އާދެ! ހުއްޓުމެއްނެތި ވައްވައް ޖަހަމުންދާ ކުއްތާއެއް ފަދައިން، ކެނޑިނޭޅި ބަރުގޮނު އަޅަމުން، ބާރު ދުވެލީގައި ސައިކަލު ދުއްވަމުން، އަންހެންކުއްޖަކާ އަރައި ހަމަވީމާ “މަންޖެ ކޮންތާކަށްތަ ތިދަނީ؟ މަޑުކޮށްލަބަލަ..، ލިފްޓެއްދޭންވީތަ..، ނަންބަރު ލިބިދާނެތަ..، ތިހެން އެއްޗެކޭ ނުބުނެ ދާއިރު އަދި މާރީތި… ވާހް.. ޗާލުކަން… ލޯބިކަން.. މަށަށް ލިބޭނެނަމަދޯ……. “

ދަންނައެ، އިސްވެ މިދެންނެވީ މިއަދުގެ ޙާލަތެވެ. މުޖުތަމަޢުގެ ޙާލެވެ. ބައެއް ފިރިހެނުންގެ ފާޑެވެ. އަދި ކިއެއްތަ! މި ބަޔާންކުރީ ކުޑަ މިންވަރެކެވެ. މިފަދަ ތަފާތު މޭރުމުން އަންހެންކުދިންނާއި ފޮށުން އިންތިހާ ދަރަޖައަށް އިތުރުވެއްޖެއެވެ. ހުތުރު ބަސްތަކުން މުޚާތަބުކުރުން ކަންބޮޑުވާ މިންވަރަށް އިތުރުވެއްޖެއެވެ.

އެއްވެސް ޝައްކެއްނެތެވެ. ކޮންމެ މީހަކަށްވެސް މިނިވަންކަން އޭގެ ޙަޤީޤީ މާނައިގާ ލިބެންޖެހޭނެއެވެ. ރައްކާތެރިކަން އެންމެ ފުރިހަަގޮތުގައި ލިބެންޖެހޭނެއެވެ. އެއީ އިންސާނީ ޙައްޤެވެ.

އާދޭހެވެ. މުޖުތަމަޢުގައި ދިރިއުޅޭނީ، އެކި ފަންތީގެ މީހުންނެވެ. ކޮންމެ މީހަކީ، ކައިރީގައި ފާރަވެރިޔެއް ބަހައްޓައިގެން، މަގުމަތީގައި ހިނގާބިނގާ އުޅެވޭނެ ފެންވަރުގެ މީހެއްވެސް ނޫނެވެ. އެހެން ކަމަށް ވުމުން ކޮންމެ މީހަކުވެސް، އެމީހެއްގެ ޒަރޫރީ ބޭނުންތަކުގައި، އެކަނިމާއެކަނި މަގުމައްޗަށް ނިކުމެ އުޅުމަށް، ހާލަތު މަޖުބޫރުކުރާ ފަހަރުވެސް އަންނާނެއެވެ.

އާހް! ރައްކާތެރިކަން ނުރައްކާތެރިކަމަށް ބަދަލުވެއްޖެއެވެ. މަގުމަތީގެ އަމާންކަން ނާމާންކަމަށް ބަދަލުވެއްޖެއެވެ. އަންހެންކުއްޖަކު ހިނގާފައި ދާނަމަ، ތުނބުންފުމެ، ތަފާތު އަޑު ލައްވައި، ގޯނާކުރުން ޢާންމުވެއްޖެއެވެ. ހޭވައްޓާލާފައި ފަސްފަހަތުން އަވަގުރާނަ ގޮވަމުންދަނީ ލަދެއް ތަދެއްނެތި އެވެ. މިގޮތަށް ޢަމަލުތައް ބަހައްޓަނީ، ހަމައެކަނި ޒުވާން ފިރިހެންކުދިންނެއް ނޫނެވެ. ދެބައި ޢުމުރުގެ ފިރިހެނުންގެ ޢަމަލުތައް ހުންނަގޮތުން ލަދުން ފިތްކަނޑައިގެންދާާވަރު ވެއެވެ. ހިނގާފައި ކީއްކުރަން، ސައިކަލުގައި ދިޔަސް ފަހަތުން ދަނީއެވެ. ދުލަށް އައިހާ އެއްޗެއް ގޮވަމުންދަނީ، ތަނެއްދޮރެއް ނުބަލައެވެ. ކިތަންމެ ގިނަބަޔަކު ތިބިކަމުގައި ވިޔަސް، ކިޔާނެ އެއްޗެއް ކިޔަނީއެވެ.

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިފަދަ ޢަމަލުތަކުން ނިކުންނަނީ، ވަރަށްވެސް ހިތި ނަތީޖާއެކެވެ. އެއްމެ މީހަކު ކުރާ އެއްމެ ޢަމަލެއްގެ ސަބަބުން، އޭގެ ގެއްލުން އެތައް ބަޔަކަށް ލިބެއެވެ. މުޖުތަމަޢުގައި މައިންނާއި، ބަފައިންނާއި އެމީހުންގެ ދަރިންވެސް ނިކުމެއުޅޭނެއެވެ. އެއްބަނޑު އެއްބަފާ މީހުންވެސް ނިކުމެ އުޅޭނެއެވެ. ގާތްތިމާގެ މީހުންނާއި އެއްކޮށް ނިކުމެ އުޅޭއިރު، މީހަކު ހުތުރު އެއްޗެހި ކިޔާއަޑު އިވުމަކީ، އެއްވެސް މީހަކު ބޭނުންވާނެ ގޮތެއްނޫނެވެ. ލަދުވެސް ގަންނާނެ ނޫންތޯއެވެ. ތުއްތު ތުއްތު ކުދިންނަށް މިފަދަ ހުތުރު އަޑުތައް އިވުނީމާ، އޭގެ ނޭދެވޭ އަސަރު އެކުދިންނަށް ވެސް ކުރާނެ ނޫންތޯއެވެ.

އާދޭހެވެ. މިފަދަ ޢަމަލުތަކަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލުތަކެކެވެ. ވަރަށްވެސް ނާތަހުޒީބީ ޢަމަލުތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.