ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ފޯރިއާއެކު ވާދަކުރަމުން އަންނަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި މިފަހަރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގެނެސްދިން ’ނަމަ‘ ޑްރާމާގައި ‘މުނިއަވަސް‘ގެ ނިއުސް ކަޓިންއެއް ހިމަނާފައި ވާކަން އެނގޭ ހެއްޔެވެ؟ ޑްރާމާގެ ރިޕީޓް މިރޭ 11:05 ގައި ޓެލެވިޛަން މޯލްޑިވްސް އިން ދައްކާނެ އެވެ.

މުނިއަވަސް ގެ ނިއުސް ކަޓިން އެއް ވެމްކޯ ޑްރާމާގައި ހިމަނާފައި ވުމުން އެކަމަށްޓަކައި ވެމްކޯ އަށާއި ވެމްކޯ ޑްރާމާ ޓީމަށް މުނިއަވަސްގެ ފަރާތުން ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މިފަދަ ޑްރާމާއެއްގައި މުނިއަވަސް ގެ ނިއުސް ކަޓިން އެއް ހިމެނުމަކީ ސަރުކާރުގެ ކުންފުނިތަކާއި ފިލްމީ ފަންނާނުން މުނިއަވަސް އިން ކޮށްދެމުން އަންނަ މަސައްކަތް ބަލައިގަންނަ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް މުނިއަވަސްގެ މެނޭޖްމެންޓާއި ޓީމުން ދެކެމުއެވެ.

މިރޭ ރިޕީޓް ދެއްކުމަށް ހަމަޖެހިފައިވާ ވެމްކޯ ޑްރާމާ ’ނަމަ‘އިގެ ވާހަކަ ލިޔެ ޑައިރެކްޓްކޮށްފައި ވަނީ މަޝްހޫރު އެކްޓަރ އަޙްމަދު ސަޢީދު އެވެ. ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެވެ. މަޝްހޫރު ސިނަމޮޓޮގްރާފަރ ޝިވާޒް (މާސްކޭ) ކެމެރާކޮށްފައިވާއިރު ޑްރާމާ އެޑިޓްކޮށްފައިވަނީ އަހްމަދު އަމީދް ނަޞީރު އެވެ.

ވެމްކޯ ޑްރާމާ “ނަމަ” ގައި ގެނެސްދީފައިވާ ނިއުސް ކަޓިން – ފޮޓޯ ވެމްކޯ

މި މުބާރާތުގައި ދެއްކި ޑްރާމާ ތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ މަޤްބޫލް ޑްރާމާ ހޮވުމަށް އެސްއެމްއެސް ކުރުމަށް ހުޅުވައިލުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2019 ވާ ހުކުރުދުވަހުގެ ހެދުނު 9:00 އިން 15ޖޫން 2019 ވާ ހޮނިހިރު ދުވަހުގެރޭ ރޭގަނޑު 00:00 އާ ހަމައަށެވެ.

19 ޑިސެމްބަރު 2018 ގައި މުނިއަވަސް ރެޖިސްޓްރީކޮށް ހިންގަން ފެށި ފަހުން، ރާއްޖޭގައި ރިލީޒް ކޮށްފައިވާ ދެ ފީޗަރ ފިލްމެއްގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވަނީ މުނިއަވަސް އަށް ލިބިފައެވެ. އެގޮތުން މި އަހަރު ރާއްޖޭގައި ރިލީޒްކުރެވުނު އެންމެ ބޮޑު ފިލްމު “ފޯޓީ ޕްލަސް” އާއި “ނަފްރަތުވުމުން”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އިން ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު ކޮށްފައެވެ.

މީގެ އިތުރުން މިއަހަރު ރިޒީލް ކުރުމަށް ހުރި ބައެއް ފިލްމުތަކުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވެސް މުނިއަވަސް އަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އެމްއީ ޕްރޮޑަކްޝަން އިން އުފައްދަމުންދާ “ކާކު” ފިލްމާއި އަދިވެސް އެހެން ބައެއް ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ މިއުޒިކް ސްޓޫޑިއޯތައް ކަމަށްވާ “ބަޒި ރިިކޯޑްސް ސްޓޫޑިއޯ” އާއި “ޔުނިކޯ ބީޓްސް”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ވެސް މުނިއަވަސް އިން އަންނަނީ ކުރަމުންނެވެ. ހަމަ އެހެންމެ ހަޔާތުގެ ބައިވެރިއެއް ހޯދުމަށް މިހާރު ރާއްޖޭގައި އެންމެ ތެދުވެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ ފޭސްބްކް ޕޭޖެއް ކަމަށްވާ “ކައިވެނި ޕޭޖް’ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވެސް މުނިއަވަސް އެވެ.

މުނިއަވަސް އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތުގެ އިތުރުން، މުނިއަވަސް ފިލުވުމުގެ އެކިއެކި ޚަބަރު، ވާހަކަ، ބޭނުންތެރި ލިޔުންތައް ގެނެސްދެމުން އަންނަ އޮންލައިން މެގަޒިން އެކެވެ. ސިޔާސީ އެއްވެސް ކޮންޓެންޓެއް ނުހިމަނާ ގެނެސްދޭ މުނިއަވަސް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ މިއަހަރު މާރިޗް 05 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރެވުނު، އަހަރުގެ ބޮޑު ފިލްމު ”ފޯޓީ ޕްލަސް“ ޕްރިމިއާ އިވެންޓްގައެވެ.

މުނިއަވަސް ލޯންޗްކޮށްދިނީ މަޝްހޫރު ފިލްމީތަރި ޢަލީ ސީޒަން އެވެ. މި އިވެންޓަކީ ވީ މީޑިއާއިން ލައިވްކޮށް ގެނެސްދިން އިވެންޓެކެވެ.

”އާދެ މުނިއަވަސް އަކީ އަޅުގަނޑު ވަރަށް ލޯބިވާ އޮންލައިން މެގަޒިންއެއްކަން ފާހަގަ ކޮށްލަން. ރާއްޖޭގަ މުނިފޫހިފިލުވުމުގެ ދާއިރާއަށް ނޫނީ އެންޓަޓެއިންމެންޓް ހަމަ އެކަނި ކަވަރ ކުރާ، ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާވެފަ އޮތް ހަމައެކަނި އޮންލައިން މެގަޒިން މުނިއަވަސް އިފްތިތާހުކޮށްދިމުގެ އުފާ އަޅުގަނޑު ލިބިގަންނަން. އަދި ޝަރަފުވެސް ލިބިގަންނަން.“ މުނިއަވަސް ލޯންޗްކޮށްދެމުން މަޝްހޫރު ފިލްމީ ތަރި ޢަލީ ސީޒަން ބުންޏެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެހައި ފަންނާނުން މުނިއަވަސް އަށް އިތުބާރު ކުރައްވައި، ދެއްވަމުން ގެންދަވާ އެއްބާރުލުމަށް މުނިއަވަސް ޓީމުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.