މި ބިންމަތީގައި ހުރިހައި ވައްތަރެއްގެ އިންސާނުން ވެއެވެ. އޭގެތެރޭގައި ތަފާތު ސިފަތައް ލިިބިގެންވާ އިންސާނުން ވެއެވެ. ތަފާތު ކުލަތަކުގެ އެކި އަސްލުގެ އެކި ނަސްލުގެ މީހުން ވެއެވެ. ފުރިހަމަ މީހުންނާއި އުނި މީހުން ވެއެވެ. ގުނަވަންތައް ފުރިހަމަ މީހުންނާއި ގުނަވަންތައް މަދު މީހުންވެއެވެ. ކުޅެދޭ މީހުންނާއި ނުކުޅެ ދޭމީހުން ވެއެވެ. މަންމަނުންނާއި ބައިމަނުންވެއެވެ. އަދި ކިއެއްތަ، އުފެދުމުގައި އަންހެނުންގެ ސިފަތަކާއި ވައްޓަފާޅި ހުންނަ ފިރިހެނުން ވެއެވެ. އަދި ފިރިހެނުންގެ ސިފަތަކާއި ވައްޓަފާޅި ހުންނަ އަންހެނުންވެސް ވެއެވެ.

އާދެ! އެއްވެސް މީހަކީ އަމިއްލައަށް އުފެދުނު މީހެއް ނޫނެވެ. އިސްވެ މިދެންނެވި ހުރިހާ ވައްތަރެއްގެ މީހުންވެސް ހެއްދެވީ މާތްﷲ އެވެ. އާދަމްގެފާނުން ފެށިގެން މިއަދާއި ހަމައަށް އެއްމެހާ އިންސާނުންނަށް ސިފަތައް ދެއްވައި ސޫރަކުރެއްވީ ހަމަ އެމަތިވެރި އިލާހެވެ.

މުޖުތަމަޢުއަށް ކަޅިއެއް އެއްލަމާ ހިންގަވާށެވެ. ނަޒަރު ހިންގާލަމާ ހިންގަވާށެވެ. ޔަޤީނެވެ. ކޮންމެ މީހެއްގެވެސް އިޙްސާސްތަކެއް ވާނެއެވެ. އަސަރުތަކެއް ވާނެއެވެ. ތިމާގެ ގައިގާ ހުރި އުނި ސިފައެއްގެ ވާހަކަ އަނެކާ ދެއްކުމުން، ތިމާވެސް ދެރަވާނެއެވެ. ހަމަ އެފަދައިން އަނެކާގެ އައިބުތައް ފާހަގަކޮށް ގަނާ ކުރުމުން އެމީހަކުވެސް އިންތިހާއަށް ދެރަވެ ލަދުގަންނާނެއެވެ. ފުރައްސާރަކޮށް ޖެއްސުންކުރުމުން ހިތްދަތިވެ ފުންއަސަރުތަކެއް ކުރާނެކަން ގައިމެވެ. އާދޭހެވެ. އުފެދުމުގައި އަންހެންކޮށް ތިބޭ ފިރިހެންކުދިންނަކީ، މިއަދު މަލާމާތާއި ކުރިމަތިލާން ޖެހިފައިވާ އެއްބައެވެ. އުފަންވާއިރު ފިރިހެން ކުދިންގެ ވައްޓަފާޅި ހުންނަ އަންހެންކުދިންވެސް މެއެވެ.

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިދެންނެވިފަދަ ކުދިންނަށް މިއަދު ކުރިމަތިވެފައިމިވަނީ ވަރަށްބޮޑެތި ގޮންޖެހުންތަކެކެވެ. މިފަދަ ކުދިންނަށް ފުރައްސާރައާއި، ކުރިމަތިލާންޖެހެނީ ހަމައެކަނި ގެއިންބޭރަކުންނޫނެވެ. މަދަރުސާއިންވެސް ތަފާތު ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި ހަމައެހެންމެ ގެއިންވެސް މަލާމަތް ރައްދުވާ މިންވަރު މަދެއްނޫނެވެ.

މީގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ އެފަދަ ކުދިން އެކަހެރިވެ ބާކީވުމެވެ. ކަންކަމާ ކުރިމަތިލާން ނުކެރި ފަސްޖެހޭގޮތް ވުމެވެ. މަލާމާތްތަކަށް ހޭނި، ހުރި ވަރަށްވުރެ ބޮޑަށް އެ ސިފަ ގެނައުމަށް މަސައްކަތް ކުރެވުމެވެ.

އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ކަމަކީވެސް ބަދަލުކުރެވޭނެ ކަމެކެވެ. އުފަންވާއިރު ތިމާގެ ގައިގައި ހުރި ސިފައެއް އެއްކޮށް ބަދަލުނުވިކަމުގައި ވިޔަސް، ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެވޭނެއެވެ. މީގެ ހެކި ފެނިފައިވެސް އެބަހުއްޓެވެ. އުޅުމުގައި އަންހެންގޮތް ހުންނަ ފިރިހެންކުދިންގެ އެސިފަތައް ކެނޑި ބަދަލުވެފައިވެސް އެބަ ހުއްޓެވެ. އަޅުގަނޑުގެ ނަޒަރިއްޔާގައި މިބަދަލުގެ އެންމެ ބޮޑު ސަބަބަކީ، ދިރިއުޅޭ މާޙައުލު ބަދަލުކޮށްލުމެވެ.

އަޅުގަނޑު އެއްބަހެވެ. މިފަދަކުދިންގެ ތެރޭގައިވެސް މި ސިފަތައް ދެކެ ލޯބިވެ ހައްދުފަހަނައަޅާފައިވާ ކުދިންވެއެވެ. އަދި މި ސިފަތަކުން ސާފުވެ މުޖުތަަޢުގައި އާދައިގެ މީހުން އުޅޭހެން އުޅެން ބޭނުންވާ ކުދިންވެސް އެބަތިއްބެވެ. މިކަމަށް މުޖުތަމަޢުގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވެއެވެ. ޢާއިލާގެ އެހީތެރިކަން އެހާމެ މުހިއްމެވެ. ތަފާތު ނަންނަމުން އެފަދަ ކުދިންނާއި މުޚާތަބުކުރުން ހުއްޓާލަން ޖެހެއެވެ. ކަންކަމުގައި ބައިވެރިކޮށް މުޖުތަމަޢުގައި އެހެންމީހުން އުޅޭހެން އުޅުމުގެ ފުރުޞަތު ދޭންޖެހެއެވެ. ޖެއްސުންކުރުން ހުއްޓާލަން ޖެހެއެވެ. ފުރައްސާރަކުރުން ހުއްޓާލަންޖެހެއެވެ. އެފަދަ ކުއްޖަކީވެސް ތިމާފަދަ އިންސާނެއްކަން ދަންނަން ޖެހެއެވެ.

އޭ އިންސާނާއެވެ. ކަން މިހެން ހުރިއިރު ތިޔަ ބޮޑާވަނީ ކީއްވެ ހެއްޔެވެ. ތިބާ ތިޔައީ އެންމެ ފުރިހަމަ އެންމެ ރީތި މީހާ ހެއްޔެވެ. ތިބާ އެހެން މީހުންނަށް ފުރައްސާރަކޮށް އުޅޭއިރު، ތިބާވެސް ހެއްދެވުނީ މަށިންކަން ނޭނގެނީހެއްޔެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.