ހއ. ހޯރަފުށީގައި ޢަޟްޙާ ޢީދު ފާހަގަކުރުމުގެގޮތުން ހޯރަފުށި ޔޫތް ޑިވޮލޮޕްމެންޓް (ހައިޑްސް) އިން އިންތިޒާމުކޮށްގެން ބާއްވަ ”ހާ އުފާ” އީދު ޝޯގައި ބައިވެރިވާ ގިނަ ފަންނާނުންތަކެއް ސޮއިކޮށްފިއެވެ.

”ހާ އުފާ” އީދު ޝޯއަށް ސޮއިކޮށްފައިވަނީ ‘ހަބޭސް ބޮޑު ގްރޫޕް’ގެ އިތުރުން މަޝްހޫރޫ ފަންނާނުން ކަމަށްވާ އާއިޝަތު ރިޝްމީ، ރަވީ ފާރޫޤް، މަރިޔަމް މަޖުދާ، އަޙްމަދު އަޒްމީލްގެ އިތުރުން ޖުމައްޔިލް ނިމާލް އެވެ.

ހަބޭސް ބޮޑު ބެރު ގްރޫޕުގެ ފަރާތުން ސޮއިކުރީ ހަބޭސް ބޮޑުބެރު ބޭންޑްގެ ވެރިޔާ އަލީ ޝިފާއު (ހަބޭސް އައްޔަ) އެވެ. ޝިފާއު ބުނީ، މި ޝޯ ވެގެންދާނީ ހޯރަފުށީގައި ބާއްވަ އެންމެ ވަރުގަދަ އެއް ޝޯއެއްގެ ގޮތުގައި ކަމަށެވެ.

ހައިޑްސްގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ، ހާއުފާ އީދުގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ހޯރަފުއްޓަށް މުޅިން އާ ކަންތައްތަކެއް ފެނިގެންދާނެ ހަރަކާތެއް ކަމަށެވެ. އީދުގެ ހަރަކާތްތައް ފުރިހަމަކަމާއިއެކު ގެނެސްދިނުމުގެގޮތުން ކައުންސިލުންގެ އިތުރުން ރަށުގެ ޒުވާނުންގެ ބުރާ މަސައްކަތް ހިމެނޭއެވެ. ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް އެ ރަށަށް އައުމަށް ހައިޑްސް އިން ވަނީ ދައުވަތުދީފައިއެވެ.

ހައިޑްސް އިން ބުނީ، އެ ހަރަކާތަކީ ހޯރަފުށި ދާއިރާގައި ހިމެނޭ ހޯރަފުށި، ތުރާކުނު، އުލިގަމަށް ހާއްސަ ކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

ހައިޑްސް ޖަމްއިއްޔާ އިން ވަނީ ރަށު ކައުންސިލް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް 33 މީހުންގެ މައްޗަށް ”އީދު ސްޓިއަރިންގ ކޮމިޓީ” އެއް އެކުލަވައިލާފައެވެ.

އީދުގެ ހަރަކާތްތައް ފެށޭނީ އީދު ވިލޭރޭގެ ނުވައެއް ޖަހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ.

ޚަބަރު ނެގީ: ރާއްޖެ އެމްވީ އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.