“މަންމީ އަނިއްކާ ވެސް ފެންކޮޅި އީދަ އުމަނޫ؟”

​އޮފީހުން ގެއަށް އަފޫ ވަން އިރަށް އަފެގެ ކުޑަ މަންޖަ އަފޫ ކާރީ ހުއްޓީފާ ސުވާލުކޮށްލި.

“މާދަމާ އެޔޯ ފެންކޮޅެން ދޮހައޭ ދައްތަ އެބަބޮނޭ. އެކަމަކު މިހާރު އީދު ފެންކޮޅި ކޮޅިފީމުއެއްނޮ؟” އަފެ މަންޖަ އަނިއް ސުވާލު ކޮށްލި.

“އާ މަންޖޭ، އަސްލު މަންމާ މެން ކުޑައިރޭ މި ފޮނަދޫ މީހުން ފާހަގަކެރަން ފެންކޮޅި އީދަ ދޮހަޔަކޫ އެޔޯ މާދަމާ. ފެންކޮޅި އީދަ ދޮހަޔަކޫ ޝައްވާލު މަހު އަށްވަނަ ދޮހާ. އެޔޯ ހަ ރޯދަވެރީންގެ އީދަ ދޮހައޭވެސް މިދޮހަޔަށް މިރަށު މީހުން ކިޔައި. މަންޖަށް އެނގޭތެ؟ ރޯދަ މަހަ ނިމީ ކުޑަ އީދަށް ތައްޔާރަވަން ގޮތަށް ފެންކޮޅި އީދަށްވެސް އަފޭން ކުޑައިރު ދުރާލާ ތައްޔާރަވަމު. އޮނަގަހު ބަދަޔުން ފެންބަޑިހަދާ، އެ ރައްކާކޮށްގެން ތިބެނޫ ފެންކޮޅި އީދަ ދޮހަޔަށް. މިހާރުހެން ފިހާރަޔަށް ގޮހޮ ގަންނާކަށް ފެން ބަޑިއެއް އޭރަކު ނުހުރޭ. މި ދޮހަޔަކޫ ވެސް ވަރަށް ފޯރިގަދަ ދޮހައެއް. ދޮހާ ފެށީގެން އުމާނޫ އެދޮހާ ހެނދުނު ހައެއް ޖަހަން އިރޭ. އެހައި އިރުން ފަށައިގެން އެދޮހާ އިރައޮއްސީ ހައެއް ޖަހަން ދެކަށް އެޔޯ ފެންކޮޅި އީދަ. މިހާރާ އަޅާ ބަލަންއިރޭ ފެންކޮޅިވެސް ކޮޅެމުން ދިޔާ ވަކި ގަވާއިދަކަށް. އަންހެންވެރީން ފިރިހެން ވެރީން ގަޔަށް ފެންޖަހާނޫ އަދި މިގޮތަށް ފެން ޖަހަން އިރުވެސް އެ ގެޔަކު މީހެއް ގަޔަށް އެގެއަކު މީހުން ފެން ޖަހައެއް ނޯޅޭޅަ.” އަފޭން ކުޑައިރޭ ފެންކޮޅި ކޮޅީ އޮޅެނަގޮތް އަފެ މަންޖެއަށް ކިޔައިދެމުން އަހަރިން ބުނިން.

“ފެންކޮޅޭން ގެން ގޮޅޭނޫ ކުރޫން މިބުނީ އޮނަޔުން ހަދާފައި ހުންނަން ފެންބަޑި، ދެން ކުދުވެރީން  ގެންގޮޅޭނޫ ރޯދަމަހު މަންމާމެން ފަނިގިރާފާ އެއްލާލާފާ ހުންނަން އަލަނާސި ދަޅަ ނޯނުއްވާ ގެރިކިރަ ދަޅަ ދޮވެގެން. ރޯދަޔަށް ގެއަށް ގަނެފާ ހުންނަން ޖަގު ހިފައިގެން ބޮޑެތި އަންހެންވެރީން ނުކުމެ ފިރިހެންވެރީން ގަޔަށް ފެންޖަހާނޫ. ގެނަ ފަހަރަށް މިގޮތަށް ހިފައިގެން ނުކުންނަ ޖަގު ގެއަށް ގެނޭން އޮންނާނޫ ނުލިބީފާ. ފެން ޖަހާން އޮޅެން އޮޅުމު ތެރޭ ހިފައިގަނެގެން ގޮހޮ ޖަގު އޮންނާނޫ ފެޅީފާ. ބައެއް ފަހަރު ފެންކޮޅީ ނިންމާފާ އުމަންއިރޭ ޖަގު ނުގެނާމާ މަންމާ ހުންނާނޫ ރުޅި އަރައިގެން. ‘އާޅޭނޭ އެއަށް އާ ޖަގު ދޯ ހިފައިގެން ދާން އެގެނޫ؟’ މަންމާމެން މެހެން ކިޔާފާ އެތިވަރަ ގޮވާޅެއް. މަންޖަށް އެނގޭތެ؟ އޭރު ފެން ޖަހަން އިރޭ ނޯންނާޅަ ކުލަ ގެންގޮޅުމެއް ވެސް. ކުލަ ގެންގޮޅޭން ފެށޫ ހިންދީ ފިލްމުތެކުން އެ ފެނެން ކުލަކޮޅެންތަން ފެނޭން ފެށީފަހުން.”

ފޮނަދޫގައި ފެންކުޅި ކުޅެނީ – ފޮޓޯ: މުނިއަވަސް

“ފެންކޮޅި ކޮޅޭން ނުކުމެ އޮޅެނޫ މުޅިރަށު ތެރޭ. އެ ދޮހަޔަކު ނުކެރޭޅަ ނުތެމީ ހަމަ އެކަކަށްވެސް ގޭދަށު ތިބޭކަށް. އަދި މަންޖަށް އެގޭތެ؟ ފެންކޮޅި ދޮހާ ނުތެމީ ގޭ ފެލާ ތިބެން އަންހެން ކުދޫން ވަޅަށް އެހެން ނޯނުއްވާ މޫދަށް ވެސް ލާޅެތް ފިރިހެންވެރީން ގްރޫޕް ހަދާފާ އަފޫ.”

“އެކަމަކު މަންމީ އޭރުން އެކުދޫން ދެކެ މަންމިމެން ރުޅި އަރާޅެއްނޮ.” އަފެ މަންޖެ ވަރަށް ތުއި ވެލާފާ ބުނި.

“ފެންކޮޅި އީދަދޮހާ ވަޅަކަށް ލައިގެން ނޯނުއްވާ ފެން ފޮދަކުން ޖަހައިގެން އޭރު އެޔަަކޫ ރުޅިއަރަން އިރެއްނޯން. މަންޖޭ، ފެންކޮޅި ޢީދަކޫ ވެސް ޘަޤާފީ ކަމެއް ކަމަށްދެކީގެން މި ދޮހާވެސް ވާޅަ ދިރުވާ އާލާކެރާން. މި ދޮހަޔަކޫ ކޮބައިކަން އެހެން ކުދޫންނަށް ބޮނެދީ މި ކޮޅިވަރަވެސް ވާޅަ ނެތީ ދިޔަނުދީ އާލާކެރާން.​”

ފެންކޮޅި އީދަ އޭރު ކޮޅީ އޮޅެނަ ގޮތް އުވީގެން ދަނައިތި އެކަމާ ކަންބޮޑަވެފާ ހުރެ އަހަރިން މަންޖެ ކާރީ ބުނީން. އިނބޭން ވެސް ވާޅަ މިމީހުން ރަށަށް ޚާއްޞަ މި ސަގާފަތް އިނބޭންގެ ދަރޫންނަށް ކިޔައިދޭން.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.