އާދޭހެވެ. ހުރިހައި ގޮތަކުން ފުރިހަމަ މީހެއް ނޫޅޭނެއެވެ. އަދި ގޯހެއް ނުހެދޭނެ ހަމަ އެކަކުވެސް ނުވެއެވެ. އޭގެތެރޭގައި އެނގިގެން ހަދާ ގޯހާއި، ނޭނގި ނަމަވެސް ހެދޭ ގޯސްތައް ހުންނާނެއެވެ. މިކަމުން އެއްވެސް މީހަކު އިިސްތިސްނާވެގެން ނުވެއެވެ. ޢާއްމު ފަރުދެއް ވިޔަސް ވެރިޔެއް ވިޔަސް މެއެވެ.

ޤަބޫލުކުރަމެވެ. ގޯސްހަދައިފި ނަމަ ރަނގަޅުގޮތް ބުނެދޭންވެސް ޖެހެއެވެ. ކުށެއް ކޮށްފިއްޔާ އަދަބު ލިބެންވެސް ޖެހެއެވެ. ކަމުނުދާ ކަމެއްނަމަ، ކަމުދާގޮތް އަންގައިދޭންޖެހެއެވެ. އަދި ކަމުދިޔަސް ކަމުނުދިޔަސް ފާޑުކިޔުމަކީވެސް އޮންނަކަމެކެވެ. އެހެންނަމަވެސް ނަސޭހަތްތެރިވުމަށް ވަކިގޮތްތަކެއް އޮވެއެވެ. އަދަބުދިނުމުގައި މިންގަނޑުތަކެއްވެސް އޮވެއެވެ. ރަނގަޅުގޮތް ބުނެދޭނެ ދަނޑިވަޅުތަކެއް ވެސް އަންނާނެއެވެ. އަދި ކިއެއްތަ ފާޑުކިޔާނެ ރިވެތި ހަމަތަކެއްވެސް ވާނެއެވެ. އެއްވެސް ޝައްކެއްނެތެވެ. ނަސޭހަތްތެރިވުމަކީ، ފަޟީހަތްކުރުމެއް ނޫނެވެ. ފާޑުކިޔުމަކީ، ބަދުނާމުކުރުމެއް ވެސް ނޫނެވެ.

އާދެ! މުޖުތަމަޢުގެ ހަ ފަރާތަށް ބަލާލީމާ، އަޖައިބުވާހާ ވެއެވެ. ވެރިޔަކަށް ތަބާވުމެއް ނެތެވެ. އަމުރަކަށް ކިޔަމަންވުމެއް ނެތެވެ. ޤަވާއިދަކަށް ޙުރުމަތްތެރިވުމެއް ނެތެވެ. ޤާނޫނަކަށް ބޯލެނބުމެއް ނުވެއެވެ. ދުލުގެ މިނިވަންކަމޭ ބުނެ، ހަޖޫޖެހުން މަޖަލަކަށް ހަދައިފިއެވެ. ފާޑުކިއުން އާޑަކިއުމަށް ބަދަލުވެއްޖެއެވެ. އެއްވެ އުޅުމުގެ މިނިވަންކަމޭ ބުނެ، ބައި ހަދައިގެން ވެރިންނަށް ހުތުރު ބަސްތައް އަމާޒުކުރުން ޢާންމުވެއްޖެއެވެ. ޕޯޑިއަމްތަކަށް އަރާތިބެ، ހަރުދަނާ ބަހުސްކުރުމެކޭ ބުނެ، ނަފުސުތައް ހަފުސްކޮށްފިއެވެ. ހަރުދަނާ އިދިކޮޅު ޖަމާޢަތެކޭ ބުނެ، ކަރުހިފުން ނޫންކަމެއް ވޭހެއްޔެވެ. ޤައުމު ބިނާކުރަނީއޭ ބުނެ ޤައުމު ފަނާކުރުން ނޫންކަމެއް ވޭހެއްޔެވެ.

އިސްވެ މިދެންނެވީ ހައްތާވެސް މިއަދު މުޖުތަމަޢުން ފެންނަމުންދާ ކަންތައްތަކެވެ. ކުރީގައި ބަޔާންކުރި ފަދައިން، ވެރިންނަށްވެސް ގޯސް ހެއްދެވޭނެއެވެ. ވެވަޑައިގަންނަވާ ވަޢުދުތައް ވަގުތުން ވަގުތަށް ފުއްދޭނެ އެއްވެސް ވެރިޔަކު ނުހުންނާނެއެވެ. ތަރައްޤީއަކީވެސް ކުއްލިއަކަށް އަންނާނެ އެއްޗެއްނޫނެވެ. ކަންޒުކަހަނބުގެ ދުވެލީގައި އޮތް ތަރައްޤީ އެއްމެ ދުވަހަކުން ފުއްލާގެ ދުވެއްޔަށް ބަދަލެއްވެސް ނުމެވާނެއެވެ.

ވީމާ އަޅުގަނޑުމެން ވެރިންނަށް ކިޔަމަންވާން ޖެހެއެވެ. އަމުރުތަކަށް ބޯލަނބަން ޖެހެއެވެ. ވެރިންނަށް ކިޔަމަންވުމަށް، މާތް ﷲ އެންމެހާ މީސްތަކުންނަށް އަންގަވާފައިވެއެވެ. ރުހުނަސް ނުރުހުނަސް އެއްވެސް ޙާލެއްގައި ވެރިންނާއި ދެކޮޅުވެރިވުމެއް ނުވެއެވެ.

އާދެ! އަޅުގަނޑު މިހެން ދެންނެވީމާ، “ދެން ބަލަން ތިބެންވީހޭ” ނުވަތަ “އެބޭފުޅުން ޖައްސަވާހާ ބެރަކަށް ނަށަނަށާ ތިބެންވީހޭ” ތިޔައިގެތެރެއިން ބޭފުޅަކު ހިތްޕުޅަށް އެރުންވެސް އެކަށީގެންވެއެވެ. ނޫނެކެވެ. އަޅުގަނޑު އެހެނެއް ނުދަންނަވަމެވެ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ވެރިންނަށް ކިޔަމަންވާ ވާހަކައެވެ. ގޯސްވެސް އެއީ ހެއްދެވޭނެ އެއްޗެއްކަމެވެ. އެއްވެސްކަމެއް މަގުން ކައްސާލާނަމަ، އެކަމަކަށް ނަސޭހަތްތެރިވާ ވާހަކައެވެ. ޚިޔާލުފާޅުކުރަންވެސް ޖެހޭނެކަމެވެ. ފާޑުކިޔަންވެސް ޖެހޭނެކަމެވެ.

ހަޖަމުކުރަން ދަސްކުރާށެވެ. އަރުތެރޭގައި ތާށިވަންޏާ، ކެތްތެރިކަމާއެކު ކުރިމަތިލާށެވެ. އަދި ވެރިން، ވެރިންގެ ގޮތުގައި ބަލައިގަންނާށެވެ. ވެރިޔާގެ ފަރާތުން ހިތްހަމަނުޖެހޭކަމެއް ފެނިއްޖެނަމަ، ދުޢާކުރާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.