ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތުގައި މި އަހަރު ބައިވެރިކުރި ޑްރާމާ ތަކުގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ “ނަކަލު” ޑްރާމާއަކީ ސަރަޙައްދީ ފިލްމު ފެސްޓިވަލްތަކަށް ފޮނުވަން ނިންމާފައިވާ މެލޯ ޑްރާމާއެއް ކަމަށް ޑްރާމާގެ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ބުނެފިއެވެ.

ހުނަރުވެރި އެކްޓަރ ކޮޕީ އިއްސެ މިއަދު މުނިއަވަސް އަށް ބުނީ އެމްއޭސީއެލް ޑްރާމާ “ނަކަލު”ގެ ޑައިރެކްޓަރސް ކަޓް، ސަރަޙައްދީ ފިލްމު ފެސްޓިވަލްތަކަށް ހުށައެޅުމުގެ ވާހަކަތައް މާކުރިންވެސް ވަނީ ދައްކާފައެވެ.

“މި ވާހަކަތައް އާއްމު ނުކޮށް މަޑުކޮށްލީ ޑްރާމާ އާއްމު ވަންދެން. ރޭގަ ޑްރާމާ ބަލާފަ އާއްމު ރައްޔިތުންގެ ފަރާތުން ލިބުނު ޕޮޒިޓިވް ކޮމެންޓްސް ތަކުން ވަރަށް ވެސް ބޮޑަށް އަޅުގަނޑުމެން މި ތިވީ އުފާވެ ހިތްހަމަ ޖެހިފަ.” އެމްއޭސީއެލް ޑްރާމާ “ނަކަލު” ބެލުމަށްފަހު ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ފައްސި ޚިޔާލުތަކަށް އިޝާރާތް ކުރަމުން އިއްސެ ބުންޏެވެ.

“އަޅުގަނޑުމެން އެމްއޭސީއެލް އިން ދިން މެސެޖް، އިންޝާﷲ، އޭގެ އެންމެ ފުރިހަމަ ގޮތުގަ ޑެލިވާ ވެއްޖެ. ދެން އޮތީ ނަތީޖާ. ޖަޖް ކުރުމަކީ ވަރަށް އަނދިރި ކަމެއް. އިންސާފުވެރި ޖަޖިން އެއް އަންނާނެ ކަމަށް އުއްމީދު ކުރަން. ހަމަ ގައިމުވެސް އެންމެ ފުރަތަމަ މަޤްޞަދު ޙާޞިލް ވެއްޖެ. އެއީ ޑްރާމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އާއްމުން ބަލައިގަތުން.” ކޮޕީ އިއްސެ އަށް މިހައިތަނަށް ލިބުނު އެވޯޑުތައް ޙާސިލް ކުރުމުގައި ސްކްރީންޕްލޭ ލިޔުނު މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ހެދި ސެމީ އާޓް ފިލްމު ސްޓައިލްގެ ޑްރާމާ އާމެދު އިއްސެ ބުންޏެވެ.

އެމްއޭސީއެލް ޑްރާމާ އަކީ ތަފާތު ސްޓައިލެއްގައި ގެނެސްދޭ ޑްރާމާއެއް ކަމަށް ތަކުރާރުކޮށް ކޮޕީ އިއްސެ ބުނެފައިވެއެވެ. ޑްރާމާ ބަލައިލުމުން އެ ތަފާތު ފެނިގެން ދިޔައީ ހަމަ ގައިމުވެސް ބެލުންތެރިން ހިތްހަމަޖެހޭ ފަދަ ގޮތަކަށް ކަން ޑްރާމާއަށް ލިބެމުން އަންނަ ފައްސި ކޮމެންޓްތަކުން އެނގެއެވެ.

މޫމިން ފުއާދުގެ މި ސްކްރީންޕްލޭ އަކީ ތަފާތު ސްކްރީންޕްލޭ އެކެވެ. ސްކްރީންޕްލޭ ހުށައަޅައިދިނުމަށް ޑައިރެކްޓަރ އިއްސެ އާއި އެކްޓަރުން ކޮށްފައިވާ ބުރަ މަސައްކަތުގެ ފޮނިކަން ޑްރާމާ ބަލައިލުމުން ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އިއްސެ ފާހަގަކުރި ފަދައިން އެކްޓަރުންގެ ތެރެއިން ޑްރާމާގެ ފިރިހެން ލީޑް އަޙްމަދު ޝަމާން ނަޒީރު (ސިމްބާ) ގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ. މީގެ އިތުރުން ވެސް ޑްރާމާގައި ހަރަކާތްތެރިވެފައިވާ އެހެން އެކްޓަރުންގެ ހުނަރުވެރިކަން ވެސް ޑައިރެކްޓަރުގެ ބުރަ މަސައްކަތާއިއެކު ވަރަށް ފުރިހަމައަށް ދައްކާފައި ވެއެވެ.

