ނިޝާއަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ހިތްހެޔޮ ކުއްޖެކެވެ. އުމުރުން ދިހަ އަހަރު ވީއްސުރެ އޭނާއަށް އުފަލަކީ ނެތް އެއްޗެއް ފަދައެވެ. ހިތާމައަކަށްފަހު ހިތާމައެއް އޭނާއާއި ބައްދަލުކުރަމުން ދިޔައިރު އޭނާ ކެތްތެރިކަމާއެކު އެ ހުރިހާ ހިތާމަތަކެއް ބަރުދާސްތުކުރިއެވެ. ހަމައެކަނި ނުކުޅެދޭ ޙާލުގައި ބަލި އެނދުގައި އޮތް އޭނާގެ މަންމައަށްޓަކައެވެ.

ނިޝާގެ ހަނދާން ހުންނަން ފެށިއިރުވެސް އޭނާގެ ބައްޕައެއް ނުހުރެއެވެ. ރަށުތެރޭގައި ދެކެވޭ ވާހަކަތައް އޭނާއަށްވެސް އަޑުއިވެއެވެ. އޭނާއަކީ ބައްޕަ ނެތް ކުއްޖެކޭ ކިޔާ އަޑު އިވުމުން ލަދުގަނެއެވެ. ދެރަވެއެވެ. އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ވުމާއެކު މަންމައާއި އޭނާގެ ބައްޕައާއި ބެހޭގޮތުން ސުވާލުކުރެއެވެ. ނަމަވެސް އެސުވާލު ކުރާ ކޮންމެ ދުވަހަކީ އޭނާއަށް އެތައް އަނިޔާއަކާއި ކުރިމަތިލާންޖެހޭ ދުވަހެކެވެ. މަންމައަށް އެސުވާލަށް ޖަވާބު ނުދެވިގެން އުޅޭ ސަބަބެއް ނިޝާއަކަށް ނުވިސްނެއެވެ. ބައެއްފަހަރު ރަށުތެރޭ ދެކެވޭ ވާހަކައަކީ ތެދު ވާހަކައެކޭވެސް އޭނާއަށް ހީވެއެވެ. ނަމަވެސް އެފަދަ ހުތުރު ތުހުމަތެއް އެއްވެސް މީހަކާއިމެދު ކުރާކަށް އޭނާ ބޭނުމެއްނުވެއެވެ.

ނިޝާގެ ދިރިއުޅުމުގެ ހިތްދަތިކަމުގެ ތެރެއަށް އިތުރު ހިތްދަތިކަމެއް ލިބުނީ މަންމައަށް ދިމާވި އެކްސިޑެންޓެއްގައި ގައިގެ އެއްފަޅިން ވާގި ނެތުމުންނެވެ. ޙާލަތު ނިޔާކުރި ގޮތުން ނިޝާއަށް މަޖުބޫރުވީ ކިޔެވުން ހުއްޓާލާށެވެ. ގްރޭޑް ހަތަރަކުން ކިޔެވުން ހުއްޓާލައި އޭނާ މަންމަގެ ޚިދުމަތުގައި ދުވަސްތައް ހޭދަކުރަން ފެށިއެވެ. އޭނާގެ މަންމަ އޭނާއާއި ދޭތެރޭ ކިތަންމެ އިހާނެތިކޮށް ކަންތައްކުރި ނަމަވެސް އޭނާގެ ވާޖިބު އަދާކުރަން އޭނާ ބޭނުންވިއެވެ. އެއްވެސް ޝަކުވާއަކާނުލާ އޭނާ މަންމައަށް ޚިދުމަތްތައް ކޮށްދެމުން ދިޔައީ ނުހަނު އޯގާތެރިކަމާއި ލޯތްބާއެކުގައެވެ. ނިޝާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އޭނާގެ މަންމަ ނާހިދާއަށް އަމިއްލަ ކުށް އިހުސާސްކުރެވެއެވެ. ނިޝާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަކުރެއެވެ. ނިޝާގެ އެއްވެސް ކުށެއްނެތި އަނިޔާ ކުރެވުނީތީ އަމިއްލަ ނަފުސުދެކެ ރުޅި އާދެއެވެ. އެ ހުރިހާ އަނިޔާއަކާއި ވޭނެއްގެ ބަދަލުގައި އިންތިހާއަށް ލޯބިދޭން ނާހިދާ ބޭނުންވިއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އޭނާއަކީ އާރެއް ބާރެއް ނެތް ނިކަމެއްޗެކެވެ. އަމިއްލަ ހާލާއިގެން ނޫޅެވޭ ބޭކާރު މީހެކެވެ. މިއީ އޭނާ ކުރި ކުށުގެ ސަޒާއޭ ނާހިދާގެ ހިތް ބުނެއެވެ.

ގޭގެއަށް ގޮސް މަސައްކަތް ކޮށްދީގެން ނިޝާ އެ ދެމައިންނަށް ބަނޑުފުރާނަ މުއްތިކުރެވޭވަރު ކުރެއެވެ. އޭނާގެ އުމުރު މަތިވަމުން ދިޔަވަރަކަށް އޭނާ ކުރާ މަސައްކަތް އިތުރުކޮށް ލިބޭ ފައިސާ ފޮރުވައި ރައްކާކުރެއެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ ނުކުރެއެވެ. އޭނާއާއި އެއް އުމުރެއްގެ ކުދިން ސްކޫލަށް ކިޔަވަން ދާތަން ފެނުމުން އޭނާވެސް ކިޔަވަން ދާހިތްވެއެވެ. ނަމަވެސް އޭނާއަށް ހުރިގޮތަކީ އެއީކަމަށް އޭނާ ޤަބޫލުކޮށް ޝުކުރުކޮށްލައިގެން ހުންނަނީއެވެ. އެއް އުމުރުފުރާގެ ކުދިން ރީތި ހެދުންލައި ނަލަހެދިގެން އުޅޭތަން ފެނުމުން އޭނާއަށް އެފަދަ ހެދުން ނުލެވޭތީ ދެރަވެއެވެ. އޭނާ އެ ލާ ބާވެ ކުލަ ވެއްޓިފައިވާ ހެދުންތައް ލައިލައި ފޫހިވެއެވެ. ނަމަވެސް އޭނާގެ އަމިއްލަ ހައިސިއްޔަތު އޭނާއަށް ވިސްނެއެވެ. ވުމާއެކު އޭނާ އެއިން އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރެއެވެ.

ނިޝާގެ ފުރިހަމަވަމުން އަންނަ ހަށިގަނޑަށް ހިތްނުބައި ޒުވާނުންގެ ލޯތައް އަމާޒުވެއެވެ. ތާޒާ މަލުގެ ފޮނިކޮޅު ބޯލުމަށް އެދިއެވެ. އާ އެއްޗަކުން ރަހަ ބަލާލުމުގެ ބޭނުމުގައި ތިބި އެތައް މާބުރެއްވެސް އޭނާގެ ފަހަތުން އެނބުރެމުން ދިޔައެވެ. އޭގެ ތެރެއިން އެކަކަކީ އަދީލްއެވެ. އޭނާއަކީ ރަށަށް އެރި ބީރައްޓެއްސެކެވެ. މުއްސަންޖެކެވެ. އަންހެންކުދިންގެ ހިތްތަކަށް އަސަރުކުރުވާނެ ހިތްގައިމު ސިފަތަކެއް ލިބިފައިވާ ފިރިހެންވަންތަ ޒުވާނެކެވެ. އާއިލާއަށް އެހީތެރިވުމުގެ ނަމުގައި ގެއަށް އައިސް އުޅުމުގެ ތެރޭގައި އޭނާ ނިޝާއަށް އެކިއެކި ދުއްތުރާތައް ކުރިމަތިކުރެއެވެ. ނަމަވެސް ނިޝާއަށް އެއިން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރެއެވެ. އޭނާގެ ވާހަކަ ޤަބޫލުކުރާނެ މީހަކު ނުވާނެކަން އެނގޭތީއެވެ.

އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ނިޝާއަށް ހޭލެވުނީ އޭނާގެ ގައިގައި މީހަކު ބީހޭކަމުގެ އިހުސާސް ކުރެވިގެންނެވެ. އޭނާއަށް ހޭލެވުމާއެކު އެނދުމަތީގައި އޭނާގެ ހަށިގަނޑު މައްޗަށް ގުދުވެގެން އޮތް އަދީލް އޭނާގެ އަނގަމަތީ އަތްއެޅިއެވެ. ނިޝާއަށް ވާން އުޅެނީ ކީއްކަން ވިސްނެއެވެ. ވުމާއެކު އޭނާ ސަލާމަތްވާން ތެޅިފޮޅުނެވެ. ނަމަވެސް އަދީލްގެ ބާރުގަދަ ދެއަތުގެ ވަކިތަކުން ސަލާމަތްވުމުގައި ނިޝާއަކަށް ކާމިޔާބެއް ނުހޯދުނެވެ. ނިކަމެތިކަމުގެ އިންތިހާގައިވާ ނިޝާގެ ޢިއްފަތްތެރިކަން ފޭރިގަތީ އެއްވެސް ރަޙުމެއް ނެތިއެވެ. ނިޝާގެ ހިތް ކުދިކުދިކޮށްލާފައެވެ.

ހިތް ފުރޭވަރުވުމުން އަދީލް ހުއްޓާލިއިރު އޭނާގެ ފުން ނޭވާގެ އަޑު ވަނީ ކޮޓަރިތެރޭގައި ހަރުލާފައެވެ. ވަރުބަލި ފިލުވާލުމަށް ނިޝާގެ ގައިމަތިން ނުތެދުވެ އިރުގަނޑެއް ވަންދެން އޮތެވެ. ނިޝާގެ ލޮލުން އެއްވެސް ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައިރު އޭނާގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު ބޭރުވިއެވެ. އަދީލްގެ ވަރުބަލިކަން ފިލުމުން އޭނާ ތެދުވަމުންވެސް ނިޝާގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ގޯނާކޮށްލިއެވެ. އޭނާއަށް އެކަމުން ޚާއްސަ އުފަލެއް ލިބޭ ފަދައެވެ. ނަމަވެސް އޭނާ އެކުރީ ކިހާ ނުބައި ފާފައެއްކަން އޭނާއަށް ވިސްނޭނެނަމައެވެ. އަދީލް ތެދުވެ ހަށިގަނޑަށް އަންނައުނުތައް މަހާލައިގެން ދިޔައިރުވެސް ނިޝާ އޮތީ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުން ހަރަކާތެއްވެސް ގެންނަން ނުކެރިފައެވެ.

ނިޝާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރެވޭތޯ އޭނާ ހިތްވަރާއެކު މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ޖާނުން ވަރުގަދަ ފިރިހެނަކު އޭނާފަދަ ނާޒުކު އަންހެންކުއްޖެއްގެ ގައިގައި ހިފަހައްޓާލި ތަންތަނުގައި ރިއްސަމުން ދިޔައީ ކެތްނުކުރެވޭ ވަރަށެވެ. ދަށްބަނޑަށް ވާންވެފައި ހުރުމުގެ ސަބަބުން ދެފައި ކުރުކޮށްގެން އޭނާއަށް އޮވެވުނީ ކިހައި އިރަކު ކަމެއްވެސް ނޭނގުނެވެ. އެތައްއިރެއް ވަންދެން އެހެން އޮތުމަށްފަހު ހިތްވަރާއެކު އޭނާ ފާޚާނާއަށް ވަނެވެ. އެތައްއިރަކު ހަށިގަނޑުގައި ސައިބޯނިލައި ގައި ދޮވެ ރަނގަޅަށް ފެންވަރާލުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ހަށިގަނޑަށް ލިބުނެވެ. ނަމަވެސް އޭނާގެ ހިތަށް ކޮށްފައިވާ އަސަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

އެރެއަށްފަހު ކޮންމެ ރެއަކުވެސް އާދިލް އައިސް ނިޝާގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތް ފޯރުވައެވެ. އޭނާގެ ޖިސްމުން އުފާ ހޯދައެވެ. އޭނާގެ ޖިސްމު މުޑުދާރުކުރެއެވެ. މުޅި ދުނިޔެ މަތިން ފޫހިވާނެވަރު ކުރެއެވެ. ނަމަވެސް އޭނާއަކީ އެހާ ފަސޭހައިން ހިތްވަރު އެލުވާލާ ކަހަލަ ކުއްޖެއް ނޫނެވެ. އޭނާގެ ފަހުނޭވަޔާ ހަމައަށްވެސް އޭނާ ހިތްވަރުކުރާނެއެވެ. ކެތްކުރާނެއެވެ. އޭނާ ޔަޤީންކުރެއެވެ. ކޮންމެވެސް ދުވަހަކުން މާތް ﷲ އޭނާ މި މުސީބާތުން ސަލާމަތްކޮށްދެއްވާނެއެވެ. އެކަމަށްޓަކައި އޭނާ ތާއަބަދު ﷲގެ ޙަޟްރަތުގައި ދަންނަވައެވެ.

އެ ވޭންތައް ތަހައްމަލުކުރަމުންދާތާ ދެމަސްވީތަނާ ނިޝާއަށް އާދަޔާ ޚިލާފު އުނދަގޫތަކެއް ވާން ފަށައިފިއެވެ. ގަދަ ވަސްތަކަށް ބޯއަނބުރައެވެ. މޭ ނުބައިކޮށް ހޮޑުލަވައެވެ. އާދަޔާ ޚިލާފަށް ހުތް އެއްޗެހި ކާހިތްވިއެވެ. ހަށިގަނޑަށްވެސް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އެހާ ޅަ އުމުރެއްގައި ހަށިގަނޑުގެ ވަނާތަކަށް އަންނަންޖެހޭވަރަށްވުރެ ބޮޑެތި ބަދަލުތައް އޭނާގެ ހަށިގަނޑުގެ ވަނާތަކަށް އަންނަމުން ދިޔައެވެ. އެކަމުގެ ސަބަބުން ރަށުތެރޭގައި އޭނާ ރަށްމެދަށް ބަލިވެ އިން ވާހަކަ ދެކެވެން ފެށިއެވެ. އިސާހިތަކު އޭނާގެ މަންމައާއި ހަމައަށް އެވާހަކަ އަތުވެއްޖެއެވެ. އެތައް ދުވަހެއް ވަންދެން އެގެއަށް ނުވަދެ ތިބެފައި އެވާހަކަ ގޮވާލުމަށް ގެއަށް އައި މީހުން މަދެއް ނޫނެވެ. އެކަމުގެ ސަބަބުން ނިޝާއަށް އިތުރު ހިތްދަތިކަމެއް ލިބިގެން ދިޔައެވެ.

ނާހިދާގެ ދެލޮލުން ނިޝާއަށް ފެނުނީ އާދޭހުގެ އަސަރެވެ. އޭނާއަށް ޙަޤީޤަތް ކިޔައިދިނުމަށް އެދިއެވެ. ނިޝާ އެއްވެސް ވާހަކައެއް ސިއްރެއް ނުކުރިއެވެ. އަދީލް އެމީހުންނަށް އެހީތެރިވުމުގެ ނަމުގައި އެގެއަށް އައިސް އެމީހުންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގައި އޭނާ ދުނިޔެއަށް ގިނަކޮށްލި ވާހަކަ ކިޔައިދިނީ ރޮއިރޮއިފައެވެ. ނިޝާގެ ޙާލާއިމެދު ނާހިދާ ހަމްދަރުދީވިއެވެ. އޭނާއަށް ޖެހުނު ޙާލު އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ޖެހުނީ ކީއްވެބާވައެވެ؟ އޭނާގެ ޒުވާންކަން ނަގައިލީވެސް ހަމަ އެފަދަ ނުލަފާ ފިރިހެނެކެވެ. ތަފާތަކީ އެ އަނިޔާވެރިޔާ އޭނާއަށް ލޯބީގެ ދަޅަ ދައްކައިގެން ހައްލާލަން އުޅެ ކާމިޔާބު ނުވުމުން ބަދަލު ހިފިކަމެވެ. ނަމަވެސް އަދީލް އެމީހުންގެ ކިބައިން ހިފަން އޮންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ އަދީލްއަށް ނިޝާ އެއްވެސް ގޯނާއެއް ނުކުރާނެކަން ނާހިދާއަށް ޔަޤީނެވެ. އަދި އަދީލް އެމީހުންނަށް އެހީތެރިވުމުގެ ނަމުގައި އައީ އެމީހުން އޭނާގެ ކައިރިން އެހީއަކަށް އެދިގެނެއްވެސް ނޫނެވެ. ވީއިރު އެގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަންހެނަކަށް ވީތީ މިފަދަ ބަދުނާމެއް ކޮށްލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަކީހެއްޔޭ ނާހިދާގެ ހިތަށްއެރިއެވެ.

ނިޝާގެ ހިތަށްއަރައެވެ. އޭނާގެ ކުށަކީ ކޮބައިބާވައެވެ؟ އަންހެނަކަށް ވުން ހެއްޔެވެ؟ ނުވަތަ ނިކަމެއްޗަކަށް ވުން ހެއްޔެވެ؟ އެއިން ކޮންމެ ސަބަބަކަށް ވީނަމަވެސް އެއީ އޭނާ ގަސްތުގައި ހޯދައިގަތް ކަންކަމެއް ނޫނެވެ. އެއީ އޭނާގެ ތަޤުދީރެވެ. ތަޤުދީރާއި ދެކޮޅު ހެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ޢިއްފަތާއި އަބުރު ގެއްލުނީ އޭނާ ކޮންކަމެއް ކޮށްގެން ހެއްޔެވެ؟ އޭނާ ހުރީ އޭނާގެ އައުރަ ފުރިހަމައަށް ނިވާކޮށްގެންނެވެ. މީހުންގެ ލޮލުގައި އަޅައިގަންނާނެފަދަ ގޮތަކަށް ޒީނަތްތެރިއެއް ނުވެއެވެ. ފެންވަރާލުން ފިޔަވައި އޭނާ ވާ ޒީނަތެއް ނެތެވެ. ވީއިރު މީހުންގެ ލޮލުގައި އޭނާ އަޅައިގަންނާންވީ ކީއްވެ ހެއްޔެވެ؟ ޖަވާބު ނުލިބޭ ސުވާލުތަކެކެވެ. މިއީ ތަޤުދީރޭ ބުނެ ނިންމާލަންވީ ހެއްޔެވެ؟

ނިޝާގެ ހިތަށް އަރައެވެ. އެއްވެސް މީހަކު ކަމުގެ ޙަޤީޤަތް އޮޅުންފިލުވަން ބޭނުންނުވަނީ ކީއްވެ ހެއްޔެވެ؟ އޭނާފަދަ ނިކަމެތިންނަކަށް މިދުނިޔޭގައި އިންސާފު ލިބުމެއް ނުވެއެވެ. ނިކަމެތިންނަށް މިދުނިޔޭގައި އޮތީ މާތް ﷲއަށް ވަކީލުކޮށްލައިގެން އަޖަލު ހަމަވަންދެން އުޅުމެވެ. މިދުނިޔޭގައި އިންސާފު ނުލިބުނަސް އިންސާފުގެ މައިދާނުގައި އިންސާފު ލިބޭނެކަމުގެ ޔަޤީންކަމުގައެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.