މި ދުނިޔެއަށް އުފަންވާ ކޮންމެކުއްޖަކުވެސް އުފަންވަނީ، މައިމީހާގެ ރަޙިމުގެ ތެރޭގައި، ދިގު މުއްދަތެއް ވޭތުވުމަށްފަހުގައެވެ. އެ މުއްދަތުގެ ތެރޭގައި، އެކަމަނާ އުފުލީ ކިހައި ބުރައެއްކަން، ހިތަށް ގެންނަން އުނދަގުލެވެ. އެކަމަނާ އުޅުނު ޙާލު ވަޒަންކޮށްލަން ދައްޗެވެ. ރަޙިމުގެ ތެރޭގައި ގަރުބަގަތީއްސުރެން، ވިހެއުމާއި ދޭތެރޭ، އެ މަންމަ އެތައް ވޭނެއް ތަޙައްމަލު ކުރިއެވެ. އަދިކީއްހެއްޔެވެ. އެހުރިހާ ވޭނެއް ބަރުދާސްތުކުރީ، އުއްމީދުންފުރިފައިވި ހިތަކާއިގެންނެވެ. ކީއްވެގެންހެއްޔެވެ. ތިބާއަށްޓަކައެވެ. ތިބާއަށް ނޭނގުނަސް އެ މަންމަ ތިބާއާއިމެދު އެތަކެއް ހުވަފެންތަކެއް ދެކުނެވެ. ތިބާއަކީ ދުޅަހެޔޮ ދަރިއަކަށްވުމަށް، އެ މަންމަ އެދިއެދި ހުރީ އިންތިހާދަރަޖައަށެވެ. ތިބާ މި ދުނިޔެއަށް ނޭވާލާނެ ވަގުތަކަށް އިންތިޒާރުކުރީ ކޮޅުނެތްކޮޅަށެވެ.

ތިބާ މިދުނިޔެއަށް ނޭވާލުމާއިއެކު، އެ މަންމަ ތިބާއަށް ތައުޙީދުގެ ކަލިމަތައް އިއްވައިދިނެވެ. ދެދުނިޔޭގައިވެސް އެކީގައި ލެއްވުމަށް އެދޭޙާލުއެވެ. ރީތި ނަމެއްކިޔައި، ތިބާއާ މުޚާތަބުކުރީ ނުހަނު ލޯތްބާއެކީގައެވެ. ރީތިހެދުންތައް ލައްވައި ޒީނަތްތެރިކުރުވީ، ތިބާފަދަ ދެވަނައެއް ނުވުމަށް އެދޭޙާލުގައެވެ. ތިބާގެ ޚިދުމަތުގައި އެ މަންމަގެ ނިދިނަގައިލައި، އެމަންމަގެ އުފާތައް ޤުރުބާންކުރީ ކިތައްރޭހެއްޔެވެ.

ވިސްނާލަބަލާށެވެ. ތިބާ މިބިންމަތީގައި އެންމެ ފުރަތަމަ ފިޔަވަޅެއްއަޅާފައިވަނީވެސް، އެލޮބުވެތި މަންމަގެ އެހީގައެވެ. ތިބާއަށް ދުލުން ބަހެއް ނުބުނެވިގެން އުޅުނުއިރު، ތިބާގެ އިޙްސާސްތައް ދެނެގަތީ ހަމަ އެމަންމައެވެ.

އާހް! ހިތާމައިގެ ކޮޅެއްވެސްނެތެވެ. މިއަދުގެހާލަތަކީ ކޮބައިހެއްޔެވެ. މިއަދުގެ ހާލަތު ތިބާއަށް ކިޔައިދެންހެއްޔެވެ. އަޑުއަހާށެވެ. މަންމަގެ ޙައްޤު އަދާކުރެވެނީ ކިތައްމީހުންނަށްބާއެވެ. މަންމަގެ އަގުވަޒަންކުރެވުނީ ކިތައްމީހުންނަށްބާއެވެ. ދަންނައެ، ތިބާ މުޅި ޢުމުރު ހުސްވަންދެން އެންމެ ސިކުންތެއްވެސް ދޫކޮށްނުލައި، މަންމަގެ ޚިދުމަތުގައި ހުރިނަމަވެސް، މަންމަގެ ޙައްޤު އަދާނުކުރެވޭނެއެވެ. އެހެނެއްކަމަކު މިއަދު މިކަންތައް ދެނެހުރީ ކާކުހެއްޔެވެ. މަންމައަށް އަޅައިލާ ރަޙުމް ބެހެއްޓީ މަންމަގެ ކޮން ދަރިއެއްހެއްޔެވެ. މަންމަ ބަލިވީމާ ހޭހަންކޮށްދޭން ކައިރީގައި ތިބީ އެ މަންމަގެ ކިތައް ދަރިންބާއެވެ. މަންމައާއިއެކު ވަގުތުހޭދަކޮށް މަންމަ ހިތްހަމަޖައްސައިދިނީ ކިތައްމީހުންހެއްޔެވެ. ތަންތަނުގައި ޖަމާޢަތްހަދައިގެންތިބެ މީރުހައިިއެއްޗެއް ކާއިރު، މަންމަހުރީ ކައިގެންތޯ ބަލައިލެވުނީ ކިތައްމީހުންނަށްބާއެވެ. ދުވާލަކު ހެދުމެއްގަނެ ޒީނަތްތެރިވާއިރު، މަންމަގެ ޙާލުހުރީ ކިހިނެއްތޯ ބަލައިލީ ކިތައްމީހުންބާއެވެ. ރީތި ގެތަކުގައި ދިރިއުޅެމުންދާއިރު، މަންމަ ހުރީ ހޫނުއަވީގައިތޯ ނުވަތަ ގަދަވިއްސާރައިގެ ތެރޭގައިތޯ ބަލައިލީ ކިތައްމީހުންބާއެވެ.

އާނއެކެވެ. ގިނަމީހުންގެ މިއަދުގެ ހާލަތަކީ، މަންމަ އެކަނިވެރިކޮށްލުމެވެ. މަންމަ ހިތުގައި ޖެއްސުމެވެ. މަންމަ ރޮއްވުމެވެ. މަންމައަށް އުނދަގޫ ކުރުމެވެ. މަންމަ ބަލިވެ އެނދުމަތިވީމާ، އެ އޮތް ޙާލަށް ދޫކޮށްލުމެވެ. ހީވަނީ މަންމަދެކެ ފަކުރުން އުޅޭހެންނެވެ. ހީވަނީ މަންމަ މަރުނުވެގެން އުޅޭހެންނެވެ. އަދި ކީއްހެއްޔެވެ. މިއަދުގެ ހާލަތަކީ، ތިމާ ބަލައިބޮޑުކުރި މަންމަ މުސްކުޅިވެ އަޖޫޒުވީމާ ގެއިންނެރެ އެއްލައިލާ މަގުމަތިކޮށްލުމެވެ. ނުވަތަ މަންމަ ބަލަން ބިދޭސީއަކާއި ހަވާލުކުރުމެވެ. މީގެއިތުރުން މޮޔައެކޭ ކިޔާފައި، ގުރައިދުއަށް ފޮނުވާލައި، ނުވިތާކަށް ދަޢުލަތުގެފަރާތުން މަންމައަށް ދޭ އިނާޔަތް ޙައްޤުނޫންގޮތުގައި ބޭނުންކުރަނީ މަދެއްކޮށެއްނޫނެވެ.

ހަމަކަށަވަރެވެ. ޒަމާން ތިބާގެ ޒުވާންކަން ފައިދަށުލާނެއެވެ. ޒުވާންކަމުގެ އިރު އަސުރުން ލަނބައި، ލަސްތަކެއްނުވެ ޒުވާންކަމުގެ އިރުއޮއްސޭމެއެވެ. ތާއަބަދު ތިޔަހެނެއް ނުހުންނާނެއެވެ. ތިބާވެސް ދަރިން ހޯދާނެއެވެ. އެދަރިންގެ ފަރާތުން ތިބާވެސް އުއްމީދުތަކެއް ކުރާނެއެވެ. ތިބާ މުސްކުޅިވެ ހަންޓޯޓޯވީމައި، އެދަރިންއައިސް ތިބާގެބޮލަށް ފައިންއަރާ ޗިސްކޮށްލާކަށް ތިބާވެސް ނޭދޭނެއެވެ. ވީމާ ތިބާގެ މަންމައާއިމެދު ޢަމަލުތައް ބެހެއްޓެނީ ކިހިނެއްތޯ ފިކުރުކޮށްލުން ކީއްހެއްޔެވެ.

ޔަޤީނެވެ. ތިބާ ކިތަންމެ ގިނަ ހެޔޮޢަމަލެއް ކުރިކަމުގައިވިޔަސް، މަންމައަށް އޯގާވެރިނުވެވޭހާ ހިނދަކު، އެ ޢަމަލުތަކަކީ، ބޭކާރު ޢަމަލުތަކެކެވެ. އަހަރަކު އެއްފަހަރު “ހެޕީ މަދާރސް ޑޭ” އޭބުނެ، ފޭސްބުކްގައި އަދާހަމަ ކުރިޔަކަސް، މަންމަގެ ޙައްޤު އަދާވީ ކަމުގައެއް ނުވާނެއެވެ. ދަންނައެ، މަންމަގެ އަގު ރަނާއި ރިއްސަށްވުރެ ބޮޑުވެގެންވެއެވެ. މަންމަގެ އަގު އަލިމަހާއި ޔާގޫތަށްވުރެ ބޮޑުވެގެންވެއެވެ. މަންމަގެ އަގު މަރުޖާނަށްވުރެ ބޮޑުވެގެންވެއެވެ.

ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚުތާއެވެ. އަބަދުވެސް މަންމައަށް ހެޔޮކޮށް ހިތާށެވެ. މަންމައަށްޓަކައި ނިކަމެތިކަމުގެ ފިޔަތިރިކޮށްލާށެވެ. އަދި ބުނާށެވެ. މިއަޅާގެ ވެރި ރައްބުއެވެ. ކުޑަކުއްޖެއް ކަމުގައި ވީދުވަހު މިއަޅާ ބަލައިބޮޑުކުރި ފަދައިން، މިއަދު މަންމައަށް ރަޙުމަތްލައްވާނދޭވެ!

ދަންނާށެވެ. ސުވަރުގެ ލިބުންވަނީ، މަންމަގެ ފައިތިލަ ދަށުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.