އެތައް މިލިއަން މުސްލިމުންނެކޭ އެއްފަދައިން އިންޑޮނޭޝިއާގެ ކޯރީ އިރެޒާ ކަޢުބަތުﷲ ގެފުޅަށް ޒިޔާރަތް ކުރިއެވެ. އިސްލާމީ މި މުގައްދަސް ބިނާއާ ދާދިކައިރިން، ޝައުގުވެރިވި އެހެން ބިނާއެއް އޭނާއަށް ފެނުނެވެ.

ޢުމްރާގެ މަތިވެރި އަޅުކަމަށްފަހު އިރެޒާއާއި އޭނާގެ ފިރިމީހާ ޑޯޑީއާއި ދެ ދަރިން ވީ މިބުނެވުނު ބިނާއަށް ޒިޔާރަތްކުރި ފުރަތަމަ މީހުންގެ ތެރޭގައެވެ. މިބިނާއަކީ ދުނިޔޭގެ ތިން ވަނައަށް އެންމެ އުސް އިމާރާތެވެ. އިރެޒާގެ އާއިލާ ޒިޔާރަތްކުރީ އެ އިމާރާތުގައިވާ ދާރުލް އާސާރަކަށެވެ. ދުނިޔޭގެ އެންމެ ބޮޑު ގަޑި ހަރުކޮށްފައިވަނީ މި އިމާރާތުގެ އެންމެ މަތީގައެވެ.

މުސްލިމުންގެ އެންމެން އެތަނަކަށް ކުރިމަތިލައިގެން އަޅުކަންކުރާ ކަޢުބަތުﷲ ގެފުޅު ފެންނަގޮތަށް ހަދާފައިވާ މި ދާރުލްއާސާރު ހުޅުވީ މީގެ އެއްމަސް ކުރިންނެވެ.

އެތަން ފުރާލެވިފައިވަނީ ގުރަހަ ތަކަކާއި ގުރަހެލި ތަކެއްގެ މާދިރީންނާއި ފަރުމާ ތަކަކުންނެވެ. ސަޢޫދީ އިދާރާތަކުން ބޭނުންވަނީ މިތަނުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ މުސްލިމް ފަތުރުވެރިންގެ އަދަދު ގިނަކުރުމަށެވެ.

“ކަޢުބަތުﷲ ގެފުޅު ވަށައިގެން ޠަވާފް ކުރާތަން 600 މީތަރު މަތިން ފެނުމަކި ހިތަށްވެސް ނުގެނެވޭފަދަ އުފާވެރިކަމެއްލިބޭ މަންޒަރެއް.” ޑޯޑީ ބުންޏެވެ. މާތްވެގެންވާ މި ބިމުގައިވާ ކަޅު ފަރުބަދަތަކުގެ މެދުގައިވާ މި މިސްކިތުގެ ރިވެތިކަން ދެކޭން ދޮޅަހަކަށް މީހުން އެވަގުތު ދާރުލްއާސާރުގައި ތިއްބެވެ.

ކުރިންވެސް ބުނެވުނު ފަދައިން ދުނިޔޭގައިވާ އެންމެބޮޑު ގަޑި ބެހެއްޓިފައިވަނީ މި ބިނާގެ އެންމެ މަތީގައެވެ. ހަތަރުފަރާތަށް ފެންނަގޮތަށް ހުރި މި ގަޑީގެ ކޮންމެ މޫނުމައްޗެއްގައި 43 ގުނަ 43 މީޓަރު ހުރެއެވެ. މިގަޑީގެ ބަރުދަނަކީ 36،000 ޓަނެވެ. މިއީ ލަންޑަންގެ ވެސްޓްމިންސްޓަރ ގައި ހުންނަ ބިގްބެން ނަމަކަށްކިޔޭ ގަޑިއަށްވުރެ 35 ގުނަ ބޮޑު ގަޑިއެކެވެ.

ވެލީގެ ތޫފާންތަކާއި ވަޔާއި ވާރޭން ރައްކާތެރި ވެވޭނެ ސަލާމަތީ ފިޔަވަޅު އަޅާފައިވާ މި ގަޑި ވަނީ 100 މިލިއަން ކުރިކީލަ ކޮޅުންނާއި 24 ކެރެޓްގެ ރަންފަތް ތަކަކުން ޖަރީކުރެވިފައެވެ.

ހަތް މުންނާރު ކައިރީގައިވާ މި އުސް ގަޑިޓަވަރުގައި 3000 ކޮޓަރިއާއި އެޕާޓްމަންޓް ހުރެއެވެ. ތާރީޚީ އުޘްމާނީ ޚިލާފަތުގެ އަޖްޔަދު ބުރުޒު، 2000 ވަނައަހަރު ތަޅާލާފައި ބިނާކުރި މި ޢަރަބް އަލްބައިތު އެކުވެނީގެ ސަބަބުން ތުރުކީއާމެދު ސިޔާސީ ހަމަނުޖެހުމެއް ހިނގިއެވެ.

ގަޑީގެ މަތީގައި ހަރުކޮށްފައިވާ 128 މީޓަރުގެ އުސް ދަނޑީގެ ކޮޅުގައި 23 މީޓަރުގެ ރަންކުލައިގެ ހަނދުފަޅިއެއް ހަރުކޮށްފައި ވެއެވެ. 2 މިލިއަން ލެޑްގެ އެހީގައި ރޭގަނޑަށް ހުޅުދާން ކޮށްލެވޭ މި ގަޑި 8 ކިލޯމީޓަރު ދުރަށް ފެނެއެވެ.

މިތަނަށް ޒިޔާރަތްކުރި ދޮޅަހަކަށް ފަތުރުވެރިންގެ ތެރޭގައިހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޢަމްރު މުޙައްމަދު މަސްޢަދީ، ބިއްލޫރި ބޯ ފިލާތަކެއްގައި ލިޔެފައިވާ މައުލޫމާތުތަކެއް ކިޔުމުގައި އަވަދިނެތި އުޅުނެވެ.

“ފުރަތަމަ އަހަރެން ހީކުރީ މިއީ ހަމައެކަނި ވަގުތު ބަލަން ހަދާފައިވާ ގަޑިއެއްކަމަށް. ނަމަވެސް އަހަންނަށް ފަހުން އެނގުނު ގޮތުގައި މިއީ ވަރަށް ބިޔަ މަޝްރޫޢެއް. މިތަނުން އަހަންނަށް ކައުނުގެ އުމުރާއި ގުރަހެލިތަކުގެ މައުލޫމާތު ފަދަ ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބިއްޖެ.” މަސްޢަދީ ބުންޏެވެ.

ދާރުލްއާސާރުގެ ފުރަތަމަ ބުރީގައި ވަނީ ކައުނާއި ގުރަހެލިތަކުގެ މައުލޫމާތާއި އެއާގުޅޭ ކުރެހުން ތަކެކެވެ. ދެވަނަ ބުރި ޚާއްސަކުރެވިފައިވަނީ އިރާއި ހަނދާއި ބިން އިރު ވަށައިގެން ދައުރުވާގޮތް ދައްކައިދޭ މާދިރީ ތަކެކެވެ. ތިންވަނަ ބުރީގައިވަނީ ވަނީ ވަގުތު މިނާނެގޮތް އުނގަންނައިދޭ ތަކެއްޗެވެ. އެންމެމަތީގައިވާ ބެލްކަނިން ކައުބަތުﷲ ގެފުޅު ވަރަށް ރީއްޗަށް ފެނެއެވެ.

މެންދުރުނަމާދަށް ގޮވުމުން މަސްޢަދީއާއި ދެންތިބި ދޮޅަހަކަށް މީހުން ބެލްކަނީގެ ޗެންޗޭނުގެ އެތެރޭގައި ސަފު ހަދާލިއެވެ.

މި ދާރުލްއާސާރު ހިންގަނީ ބާރުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ މިސްކު ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ. ދާރުލްއާސާރުގެ ސުޕަވައިޒަރު އަލް-މިލެއާކީ ބުނާގޮތުން މިތަނަށް ދުވާލަކު 1200 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިތަން ހުޅުވީ މެއި މަހުގެ ދެވަނަ ހަފުތާގެ ތެރޭގައެވެ. ވަނުމުގެ ޓިކެޓްގެ އަގަކީ 40 ޑޮލަރެވެ. މަސްފެށޭ ދުވަހުގެ ހަނދު ބެލުމަށާއި ހަނދާބެހޭ ދިރާސާކުރަން ވެސް މިތަން ބޭނުން ކުރެވޭނެކަމަށް އޭނާ ބުންޏެވެ.

ތެލުންލިބޭ އާމްދަނީ ނަގާފައި ދެން އެންމެބޮޑު އާމްދަނީއެއް 2030 ވަނަ އަހަރު އަންނަން ވާއިރަށް ލިބޭނީ ފަތުރުވެރިކަމުން ކަމަށް ވަލީއަހުދު ތަސައްވަރު ކުރައްވައެވެ. އޭނާ ލަފާކުރައްވާ ގޮތުގައި އެއަހަރު އަންނަން ވާއިރަށް މިހާރު އަހަރަކު އަންނަ 20 މިލިއަން ފަތުރުވެރިންގެ އަދަދު 30 މިލިއަނަށް އަރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.