މުޖުތަމަޢުގައި ހިނގަމުން އަންނަ މުހިންމު ކަންތައްތަކެއްގެ މައްޗަށް މޫމިން ހުށައަޅައިދީފައިވާ ސްކްރީންޕްލޭ އަކީ ފައްކާވެފައިވާ ސްކްރީންޕްލޭއެއްކަން ޑްރާމާ ބަލައިލުމުން އެނގިގެން ދިޔައެވެ. ނަމަވެސް ޑްރާމާއެއްގެ ސިފައިގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ކަންތައްތަކެއް ދައްކައިދިނުމަށް ކޮށްފައިވާ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އިއްސެ ބުނީ ޑްރާމާއަށް ނެގި އެތައް މަންޒަރުތަކެއް ވަގުތަށް ފެއްތުމުގެ ބޭނުމުގައި އުނިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަންޒަރުތައް ހިމަނައިގެން ސާކް ފިލްމު ފެސްޓިވަލް ފަދަ ސަރަހައްދީ ފިލްމު ފެސްޓިވަލްތަކުގައި ބައިވެރިކުރުމަށް މި ޑްރާމާގެ އެހެން އެޑިޓެއް ތައްޔާރުކުރުމަށް ނިންމާފައިވާކަމަށެވެ.

ޑްރާމާ އިން ކަމުނުދާ މާގިނަ ކަންތައްތަކެއް ފެނިފައި ނުވިޔަސް، ބަހުރުވައިގެ ދަރަޖައިގެ މައްސަލައެއް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ. ބަހުގެ ހަމަތަކާއި ލަފުޒު އުފެއްދުމުގެ ވާހަކަތައް މިހައިވަރަށް ވައިގައި ހިފާފައިވާ ދުވަސްވަރެއްގައި މި ދެންނެވި މަންޒަރުގެ ޑައިލޮގުގެ ނުކިއްސަރުކަން ފާހަގަ ކުރެވޭނެއެވެ. ޑްރާމާގެ މަންޒަރެއްގައި ޚަބަރު ކިޔަމުންދިޔަ ޕްރެސެންޓަރ ޚަބަރު ކިޔަމުން ގޮސް ބުނަނީ “……. އޭނާ އަވަހާރަ ކޮށްލައްވާފައި ވަނީ…..” މިފަދަ ގޮތަކަށެވެ. މި ޑައިލޮގުކޮޅު ދެތިން ފަހަރަކަށް ބޭނުންކޮށްފައި ވެއެވެ.

ބަހުގެ ދަރަޖައިގެ މި ކަންތައް ފިޔަވައި އަޅައިގަންނަ ފަދަ ކަންތައްތަކެއް “ނަކަލު” ޑްރާމާއިން ފެނިފައެއް ނުވެއެވެ. މިއީ ރަނގަޅު މެސެޖެއް ލިއްބައިދޭ މޮޅު ޑްރާމާއެއް ކަމަށް ގިނަބަޔަކު އަންނަނީ ފާހަގަކުރަމުން ނެވެ.

“ނަކަލު” ޑްރާމާ، ކުރު ފިލްމެއްގެ ސިފައިގައި ސަރަހައްދީ ފިލްމު ފެސްޓިވަލެއްގައި ބައިވެރިކޮށް ރަން ވަނަތަކެއް ލިބިގެން ދިއުމަކީ އިއްސެ އާއި ޑްރާމާ ޓީމުގެ އެންމެ ބޮޑު އެއް އުއްމީދެވެ. ހަމަ އެހެންމެ ޓެލެވިޛަން މޯލްޑިވްސް އިން މިފަހަރު ދެއްކި ތިން ޑްރާމާގެ ތެރެއިން ރަން ވަނަތަކެއް ލިބިގެން ދިއުމަކީވެސް ޑްރާމާގެ ޓީމުގެ ފޮނި އުއްމީދެކެވެ.

މިއަހަރު އޮފީސް ޑްރާމާ މުބާރާތުގައި ބައިވެރިކޮށްފައިވަނީ އެންމެ ތިން ޑްރާމާ އެކެވެ. އެއީ ކަސްޓަމްސް ގެ “މަރު”، ވެމްކޯގެ “ނަމަ” އާއި އެމްއޭސީއެލްގެ “ނަކަލު” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.