ކުޑައިރުގެ ހަނދާންތަކަކީ ހިތާއި ސިކުނޑިން ފޮހެލަން ދަތި ހަނދާންތަކެކެވެ. އޭރުގެ ހަނދާންތަކަކީ އަބަދުވެސް ދިރިދިރި ހުންނަ ހަނދާންތަކެކެވެ. މިގޮތުން އަހަރެން ހަނދާނަށް އަންނަނީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. ޖީލެއްގެ ކުރީގެ ހަނދާންތަކެވެ.
އަހަރެންގެ އުފަން ރަށަކީ އެއްބައެއްވަންތަ ރައްޔިތުންތަކެއް ދިރިއުޅެމުން އައި ތަނެކެވެ. އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ލާމަސީލު ބަޔަކު އުޅުނު ރަށެކެވެ. ކޮންމެ ފަރުދަކަށް ކަމެއް މެދުވެރިވިޔަސް އަނެކާ ހުންނަނީ ހޭވައްލާ ތައްޔާރަށެވެ. އެކަކު އަނެކާއަށް އެހީވެ މުހުތާދުތައް ފިލުވައިދީ އުޅުމަކީ އުފަލެއްކަމުގައި އެބައިމީހުން ދެކެއެވެ. އެއް ގެއެއްގައި ކާއެތިކޮޅެއް ރޯފިލުވައިފި ނަމަ ޖެހިގެން ހުންނަ އަވަށްޓެރިޔާއަށް އެއިން އެތިކޮޅެއް ނަމަވެސް ފޯރުކޮށްނުދީ އަރުން އެތެރެއަށް އެއްޗެއް ނުލާނެއެވެ. މީހަކު މަސައްކަތަކު ބުނެފިނަމަ އެކަން ކޮށްނުދީ ހިންދެމިވެސް ނުލާނެއެވެ.
ރައްޔިތުންގެ މަސައްކަތެއް ކުރާނަމަ އެންމެން ނިކުމެ އިސާހިތަކު އެކަން ނިންމާލައެވެ. ބޮޑެތި މުނާސަބަތު ތަކުގައި އެބައިމީހުންގެ ގައިގައި ހުންނަ އަޚްވަންތަކަން ފެނިގެންދަނީ ވަރަށްވެސް ފުރިހަމަ ގޮތެއްގައެވެ. އަދި ކީއްހެއްޔެވެ. މަވަންތަކަމޭ ކިޔާ ކަމަކީ އޮންނަ ކަމެއް ނޫނެވެ. ހަމަ އެހެންމެ ބޮޑާކަމާއި ދެކޮޅުވެރިކަމާއި ހަސަދައަކީ ނެތް އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މި ބަޔާންކުރީ އަހަރެންގެ ރަށުގެ ވާހަކައެވެ. އެހެންނަމަވެސް މިރޮނގުގައި އެއް ރަށަކަށް ދޫކުރާނެ ރަށެއް ނެތެވެ. ޖުމްލަކޮށް ބުނާނަމަ މިރާއްޖޭގެ ކޮންމެ ރަށަކީވެސް އެކުވެރިކަމުގައި ނަމޫނާ ދައްކާފައިވާ ރަށެކެވެ. ކޮންމެ ރަށަކީ އެއްބައިވަންތަ އެކަކު އަނެކަކުދެކެ ލޯބިވާ ބަޔަކު އުޅެފައިވާ ރަށެކެވެ.
ދަންނާށެވެ. އެދުވަސްތައް މާޒީވެ އޮބާލައި ގޮސްފިއެވެ. އެއީ މާޒީގެ ރީތި ޞަފުހާ ތަކެކެވެ. ކިޔައި ފޫހިނުވާ ފަދަ ޞަފުހާތަކެކެވެ. އެދުވަސްތައް ފަސްދީ އެދިޔައީ މިއަދަށް ޢިބުރަތެއް ދީފައެވެ. ނަމަވެސް ހިތާމައަކީ މާޒީވެދިޔަ ޞަފުހާތަކުން ޢިބުރަތެއް ޙާސިލް ނުކުރެވޭ ކަމެވެ. މާޒީވެ ދިޔަ ނަފާ ހުރި ދަރެސްތަކުން އެއްވެސް އެއްޗެއް ލިބިނުގަނެވޭ ކަމެވެ.
އާނއެކެވެ. މިއަދާމެދު ފިކުރު ހިންގައިލީމާ ސަހަރޯ ހީވާވަރު ވެއެވެ. ދަތްދޮޅި ވެއްޓޭހާވަރު ވެއެވެ. މިއަދަކީ އެކުވެރިކަން ދެކޮޅުވެރިކަމަށް ބަދަލުވެފައިވާ ދުވަހެވެ. ހިތްހެޔޮކަން ނަފްރަތާއި ހަސަދައަށް ބަދަލުވެފައިވާ ދުވަހެވެ. ހިތްތިރިކަން ކިބުރުވެރިކަމަށް ޖާގަ ދީފައިވާ ދުވަހެވެ. ހެޔޮ ބަހެއް ބުނާ މީހަކު ނުފެންނައިރު ހިނިތުންވެފައިވާ މޫނެއް ފެނުން ތަދު ބޭހެއް ފަދައިން ވެއްޖެއެވެ. ފެންނަނީ ފުސްމޫނުތަކެކެވެ. އެންމެ ގާތުގައި ހުންނަ އެކުވެރިޔާވެސް ކަމަކު ޖެހުމުން ފެންނަ ފެނުން މަދުވެއްޖެއެވެ. އަދި ކިއެއްތަ! ގިނަ މީހުންނަކީ ހިތުގައި ހަސަދައިގެ ހުޅުގަނޑު ބޮޑުކުރަމުންދާ މީހުންނެވެ. ހެވެއް ލާބައެއް އެދޭ މީހަކު ފެނުމެކޭ ރީނދޫކުލައިގެ ކައްސަނދުވާންޏެއް ލިބުންހާ ދަތިކަމަކަށްވެއްޖެއެވެ. އެމީހަކާ އެމީހެކެވެެ.
ހަޤީޤަތް މިއޮތީ މެންދުރުގެ އިރު ފަދައިންް ފެންނާށެވެ. ގިނަ މީހުން ބަލަނީ އަނެކާގެ ބޮލަށް ފައިން އަރާ ޗިސްކޮށްލުމަށެވެ. އެދެނީ އަނެކާއަށް ލިބޭ ނިޢުމަތުން މަޙްރޫމްވުމަށެވެ. އަނެކާ އަށް ލިބޭ މޮޅަށް ފުރައްސާރަ ކުރުމަށެވެ. ތިމާގެ ބޭނުން ފުދުނީމާ އަނެކާގެ މަތިން ހަނދާން ނައްތައިލުމަށެވެ. އާނއެކެވެ. ގިނަމީހުން ބޭނުންވަނީ އައިން ހިފައިގެން ވަައިމައްޗަށް އަރާށެވެ. ނުވަތަ އެހެންމީހަކަށް ލިބޭން އަންނަ މޮޅެއް ނޫންނަމަ ރީއްޗެއް އެ ފަރާތަކަށް ނުދީ ފޭރިގަތުމަށެވެ. އަދި ބޭރު ފުށް އޮމާންކޮށްގެން އެކުގައި އުޅެލާފައި ބޮނދުބުޑަށް ސައިކިޔާފައި ދަނީ ކިތައް މީހުންހެއްޔެވެ.
އާނއެކެވެ. މިއަދަކީ އެމީހަކާ އެމީހަކުގެ ދުވަހެވެ. ހުރިހާ ކަމެއްވެސް ބަދަލުވެއްޖެ އެވެ. ހެދުމުގެ ކުލަ ފަނޑުވަމުން ދާހެން ޒަމާންވީ ރިވެތި އާދަތައް ފޮހެވެން ފަށައިފިއެވެ.
ދަންނާށެވެ. އަމިއްލަ ނަފުސަށް އެދޭ ކަންތައް އަނެކާއަށް ލިބުމަށް ނޭދޭހާ ހިނދަކު ކުރިއެރުމެއް ނެތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި