އާދޭހެވެ. ދިވެހި ބަަހަކީ، މުއްސަނދި ބަހެއްކަމާއިމެދު އެއްވެސް ވަހުމެއްނެތެވެ. އެއީ ކީއްވެގެންތޯއެވެ. ޝައްކެއްނެތެވެ. ދިވެހި ބަހަކީ، އަސަރުގަދަ ބަހެކެވެ. އެހާމެ ފޮނިކަން އެކުލެވިގެންވާ ބަހެކެވެ. މަޢުނަވީ ލަފުޒުތަކުން ފުދިގެންވާ ބަހެކެވެ. ކޮންމެ ކަމަކަށް އެތައް ލަފުޒެއް އެބަހުއްޓެވެ. އެލަފުޒުތަކުން ފަސޭހަކަމާއިއެކު ޝުއޫރުތައް ފާޅުކުރެވެއެވެ. ކަންމިހެން ވުމުން، ބޭނުންކުރާނެ ލަފުޒެއްނެތޭ ކިޔާފައި، އެހެން ބަސްބަހަށް އަޅުދާސްވެ އުޅުމުގެ މާނައެއް އެބައޮތްހެއްޔެވެ.

ބޭރުގެ ބަސްތައް ފަދައިން، ދިވެހިބަހުގައިވެސް ހަރުބަސްތައް ނުހަނުގިނައެވެ. މިސާލުބަސްތަކުން ބަހުގެ ފޯރުންތެރިކަން އިތުރުވެފައިވެއެވެ. މަޖާޒުތައް ތަނަވަސްވެފައި އެހާމެ ގިނައެވެ. މިއިންވެސް ދޭހަކޮށްދެނީ މާދަރީބަހަކީ، މުއްސަނދި ބަހެއްކަމެވެ. ކަންތައްތައް ފެންނާނީ، ހޯދައި ބަލައިގެން ނޫންހެއްޔެވެ. އެއްޗެއްގައި ހުރި މޮޅުކަމެއް އެނގޭނީ އެއާއިމެދު ފިކުރުކޮށްގެން ނޫންހެއްޔެވެ.

ވަރަށްވެސް ކުރު، އެކަމަކުވެސް ބޮޑު ލަފުޒަކަށް ނަޒަރުދެއްވަމާ ހިންގަވާށެވެ. ކޮންލަފުޒެއްތޯއެވެ؟ އެންމެ ދެއަކުރުގެ ލަފުޒެކެވެ. އެއީ ހިތެވެ. މި ލަފުޒާއި ގުޅިގެން ކިތައް ލަފުޒު އުފެދިފައިވޭތޯއެވެ. އާދެ! އަޅުގަނޑުގެ ގަލަން ކުރިއަށްގެންދާނީ، “ހިތް” މިކުރުކުރު ލަފުޒުގެ ގާތްތިމާގެ ބަސްތަަކަށް ބަލައިލުމަށްފަހުގައެވެ.

“އިންސާނުންގެ ތެރޭގައިވެސް ހާދަ ހިތްހެޔޮ މީހުންނާއި، ހިތްހަރު މީހުން އުޅެއެވެ. ހިތްކަޅު މީހުންނާއި ހިތްމޮޅު މީހުން އުޅެއެވެ. އެހެންނަމަވެސް ތިބާ ހިތްހެޔޮކުރާށެވެ. ހިތްސާފުކުރާށެވެ. އެހެންމީހުންނާއިމެދު ހިތްނުބައި ނުކުރާށެވެ. ހިތްނުބައި މީހުންނާއި ދިމާވެސްވާނެއެވެ. އެމީހުންގެ “ހިތް އޮންނާނީ ދެލިގަނޑެއްހެންނެވެ. ކަންއޮންނާނީ ވެލިގަނޑެއް ހެންނެވެ.”

އެހެންމީހުންގެ ހިތްތަރު ނުބަލާށެވެ. ހިތްވަރާއިއެކު ކުރިއަށްދާށެވެ. ހިތްފޮޅިގެންދާ ފަހަރުވެސް އަންނާނެއެވެ. ހިތް ފަޅައިގެންދާ ފަހަރުވެސް އަންނާނެއެވެ. މިއިން ކޮންމެ ކަމަކަށް ހިތް ރުހެންވާނެއެވެ. ހިތް ދާހާތާކަށް ހަށިނުފޮނުވާށެވެ. ހިތްގައިމުކަން ލިބޭނީ އޭރުންނެވެ. ތިބާގެ “ހިތް އޮންނާނީ ސިދުރަތުލް މުންތަހާގައޭ” ނުވަތަ “ހިތް އޮންނާނީ އާާސްމާނުގައޭ” ބުނުމުގެ ފުރުޞަތު އެއްވެސްމީހަކަށް ނުދޭށެވެ. ހިތްތިރިކަން އިސްކުރާށެވެ. ތިބާގެ ވަތުކިބައާއިމެދު ހިތްބުރަނުކުރާށެވެ. އެއީ މާޒީއެވެ.

މިތުރާއެވެ. ހިތްއެދޭ ކުއްޖަކުފެނި ހިތްދެވުމުން އަވަަހަށް ހިތް ބަންޑުންކޮށްލާށެވެ. ހިތްއަވަސްވާނެކަން އެނގެއެވެ. އެކަމަކުވެސް ކެތްތެރިކަމާއެކު ކުރިއަށްދާށެވެ. ކުއްޖާގެ ހިތްރުއްސައި މައިިދައިތަގެ ހިތްހަލާލު ހޯދާށެވެ.

ވޭތުވެދިޔަތަނުގައި ތިބާ ލޯބިން މަޙުރޫމްވެފަ ހުރިކަން ހިތްމައްޗަށް ގެންނާށެވެ. އެކުއްޖާގެ ލޯބި ހޯދުމަށް ހިތް ރުއްސައިގެން ގެންގުޅޭށެވެ. ބުނަންހެއްޔެވެ. ހިތްހައްޓާބެދޭވަރު ވީމާ އަނެކާގެ ހިތްދެރަ ނުކުރާށެވެ. ހިތްހަލާކު ނުކުރާށެވެ. ނޫނީ ހިތްފަޅައިގެން ހިނގައިދާނެއެވެ. އާދެ! ހިތްހިތުގައި ނުޖައްސާށެވެ. ހިތްނެތިއްޔާ ނުކުރާށެވެ.”

އާދޭހެވެ. ވަރަށްވެސް ސާފުނޫންތޯއެވެ. ހިތޭ މިކިޔާ ކުރުލަފުޒާއި ގުޅުންހުރި ލަފުޒުތައް ހާމަވެގެން ހިނގައްޖެ ނޫންތޯއެވެ. ދިވެހިބަހުގެ މުއްސަނދިކަން ފެނިގެން ހިނގައްޖެ ނޫންތޯއެވެ.

މިތުރާއެވެ. ތިބާ ދިވެހި ބަހަށް އަހުލުވެރިވާށެވެ. ބަހަކީ މާތް ﷲދެއްވި ވަރަށް ބޮޑުނިޢުމަތެކެވެ. ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ދިވެހިބަހުގެ މުއްސަނދިކަން ދެނެގަނެ އެއިން ފައިދާ ލިބިގަންނާށެވެ.

 

ބަސްކޮށާރު:

ހިތްތަރު

ނ

  • ހިތުގައިވާ ގޮތް.

ހިތްހައްޓާބެދުން

މ

  • މަޖާޒު:
  • ހިތްހަމަޖެހޭ ވަރުވުން.
  • ހިތްހަށިހަމަޖެހުން.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.