ރާއްޖެޓީވީން ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދެމުން އަންނަ “ހީލަމާ” ޝޯއިން މިދިޔަ އަހަރު އަލަށް ފެނިގެން ދިޔަ މަލީކު މަޝްހޫރުވެގެން ދިޔައީ ވަރަށް ކުއްލި ގޮތަކަށެވެ. ހަމަ އެންމެ ވީޑިއޯ އަކުންނެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި މަލީކާއި ދެމެދު ކުރިއަށްދިޔަ ބައްދަލުވުމެއްގެ ކުރުކުރު ވީޑިއޯ ކޮޅަކުންނެވެ.

މަލީކުގެ މަޝްހޫރުކަމާއެކު،  އެލައިޑް އިންސްއަރެންސް ކުންފުނިން ކުރިއަށް ގެންދަން ފަށާފައިވާ މުހިންމު ކެމްޕޭނެއްގެ ވީޑިއޯ އިން އަނެއްކާވެސް މަލީކު މިވަނީ މުޅި ރާއްޖޭގެ ސަމާލުކަން އެ ވީޑިއޯ އަށް ގެނެސްފަ އެވެ. މިސްކިތު ޕްރެންޑްގެ ނަމުގައި މަޝްހޫރުވެގެން ދިޔަ މަލީކު މިއަދު ހުރީ “މަދިރި ހޯ ހޯ” ގެ ނަމުގައި ބޮޑު ޤައުމީ މަސައްކަތަކަށް ނިކުމެއެވެ. މަލީކަކީ ޤައުމުދެކެ ލޯބިވާ ދަރިއެކެވެ. މިއަދު މަލީކު ފަށާފައިވަނީ ޤައުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ އަގުހުރި ކެމްޕޭނެކެވެ.

އެލައިޑް އިންޝުއަރެންއިން މަދިރި ނައްތާލުމަށް ހޭލުންތެރި ކުރުމަށް ތައްޔާރު ކުރި ވީޑިއޯގެ ސަބަބުން މިވަނީ އަނެއްކާ ވެސް މަލީކުގެ ޖާދޫގައި ގިނަ ބަޔަކު ޖައްސާފައެވެ.

ވީޑިއޯއިން ފެންނަނީ އީދު ނަމާދަށް ފަހު މަލީކު ހެނދުނު ސަޔަށް އިންސާފު ކުރުމަށް އާއިލާއާއެކު ސުފުރާ މަތީގައި އިންނަ މަންޒަރެވެ. ކާން އިނދެފައި މަލީކުގެ ކާފަ “މިސްކިތު ފުރެންޑް ބުނީ ކީކޭތޯ” ސުވާލު ކުރުމުން މަލީކު ދޭ ޖަވާބު ވަރަށް ވެސް ފުރިހަމައެވެ.

އެހެން މީހުންގެ ތިބެނީ ފޭސްބުކް ފްރެންޑްސް، މަލީކުގެ ހުންނާނީ މިސްކިތު ފްރެންޑްސް

~ މަލީކު ބުނެއެވެ.

އެއަށް ފަހު އީދު ހަދިޔާ ބަދަލުކުުރުމުގެ ތެރޭގައި ދެކެވުނު ވާހަކައިގެ ތެރޭގައި “މަލީކަކީ ވަރަށް ޤައުމީ ކުއްޖެއް” ކަމަށް އޭނާ ބުނުމުން އީދުގައި މަލީކު ޤައުމަށް ކޮށްދޭނީ ކޮންކަމެއްތޯ އާއިލާ މެމްބަރަކު ސުވާލު ކުރެއެވެ. އެ ސުވާލަށް ޖަވާބުދެމުން މަލީކު ބުނީ ޤައުމަށްޓަކައި ޚާއްސަ ކެމްޕެއިންއެއް ކުރަން އުޅޭ ކަމަށެވެ.

މަލީކުގެ ފްރެންޑް އަމީން ބަލިވީ، ޗިކުންގުންޔާ ޖެހިގެން އެހެންވެ ކެމްޕެއިން ކުރަން މި އުޅެނީ، ދެން ޗޮކެއް ޖަހާލަބަ. މިއުޅެނީ މަދިރި ނައްތާލަންވެގެން ކެމްޕެއިން ކުރަން، މަދިރި ގިނަވީމަ ޑެންގީއާ ޗިކުންގުންޔާ ގިނަވަނީ، މިސްކިތުން އައި އިރު ދުށިން ސާފުނުކޮށް ހުރި ތަންތަން، އެތަންތާ މަދިރި ބިސް އަޅަނީ، ދެން ފެތުރެނީ ބަލި، އެހެންވީމާ އެންމެން އެބަ ޖެހޭ މަދިރި ހޯހޯއޭ ބުނަން،

~ މަލީކު ވާހަކަ ދައްކަމުން ބުންޏެވެ.

އެހިސާބުން އާއިލާ މެމްބަރަކު މަލީކު ގާތުން ކެމްޕެއިން ފަށަނީ ކޮންއިރަކުތޯ އަހާލުމުން ކެމްޕެއިން ފެށުމުގެ ކުރިން މުހިއްމު ފޯން ކޯލެއް ކުރަންޖެހޭ ކަމަށް މަލީކު ބުނެއެވެ. އެގޮތުން މަލީކު ބުނަނީ ކެމްޕެއިން ފެށުމުގެ ކުރިން ގާތް ރައްޓެއްސަކަށް ގުޅާލަންޖެހޭ ކަމަށެވެ. އަދި އެއީ ކޮން ގެއެއްގައި އުޅޭ ރައްޓެއްސެއްތޯ އެހުމުން މިފަހަރުވެސް މަލީކުގެ ސަމާސާ ރާގުގައި “މުލިއާގެ” އޭ ބުނެއެވެ.

މަދިރި ހޯހޯ ކެމްޕެއިންއާ ގުޅޭގޮތުން އެލައިޑުން ތައްޔާރުކުރި މަލީކުގެ މި ވީޑިއޯ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، ރައީސް ސޯލިހުވެސް ވަނީ އެމަނިކުފާނުގެ “މިސްކިތު ފްރެންޑު” ގެ މަދިރި ހޯހޯ ކެމްޕެއިން މެސެޖު ވަރަށް ޚާއްސަ ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ.

އާޓިކަލް އަށް މައުލޫމާތު ނެގީ: ރާއްޖެ އެމްވީ އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.