މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދި ހަމޫދު އަޙްމަދު ޑައިރެކްޓް ކޮށްފައިވާ ވީޑިއޯ ލަވައެއް ވަރަށް އަވަހަށް ފެންނާނެ ކަމަށް އޭނާ ބުނެފިއެވެ.

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ހަމޫދު ބުނީ މިއީ “އިއްޔަ ރިކޯޑްސް” ގެ ނަމުގައި ހަދާފައިވާ އައު ރެކޯޑް ލޭބަލެއްގެ ދަށުން އުފައްދައި ރިލީޒްކުރަން ތައްޔާރުވެފައިވާ ފުރަތަމަ ވީޑިއޯ ކަމަށެވެ.

ހަމޫދުގެ އަލަތު ޑައިރެކްޝަން ފެނިގެން ދާނީ “ސޮރީ، ހަނީ” ގެ ނަމުގައި މަޖާ ގޮތަކަށް ގެނެސްދީފައިވާ ލަވައެއް ކަމަށް ހަމޫދު ބުންޏެވެ.

“މީގެ ކާސްޓުންނަށް އުޅޭނީ ‘ޓިކް ޓޮކް’ އިން އުފެދުނު ތަރި ޔާނު އާ ނަތާޝާ. ދެން ފެނިގެން ދާނީ މި ލަވަ ކިޔާފައިވާ އަކްރަމް އަދީލް ސައީދު.” ވީޑިއޯ ޑައިރެކްޝަން އަށް އަލަށް ނިކުމެ ހުރި ހަމޫދު ބުންޏެވެ.

ހަމޫދު އާއި އިއްޔަ ރެކޯޑްސްގެ ސީއީއޯ އިއްޔަ އާއެކު – ފޮޓޯ: މުނިއަވަސް

“މި ލަވަ މީ އިއްޔަ ރެކޯޑްސްގެ ފުރަތަމަ ވީޑިއޯ ލަވައަށް ވެފަ، ހަމޫދުގެ ފުރަތަމަ ޑައިރެކްޝަނަށް ވީމަ ހަމޫދު ބޭނުންވީ މި ލަވައިގެ ވީޑިއޯގްރާފަރސް ވެސް އާ ބަޔަކަށް ވާން.” މި ލަވައަށް ސިމް ފޮޓޯގްރަފީ ހަމަޖެއްސި ސަބަބު ހަމޫދު ހާމަކުރަމުން ބުންޏެވެ. މިއީ ސިމް ފޮޓޯގްރަފީގެ ވެސް އަލަތު ވީޑިއޯ މަސައްކަތެވެ.

“މި ލަވަ ކިޔާފައިވަނީ ވަނީ އަކްރަމް.” ހަމޫދުގެ ފުރަތަމަ ވީޑިއޯ އުފެއްދުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުންޏެވެ. އަކްރަމް އަކީ މީގެ ދުވަސްކޮޅެއް ކުރިން ރިލީޒް ކޮށްފައިވާ ހަމޫދުގެ ލަވައެއް ކަމަށްވާ “ޝައްކު” ލަވައިގައި ބީޓް ބޮކްސް ކުރި ޒުވާން ފަންނާނެވެ.

“މިއީ އަކްރަމް ގެ ވެސް ރިލީޒްވާ ފުރަތަމަ ސޯލޯ ލަވަ.” އިއްޔަ ރެކޯޑްސްގެ އާޓިސްޓެއްގެ ގޮތުގައި ރަސްމީ ފަހުމުނާމާގައި ސޮއިކޮށްފައިވާ ޒުވާން ފަންނާނު ހަމޫދު ބުންޏެވެ.

“ސޮރީ، ހަނީ” އުފެއްދުމުގެ މަސައްކަތުގައި

“މޯލްޑިވިއަން އައިޑޮލްގަ ވެސް އަޅުގަނޑު ބުނެފަ ވާނެ، ޑައިރެކްޓަރެއްގެ ގޮތުގަ ނުކުންނަށް ބޭނުން ވާހަކަ. ވީޑިއޯ ޑައިރެކްޓް ކުރަން އިއްޔަ ރެކޯޑްސް އިން މި ފުރުޞަތު ދިނީތީ މުސްތާގް އަދި އިއްޔަ ރެކޯޑްސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.” އިއްޔަ ރެކޯޑް އިން މި ފުރުޞަތު ދިން ކަމަށްޓަކައި ޝުކުރެވެރިވަމުން ހަމޫދު ބުންޏެވެ.

އިއްޔަ ރެކޯޑްސް އަށް ހަމޫދު އާއި އިތުރު ފަންނާނުން ސޮއިކުރުން – ފޮޓޯ: މުނިއަވަސް

“ސޮރީ، ހަނީ” ވީޑިއޯ ލަވަ ވަރަށް އަވަހަށް ފެންނަވަރު ވާނެ ކަމަށް ބުނަމުން ހަމޫދު އިތުރަށް ބުނީ އޭނާ ކިޔާފައިވާ ވަރަށް ގިނަ ލަވަތަކެއްގެ ވީޑިއޯތައް ވެސް ވަރަށް އަވަހަށް ނެރެން ފަށާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.