އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. އެއްވެސް މީހަކީ އައިބުތަކުން ދުރުވެފައިވާ މީހެއް ނޫނެވެ. އަދި ކިއެއްތަ! ކޮންމެ މީހެއްގެ ގައިގާ ވެސް އުނި ސިފަތަކެއް ހުންނާނެ އެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ތަފާތު މިޒާޖެއްގެ ތަފާތު ސިފަތަކެއް ލިބިގެންވާ މީހެކެވެ. ތަފާތު ގޮތްތަކެއް ލިބިފައިވާ މީހެކެވެ. ތަފާތު ފިކުރެއްގެ ވެރިއެކެވެ. ތަފާތު އަސްލެއްގެ ވެރިއެކެވެ.

އާނއެކެވެ. ހުރިހާ އެންމެންގެ ދިރިއުޅުމުގެ ވައްޓާފާޅި އެއްގޮތް ވާކަށް ލާޒިމެއް ނޫނެވެ. ހުރިހައި އެންމެންނަކީ އެއްކަމެއް ކުރާ ބަޔަކަށްވެސް ވާކަށް މަޖުބޫރެއް ވެސް ނޫނެވެ. ކޮންމެ މީހަކީ ވެސް އިޚްތިޔާރު ލިބިގެންވާ މީހެކެވެ. ކޮންމެ މީހަކީ ވެސް ތަކުލީފު ލިބިގެންވާ، ރަނގަޅާއި ނުބައި އެނގޭ މީހެކެވެ.

މިގޮތުން ބަލާއިރު ބައެއް މީހުންނަކީި ތަފާތު ވައްތަރުގެ ހެދުން އެޅުމަށް ލޯބިކުރާ މީހުންނެވެ. ބައެއް މީހުންނަކީ ތަފާތު ގޮތްގޮތަށް އިސްތަށިގަނޑު ބަހައްޓަން ބޭނުންވާނެ މީހުންނެވެ. ބައެއް މީހުންނަކީ ތަފާތު ކުޅިވަރު ތަކުގައި ޝާމިލް ވެގެން އުޅެން ބޭނުންވާނެ މީހުންނެވެ. އަނެއްބައި މީހުންނަކީ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރަން ބޭނުންވާނެ މީހުންނެވެ.

އަންހެން ކުއްޖަކު ޖިންސުލާން ބޭނުންވެދާނެ އެވެ. ނޫންނަމަ ގަމީސް ލާން ބޭނުންވެދާނެ އެވެ. ދެންހުރި ކުއްޖާ ނިގާބު އަޅަން ބޭނުންވެދާނެ އެވެ. ހަމަ އެގޮތަށް ފިރިހެން ކުއްޖަކު ތުނބުޅި ބަހައްޓާ ސަލްވާރު ލާން ބޭނުންވެދާނެ އެވެ. ނުވަތަ ފަގުޑި އަޅާ ޖުއްބާލާން ބޭނުންވެދާނެ އެވެ. ނޫންނަމަ މިޒަމާނުގެ ފެޝަނަށް ހެދުން އަޅަން ބޭނުންވެދާނެ އެވެ. މި ބީދައިން ބަލާއިރު އަންހެން ކުއްޖަކު ފުޓުބޯޅަ ކުޅެން ބޭނުން ވެދާނެއެވެ. އަދި ކަސްރަތުކޮށް ހަށިގަނޑު ދުޅަހެޔޮ ކަމުގައި ބަހައްޓަން އެ ދާއިރާގެ އެކިއެކި ކުލާސްތަކަށް ދާން ބޭނުންވެދާނެ އެވެ. ހަމަ މިގޮތަށް އެއްބައި މީހުންނަކީ ރިސޯޓު ތަކުގައި ވަޒީފާ އަދާ ކުރަން ބޭނުންވާ މީހުންނެވެ. އަނެއްބައި މީހުންނަކީ މެހެމާންސަރާ ތަކުގައި ނުވަތަ ގެސްޓުހައުސް ތަކުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކެވެ.

ކަން މިހެން ހުރިއިރު ޖިންސު ނުވަތަ ގަމީސްލާ ކޮންމެ އަންހެން ކުއްޖަކީ ކޫޑި ކުއްޖެކޭ ބުނެވިދާނެ ހެއްޔެވެ؟ ނިގާބު އަޅައިގެން ހުންނަ ކޮންމެ އަންހެނަކީ ދީނީގޮތުން ހަރުކަށި ފިކުރެއްގެ މީހެކޭ ބުނެވޭނެ ހެއްޔެވެ؟ ފަގުޑި އަޅައި ޖުއްބާ ލާފައި ނުވަތަ ސަލްވާރު ލާފައި ހުންނަ ކޮންމެ މީހަކީ ޓެރަރިސްޓެކޭ ބުނެވޭނެ ހެއްޔެވެ؟ އިސްތަށިގަނޑު ދިގުކޮށް ހުންނަ ކޮންމެ މީހަކީ ގޯސް މީހެކޭ ބުނެވޭނެ ހެއްޔެވެ؟ ރިސޯޓުތަކުގައި މަސައްކަތް ކުރާ ކޮންމެ މީހަކީ އެތާގައި ޕާޓީކޮށް މަޖާ ނަގާނެ މީހަކު ކަމުގައި ބެލެވިދާނެ ހެއްޔެވެ؟

ނޫނެކެވެ. ތިބާ ތިޔަ ކުރަނީ ވަރަށްބޮޑު ކުށްހީއެކެވެ. ތިޔަހުރީ އޮޅުމެއްގެ ތެރޭގައެވެ. މައްސަލައަކީ އިސްވެ މިބުނި ފަދަ މީހުންނެއް ނޫނެވެ. މައްސަލައަކީ ތިބާ ވިސްނާ ގޮތެވެ. ފިކުރުކުރާ ގޮތެވެ. ދެކެވޭ ގޮތެވެ. ތިބާގެ ވިސްނުމާއި ތިބާގެ ގޮތާއި ޚިލާފު މީހަކީ ގޯސް މީހެއް ކަމަށް ނުވަތަ އުޅުމެއް ނެތް މީހެއް ކަމަށް ދެކެވުމަކީ ތިބާގެ އުނިކަމެވެ. ތިބާ ކުރަން ބޭނުންވާ ކަމެއް އަނެކާ ނުކުރުމަކީ ނުވަތަ ތިބާ އުޅުން ހުންނަ ގޮތަށް ދެން ހުރި މީހާ ޢަމަލު ނުކުރުމަކީ އެމީހަކާ ދޭތެރޭ ނައްސިކޮށް ވިސްނަންޖެހޭ ސަބަބެއް ނޫނެވެ. އެގޮތަށް ވިސްނުމުން ދޭހަވަނީ ތިބާއަށް އަދި މި ދުނިޔެއަށް ނުުހޭލެވޭކަމެވެ. “ކަޅުއޮށްފުންމި އަށް ކާފަރުން އަރާ އޮތްހެން” ހޮޅުއަށި ތަކުގަ އާއި ޖޯލިފަތި ތަކުގައި ތިބެގެން، އަނެކާގެ އައިބު ހޯދަން މަސައްކަތް ކުރުމަކީ އެކަން ކުރާ ބައެއްގެ ގޮތެއްފޮތެއް، ހަމައެއް ލަމައެއް، އުޅުމެއް ބުޅުމެއް ނުހުންނަ ކަމެވެ.

ގިނަ މީހުން ބަލަނީ އަނެކާ ކުށްވެރިކުރެވޭނެ ގޮތެއް ފެނޭތޯއެވެ. އެހެން މީހުންނާ ދިމާއަށް އިނގިލި ދިއްކުރެވޭތޯއެވެ. ތިބާ އަނެކާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށް އެއްޗިހި ކިޔާއިރު ދެން އިން ހަތަރު އިނގިލި އަމާޒުވަނީ ތިބާއަށް ކަން ނޭނގެނީހެއްޔެވެ؟ “ހަތާ ނެތި އުޅޭ ވައި ކުޅަނދުރެއް ހެން” އެހެންމީހުންގެ އައިބު ކިޔައި އުޅުމަށްވުރެ، ތިބާގެ ހުރި އުނި ކަމާމެދު ވިސްނާލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.