ވަހުމެއްނެތެވެ. އެއްޗެއްދެކެ ޙަޤީޤީ މާނައިގާ ލޯބިވެވޭނ،ީ އެ އެއްޗެއްގެ މުހިއްމުކަން އެނގިގެންނެވެ. އޭގައި ހުރި ފޮނިމީރުކަމެއް އެނގިގެންނެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އެއެއްޗަކީ ކިހާވަރެއްގެ އަގުހުރި، ކޮންކަހަލަ އެއްޗެއްކަން ފަހުމުވެގެންނެވެ. ހަމަ މި ބީދައިން ބަލާނަމަ، ޤައުމުދެކެ ލޯބިވެވޭނީ ޤައުމުގެ މުހިއްމުކަން އެނގޭ މީހަކަށެވެ. އަދި ޤައުމަކީ ކޮބައިކަން އެނގޭ މީހަކަށެވެ. ޤައުމުގެ އަގު އެނގޭ މީހަކަށެވެ. އަގު އެނގޭ މީހާ އަގުވަޒަންކުރަންވެސް ދަންނާނެއެވެ. އަގުވަޒަންކުރަން އެނގުމަކީ ލޯބިވުން ނޫންތޯއެވެ. ޔަޤީނެވެ. ޙަޤީޤީ ލޯބި ފެށޭނީ، ލޯބިވާ އެއްޗެއް ދަސްވާ ހިސާބުންނެވެ.
ޤައުމުގެ މާނައަކީ ކޮބައިތޯއެވެ؟ އާދޭހެވެ. ވަރަށްވެސް ކުރު ލަފުޒެކެވެ. ދުލުން ކިޔާލަންވެސް އެހާމެ ފަސޭހައެވެ. އެހެންނަމަވެސް މިލަފުޒަކީ، ފުޅާ މާނައެއް އެކުލެވިގެންވާ ލަފުޒެކެވެ. އެންމެ ފުރަތަމަ ލަފްޒީ މާނައަށް ބައްލަވާލަމާ ހިންގަވާށެވެ. އާދެ! ކަނޑައެޅިގެންވާ އެއް ވެރިކަމެއްގެ ދަށުގައި އުޅޭ ކޮންމެ ބަޔަކީ، ޤައުމެކެވެ. ނަމަވެސް ޤައުމު ޤައުމަކަށް ވަނީ، ބައިވަރު ކަންތައް ތަކެެއް އެކުވެގެންނެވެ. މިގޮތުން މި ކުޑަކުޑަ މާލްދީބުވެސް، ޤައުމެއްގެ ގޮތުގައި މި ރަމްޒުކޮށްދެނީ، އެތައް ކަމެއް އެކުވެގެންނެވެ.
އެއްވެސް ޝައްކެއްނެތެވެ. ދިވެހިރާއްޖެ، ދިވެހިރާއްޖެއަށް ވަނީ، ޙުއްރިއްޔަތު އޭގެ ޙަޤީޤީމާނައިގާ ލިބިފައިވާތީއެވެ. އަދި މުސްތަޤިއްލު ވެރިކަމެއް އޮތީމައެވެ. ވަކި ސަޤާފަތެއް ޚާއްސަވެފައި ވީމައެވެ. ދިވެހިން ދިވެހިންގެ ގޮތުގައި ސިފަކޮށްދޭނީ، ދިވެހި ސަޤާފަތެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ދިވެހިންނާއި ބޭރުމީހުންނާއި ވަކިކޮށްދޭ އިންފާރަކީ، ދިވެހިންގެ މާދަރީބަހެވެ. ދިވެހިންގެ އިސްތިޤުލާލެވެ. ދިވެހިންގެ ގޮތެވެ. ދިވެހިންގެ ފޮތެވެ.
ޔަޤީނެވެ. އަންހެންކުއްޖަކުދެކެ އިޙްލާސްތެރި ލޯބިވާނަމަ، އެ ކުއްޖެއްގެ ގައިގާ ހުރި، ހުރިހާ ސިފަތަކެއް ދެކެ ލޯބިވާނެއެވެ. އެކުއްޖަކާ ގުޅުންހުރި ކޮންމެ ކަމަކަށް ޚާއްސަ އަހައްމިއްޔަތެއް ދޭނެއެވެ. ހަމަ އެގޮތަށް ޤައުމުދެކެ ލޯބިވާން ބޭނުންނަމަ، ޤައުމީ ހުރިހާ ކަމެއްދެކެ ލޯބިވާން ޖެހެއެވެ. އާދަކާދަތައް ދެކެއެވެ. ޤައުމީ އަބްޠާލުން ދެކެއެވެ. އަދި މާދަރީބަސްދެކެ ވެސް މެއެވެ.
އާދޭހެވެ. ގިނަމީހުންނަށް ލޯބިވުމަކީ ކޮބައިކަމެއް ނޭނގެއެވެ. ހަމަކަށަވަރެވެ. އެއްޗެއްދެކެ ލޯބިވާމީހާ، އެއްޗަކާއިމެދު ޚާއްސަ ނަޒަރަކުން ދެކޭނެއެވެ. ޚާއްސަ ސަމާލުކަމެއް ދޭނެއެވެ. ގެއްލުމެއް ވިޔަނުދީ ހިމާޔަތްކުރާނެއެވެ. އަމާނާތްތެރިކަމާއެކު ރައްކާތެރިކުރާނެއެވެ. އޯގާތެރިކަމާއެކު އަޅާލާނެއެވެ. ފޫހިކަމެއްނެތި އެ އެއްޗަކަށްޓަކައި ދެމިހުންނާނެއެވެ.
ދަންނަވަންތޯއެވެ. ތިބާ ޤައުމުދެކެ ލޯބިވެޔޭ ކިޔާފައި، މިއަދު ތިޔަކުރާ ދަޢުވާ އާއިމެދު ޝައްކުއުފެދެއެވެ. ޤައުމުދެކެ ލޯބިވާނަމަ، މާދަރީބަހަށް ހިތުހުރިގޮތެއް ނުހަދާނެއެވެ. ދިވެހިބަހަކީ، ނިކަމެތި ފަޤީރުބަހެކޭ ބުނެ އެހެން ބަސްތަކަށް އިސްކަމެއްނުދޭނެއެވެ. ދިވެހިބަސް ކޮށާ ކުދިކޮށް އިނގިރޭސިބަހާއި މަސްހުންޏެއް ނުކުރާނެއެވެ. މަޢުނަވީ ދިވެހި ބަސްތަކަށް ހަޖޫޖަހައެއް ނުހަދާނެއެވެ. އަދަބީ ތަރިކަތައް ރައްކާތެރިކުރަން މަސައްކަތްކުރާނެއެވެ.
އަދި ކީއްތޯއެވެ. ޤައުމުދެކެ ލޯބިވާނަމަ ސަޤާފަތް ދިރުވާ އާލާކުރާނެއެވެ. ހުޅަނގުގެ ގޮތްތަށް ނަކަލުނުކޮށް، ދިވެހިންގެ އާދަކާދަތަކުގައި ހިފަހައްޓާނެއެވެ. ކާބަފައިން ގެނެސްދިން ރިވެތި ގޮތްތަކުގައި ހިފަހައްޓާނެއެވެ.
އަދި ހަމަ އެހެންމެ ޤައުމުދެކެ ލޯބިވާނަމަ، ތާރީޚު ރައްކާތެރިކުރާނެއެވެ. ތާރީޚުން ޢިބުރަތް ލިބިގަނެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން މަސައްކަތް ކުރާނެއެވެ.
އާދެ! އިސްވެ މިފާހަގަކުރި ކަންތައްތަކުންވެސް ދިވެހިންގެ ހިތުތެރޭގައި ޤައުމަށް ލޯބިއޮތީ ކޮން ދަރަޖައަކަށް ކަން ހާމަވެއްޖެ ނޫންތޯއެވެ.
ވަސްވާހެއްނެތެވެ. މިއަދު މިވަނީ ލޯބިވާންޖެހޭގޮތް ވެސް އޮޅިފައެވެ.
އާދޭހެވެ. ޤައުމުދެކެ ލޯބިވުމަކީ، ހަމައެކަނި ދިވެހިރާއްޖޭގެ ރީތި މަންޒަރުތައް ދެކެ ލޯބިވުމެއްނޫނެވެ. ޤައުމުދެކެ ލޯބިވުމަކީ، ދިވެހި ސަޤާފީ ހެދުން އަޅައިގެން އަހަރަކު އެއްފަހަރު ތަމްސީލު ކުޅުމެއްވެސް ނޫނެވެ. ޤައުމުދެކެ ލޯބިވުމަކީ، ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުޅެވެމުންދާ ފުޓުބޯޅަ މެޗެއް ނިމެންދެން ދިދަ ވިހުރުވަވިހުރުވާއިލާ އިނުމެއްވެސް ނޫނެވެ. މި ކަންތައްތަކާއި އެކުވެސް އަޅުގަނޑު ކުރިން ފާހަގަކުރި، ދިވެހިބަހާއި ސަޤާފަތާއި ތާރީޚުދެކެ ލޯބިވުމެވެ.
ޤައުމުގެ ދަރިންނޭވެ! އަބަދުވެސް ޤައުމު އިސްކުރާށެވެ. ޤައުމުދެކެ އިންތިހާއަށް ލޯބިވާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި