“ޅެމަކީ ވަޒަނަކަށް ފެތޭ ގޮތަށް ޤާފިޔާ ހަމަކޮށް ކިއިފައިވާ ބަސްތަކެކެވެ. ފުނަށް އަސަރު ފޯރާފަދަ ގޮތަކަށް ސިފަކޮށް ދައްކާ ރީތި ޚިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ. ބައެއް ފަހަރަށް އެ ބަސްތައް ފަތިފައްޗަށް އެކުލަވައި އަމުނާލެވެއެވެ. ބައެއް ފަހަރަށް އަމުނައިލުމެއް ނެތި އުކައިލެވެއެވެ.”
ދިވެހިބަހުގެ އުސްތާޛުއްޖީލް އަދި ޅެންވެރިކަމުގެ އުޖާލާވި ރަންތަރި އަލްއުސްތާޛް މުޙައްމަދު ޖަމީލުދީދީ ޅެމަކީ ކޮބައިކަން ސިފަކުރައްވަނީ އިސްވެ ބުނވުނު ގޮތަށެވެ. ޅެންވެރިކަމުގެ އުޖާލިވި ރަންތަރި އެ އިޝާރާތް ކުރައްވާފަދަ ޒުވާން ޅެންވެރިންތަކެއް މި ޖީލަށް އުފަންވަމުން އަންނަކަމީ ބަހުގެ އަދަބިއްޔާތަށް ލިބޭ ޝަރަފެކެވެ. މިފަދަ ޒުވާން ޅެންވެރިންގެ ލިސްޓަށް މިހާރު އާއްމުވަމުން އަންނަ އެއް ނަމަކީ އިއްޒާ އަޙްމަދު ނިޒާރު އެވެ.
މީސްމީޑިއާގެ އެއް މަންސަ ކަމަށްވާ ފޭސްބްކް ތެރެއިން ކޮންމެ ދުވަހުވެސް އިއްޒާގެ ޅެމެއް އަންނަނީ ފެންނަމުންނެވެ. ނޯޓްފޮތް އެޕްގެ ޞަފްޙާއެއްގައި ލިޔެ، އާއްމުކޮށްލާ ހަމަ ކޮންމެ ޅެމަކީވެސް އެ ފެނުމުން ކިޔައިނުލައި ދޫކޮށްލެވޭ ފަދަ ޅެމެއް ނޫނެވެ. ބަސްތަކުގެ ފަށުވިކަމުންނެވެ. ޚިޔާލާތުގެ މުއްސަނދިކަމުންނެވެ. ކާފިޔާ އާއި ބަނޑުވަށް އަކުރު އެއްގޮތް ކޮށްފައި ހުންނަލެއް ފުރިހަމަކަމުންނެވެ. ކޮންމެވެސް އެއް ވަޒަނެއްގައި ފިސާރި ފުރިހަމަ އަށް ހިފަހައްޓައިގެން އަތުރައިލާފައިވާ ބަސްތަކުން އެ ލިއްބައިދޭ ޢިބްރަތްތެރި މެސެޖްގެ ސަބުންނެވެ. އާދޭހެވެ. މިއީ އުމުރުން އެންމެ 27 އަހަރުގެ ޒުވާން، ލަޠީފީ ޅެންވެރިޔާ އިއްޒާ އަޙްމަދު ނިޒާރު ހައްދަވަމުން ގެންދަވާ ޅެންތައް އަޅުގަނޑަށް ސިފަކުރެވޭނެ އެންމެ ފުރިހަމަ ގޮތެވެ.
އިއްޒާގެ ޅެންވެރިކަން ބައިސްކޯފުން އުފެއްދި އާލަމް މަދަހަ އަލްބަމުންނާއި ލޯބީގެ ލަވަތައް ހިމެނޭ އަލްބަމަކުން ވެސް މިހާރު އަޑުއަހައިލެވޭނެ އެވެ.
މުނިއަވަސްގެ ކަޅިއަށް އިއްޒާގެ ޅެންތައް ފާހަގަ ކުރެވުމުން އިއްޒާ އާއި ބައްދަލުކޮށްލީމެވެ. މި ބައި އިހަށްވެސް ގެނެސްފައިވާ ބީދައިން ސުވާލުތަކެއް ކޮށްލީމެވެ. ކިޔުންތެރިންނާއި ހަމައަށް މި ހުނަރުވެރި ޒުވާނާގެ ހުނަރުވެރި މަސައްކަތުން ކުޑަ މިންވަރެއް ނަމަވެސް ގެނެސްދިނުމަށެވެ.
އިއްޒާ އާއި ކުރެވުނު ސުވާލާއި ޖަވާބުގެ ބައި ގެނެސްދިނުމުގެ ކުރިން، އިއްޒާގެ ޅެން ހެދުމުގެ ހަޔާތުގައި އެންމެ މުހިންމު ތިން ޅެންވެރިން ކަމަށްވާ ތިން ބޭފުޅެއް އިއްޒަ އާމެދު ދެކޭގޮތް ގެނެސްދޭނަމެވެ.
އިއްޒާގެ ޅެންވެރިކަމުގެ ހުނަރާއިމެދު މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ މަޝްހުރު ފިލްމު ޑައިރެކްޓަރ އީސާ ޝަރީފް ބުނުއްވަނީ ކީކޭތޯ ބަލައިލާނެމެވެ.
“އިއްޒާގެ ޅެންވެރިކަމުގެ ހުނަރު އަޅުގަނޑު އަމިއްލަޔަށް ދެނެގަތީ ފޭސްބުކްގައި ޝާއިޢު ކުރި ތިން ޅެމެއް ކިޔާލުމަށްފަހު، އެޅެންތަކުގައި ބޭނުންކޮށްފައިވާ ގިނަ ލަފުޒު ވަރަށް ބާރުގަދަކޮށް ރަނގަޅު މަޤާމުތަކުގައި އާދަޔާ ޚިލާފަށް ބޭނުންކޮށްފައިވާތީ ފެނުނު. އެއީ އާދައިގެ ސިކުނޑިޔަކަށް ކުރެވޭނެ ކަމެއްނޫން. ޅެންވެރިކަމަކީ ޤުދުރަތީ ހުނަރެއް. މޮޅަށް ޅެން ހެދުމަކީ ތަދު ފަންނެއް. އިއްޒާ އަކީ އެ ނަސީބު ލިބިފައިވާ ވަރަށް ހުނަރުވެރި އެހާމެ ޒުވާން ފަންނާނެއް. އިއްޒާ އާއި އެކު ވަރަށްގާތުން ކުރެވުނު ގިނަމަސައްކަތުން އޭނާގެ ސިކުނޑި އިތުރަށް ޅެންވެރިކަމުގައި ހުޅުވޭނޭކަމަށް އަޅުގަނޑަށް ޔަޤީންވާ ހުރިހައި ގޮތަކުން ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާނެ. އޭނާވެސް ވަރަށް ބުރަކޮށް ގޭގެ މަސައްކަތުގައި އުޅެމުންވެސް ނުހަނު ގިނަ ވަޤުތު ޅެން ހެދުމުގައި ހޭދަކުރޭ. ނަތީޖާ ވަރަށް އަވަހަށް ފެންނަމުން އައި. އާދައިގެ ބަސްކޮށާރަކުން ފުން ވިސްނުމެއް ޅެމުގައި ނެރުމަކީ އާދައިގެ ކަމެއްނޫން. އިއްޒާ އަޙުމަދު ނިޒާރަކީ ލާމަސީލު ޒުވާން ޤާބިލް ޅެންވެރިއެއް. އިތުރު ކުރިއެރުމަށް އެދެން.”
މަޝްހޫރު ޅެންވެރިޔާ އުތީމު އާދަމްބެ، އިއްޒާ އާމެދު ބުނުއްވާ އެއްޗެއް ވެސް ބަލައިލުން މުހިންމު ކަމަށް ދެކެމެވެ.
“ޢިއްޒާ އަޙްމަދު ނިޒާރަކީ ޒުވާން ޅެންވެރީން ގެ ތެރެއިން މަދުން ނޫނީ ނުފެންނަ ކަހަލަ އަޅުގަނޑު ވަރަށް ގަބޫލު ކުރާ އުއްމީދީ ޅެންވެރިއެކެވެ. ޢިއްޒާ ގެ ޅެންތަކުން ފޯރުންތެރި ޚިޔާލާ ރީތި ހުށަހެޅުން ތައް ފެނެއެވެ.ވޭނީ އަސަރު ތަކާއި ޖޯޝީ ރިހުންތައް އުފެދެއެވެ. ޅެންވެރި ބަސްމަގާއި ޅެންވެރިކަން ފެނެއެވެ. ޢިއްޒާ ގެ ޅެންވެރި ކަމުގެ މާދަމާ ގެ އުދަރެސް އަޅުގަނޑު ދެކޭހިތް ވަނީ ވަރަށް އަލި އުޖާލާ ޖައްވަކުން ނެވެ.”
ޅެންވެރިޔާ ސ. ހިތަދޫ ކެމީ ޙަސަން ލަބީބް ވެސް އިއްޒާގެ ހުނަރާމެދު މުނިއަވަސް އަށް ވަނީ ބަހެއް ވިދާޅުވެފައެވެ.
“ޒުވާން ޝާޢިރާ ޢިއްޒާ ނިޒާރަކީ މިދުވަސްވަރުގެ ޝާޢިރާއިންގެ ތެރެއިން ޅެންވެރިކަމުގެ އުދަރެހުން ފިޔަޖަހަމުން އަންނަ ނުހަނު އުޖާލާ ތަރިއެކެވެ. ޢިއްޒާގެ ޅެންތަކުގެ ތެރެއިން ވަކި ދާއިރާއެއް ފާހަގަ ކޮށްފައި ވަކި ދާއިރާއެއް ފާހަގަ ނުކޮށް ދޫކޮށްލެވޭނެ ވަކި މިވެނި ދާއިރާއެއް ނެތެވެ. ހުރިހައި ބާވަތެއްގެ ޅެންވެސް ޢިއްޒާގެ ޅެންތަކުގެ ތެރެއިން ފެނެއެވެ. ޢިއްޒާގެ ޅެންތަކަށް ބަލާއިރު “ޅެންވަންތަކަން” އޭގެ ކުންނަށް ވާޞިލު ކޮށްދެނިވި ޔޫއީ އަސަރެއްގެ ކުލަވަރު ފެންނަމުން ދެއެވެ. ހުއްޓުމެއް ނެތި މަސައްކަތުގައި ދެމިހުންނަވައިފިނަމަ ކުރިމަގުގެ ޖީލުތަކަށް ނަމޫނާ ޝާޢިރާއެއް ކަމަށް ޢިއްޒާ ވެގެންދާނެކަމީ ޔަޤީންކަމެކެވެ. ޢިއްޒާގެ ޅެންވެރިކަމަށް އަޅުގަނޑު އެދެނީ ކާމިޔާބެވެ. އަބަދުވެސް ކާމިޔާބެވެ. ކުރިއެރުމެވެ. ފާގަތިކަމެވެ.”
މިހައި ހިސާބުން މުނިއަވަސް އިން އިއްޒާ އާއި ކުރެވުނު ސުވާލާއި ޖަވާބުތައް ހުށައަޅައިލަމެވެ.
އަމިއްލަ ތަޢާރަފެއް؟
ފުރިހަމަ ނަން: އިއްޒާ އަޙްމަދު ނިޒާރު
އުފަން ރަށް: ހދ. މަކުނުދޫ (މިހާރު ދިރިއުޅެނީ މ. ދިއްގަރު ގައި)
ކައިވެނި: ކޮށްގެން، އަންހެން ކުއްޖެއް ލިބިފައި
ވަޒީފާ: ގެވެހި އަތްބެއް
އުފަން ތާރީޚް: 07 މާރިޗް
ޅެން ހަދަން ފެށީ ކޮންއިރަކު؟ ޅެން ހަދަން ދަސްކުރީ ކިހިނެތް؟
ޅެން ހަދަން ފެށީ 2014 ވަނަ އަހަރު. ޅެން ހަދަން ދަސްކުރީ މަޝްހޫރު ޅެންވެރިންގެ ޅެންތައް ބަލައިގެން އަމިއްލައަކަށް.
އެންމެ ފުރަތަމަ ޅެމެއް ހެދީ އުމުރުން ކިތައް އަހަރުގަ؟
އެންމެ ފުރަތަމަ ޅެމެއް ހެދީ އުމުރުން 17 އަހަރުގަ…. ސްކޫލްގަ އުޅުނު ދުވަސްވަރު ޅެމެއް ނުހަދަން، އެކަމަކު ޝައުޤުވެރިކަން ހުރޭ.
ޅެން ހަދަން ފަސޭހަ ވަގުތެއް އޮވޭތަ؟ އެހެން ނަމަ އެއީ ކޮން ވަގުތެއް؟
ޅެން ހަދަން ވަކި ފަސޭހަ ގަޑިއެއް ނޯވޭ…. ނަމަވެސް ހަމަހިމޭން މާހައުލެއްގައި އެކަނި އިންނަ ވަގުތު ތަކުގައި ޅެން ހަދަން ފަސޭހަ.
މިހައިތަނަށް ކިތައް ޅެން ހެދިއްޖެ؟ އެންމެ ފަސޭހައީ ކޮން ކަހަލަ ޅެމެއް ހަދަން؟
އެކިއެކި ބޭނުންތަކަށް މިހާރު 200 ވަރަކަށް ޅެން ހެދިދާނެ….. ހުރިހައި މައުޟޫ އަކަށް ވެސް ޅެން ހަދަން ފަސޭހަ. .. އެކަމަކު ދީނީ ޅެމާއި ލޯބީގެ ޅެން ފަސޭހައިން ހަދައިލެވެނީ.
ޅެން ހަދާއިރު އެންމެ ބޮޑަށް ވިސްނުން ބަހައްޓަން ޖެހެނީ ކޮން ކަންތައް ތަކަކަށް؟
ޅެން ހަދާއިރު އަޅުގަނޑު އެންމެ ސަމާލުކަން ދެނީ މައުޟޫއަށް އިންސާފުކުރުމަށް…. ޅެމުގައި ބުނާ ވާހަކަ އަސަރާއެކު ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ގޮތަކަށް ބަސްތައް އަތުރަން.
ވަރަށް ގިނައިން ފޭސްބްކުން އިއްޒަގެ ޅެންތައް ފެނޭ. ޅެން ފޮތެއް އެކުލަވައިލާ ޝާއިޢުކުރަން ގަސްދުކުރަންތޯ؟
އިންޝާﷲ، ފޮތުގެ މަސައްކަތްތައް މިހާރު ކުރަމުން މިދަނީ… އަންނަ އަހަރު ނެރެވޭނެ ކަމަށް އުއްމީދުކުރަން.
މަޝްހޫރު ޅެންވެރިޔާ، ކުރީގެ ފިލްމީ ޑައިރެކްޓަރ އީސާ ޝަރީފް ފާހަގަ ކުރައްވާ ގޮތުން އިއްޒާ އަކީ ވަރަށް ޚިޔާލު މުއްސަނދި ޅެންވެރިއެއް. ކިހިނެއް އެހާ ރަނގަޅު ޚިޔާލު އަދި ބަސްކޮށާރު ހިމަނަނީ؟
އަސްލު، ޅެމުގެ މައުޟޫއާ ދޭތެރޭ ފުންކޮށް ވިސްނައިލީމާ ޚިޔާލުތައް އުތުރި އަރާ….. ދެން އެންމެ މުނާސަބު ލަފުޒުތަކުގެ އެހީގައި ޅެން އެކުލަވާލަނީ.
ޅެން ހަދަން ފަށަން ބޭނުން ކުދިންނަށާއި މިހާރު ކޮންމެވެސް ވަރަކަށް ޅެން ހެދުމަށް މަސައްކަތް ކުރަމުންދާ ކުދިންނަށް ދޭޭނެ ނަސޭހަތަކީ ކޮބާ؟
ޅެން ހަދަން ފަށާ ކުދިންވެސް އަދި މިހާރު ޅެން ހަދަމުންދާ ކުދިންވެސް ކުރަންވި ކަމަކީ މަޝްހޫރު ޅެންތައް ބަލައި ދިރާސާކުރުން. …… މިއީ އަޅުގަނޑު ވަރަށް ކުރާކަމެއް. އެ ބޭފުޅުންގެ ބަސްމަގާ ޅެންތައް ގެންނަވާފައި ހުންނަ ގޮތް ސިކުނޑި ނަގައިގަނެވުނީމާ ދެން ވަރަށް ފަސޭހަވާނެ ކުރިއަށް ދާން.
ޅެމުގެ ބާވަތްތަކުން ޅެން ފިޔަވައި އެހެން ބާވަތްތައް ހަދައި އުޅެންތަ؟
ޅެމުގެ އިތުރުން ބަންޖާއި ލަވަ ހަދައި އުޅެން.
ޅެން ކޯސް ހިންގާތަން ފެނޭ. އެއީ ކޮންގޮތަކަށް ކުރާ ކަމެއް؟
ޅެން ކޯހެއް ހިންގަން ދިޔައީ އަދި އެންމެ ރަށަކަށް. ….. އެއީ އަޅުގަނޑަށް ލިބުނު ރަނުގެ ފުރުޞަތެއް. … އަދި މި އަހަރު ކުރިއަށް ރޭވިފަ އެބަހުރި ދަތުރުތައް.
ޅެން ހެދުމުގަ އެންމެ ބޮޑަށް އެހީތެރިކަން ލިބެނީ ކޮން ބައެއްގެ ފަރާތުން؟
ފުރަތަމަ ފަށައިގަތް އިރު، އެންމެ ބޮޑަށް އެހީތެރިވެދިނީ ދޮންތަ. އޭރު ޅެމުން ކުށްފިލުވައިދެނީ ވެސް ދޮންތަ. ދެން އޭގެ ފަހުން އާދަމް ޙަލީމް އަދުނާން ސަރ، އުތީމު އާދަންބެ. ޙަސަން ލަބީބު ސަރ އަދި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ). މިހާރު އެންމެ ބޮޑު އެހީތެރިކަމެއް ދެއްވަނީ އީސާ ޝަރީފް ސަރ…… އީސަ ސަރ ގެ އިރުޝާދުގެ ދަށުން މިހާރު ކުރިއަށްދަނީ.
މިހައިތަނަށް ހެދި ޅެންތަކުން އެންމެ ހިތްހަމަޖެހޭ ޅެމަކީ ނުވަތަ ޅެން ތަކަކީ ކޮބާ؟
ވަރަށް ބައިވަރު ހުންނާނެ. އެހެން ވަކި ޅެމެއް ބުނާކަށް ނޭނގޭ. ކޮންމެ ޅެމަކީވެސް ޚާއްޞަ ޅެމެއް. އަޅުގަނޑުގެ 100 ޕަސެންޓް ދީފަ ހުންނާނީ. އެހެންވެ ހުރިހައި ޅެމަކީވެސް އަޅުގަނޑު ހިތްހަމަޖެހޭޭ ޅެންތަކެއް.
އިއްޒާގެ ޅެންތައް ފޭސްބްކުން ފެނޭ ވަރަށް. ކިހިނެއް ސަޕޯޓް؟ އެންމެ އުފާވާ ކޮމެންޓަކަށް ލިބުނީ ކޮން ކޮމެންޓެއް؟
ކިޔުންތެރިންގެ ސަޕޯޓް ލިބޭ ވަރަށް ބޮޑަށް. ފޭން ބޭސް ވަރަށް ބޮޑު މިހާރު. ކޮންމެ ބޭފުޅެއްގެ ކޮމެންޓެއްވެސް އަޅުގަނޑަށް ވަރަށް ޚާއްޞަ….. އެހެން ވަކި ޚާއްޞަ ކޮމެންޓެއް ނެތް.
ޅެންވެރިކަމުގަ ޙާޞިލްކުރަން ބޭނުންވާ އެންމެ މުހިންމު ލަނދުދަނޑިއަކީ ކޮބާ؟
އަބަދުވެސް ބޭނުންވަނީ ރާއްޖޭގަ ފާހަގަކޮށްލެވޭ ފެންވަރުގެ ޅެންވެރިއަކަށް ވާން.
ރާއްޖޭގެ އަދަބިއްޔާތުގެ ޙާލަތާ، އެކަން ދިރުވުމަށް ކަމާބެހޭ މުއައްސަސާތަކުން އަދާކުރާ ރޯލާމެދު ދެކެނީ ކިހިނެއް؟
މައިގަނޑު ގޮތެއްގައި އެ މަސައްކަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވަނީ ބަހުގެ އެކެޑަމީން. އެ ބޭފުޅުން އެކަމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާކަމަށް އަޅުގަނޑު ދެކެން.
މިފަދަ ދާއިރާއަކުން ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނުވަތަ ގޮންޖެހުން ތަކަކީ ކޮބާ؟
އެއްވެސް ގޮންޖެހުމެއް އަސްލު ޙަޤީޤަތުގައި ނެތް. …. ކުރިއަށް ދާނެ ހިތްވަރު ހުރިއްޔާ މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން މަގުތައް ދާނީ ތަނަވަސް ވަމުން.
އިއްޒާ ދެކޭގޮތުން، ރާއްޖޭގެ ޅެންވެރިކަމުގެ ބަގީޗާގައި އެންމެ މަޤްބޫލު ޅެންވެރިއަކީ ނުވަތަ ޅެންވެރިންނަކީ ކޮބާ؟
ކުރީގެ ޅެންވެރިންގެ ތެރެއިން މުޚްތާރު ފަހުމީ، ޔޫސުފް މުޙައްމަދުފުޅު. މިހާރުގެ ޅެންވެރިންގެ ތެރެއިން އީސާ ޝަރީފް، އާދަމް ނަސީރު އިބްރާހިމް އަދި އުތީމު އާދަންބެ ވަރަށް ފާހަގަކޮށްލެވޭ.
އިއްޒާގެ އާއިލާއަކީ ޅެންވެރިކަމުގެ އާއިލާއެއްތޯ؟
އަޢިލާގަވެސް އަދި އަޅުގަނޑުގެ އުފަން ރަށުގައިވެސް ޅެންވެރިއަކު އަދި ނެތް. އެކަމަކު ކޮންމެވެސް ވަރަކަށް ޅެންހެދުމުގެ ތެރޭގައި އުޅުއްވާ ބޭފުޅުން ތިއްބަވާ…. އިންޝާﷲ، ކުރިއަށް އޮތް ތަނުގައި އަދި އުފެދޭނެ.
އިއްޒާގެ ޅެންތައް އެއް ތަނަކުން ކިޔައިލެވޭ ފަދަ ވެބްސައިޓެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅެންތަ؟
އަދި އެކަހަލަ ވިސްނުމެއް ނެތް. ޅެންތައް އެއް ތާކުން ކިޔުންތެރިންނަށް ދެން ފެންނާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޅެން ފޮތުން. އިންޝާﷲ، އަންނަ އަހަރު މެދުތެރޭ ނުވަތަ ފަހުކޮޅު ފެންނަވަރު ވާނެ.
ޅެންވެރިކަމުގެ އިތުރުން އަދަބިއްޔާތުގެ އެހެން ފަންނުތަކަށް ޝައުޤުވެރިކަން ހުރޭތަ؟ އެއީ ކޮން ކަމެއް؟
ވަރަށް ބޮޑަށް ހުރޭ. އެންމެ ކުރިންސުރެވެސް ވަރަށް ބޮޑަށް ލޯބިކުރަން. އެއީ ވާހަކަ ލިޔުން.
ޅެން ހެދުމުގައި އަމިއްލަ ވަޒަނެއް ގެންގުޅެންތޯ؟
ނޫނޭ. ހަމަ މިހުންނަ އާއްމު ވަޒަން ތަކަށް ޅެން ހަދަނީ. އެންމެ ފަސޭހައީ “ދަމާހޭ ހޯ” 28 ފިލީގެ މި ވަޒަން.
ފާހަގަ ކޮށްލަން ބޭނުންވާ އިތުރު ކަމަކީ ކޮބާ؟
އަޅުގަނޑަށް ޅެންވެރިކަމުގައި ކުރިއަށް ދިއުމަށް އެންމެ ހިތްވަރު ދެއްވާ، އެންމެ ބޮޑު އެހީތެރިކަމެއް ދެއްވަނީ އީސާ ޝަރީފް ސަރ. އެހެންވީމާ އީސަ ސަރ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު އަބަދުވެސް ވަރަށް ހެޔޮއެދޭ އަޅުގަނޑުގެ ތުއްތަ އަށާއި ފިރިމީހާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހުރިހައި ބޭފުޅުންގެ ހެޔޮ ދުޢާ އާއެކު އިންޝާﷲ އަޅުގަނޑު މިހުރީ މި ރޮނގުން ކުރިއަށްދާން.
މުނިއަވަސް އިން ވެސް އެދެނީ އިއްޒާ އަޙްމަދު ނިޒާރަށް މި ދާއިރާ އިން ފާގަތި ކުރިމަގެއް ފެނިގެން ދިއުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!