މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ ޕްރޮޑަކްޝަން ހައުސް ‘މީ ޕްރޮޑަކްޝަންސް’ އިން އުފައްދަމުންދާ ބިރުވެރި ފިލްމު “ކާކު؟” މި އަހަރުގެ އޯގަސްޓް 01 ގައި ރިލީޒްކުރާނެ ކަމަށް މުނިއަވަސް މެދުވެރިކޮށް، ފުރަތަމަ ފަހަރަށް އިޢުލާނުކޮށްފި އެވެ.
ނިމިދިޔަ ރަމަޟާން މަހު ‘މީ ޕްރޮޑަކްޝަންސް’ އިން ދިވެހި ވީޑިއޯ ސްޓްރީމިން އެޕްލިކޭޝަން ބައިސްކޯފަށް އުފައްދައިދިން ބައިސްކޯފުގެ އޮރިޖިނަލް ވެބްސީރީޒް “އަހަރެންވެސް ލޯބިވޭ” ގެ ކާމިޔާބަށް ފަހު، ބިރުވެރި ފިލްމު “ކާކު؟“ގެ ޕްރޮމޯޝަން މަސައްކަތް ފަށާފައި ވާކަމަށް ވެސް ފިލްމުގެ ޑައިރެކްޓަރ މުހައްމަދު އަބޫބަކުރު (މާއެނބޫ) ބުންޏެވެ.
“ކާކު؟“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރ ‘މުނިއަވަސް’ އަށް ރޭގެ ވަގުތެއްގައި މަޢުލޫމާތު ދެމުން މާއެނބޫ ބުނީ މިހާރު ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން ކުރިއަށްދައިރު، ޕްރޮމޯޝަންގެ މަސައްކަތްވެސް ކުރަން ފަށާފައިވާ ކަމަށެވެ.
މަޝްހޫރު ސްކްރީން ރައިޓަރ މަހުދީ އަހުމަދުގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމު “ކާކު؟” އިން ފެނިގެންދާނީ ރަށަކަށް ގޮސް ގެއެއްގައި މަޑުކުރާ ފަސް ރަހުމަތްތެރިންނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ.
މަޝްހޫރު ތަރިންތަކެއް ހަރަކާތްތެރިވާ “ކާކު؟“ގެ ފުރަތަމަ ޓީޒާ އާއްމުކޮށްފައި ވާއިރު، އެ ޓީޒާއިން ބިރުވެރި އެތަކެއް މަންޒަރުތަކެއް ފެނިގެންދެއެވެ.
“ކާކު؟” ގެ ކާސްޓަށް ބަލައިލާއިރު، ފިލްމު ”އެ ދަތުރު“ އާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އާއި މާއެނބޫ މީގެ ކުރިން ގެނެސް ދިން ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން އަލަށް ތައާރަފުވާ ޔާސިރާ އާއި މިހާރު ކުރިއަރަމުން އަންނަ އިރްފާނާ އިބްރާހީމް (އިރޫ) ހިމެނެވެ.
“ކާކު؟” ގެ ވަރަށް ހާއްސަ ރޯލަކުން ’އެއްގާގަނޑުން ޖަހައި ދެދޫނީ މަރައިލާ‘ ހާމިދު އަލީ ވެސް ފެނިގެން ދާނެ އެވެ. މައިގަނޑު ކާސްޓުންގެ އިތުރަށް ކުޅުުއްފުށީ ބައެއް މީހުންވެސް ފިލްމުގައި ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެ އެވެ.
“ކާކު؟” މިއީ ބިރުވެރި ފިލްމެއްކަމުން ވަރަށް ގިނަ ސްޕެޝަލް އިފެކްޓްތައް ހުންނާނެ ކަމަށާއި ވަރަށް ފުރިހަމަ ގޮތެއްގައި ސްޕެޝަލް އިފެކްޓްތައް ހަދައިދީފައި ވަނީ ބޮޑު ރިޔާ ކަމަށް ފިލްމުގެ ޑައިރެކްޓަރ މާއެނބޫ ބުންޏެވެ.
“މީގަ ހުންނާނެ ވަރަށް ތަފާތު، އާދަޔާޚިލާފް ސްޕެޝަލް އިފެކްޓްތައް. އެހެން ފިލްމުތަކުން ފެނިފައި ނުވާ ވަރަށް ފެންވަރު ރަނގަޅު އިފެކްޓައްވެސް ވެސް ހުންނާނެ.” މާއެނބޫ ބުންޏެވެ.
ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. މި ފިލްމަކީ ބިރުވެރި ހާދިސާ ތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.
ފިލްމު “ކާކު؟” ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ‘މުނިއަވަސް‘ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!