ކޮންމެ މީހަކާވެސް އެއްފެންވަރެއްގެ ކަންތައްތައް ހުންނާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ކޮންމެ މީހަކީ، ހުރިހާ ކަމަކަށް ކުފޫ ހަމަވާނެ މީހެއްވެސް ނޫނެވެ. އެމީހަކާ ލާއިޤު ކަންތައްތަކާއި، ލާއިޤުނޫން ކަންތައްތައްވެސް ހުންނާނެއެވެ. ވިސްނުމާއި ފިކުރުގެ ގޮތުންނެވެ. ހުނަރުގެ ގޮތުންނެވެ. އަދި ޢިލްމުގެ ގޮތުންވެސް މެއެވެ.
އާދެ! ގިނަ މީހުންނަކީ، ވަކި ޚާއްސަ ޢިލްމެއް ޙާސިލް ކޮށްގެން ވަޒީފާގެ މާޙައުލާއި ކުރިމަތިލާ މީހުންނެވެ. އަނެއްބައި މީހުންނަކީ، ޢިލްމެއް ނެތި ޙިލްމެއްނެތި، ތިމާއާއި ޤާބިލުނޫން ވަޒީފާތަކުގައި، ތިބޭމީހުންނެވެ. އަލިފެއް ބާއެއް ނޭނގުނަސް، ރެއެއް ދުވާލެއް ވަކިކުރަން ނޭނގުނު ކަމުގައިވިޔަސް އެމީހުންނަކީ، ތަންތަނުގެ ވެރިންނެވެ. ނުވަތަ އެނޫންވެސް އެފަދަ މަޤާމެއް ފުރަމުންދާ މީހެކެވެ. އަދި ކިއެއްތަ ތަނެއް ހިންގުމުގެ ލަޔާޤާތު ނެތްކަމުގައިވިޔަސް، އެފަދަމީހުން ތިބޭނީ ބޮޑުގޮނޑީގައި ބޮޑާކަންމަތީގައެވެ.
ނަމަވެސް އެކި އެކި ރޮނގުތަކުން ޢިލްމު ޙާސިލް ކޮށްގެން ތިބިމީހުން މިއަދު ކޮބައިތޯއެވެ؟ ކަންތައްތަކަށް އަހުލުވެރި މީހުން މިއަދު ކޮބައިތޯއެވެ؟ ކަމާއި އެކަށީގެންވާ ޤާބިލިއްޔަތު ހުރި ފަރާތްތައް މިއަދު ކޮބައިތޯއެވެ؟ އާދޭހެވެ. މިއަދަކީ، ވަޒީފާތަކާއި އެކަށީގެންނުވާ މީހުން ވަޒީފާތަކުގައި ތިބިދުވަހެވެ. ހަމައެހެންމެ ޢިލްމުވެރި، ޙިކުމަތްތެރި އަދި ހުނަރުވެރި ފަރާތްތައް މިއަދު މިވަނީ ވަޒީފާއެއްނެތި ގަނަތެޅެން ޖެހިފައެވެ.
ޔަޤީނެވެ. ކަންތައްތައް މިމަގުން ހިނގާނީ، އޭގެ ފަހަތުގައި ކޮންމެވެސް ސިއްރުތަކެއް ވާތީއެވެ. ފަރުދާގެ ފުރަގަހުގައި ވަންހަނާވެފައިވާ ކަންތައްތަކެއްވެސް ވާނެއެވެ.
އާދެ! މިއަދުގެ ހާލަތު ވަރަށް ސާފެވެ. ވަޒީފާތަކާއި ލާއިޤުނޫން މީހުންނަށް، ވަޒީފާ ލިބޭ ސަބަބުވެސް އެހާމެ ސާފެވެ. މަތީފަންތީގެ ބޭފުޅަކު ޢާންމު ރައްޔިތުމީހާ ކައިރިން މިއެދެނީ ކޮންކަމަކުތޯއެވެ؟ ތިމަންގެ ޖަމާޢަތައް މީހުން ގިނަކޮށްދެއްވާށޭ، އޭރުން މިވެނި ވަޒީފާއެއް ހޯދައިދޭނަމޭ ވިދާޅުވެއްލައްވައި އެތައް ޖަރީމާތަކެއް ހިންގުމަށް އެދެއެވެ. ދެވަނަ ސަބަބަކީ ރިޝްވަތު ދިނުމެވެ. ރިޝްވަތުގެ ދަނޑުން، ޢިއްޒަތާއި ޝަރަފުގެ ގޮވާން ކެނޑުމެވެ. މަތީ މަޤާމު ހޯދުމެވެ. ތިންވަނަ ސަބަބަކީ، ގާތްމީހާއަށް ވަޒީފާދިނުމެވެ. ޢާއިލާ އިސްކޮށް ރަޙްމަތްތެރިންނަށް ވަޒީފާ ދިނުމެވެ.
ތިޔައިން ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ކަމެއްކުރަން ނޭނގޭ މީހަކާއި، ކަމެއް ހަވާލުކުރުމުން ދެންވާނީ ނުވާންވީ ގޮތްތަކެވެ. އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ ނޫންތޯއެވެ. ސިކުނޑީގައި ތެތްކަމެއް ނެތި ތަނެއް ހިންގިދާނެ ހެއްޔެވެ. ރޭވުންތެރިކަމެއް ނެތި ކަމެއް އިންތިޒާމް ކުރެވިދާނެ ހެއްޔެވެ. ކަނޑެއްފަޅެއް ވަކިނުވާމީހަކު ދޯނީގެ ހުންގާނުގައި ހިފީމާ ދެންވާނީ ކިހިނެތްތޯއެވެ. ވަހުމަކަށް ތަނެއްނެތެވެ. އިސާހިތަކު އޮޑި އޮންނާނީ ފަރަކަށް އަރާފައެވެ. ގައިމެވެ. ކޮންމެ ކަމެއްކުރިޔަސް ފުރިހަމަ ވިސްނުމެއް ބޭނުންވެއެވެ. އެކަމާކާއި ގުޅޭ ޢިލްމުގެ ބޭނުން އަދި މާބޮޑެވެ.
ހަމަކަށަވަރެވެ. ޤައުމުގެ ފޭރާން ވީދި ހަލާކު ވެއްޖެއެވެ. ފޫނުބެދޭ ވަރުގެ ބޮޑެތި ބާގަނޑުތައް ހެދި ހާއަޅައިފައި ވެއެވެ. އިޤްތިޞާދު އަޑިއަޅައިގެން ހިނގައްޖެއެވެ. ޤައުމު މި ވެއްޓިފައިވާ އަޑިގަނޑުން އުސްގަނޑަށް ވާޞިލްކޮށްދެވޭނެ ވިސްނުންތެރި ސިކުނޑިތައް މިއަދު މިވަނީ އެއްކިބާ ކުރެވިފައެވެ. ތަޢުލީމީ ޒުވާނުން މިއަދު މިވަނީ، ފެއަށް ޖައްސާލެވިފައެވެ. ކަމަށް އަހުލުވެރިނޫން މީހުން މިވަނީ މަޤާމުތަކުގެ ޢިއްޒަތުގައެވެ. ދަންނާށެވެ. މިއީވެސް ޤިޔާމަތްވުމުގެ ޢަލާމާތެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި