ފަތްތޫރައިގެ އައްޑިހަ އަށްވަނަ އަދަދަށް، އެ މަޖައްލާގެ ކުރީގެ މުޙައްރިރު އަލްމަރުޙޫމް އަލްއުސްތާޛް މުޙައްމަދު ޖަމީލުދީދީ ލިޔުމެއްގައިވެއެވެ. “ދަންނަވަންތޯއެވެ. ލިޔުމަކީ ބޮޑުކަމެކެވެ. ބޭނުންކުރާނެ ބަސް ހޮވާން ޖެހެއެވެ. ހޮވާ ބަސްތައް އަތުރާން ޖެހެއެވެ. އަދި އޭގެ އިތުރަށް ބަސްތަކުގެ މާނަތަކާއި ބޭނުންކުރުމުގެ ހަމަތައް އުނގެނޭން ޖެހެއެވެ. އަޅުގަނޑުމެންގެ ލިޔުންތެރީން މި ކަމަށް ވިސްނާނެ ނަމަ ހާދަ ރަނގަޅެވެ.” އާދޭހެވެ! ޖަމީލުދީދީގެ މި ބަސްފުޅުން ވެސް، ލިޔުމަކީ ބޮޑުކަމެއްކަން ހާމަވެއްޖެއެވެ. ލިޔުމެއް ބިނާ ވާނީ، ވަކި އުސޫލުތަކަކާއި ހަމަތަކެއްގެ މައްޗައްކަން ވެސް ފަހުމުވެއްޖެއެވެ. އެހެންނޫންތޯއެވެ!
ޝައްކަކަށް ޖާގައެއްނެތެވެ. ބަންޖެއްކަމުގައި ވިޔަސް، ރައިވަރެއްކަމުގައި ވިޔަސް، އަދިކިއެއްތަ ޅެމެއްކަމުގައި ވިޔަސް، އޭގައި ހަމަތަކެއް ހުންނާން ޖެހެއެވެ. އަދި ވާހަކައެއް ނުވަތަަ މަޒުމޫނެއްކަމަށް ވިޔަސްމެއެވެ. އެހެންނަމަވެސް މި ދެންނެވި ކޮންމެ ބައެއް ވެސް އޭގެ ޒާތުގައި ތަފާތުވެގެންވެއެވެ. ޅެން ހަދާއިރު ލަފުޒު ފުރޮޅައި ހެދިކަމުގައި ވިޔަސް، މަޒުމޫނެއްގައި އެހެން ހަދާން ވެއްޖެނަމަ ދެންވާނީ ކިހިނެއްތޯއެވެ. އާދެ! އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މަޒުމޫނެއް ނުވަތަ އެފަދަ އެހެން ލިޔުމެއް ނަމަވެސް، ލަފުޒުތައް ހުންނަންވާނީ ރީތިކޮށް އެތުރިފައިކަމެވެ. ލަފުޒުތައް އިސްފަސް ވެގެން ނުވާނެއެވެ. ތަރުތީބުން އަތުރައިލެވެން ވާނެއެވެ. ދަންނައެ، ކިތަންމެ މުއްސަނދި ބަސްކޮށާރެއްގެ ވެރިޔަކަސް، ލަފުުޒުތައް ރަނގަޅަށް އަތުރައިނުލެވުނިއްޔާ، އެ ލިޔުމުގައި އަސަރެއް ނުހުންނާނެއެވެ. އަދި ހަމައެހެންމެ ލިޔާ ޖުުމުލައިގެ މާނަ، ކިޔާމީހުންނަށް ފަހުމުނުވެ، ހިނިއަންނަ ޒާތުގެ މާނައެއް ދޭހަވުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެއްވެސް ވަހުމެއް ނެތް ފަދައިން، ކިޔާމީހާގެ ހިތަށް ނުފޫޒު ފޯރުވޭނީ، މި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ.
އިސްވެ މި ފާހަގަ ކުރި ނުކުތާތަކުގެ އިތުރަށް ވެސް ލިޔުންތެރިޔާ ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކެއް އެބަ ހުއްޓެވެ. ލިޔަމުންދާ އިރު ވަގުތާއި، ހާލަތާއި ތަނާއި އެންމެ އެކަށީގެންވާ ލަފުޒެއް ޚިޔާރުކުރަން ޖެހެއެވެ. މުނާސަބު ލަފުޒު ބޭނުންކުރާން ސަމާލުވާން ޖެހެއެވެ. މި ކަންކަމަށް ވިސްނުން ނުބަހައްޓާ ނަމަ، ލިޔުމުގައި އެއްވެސް އޮއްޓަރެއް ހުންނާނެތޯއެވެ.
ނޫސްމަޖައްލާތަކުން މިއަދު މިފަދަ ކުށް ފެންނަނީ، މަދެއްކޮށެއްނޫނެވެ. މިސާލެއް ދަންނަވައިލާނަމެވެ. “މުވައްޒަފުން މަދުވުމުން ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި: ކަސްޓަމްސް” އާދެ! މި ސުރުޚީގައިވާ “ގޮންޖެހުންތަކެއް” މިއީ މިތަނާއި އެންމެ އެކަށީގެންވާ ލަފުޒުތޯ ބަލައިލަން އެބަ ޖެހެއެވެ.
“ގޮންޖެހުން” މި ލަފުޒުގެ މާނައަށް ބައްލަވައިލެއްވުން ކީއްތޯއެވެ.
(1) އަންހެނުން އިހުގައި ޢީދުތެރޭގައިކުރާ ކަމެއް. މި ކަންކުރާ ގޮތަކީ، ފަހަތުން ދުވެފައި ގޮސް “ޢީދުބޮލަށްގޮން” މިހެން ކިޔައިފައި އެ ފިރިހެންމީހާގެ ބޮލުގައި ނުވަތަ ކޮނޑުގައި އަތުން ޖަހައިފައި ދިއުމެވެ. މިއީ، އަންހެނުންގެ ކެރޭކަން ދައްކަންކުރާ ކަމެކެވެ.
(2) ވާދަކުރުން.
(3) މަޖާޒު: މީހަކު ނުވަތަ ބަޔަކު ކަމެއްކުރުމުން އެހެން މީހަކު، ނުވަތަ އެހެން ބަޔަކު އެ ކަމެއް އެއަށްވުރެ މޮޅަށް ކުރާނެކަމަށް ބުނުން.
އެއްވެސް ޝައްކެއްނެތެވެ. “ގޮންޖެހުން” މި ލަފުޒުގެ މާނަ ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެއެވެ. ވީމާ އަޅުގަނޑު އިސްވެ ފާހަގަކުރި ސުރުޚީގައި “ގޮންޖެހުން” މި ލަފުޒު ގެނެވޭނޭ އެއްވެސް ގޮތެއް އެބަ އޮތްތޯއެވެ. ނެތެވެ. އެ ލަފުޒުގެ ބަދަލުގައި، އެތަނާ އެންމެ މުނާސަބު ވާނީ “ހުރަސް” ނުވަތަ “ދަތި” ނޫން ނަމަ “އުނދަގޫ” މި ލަފުޒުތަކެވެ. އާދެ! ” މުވައްޒަފުން މަދުވުމުން ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރި: ކަސްޓަމްސް” މި ގޮތް ކިޔައިލަން ވެސް ފަސޭހަ ނޫންތޯއެވެ!
ވަހުމުގެ ކަންފުޅެއް ވެސް ނެތެވެ. ޢަރަބިބަހަކީ، ދިވެހިބަހުގެ އެންމެ ގާތް އެއް އެކުވެރިޔާއޭ، ދެންނެވުމަކުން ދޮގަކަށްނުވާނެއެވެ. ސަބަބަކީ، ދިވެހިބަހުގެ ތެރޭގައި ގިނަ ޢަރަބި ލަފުުޒުތަކެއް އެކުލެވިގެންވުމެވެ. އާދެ! އެފަދަ ލަފުޒުތައް ލިޔެ އުޅުމަށް ޓަކައި ތިކިޖެހިތާނައިގެ ނަމުގައި ޚާއްޞަ ރަމްޒުތަކެއް ހުރެއެވެ. ވަކި ހަމަތަކެއްގެ މަތިން އެ ފަދަ ލަފުޒުތައް ބޭނުންކުރެވެން ފެށުނެވެ. އޭގެތެރެއިން ގިނަ ލަފުޒުތަކަށް މިއަދު ދިވެހިވަންތަކަން ވަނީ ލިބިފައެވެ. އަނެއް ބައި ލަފުޒުތައް ބޭނުންކުރެވެނީ، ކުރިން ވެސް ދެންނެވި ފަދައިން، ތިކިޖަހައިގެންނެވެ. މިއަދުގެ ލިޔުންތެރިން މިފަދަ ލަފުުތައް ބޭނުންކުރުމުގައި ފަރުވާތެރިވާންޖެހެއެވެ. ނުކުތާ ޖަހާ ތަނުގެ ގޮތުން ވެސް ލަފުޒުގެ މާނަ ބަދަލުވާނެއެވެ. ނުކުތާ ޖަހަން ޖެހޭ ތަނެއްގައި ނުޖަހާ ކަމަށްވާ ނަމަވެސް މާނަ ބަދަލުވެދާނެއެވެ. ދަންނައެ، “ސަޛާ” އާއި “ޝަޒާ”އަކީ ތަފާދު ދެ ލަފުޒެވެ. ސަޛާގެ މާނައަކީ، ނުބައިކަމަކަށް ލިބޭ ބަދަލެވެ. ޝަޒާގެ މާނައަކީ، މާމެލާމެލީގެ މީރުވަހެވެ. އާދެ! “ނުބައިމީހާއަށް، އޭނާ ކުރި ނުބައި ޢަމަލުތަކުގެ ޝަޒާ ލިބޭނެއެވެ.” މި ޖުމްލައިގައިވާ “ޝަޒާ”އާ މެދު ވިސްނައިލައްވާށެވެ. ޖުމްލައިން ބުނެދެނީ ކޯއްޗެއްތޯއެވެ. ޖުމްލައިގައި ބުނާ އެއްޗަކާ، މާނަ ފުށުއަރައެއް ނޫންތޯއެވެ. ޖުމްލަ ހަމައެއް ނުޖެހޭ، ދޮގެއްތޯއެވެ. މިހެންވުމުން އެ ޖުމްލައިގައި “ޝަޒާ” އޮތް މަޤާމުގައި އޮންނަންވާނީ، “ސަޛާ” އެވެ. ރަނގަޅު ގޮތަކީ އެއީއެވެ. ހަމައެހެންމެ “ޝ” އާއި “ށ” އޮޅުވާނުލާށެވެ. “ބޯޝި” އެއްނޫނެވެ. “ބޯށި” އެވެ. “ރަޙުމަތްލައްވާޝި” އެއް ނޫނެވެ. “ރަޙުމަތްލައްވާށި” އެވެ. ކަންމިހެން ހުރުމުން، ނުކުތާ ޖެހުމުގައި ވަރަށް ފަރުވާތެރިވާންޖެހެއެވެ. ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ.
ޒަމާނުގެ އޮއިވަރުގައި ބަހަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި އޮއިވަރުގެ ތެރޭގައި ބައެއް ލަފުޒުތައް އޮޔާ ބެހިގެން ވެސް ހިނގާއްޖެއެވެ. ހަމަ މި އޮއިވަރުގައި މާދަރީބަހުގެ އައްސޭރިފަށަށް ބޭރުގެ ބައެއް ބަސްބަހުގެ ލަފުޒުތައް ލައްގައި، އޭގެ ނުފޫޒުފޯރާފައި ވެސް އެބަހުއްޓެވެ. އެފަދަ ލަފުޒުތަކަށް ދިވެހި ސިފަތައް ލިބި ދިވެހިންގެ މިލްކަކަށް ވެފައި ވެސް އެބަ ހުއްޓެވެ. އޭގެ މިސާލެއް ދަންނަވައިލާނަމެވެ. “ޑޮލަރ” މިއީ އިނގިރޭސި ލަފުޒެކެވެ. އެހެނެއްކަމަކު މި ލަފުޒު ދިވެހިބަހުން ލިޔެވޭނެ ހަމައެއް ވެސް އޮވެއެވެ. މިހާރަކަށް އައިސް، މަދުންނަމަ ވެސް “ޑޮލަރ” ނުވަތަ “ޑޮލާ” މި ގޮތަށް ލިޔެފައިހުއްޓައި ފެނެއެވެ. އެކަމަކު ދަންނަވަންތޯއެވެ. އެއީ ކުށް ގޮތެކެވެ. ރަނގަޅު ގޮތަކީ “ޑޮލަރު” މި ގޮތެވެ. އަދިކިއެއްތޯއެވެ. “ފައިބާ” އެއްނޫނެވެ. “ފައިބަރު” އެވެ.
އާދޭހެވެ!. ލިޔުމާ މެދު ލިޔުންތެރިން ވިސްނާން ވެއްޖެއެވެ. ދިވެހިބަހުގެ ހަމަތައް އޮޅުވައި ނުލައި، ފަރުވާތެރި ވާންވެއްޖެއެވެ. ދިވެހިބަހުގެ ޤަވާއިދުތަކަށް ފަރިތަވާން ވެއްޖެއެވެ. ދިވެހިބަހުގެ މިތުރަކަށް ވާންވެއްޖެއެވެ. ދިވެހިބަހުގެ މާނަތައް އުނގެނޭން ޖެހިއްޖެއެވެ. ކުށް ނުލައި ލިޔާން ސަމާލުވާން ވެއްޖެއެވެ.
ކުށްނުލައި ލިޔާން އަޅުގަނޑުގެ އަމިއްލަ ނަފުސަށް ނަސޭހަތް ލިބިގަންނަ ޙާލު، ތިޔަ އެންމެ ކަތުންނަށްވެސް ނަސޭހަތްތެރިވަމެވެ. އާދެ! އަލްމަރުޙޫމް މުޙައްމަދު ޖަމީލްދީދީ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ލިޔުންތެރިން، ދިވެހިބަހުގެ ހަމަ ހިފެހެއްޓުމަށް ވިސްނަންވެއްޖެއެވެ. ވިސްނާނެ ނަމަ ހާދަ ރަނގަޅެވެ.
ބަހާ މެދު ޚާއްޞަ ސަމާލުކަމެއް ބަހައްޓަން ވެއްޖެއެވެ. ކުށް ނުލައި ދިވެހިބަހުން ލިޔާށާއި ވާހަކަ ދައްކާންވެސް ސަމާލުކަންދޭން ވެއްޖެއެވެ. ދިވެހިބަހުގެ މާދަމާއަށް ޓަކައެވެ. ދިވެހިބަހުގެ ޝަރަފާއި ދިވެހީން ދިވެހިވަންތަކަން މަތީ ހިނިތުން ވެ ތިބުމަށް ޓަކައި ވެސްމެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި