ދުވަހަކީ މޫސުން ރީތީ ނަލަ ވައިޖެހޭ ހިތްގައިމު ދުވަހެކެވެ. ހެނދުނުގެ ނާސްތާއަށްފަހު އަހަރެންވެސް ދިޔައީ އެކުވެރި ތިން ކުއްޖަކާއެކު އަތިރިމައްޗަށެވެ. އެދުވަހު އަހަރެމެން ހަތަރު އެކުވެރިންގެ މަސައްކަތަކަށް އޮތީ އަތިރިމަތީ ދެމަގު ދޭތެރޭގައި އޮތް ވަލުމިރިހި ތައް ކޮށައި އެތަން ސާފުކުރުމެވެ. އެއީ 03 ނޮވެންބަރު 1988 ވީ ބުރާސްފަތިދުވަހުގެ ހެދުނެވެ.

މަސައްކަތުގެ ފޯރީގައި އެކަކަށްވުރެ އަނެކަކު މޮޅު ވާހަކަ ދައްކާ ފޮނިކަނޑަމުންނެވެ. އެ އިރަކު ޚިޔާލެއް ފިކުރެއް ނުހުރެއެވެ. ގިނަ ދުވަސްދުވަހު ގެއަށް ދާނީ މަންމަ ހަޅޭއްލަވަން ފެށީމައެވެ. ކޮންމެއަކަސް މިގޮތަށް ފޯރީގައި މަސައްކަތުގައި ތިއްބާ އަހަރެމެން ހިސާބުގަނޑު އަވައްޓެރި ބޭބެއެއް ނިކަން ހަލުވި ހިނގުމެއްގައި ހަޅޭއްލަވަމުން އަންނާތީ ފެނިއްޖެއެވެ.

“އާޅޭނޭ ރަންކޮޅުމެންނޭ ދަރިންނޭ ތިހެން ތިބެވޭކަށް ނެތޭ ކަމަކު ދާކަށްނެތޭ ކާފަރުން މާލެހިފައިފިއޭ” ކިޔއި ގޮވާ ނަގަމުން އާދެއެވެ. އެ ވާހަކަތަކަކަށް އަހަރެމެން މާކަ ބޮޑު ސަމާލުކަމެއް ނުދެމުއެވެ. މަސައްކަތައިގެން ދިޔައީ ކުރިޔަށެވެ. ފޮނިކެނޑުންވެސް ވީ އިހުނަށްވުރެން އިތުރެވެ.

‘އެ ކާފަރުން އަހަރެމެން ކައިރިޔަށް އައިސްފިއްޔާ ވަޅިހަރާ މަރާލާނީއެވެ. ނޫނީ އަނދަވަޅަކަށް ވައްޓައިލާނީއެވެ. އޭރުން އަހަރެމެންނަށް ބަޑިވެސް ލިބޭނެއެވެ. ބަޑި ލިބުނީމާ ދެންތިބި ހުރިހާ ކާފަރުން މަރާލާނީއެވެ.’ މިފަދަ ފޮނިކެނޑުމައިގެން ކުރިއަށް ދިޔައިރު ބަޑީގެ ބުރަދަނެއް، ބަޑިޖަހާ ވަގުތު އެ އަންނަ ޝޮކުގެ ޕްރެޝަރެއް، ތަނެއްދޮރެއް ވެސް އަހަރުމެންނަކަށް ނޭގެއެވެ.

“އަދިވެސް ތިތާ އަތިރިމަތީގައި އެކަނި ތިބޭށެވެ. ގަންގާއިދުރީސް އެބައާދެއެވެ”. އަހަރެމެންގެ ތެރެއިން ކުއްޖެއްގެ މަންމަ އެއްގަމުން ގޮވައިލިއަޑު އިވުނެވެ. އެ ބުނާ ގަންގާއިދުރީހަކީ އޭރުގެ ކުދިން ނިކަން ބިރުގަންނަ މީހެކެވެ. އެހެންޏާފަހެ އެއީ ކުދިންގެ މޭވެސް ކާމީހެކޯލައެވެ. ކޮންމެއަކަސް މިހެންކިޔައި ގޮވައިލި އަޑު އިވުނުކަން އެނގުނެވެ. އެކުއްޖަކާ ޖެހުނު ދިމާއަކުން ދުއްވައިގަތީ ގެއާއި ދިމާއަށެވެ. ތާހިރުވެއްޖެއެއް ނޫންހެއްޔެވެ. މީ ކާފަރުން ގަޔަށް ވަޅިހަރާ އަނދަވަޅަށް ވައްޓަން ކިއި މީހުނަށް ވީ ވަރަކީ މިއީއެވެ.

ގެއަށް ދިޔައިރު މަންމަވެސް ތިބީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. އަހަރެންގެ އެންމެ ހަގު ކޮށްކޮ ނަގއި ކިހިލީގައިޖަހަގެން، ދެންހުރި ކޮއްކޮގެ އަތުގައިހިފައިގެންނެވެ. މަންމަގެ މޫނުމަތީގެ ހާސްކަން ފެނުމުން ހިނގައިގެންއުޅޭ ކަމަކީ ކުޑަކަމެއް ނޫންކަން އެނގުނެވެ. އަހަރެންގެ ބޭބެމެންވެސް މާލެދަތުރަށް ދަރުބަންނަން ހަމަ އެތާގައި ތިއްބެވެ. ބޭބެމެންގެ ވާހަކައިން ވާނުވާ ކުޑަކޮށް އޮޅުންފިލިއެވެ. މާލެއަށް ތަމަޅަ ބާޢީން އެރީއެވެ. އެތައް ދިވެހިންނެއް ޝަހީދުކޮށްލައިފިއެވެ. އަހަރެންވާ ގަތްބިރުން މަންމަގެ ލިބާހު ފަސްބައިގައި ހިފިގޮތަށް ދޫވެސް ނުކުރަމެވެ. ކިރިޔާ އަޑެއް އިވުނަސް ހުންނަނީ ބިރުން ސިހިސިހި އެވެ.

އިރުކޮޅަކުން އިވެންފެށީ ސަންގު ފުމޭ އަޑެވެ. ސަންގު ފުލުގައި އަތްތަޅާފައެވެ. ގައިމުވެސް އެމަޖެންސީވެއްޖެ ކަން އެނގުނީ ސަންގު ފުލުގައި އަތްތަޅާފައި ސަންގު ފުމުމުންނެވެ. ސަންގުފުލު އަތްތަޅާ ފުމެންފެށުމުން އެއީ ކުދިބޮޑު އެންމެން އެދިމާއަށް ވީ އެންމެ އަވަހަކަށް ދާންވީއެވެ. އަހަރެންވާ މަންމަގެ ލިބާހު ފަސްބައިން ދޫވެސް ނުކުރަމެވެ. އަހަރެންވެސް މަންމައާއެކު އެދިމާއަށް ދިޔައިމެވެ. ބޮޑު ކަތީބުގޭ ކައިރީގައި އަވަށުގެ ކުދިބޮޑު އެންމެން ޖަމާވެފައި އޮތެވެ. ރޯމީހުން ރޮނީއެވެ. ދަރިންކޮޅު ވީތަނެއް ނޭނގިގެން ދިމަދިމާއަށް މީހުން ފޮނުވާ މީހުންނެއްވެސް މަދެއްނޫނެވެ. އަހަރެން މަންމަގެ ލިބާހުން ދޫވެސްނުކުރަމެވެ. ކަތީބު އަންހެނުން ގޮވަމުންދެއެވެ. ހުރިހައިއެންމެން އަންނާށެވެ. މިގެއަށް ވަންނާށެވެ. އަވަށުގެ ގިނަބަޔަކު އެގެއަށް ވަންނަތަން ފެނެއެވެ. އަހަރެން ހީކުރީ މަންމަވެސް އެގެއަސް ވަންނާނެކަމަށެވެ. ނަމަވެސް ކަންވީ ހީކުރިގޮތާ ޚިލާފަށެވެ. މަންމަ ހިނގައިގަތީ ގެއާދިމާއަށެވެ.

އަހަރެމެން ގެއަށްގޮސް ގޭގެ ބޮޑުއަށީގައި އިށީނީ ކޮއްކޮމެން ގޮވައިގެންނެވެ. މަންމަ، ގޭގެ ދޮރުލައްޕައި ތަންޑު އެޅުވިއެވެ. ދޮރަކީ ދަނޑިން ހަދައި ސުތުލިގޯނިޖަހާފައި ހުރި ދޮރެކެވެ. މަންމަ އަހަރެމެން ކޮންމެކުއްޖަކަށް ރޯފަނި ތަށްޓެއް ދިނެވެ. ފަނިތަށި ބޮއެލައިގެން އަނގައިން ބަހެއްވެސް ނުބުނެ އަހަރެމެން ތީބީމެވެ. މެންދުރުވަގުތު ވުމުން ބޭބެއާއެކު ދިޔައީ މިސްކިތަށެވެ. ނަމާދުން ގެއަށްއައިރު ބައްޕަވެސް އައިސް ގޭގައި އުޅެއެވެ. ބައްޕަ މަސައްކަތްކުރަނީ ކައްދޫގައިކަމުން ގެއަށް އާދެވުނީ ރަންވޭ ބަންދުކޮށް މުވައްޒަފުން ގެއަށް ދޫކުރީމައެވެ.

ގާވެފައި އެގޮތަށް ގޭގައި ތިއްބާ އިވެންފެށީ ބޯޓެއްގެއަޑެވެ. މަތިންދަބޯޓެއްގެ އަޑެވެ. އެބޯޓުދުއްވީ ވަރަށް ތިރިންނެވެ. އެއީ ކުރިން ފެނިފަވާ ޒާތެއްގެ ބޯޓެއްނޫނެވެ. އަޅިކުލައެއްގައި ނިކަން ވަރުގަދަ ފާޑެއްޖަހާ ބޯޓެކެވެ. އަހަރެންވެސް ބޭބެމެންނާއެކު ނިކުމެ އެ ބޯޓު ބަލައިލީމެވެ. ގަންފައިވާ ބިރު އިހުނަށްވުރެ ބޮޑުވިއެވެ. އެކަނި އެއްވެސްތާކަށް ދާކަށްނުކެރެއެވެ.

ރޭޑިޔޯއިން އަޑެއް ކިޔާތޯ މަންމަ މަސައްކަތް ކުރެއެވެ. މާލޭ އެންމެން މަރުވީކަންނޭގެއެވެ. މަންމަ ބުނެލިއެވެ. އަސުރަށް ގޮވަން ގާތްވެފައި ހުއްޓާ އެއްކަލަ އަވަށްޓެރި ބޭބެ އަހަރެމެންގެއަށް އައެވެ.

“މިހާރު ކަންތައްތައް ދަނީ ހަމަޔަކަށް އެޅެމުންނެވެ. އިންޑިޔާ ސިފައިން ރާއްޖެއައިސް ދިވެހި ސިފައިންނާ ގުޅިގެން ތަމަޅަ ޓައިގަރުން ހިފާ ހައްޔަރުކޮށްފިކަމުގެ ޚަބަރު ލިބެެއެވެ. އިރާދަކުރެއްވިއްޔާ އެއްވެސް ނުރައްކަލެއްނެތެވެ.” އެބޭބެ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

އެއީ، އެ ނަލަ ވައިގެތެރޭ މިނިވަންކަމާއެކު އުޅެއުޅެ ތިއްބާ ބިރުން ރޮއްވައިލި ދުވަހެކެވެ. ހަނދާނުން ފިލައި ނުދިޔަ ބިރުވެރި ދުވަހެކެވެ.

ބަޑީގެއަޑެއް މަށެއް ނާހަން ކަނޑީގައި ހުރިވަރެއް ނުދެކެން
ކިޔާތީ ގައިމު އަޑު މައެހިން ޝަހީދޭކޮށްލަނީ އެބަޑިން
ކުރީގާ މަންމަމެން ބުނުމުން މިއަދު ފަތްފުއްތަކުން ފެނުމުން
ބިރުންގޮސްދޭ މަފިތްކެނޑިގެން ހިތަށް އައިމާ އެދުހުގެހަނދާން

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.