ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތުގައި ތަޖުރިބާތަކެއް ޙާޞިލްކޮށްފައިވާ އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި”ގެ ޕްރޮމޯ ލަވަ މާދަމާ މެންދުރުފަހު 14:30 ނެރޭނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

ބަވަތި”ގެ ޕްރޮމޯ ވީޑިއޯ ލަވަ ނެރުމަށް ހަމަޖެހިފައިވަނީ ވީޓީވީގެ މެހެމާންސަރާ ޕްރޮގްރާމުގައެވެ. އެއަށްފަހު މާދަމާ ރޭ 20:30 ގައި މީސްމީޑިއާ އަށް ރިލީޒްކުރުމަށް ނިންމާފައިވާކަމަށް މި ފިލްމުގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރ ‘މުނިއަވަސް‘ އަށް މިއަދު މަޢުލޫމާތު ދެމުން ބުންޏެވެ.

މިއަހަރު ސެޕްޓެމްބަރު 2 ވަނަ ދުވަހު ރިލީޒްކުރާ ”ބަވަތި”ގެ ޕްރޮމޯ ލަވަ ‘ބަވަތި’ ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލްއިން ފެނިގެންދިޔަ ލަވަކިޔުންތެރިޔާ ޖައިޝާ ވަހީދު އެވެ. މިއުޒިކް ހެދީ މިސްޓީ އެވެ. ލަވައިގެ ޅެން ހަދާފައިވަނީ އިލްޔާސް ވަހީދު އެވެ. ކޮރިއޮގްރަފީ ހެދީ ޝަރަފުލް އަމީރް (ކުޑަ ރިޗާޑް) އެވެ. ކޮސްޓިއުމްސް ފޯރުކޮށްދިނީ ރިއުޒް ބުޓިކް އިންނެވެ. ރުޠުބާ އަޙްމަދު މޭކަޕް ހަދައިދީފައި ވާއިރު ހެއަރ ސްޓައިލް ހެދީ ހައްވާ ޒާހިރާ އެވެ.

ލަވައިގެ ސެޓް ޑިޒައިން ހަދައިދިނީ ކުރަހާ ރާއްޕެ އެވެ. ލަވައިން ފެނިގެންދާނެ ނެށުންތެރިންނަކީ ރަޒާން، ނައިޒަން، އިރުޝާދު އަދި ތޮލާލް ކަމަށް ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު ބުންޏެވެ.

ބަވަތި”ގެ ޕްރޮމޯ ލަވައިގެ ޓީޒާއެއް ވެސް މިހާރު އާއްމުކޮށްފައި ވާއިރު، މިއީ މި އަހަރު ސިނަމާއިން ފެންނާނެ ތަފާތު، މޮޅު ފިލްމު ތަކުގެ ތެރެއިން އެއް ފިލްމަށް ވެގެންދާނެ ކަމަށް ޤަބޫލުކުރެވޭ ފިލްމެކެވެ.

ފިލްމު ”ބަވަތި”ގެ ތަރިންނަކީ ވިދަމުން އަންނަ ޒުވާން އުންމީދީ ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި ފީޗާ ފިލްމަކުން އަލަށް ތައާރަފުކުރާ އަހުމަދު އިފްނާޒް ފިރާގެވެ. ފިލްމު ”ބަވަތި”ގައި މަންމައެއްގެ ރޯލުން ފެނިގެންދާނީ އާ ފަންނާނެކެވެ. ނުޒޫ ފިޔަވައި މި ފިލްމުން މުޅިންވެސް ފެންނާނީ ފިލްމީ ދާއިރާއަށް އާ ތަރިން ކަމަށް ޑައިރެކްޓަރ އިލްޔާސް ބުންޏެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރަނީ އިލްޔާސް ވަހީދު އެވެ. ”ބަވަތި”ގައި ކިޔައިދޭނީ ކައިވެނިކޮށް، ފިރިމީހާއާ އެކު މާލެ އަށް ދިރިއުޅުން ބަދަލުކުރާ ޒުވާން އަންހެނަކަށް ދިމާވާ ހާދިސާތަކެއް ކަމަށް ޑައިރެކްޓަރ ބުނެއެވެ.

ފިލްމު ޕްރޮޑިއުސް ކުރަނީ އާސިމް އަލީ އާއި އަހުމަދު ވަހީދުގެ އައި ފިލްމްސް އިން ނެވެ. ބަވަތި“ ކެމެރާމަނަކީ މިހާތަނަށް އެތައް ފިލްމެއް ކެމެރާކޮށް، އެވޯޑް ވެސް ހޯދާފައިވާ އަދި ދިވެހި ސިނަމާގެ އެންމެ ހުނަރުވެރި ކެމެރާމަނުންގެ ތެރޭގައި ހިމެނޭ އިބްރާހީމް (ކަނޑި) ވިސާމް އެވެ. ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްސް ވެސް ހިމެނޭ ފިލްމުގެ ވީއެފްއެކްސް މަސައްކަތް ކުރަނީ އެ ދާއިރާ އިން ގިނަ ބައެއްގެ އިތުބާރު މިހާރު ހޯދާފައިވާ ސްޓޫޑިއޯ އޯކޭޒުންނެވެ.

ބަވަތި”ގެ މަންޒަރުތައް ނަގާފައި ވަނީ ކ. ކާށިދު އާއި މާލޭގަ އެވެ.”ބަވަތި”ރިލީޒް ކުރަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ‘މުނިއަވަސް‘ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.