“މާތްﷲ އެންގެވި މަގުގައި ހުރެވުނު ނަމައެވެ. ކެތްތެރިވެވުނު ނަމައެވެ.’ ހާޖަރާގެ ހިތަށް އެރިއެވެ.
ކޮންމެ ގޮތެއްވިޔަސް މިއަދު އޭނާއަކީ ކުރީގެ ހާޖަރާއެއް ނޫނެވެ. އެ ނިޔަނެތިކަމާ، މައުސޫމުކަން ރޭގައި ގެއްލިއްޖެއެވެ. އަބުރާއި ޢިއްޒަތް ވެއްޔާއި މޮޑެވިއްޖެއެވެ.
މުޅި ދިރިއުޅުން ހަލާކަށް ވައްޓައިލެވިއްޖެއެވެ.
❀****❀❀****❀
މަޢުރީން ކައިރީގައި ޝާއިލް އިށީންދެއްޖެއެވެ. އޭނާގެ ދެލޯ ވަނީ ރޮއެރޮއެ ރަތްވެފައެވެ. ކުރިމަތިވި ހުރިހައި ކަމެއްގައިި ކުށްވެރިއަކީ އޭނާކަމަށް އިޙްސާސްކުރެވިއްޖެއެވެ. އެއްވެސް ކަމަކުން ކަމަކާއި ނުލައި މަޢުރީންދެކެ ރުޅިއައިސްގެން އުޅެވުނީ އޭނާއަށެވެ. ހުރިހައި ކަމެއް ގޯހުން ގޯހަށް ދިޔައީ ޚުދު އޭނާގެ ސަބަބުން ކަމަށް މިހާރު ޤަބޫލުކުރެވެއެވެ. ކޮންމެވެސް މީހަކު ކޮންމެވެސް ކިޔެވެއްޔެއް ކިޔަވަން އަންނަ ވާހަކަ މަޢުރީންގެ އެކުވެރި މަރިޔަމް ބުންޏަސް އެކަމާވެސް ޝާއިލްގެ އެއްވެސް އިއުތިރާޒެއް މިހާރަކު ނެތެވެ. އެކަމުންވެސް މަޢުރީން އަށް ލުޔެއް ލިބުމަކީ މިހާރު އޭނާގެވެސް އެދުމެވެ.
މަޢުރީންގެ ކައިރީގައި އިނދެވުނީ ކިހާއިރެއް ވާންދެން ކަމެއްވެސް ޝާއިލް އަކަށް ނޭނގުނެވެ. މައުރީންގެ އަތުގައި ހިފަހައްޓާލައިގެން އިންއިރު، އެމީހުންތިބި ކޮޓަރި ތެރެއިން އެހެން އަޑެއް އިވޭކަން ޝާއިލް އަށް އެނގުންވީ އިރުކޮޅެއް ފަހުންނެވެ. އެއީ ކޮންމެވެސް ޑޮކްޓަރެއްގެ އަޑުކަމަށް ހީކޮށް އެކަމާ އަޅައިނުލުމަށް އޭނާ ނިންމިއެވެ.
“ޝާއިލް، ރުޤްޔާ ކުރާމީހާ އެބަހުރި އައިސް.”
އަޑު އައިދިމާއަށް ޝާއިލް އެނބުރި ބަލައިލިއެވެ. ހައިރާންކަން ލިބުނީ ޒުވާން ފުރާގެ ސަމައްތަރުހެޔޮ ފިރިހެނެއް އައިސް ދޮރުމަތީގައި ހުރިތަން ފެނުމުންނެވެ. އެބުނާ ރާޤީ އަކީ އެ ޒުވާނާކަން އެނގުމުންނެވެ. މީގެކުރިން ޝާއިލް އަށް ހީވެފައި އޮތީ ރުޤްޔާކުރާ ރާާޤީންނަކީ އުމުރުން ދުވަސްވެފައިތިބޭ، ތުނބުޅިއަކާއި މަތިމަހެއް ހުންނަ، އަދި އަބަދުވެސް އަތުގައި ތަސްބީޙަ ފައްޗެއް އޮންނަ މީހުން ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ކުރިމަތީގައި ހުރި ޒުވާނާ ހީވަނީ ކުންފުންޏެއްގެ އިސް މަޤާމެއްގައި އުޅޭ މީހެއް ހެންނެވެ. ހުދު އަތްދިގު ގަމީސްލައި، ބެގީކޮށް، ކަޅު ބޫޓަށް އަރައި ޓައީއެއް އަޅައިގެން ހުރި އެ ޒުވާނާ އަކީ ސްމާޓް ފިރިހެނެއްކަން ކިތަންމެ ރަނގަޅަކަށްވެސް ފެންނަން ހުއްޓެވެ. އެތެރެއަށް ވަދެ ޝާއިލް އާއި ސަލާމްކޮށްލުމަށް އެޒުވާނާ އަތްދިއްކޮލި ވަގުތު އެހެން ކަމެއްވެސް ޝާއިލް އަށް ފާހަގަ ކުރެވުނެވެ.
“އަޅުގަނޑަކީ އިދްރީސް، ރުޤްޔާ ކުރާ މީހާ.”
“އިދުރީސް!!”
އިދްރީހާއި ސަލާމް ކޮށްލަމުން އިދްރީސްގެ ނަން، މަޑުމަޑުން ޝާއިލް އަށް ކިޔައިލެވުނެވެ. ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް އިދްރީސް އިށީންނުމަށް ބުނަމުން މަޢުރީން އޮތް އެނދުގެ އަރިމަތީގައި ޝާއިލް އަނެއްކާވެސް އިށީންދެއްޖެ އެވެ. ދެން އިދްރީސް ބުނާނެ އެއްޗެއްގެ އިންތިޒާރު އޭނާ އަށް ކުރެވެން ފެށީ ތެޅިތެޅި އޮތް ހިތަކާއިއެކުގައެވެ.
“ޝާއިލްގެ ވައިފްގެ ސިޗުއޭޝަނާމެދު އަހަރެން ވަރަށް ކަންބޮޑުވޭ. ޝާއިލް އަށް މިހާރު ކުރެވެމުންދާނެ ފުން އިޙްސާސްތައް އިމޭޖިން ކޮށްލުމަކީވެސް މަށަށް އިމްޕޮސިބަލް ކަމެއް. ބަޓް، އައޭމް ޝުއަރ ޝީ އިޒް ގޮނާބީ ފައިން، އިންޝާﷲ.” އިދްރީސް ގެ ވާހަކަތައް އަޑުއިވިފައި ޝާއިލް އަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ރުޤްޔާކުރާ މީހުން މިހާވަރަށް އިނގިރޭސި ބަސް ބޭނުންކުރާކަމެއްވެސް މީގެ ކުރިން ޝާއިލް އަކަށް އެނގިފައެއް ނެތެވެ.
“ތެންކިޔު މިސްޓަރ އިދްރީސް.” ޝާއިލް ވެސް އިނގިރޭސި ވެލަމުން ޖަވާބު ދިނެވެ. “އަޅުގަނޑުގެ ވައިފް ރަނގަޅު ކުރެވޭނެތޯ؟”
“ރުޤްޔާ ކުރުމަކީ މިހާރުވެސް މިތަނުން މަޢުރީން އަށް ލިބެމުންދާ ފަރުވާ އަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް.” އިދްރީސް އޮޅުންފިލުވައިދޭޭން ފެށިއެވެ. “މެޑިކަލް ރީޒަން އަކުން ނޫން އެހެން ކަމެއްގެ ސަބަބުން މަޢުރީން އަށް މި ގޮތްތަކެއް ވާނަމަ، އިންޝާﷲ އަހަރެން ކިޔަވާ ރުޤްޔާއިން މަޢުރީން އަށް އަވަސް ޝިފާއެއް ލިބޭނެ.”
ޝާއިލް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޚުދު ޝާއިލް ޤަބޫލުކުރާގޮތުން ޝާއިލް އަކީވެސް ރަނގަޅު މުސްލިމެކެވެ. ދާދި ފަހަކާއި ޖެހެންދެން ހުރިހައި ވަގުތެއްގައި ބަރާބަރަށް ނަމާދުކޮށް އުޅުނެވެ. ކޮންމެ ރޯދަމަހަކު ހުރިހައި ރޯދައެއްވެސް ހިފައެވެ. މެޑިކަލް ވިސްނުމެއްގައި ނޫނީ މިފަދަ ކަންކަމާމެދު މީގެކުރިން އޭނާއަށް ވިސްނައިލެވިފައެއް ވެސް ނެތެވެ.
މައުރީންގެ ބުރުގާ ރަނގަޅުކޮށްލައިދިނުމަށްފަހު އެނދާއި ތަންކޮޅެއް ކައިރީގައި ގޮނޑިއެއް ބެހެއްޓިއެވެ. ރުޤްޔާކުރާ މީހާ އަށް މަޢުރީން އާއި ކައިރީގައި އިނދެވޭނެގޮތް ހެދުމަށެވެ. އިދުރީސް ކިޔަވާ ކިޔެވެލި ރަނގަޅަށް އަޑުއިވޭ ހިސާބުގައި ބޭންދުމަށެވެ. ކައިރީގައި ހުރި ޝާއިލް އަށް ހުރެވުނީ ހިތް ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ކުރަން އުޅޭ ކަމަކަމެއްގެ ވާނުވާ ނޭނގޭ ހާލުގައެވެ. ކުރަން އުޅޭކަމާމެދު އުއްމީދުގައި ތިބީ ހަމައެކަނި އިދުރީސް އާއި މަރިޔަމް އެވެ.
އެމީހުން ކުރަން އުޅޭކަމެއް ކުރުމަށް ފުރުޞަތު ދީގެން ހުރުމަށްވުރެން ރަނގަޅު ގޮތެއް ނެތްކަން ޝާއިލް އަށް އެނގެއެވެ. އެބުނާހެން ރޫހާނީ ކަމެއް ހުރެގެން އެކަމެއް ރަނގަޅުވުމުން ޝާއިލް އަށް ވުރެން ބޮޑަށް އެކަމާ އުފާކުރާނެ މީހަކު އެތާ ނުހުންނާނެކަން ޝާއިލް ރަނގަޅަށް ދަނެއެވެ. ރަނގަޅެއް ވިއްޔާ އޭގެ ހުރިހާ އުފަލެއްވެސް އޮތީ ޚުދު އޭނާއަށްކަން އެނގޭތީ ހިތްހަމަ ޖައްސާލައިގެން ހުރުމަށް ނިންމިއެވެ.
❀****❀❀****❀
ގެއާ ދިމާއަށް ކާރު ދުއްވަމުން ދިޔަޔަސް، ގެއަށް ދާކަށްވެސް އިލްޔާސް ބޭނުމެއް ނޫނެވެ. ހަދާނެގޮތް ހުސްވެ ސިކުނޑި ސުމަކަށް ގޮސްފައިވުމުން ދާނެ އެހެން ދިމާއެއްވެސް ނުވިސްނުނެވެ. ރައްޓެއްސެއްގެ ގެއަށް ދިއުމަށް އެންމެ ފަހުން ނިންމީ އެހިސާބުންނެވެ. އޭނާ އާއްމުކޮށް ހުކުރަށްދާ މިސްކިތުގެ އިމާމު މީހާގެ ގެ ހުންނަނީ ކައިރި ހިސާބެއްގައެވެ. މިސްކިތުގެ އިމާމެއްގެ އިތުރުން، އިމާމް ހާރޫނަކީ ހަރުދަނާ މީހެކެވެ. އެހާ ގާތް ރައްޓެއްސެއް ނޫނަސް ކަންކަމުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާ ހޯދަން ރަނގަޅު ރައްޓެއްސެކެވެ. ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް އިމާމު ހާރޫނާއި އިލްޔާސް ބައްދަލުކުރުމަކީ އާއްމުކަމެކެވެ. އިމާމުގެ ގެ ހުންނަނީ މިސްކިތާއި އިންވެގެންނެވެ. ސިޔާސީ ވާހަކަތަކާއި އަދުގެ ޒުވާން ޖީލު ހަލާކުވަމުންދާ ދިއުމާއިމެދު އެމީހުން ސައްލާކޮށް އުޅެއެވެ. މުސްލިމުންގެ ގޮތުގައި ތިބެ މި ހަލާކުވެފައިވާ މުޖުތަމަޢުގައި ދިވެހީން އުޅެމުންދާ ވިޔާނުދާ ގޮތްތަކާއިމެދު ހިތާމަކޮށް ވާހަކަދައްކައި އުޅެއެވެ.
ކުރާނެ ވަކިން ޚާއްޞަކަމެއް ނެތުމުން، އިލްޔާސްގެ ކާރުގެ މިސްރާބު ޖެހީ މިސްކިތާއި ދިމާއަށެވެ.
“އިލްޔާސް ނިކަން ހަމަޖެހިބަލަ.” ހިތްދަތިކަމުގެ އިންތިހާއަށް ގޮސްފައިވާ އިލްޔާސް ހަމަޖެއްސުމަށް އިމާމު ހާރޫނު ބުންޏެވެ. އިލްޔާސްގެ ހަޔާތަށް ކުރިމަތިވެގެން އުޅޭ ކަންތައްގަނޑުގެ ވާހަކަތައް އިވިފައި އިމާމުވެސް އިނީ ދެރަވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހާ ބޮޑު ކަންތައް ގަނޑެއް، އަތްނބަކު އޭނާގެ ފިރިމީހާއަށް ސިއްރުކޮށްގެން ދިގު 25 އަހަރު ގެންގުޅެންވީ ކީއްވެގެން ހެއްޔެވެ؟ މުސްލިމު އަންހެނަކަށްވެ ހުރެ އެފަދަ ކަމެއް ހާޖަރާ ކުރަންވީވެސް ކީއްވެގެން ހެއްޔެވެ؟
އިލްޔާސްގެ އަންހެނުންގެ ކަންތައްގަނޑާއި މެދު ވިސްނައިލުމުން އިންސާނާގެ ހިތަކީ އެބުނާހެން އެނބުރޭ ވަހުތާނެއް ގޮތަށް ބަދަލުވާ އެއްޗެކޭ އިމާމު ހާރޫގެ ހިތަށް އެރިއެވެ. ސާފު ޠާހިރު އިންސާނުންނަކީ ކޮބައިކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާ އޭ ހާރޫނުގެ ހިތާހިތާ ކިޔައިލި އެވެ. ކިތަންމެ އަޅުވެރި މީހެއްކަމަށް ފެންނަ މީހާގެ ފަރާތުންވެސް ކޮންމެފަދަ ގޯސް ކަމެއްވެސް ފެނިދާނެއެވެ.
ކެތްތެރިކަމެވެ. ޞަބްރު ކުރުމެވެ. ގިނަ މީހުންގެ ގައިގައި މަދުވާ ސިފައަކީ އެއީއެވެ. އިންސާނުންނަށް މިންޖު ނުވެވޭފަދަ އާފާތްތަކާއި ކުރިމަތިލާން ޖެހެނީ ކެތްތެރި ނުވާތީއޭ އިމާމު ހާރޫނުގެ ހިތަށް އެރިއެވެ.
“ރަނގަޅު ކަންތައްތައް ޙާޞިލްކުރުމަކީ އެހައި ފަސޭހަ ކަމެއް ނޫން. އެންމެ މާޔޫސްވާ ހިނދުވެސް ކެތްތެރިކަން އިސްކުރުމަކީ ގިނަ މީހުންނަށް ކުރަން އެންމެ އުނދަގޫ އެއް ކަންތައް. ކެތްތެރިކަމަކީ ފަސޭހަ ކަމެކޭ ބުނާނީ ފަހެ ކާކު؟ ކެތްތެރިވުމަކީ ކުރަން އެހައި ފަސޭހަ ކަމެއްނަމަ، ކެތްތެރިވުމަށް ނުވަތަ ސަބްރުވެރިވުމަށް ކީރިތި ޤުރުއާނުގައި މުސްލިމުންނަށް އެކަލާންގެ ނޭންގެވީހެއްނު؟ ……. صَبْرُ (ޞަބްރު) ކެތްތެރިކަމުގެ ލަފުޒު ޤުރުއާނުގައި މާތްﷲ ވަނީ 14 ފަހަރު ތަކުރާރު ކުރައްވާފަ.” އިލްޔާސް ހަމަޖައްސައިދިނުމަށް އިމާމު ހާރޫނު ބޭނުންކުރީ ޙިކްމަތްތެރި އުސޫލެވެ.
އިލްޔާސްގެ ނަފުސަށް ކޮންމެވެސް ވަރަކަށް ހަމަޖެހުން ލިބިއްޖެކަން އިމާމު ހާރޫނަށް ޔަޤީން ވުމުން، ކުރިމަތިވެގެން އުޅޭ މައްސަލައަށް އަލިއަޅުވައިލާ ހާރޫނު ވާހަކަ ބައްޓަން ކުރިއެވެ.
“މަށަށް އެނގޭ ތި ކަންތައްގަނޑަކީ ދިރުވައިލަން ހިތި ބޭހެއް ފަދަ ކަމެއްކަން. އެހެން ނަމަވެސް އަހަރެން އަދިވެސް އިލްޔާހަށް ނަސޭހަތްތެރިވާނީ ތި ކަންތައްގަނޑު ވަކިކޮޅެއްގަ ޖެހެންދެން ކެތްކުރުމަށް. މާތްﷲގެ ދީލަތިވަންތަކަމުން އިލްޔާހަށް ވަނީ އިތުރު ދަރިން ދެއްވާފަ. އެކަމުން އެބަ ޔަގީންވޭ އިލްޔާހަކީ ދަރިން ނުލިބޭ މީހެއް ނޫންކަން.”
“އެ ކުދިންނަކީ އަހަރެންގެ ދަރިންކަން ޔަޤީން ކުރާނީ ކިހިނެއް؟!” ބާރަށް ރޮއެގަންނަމުން އިލްޔާސަށް ބުނެވުނެވެ.
“ތިޔަ ދިމާވި ކަންތަކާހެދި ޝައިޠާނީ ވަސްވާސްތައް ތި ގޮތަށް ހިތަށް ވަނަ ނުދީ އިލްޔާސް!” އިމާމު ހާރޫނު ޖަވާބު ދިނެވެ.
“އިންޝާﷲ އެކުދިންނަކީ ހަމަ ކަށަވަރުންވެސް އިލްޔާސްގެ ދަރިން. މަށަަށް ޔަޤީން އެކުދިންގެ ހަލާލު ކަމަށް ޝައްކު އުފެދޭފަދަ ވާހަކައެއް ކަލޭގެ އަންހެނުންވެސް ބުނެފައެއް ނެތެއްނުދޯ؟”
އިލްޔާސް އެއްކޮށް ހަނުވެއްޖެ އެވެ.
“އެހެން ނޫނަސް، އެކުދިންނަށް ބަލައިލާފަ ޔަޤީނާ ގާތަށް އެނގޭ އެއީ އިލްޔާސްގެ މުޑުވައް ތަކެއްކަން. އިލްޔާސް ގެ މޫނުމަތިން ފެންނަ ހުރިހައި ސިފައެއް އެކުދިންގެ ފަރާތުން ފެނޭ. ތި ޞަޚްޞިއްޔަތު، ހަމުގެ ކުލަވެސް އެއްގޮތް، އެއީ އަންހެން ކުދިންތަކެއް ނަމަވެސް އިލްޔާސާ ކިހާ ވައްތަރު. ދަރިފަސްކޮޅުގެ މުޖައްރިބުކަން ބަލަން ފަރަންޖީން އެ ހައްދާ ޑީއެންއޭ ޓެސްޓެއް ވެސް ހަދަން ނުޖެހޭނެ އެކުދިންނަކީ އިލްޔާސްގެ ދަރިންކަމަށް ސާބިތު ކުރާކަށް.”
އިލްޔާސްގެ ތުންފަތަށް ފަނޑު ނަމަވެސް ހިނިތުންވުމެއް ގެނުވީ އިމާމު އެންމެ ފަހުން އެ ބުނި ޖުމްލައިގެ އަޑު އިވުމުންނެވެ.
އިމާމު ހާރޫނުގެ ވާހަކަ އިތުރަށް ކުރިއަށް ގެންދިޔައެވެ.
“ދެންމެ މި ބުނެވުނު އެއްޗަކުން އަހަރެންގެ ހިތަށް އަރައިފި އެހެން ކަމެއް. އެނގޭ ކަލޭގެ އަންހެނުން އެއްބަސް ވެއްޖެކަން މައުރީން އަށް ބަލިވެ އިން ދުވަސްވަރު ބައިގެންދިޔަ ކަމަށް. ނަމަވެސް އެކަމަށް އެކަނި ބަލާފަ، މަޢުރީންގެ ބަފާ ކަށަވަރުކުރަން ނިންމުމެއް ނިންމުމަކީ ބުއްދިވެރި ކަމެއް ކަމަކަށް އަހަރެން ނުދެކެން.”
އިލްޔާސް އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. ނަމަވެސް އިމާމު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.
“ހަމަ އެދުވަސްވަރު އިލްޔާސް ވެސް އަންހެނުން ބަލިވެ ބޭންދުމަށް ލައްކަ މަސައްކަތް ކުރަމުންނެއްނު ދިޔައީ ދޯ. އެހެން ވެއްޖެއްޔާ އަޅެ ބުނެބަލަ؟ ކަލޭމެން ދެމަފިރިން އެއްދާން ނުކޮށް ވަރަށް ދިގު މުއްދަތެއް ހޭދަވި ދުވަސްކޮޅެއް ނަމަވެސް ދިޔަތަ؟” އިމާމު ހާރޫނަކީ ދުރު ވިސްނާ މީހެކެވެ. ތަންދޮރު އޮޅުން ފިލާފަައި ހުރި މީހެކެވެ.
އިމާމުގެ އެ ސުވާލަށް އިރުކޮޅެއް ވާންދެން އިލްޔާސް ވިސްނައިލިއެވެ.
“އަހަރުމެންނަކީ އެކަމަށް ނިކަން ހަރަކާތްތެރި ބައެއް އޭރުގަ. އޭރު އަހަރުމެން އަބަދުވެސް އުއްމީދު ކުރަމުން ދިޔައީ މައްސަރުކަންތައް ދެން އަންނަ ފަހަރެއްގަ ނުޖެހޭވަރު ވާނެ ކަމަށް. އެ ދުވަސްވަރު އަހަރެން ރަށުން ބޭރަށް ދިޔަޔަސް، ހަފުތާއެއް ހައި ދުވަހުވެސް ދުރުގަ ނުހުންނަން. އެހެން ނޫނަސް މައްސަރު ކަންތައް ރަނގަޅުވާ ދުވަސްވަރަކީ އަހަރުމެން އަބަދުވެސް އެކަން އެންމެ ވަރުގަދައަށް ކުރާ ދުވަސްވަރު.” އެއްވެސް ޖެހިލުންވުމެއް ނެތި އިލްޔާސް ކިޔައިދިނެވެ.
“އެހެންވީމަ، މަޢުރީން އަކީ އިލްޔާސްގެ ދަރިއެއްތޯ ބަލަން ބޭރަށް ގޮސްގެން ޓެސްޓް ހައްދަން ވީނު؟”
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!