވެ. އަދި ބޮޑެތި އެއްވުން ތަކުގައި މުޚާތަބުކުރާ ފަރާތްތަކުން އެބައިމީހުންގެ އިސްވާރަށް ހުޝާމަދު ކުރަނީ މީހަކު އާާގަމަ ނުވާ ވަރަކަށް ނޫނެވެ. ހެޔޮކަމެއް ކުރީމައި ތަޢުރީފުގެ ބަހެއް ރައްދު ނުކުރާށޭ އަޅުގަނޑު ނުދަންނަވަމެވެ. އެހެން ނަމަވެސް ގޮތެއްފޮތެއް ހަމައެއް ލަމައެއް އޮންނަންވާނެ ނޫންތޯއެވެ. ދަބަރުޖަހާފައި އޮތްް ދަނގަޑުގަނޑެއް އެއީ އޮފުދާރު އެއްޗެއްކަމަށް ދައްކަން ތަފާތު ކުލަތަކުން މަތިމައްޗަށް ސުޕްރޭކުރިކަމަށް ވިޔަސް ދަގަނޑުގަނޑެއް ނޫން އެހެން އެއްޗަކަށް ނުވާނެއެވެ. ކިތަންމެ ވަރަކަށް ގިރިޓީ ކުރިޔަސް އަސްލު އޮޅުވައެއް ނުލެވޭނެ އެވެ. މި ބީދައިން ބަލާއިރު މަތީ މަޤާމެއްގައި ހުންނަ، ކަމަށް އަހުލުވެރިނޫން ބޭފުޅެއް ފަސްމީރުކުރި ރުކަކަށް ހަދަން މީހަކު ކިތަންމެ ވަރަކަށް ހުޝާމަދުކުރިޔަސް އެބޭފުޅަކީ އެ ބުނާފަދަ ބޭފުޅަކަށް ވާނެ ހެއްޔެވެ.
ޝައްކާއި ވަހުމުގެ ކަންފުޅެއްވެސް ނެތެވެ. އިސްވެ މި ދެންނެވިފަދަ ގިނަ މީހުން ނަކީ ހުޝާމަދުކޮށްގެން ފައިސާގެ ފުލުން ދުވާ މީހުންނެވެ. އަނެއްބަޔަކީ “ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެން” ކުއްލިއަކަށް ނޫޓުގެ ބޮނޑިވަަރަކުން ޖީބު ފުރާލަން ލިބުނީމާ ތަޢުރީފުކުރާ މީހުންނެވެ. ދެން ތިބި ބަޔަކީ “ސިދުރަތުލް މުންތަހާއަށް ހިތްއަރައިގެން” ނުވަތަ ތިމާޔާ ލާއިޤު ނުވާ ފެންވަރަކަށް ހިތްފޯރުވައިގެން ޖާހު ހޯދަންް އިސްވާރުންގެ ފުލުން ދުވާމީހުންނެވެ. އާދެ! ހަ ފަރާތަށް ނަޒަރު ހިންގަވައިލެއްވީމާ މައްސަލަ ވަރަށް ސާފެވެ. އިތުރު ހެއްކެއް ގަރީނާއެއް ބޭނުމެއް ނުވެއެވެ. މިއަދުގެ މުޖުތަމަޢުގައި ތަފާތު ޖަމާޢަތްތަކުން ނުވަތަ ޕާޓީތަކުން ބާއްވާ ބައެއް އެއްވުންތަކުގައި ނެތްވަރުން ވެރިންނަށް ތަޢުރީފުކޮށް މަދަޙަ ސަނާ ކިޔާތީ ތިބާއަށް ފެންނާނެއެވެ. ޕަރުވާނާ ތައް ބައްތި ކައިރީގައި އުދުހި އުދުހިފައި ބޯތަޅަތަޅާފައި އުޅޭހެން ވެރިޔާގެ އަރިހުގައި ތަޢުރީފުގެ ބައިތުތައް ކިޔަމުން ދުވެ ފުމެ އުޅޭ މީހުން ތިބާއަށް ފެންނާނެއެވެ.
އުރުދޫ ޝާއިރަކު ވިދާޅުވެފައިވާހެން:-
މާލޫމު ނެހީ ހޭ ޔޭ ޚުޝާމަދު ކީ ޙަޤީޤަތު
ކެހެ ދޭ ކޮއީ އުއްލޫ ކޯ އަގަރް ރާތުކާ ޝާހްބާޒް
ރޭގަނޑުގެ ޝާހް ބާޒެއް އެއީ ބަކަމޫނެކޭ ބުނެ ތަޢުރީފް ކުރުމަކީ ހަމަޖެހޭ ޚުޝާމަދު ކުރުމަކަށް ފަހެ ވާނެހެއްޔެވެ؟
ރީތި އެއްޗެއް ފެނުނީމާ ތަަޢުރީފު ކުރެވޭނެއެވެ. ހެޔޮކަމެއް ކޮށްފިނަމަ ހިތްވަރުވެސް ދޭންވާނެއެވެ. ތަހުޒީބަކީ އެއީ އެވެ. އެހެނެއްކަމަކު ޙަސަބާއި ނަސަބުގެ ގޮތުން މަތިވެރިވިކަމަކު ނުވަތަ މުދަލާއި ފައިސާގެ ގޮތުން މުއްސަނދިވި ކަމަކު މާބޮޑަށް ފޮނިބަސްތައް އަމުނައި ހުޝާމަދު ނުކުރާށެވެ. އެކަށީގެންވާ މިންގަނޑެއް ޚިޔާރުކުރާށެވެ. ނެތްް ސިފަތަކެއް ނުގެންނާށެވެ. ޙައްޤު ތަޢުރީފަކަށްވާނީ އޭރުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި