އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން ހޯދި ކާމިޔާބީތަކާ އެކު ދިވެހި ފިލްމީ ދާއިރާއިން ޖާގައެއް އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަށް ލިބުނީ އެތަކެއް ގޮންޖެހުންތަކެއް ތަހައްމަލު ކުރުމަށްފަހުގައެވެ. ފިލްމީ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތަކުން ގަނާކުރުމާވެސް ކުރިމަތިލާން ކޮޕީ އިއްސެއަށް ޖެހުނެވެ.

ނަމަވެސް މިއަދު ކޮޕީ އިއްސެއަކީ ރާއްޖޭގެ އެހެން އެއްވެސް ފިރިހެން ފަންނާނަކު އުފުލާލާފައި ނުވާފަދަ އެވޯޑެއް އުފުލާލާފައިވާ ކާމިޔާބު ފިލްމީ ތަރިއެކެވެ. ފިލްމު “އިނގިލި” ގައި އިއްސެ ކުޅުނު ރޯލަށް ސާކްފިލްމު ފެސްޓިވަލް އިން އެ އަހަރު ލިބުނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ. ހަމަ އެހެންމެ މިއަދު އިއްސެ އަކީ އޮފީސް ޑްރާމާގެ ރޮނގުން އެހެން އެއްވެސް ޑައިރެކްޓަރަކު ހޯދާފައިވާ ނުވާފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ މޮޅު ޑައިރެކްޓަރެކެވެ.

އިއްސެ އަކީ އޮފީސް ޑްރާމާ ތަކުން ކާމިޔާބު ފަންނާނެއް

އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަކީ އޭރުވެސް އޮފީސް ޓެލެޑްރާމާތަކުގެ ޗެމްޕިއަނެކެވެ. މިއަހަރު ޕީއެސްއެމްއިން ބޭއްވި އޮފީސް ޑްރާމާ މުބާރާތުން އެމްއޭސީއެލް ޑްރާމާ “ނަކަލު” އަށް ލިބުނު ފަޚްރުވެރި 10 އެވޯޑާއެކު އިއްސެ މިވަނީ މި ފަންނުގައި އައު ރެކޯޑެއް ހޯދައި ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

ކޮޕީ އިއްސެ ފިލްމެއްގެ ޑަބްކުރުމުގައި

ކޮޕީ އިއްސެ ޓެލެޑްރާމާ މުބާރާތަށް ނިކުތީ އޭނާގެ މަންމަގެ އެދުމަކަށް، 1996 ވަނަ އަހަރު “ޒިންމާ” ނަމަކަށް ކިޔާ ޑްރާމާއެއްގައި ކޮމީޑިއަންއެއްގެ ގޮތުގައެވެ. އެ އަހަރު ބެސްޓް ކޮމީޑިއަން އެވޯޑު ލިބުން ވެގެންދިޔައީ ފިލްމީ ކެރިއާގައި އިއްސެއަށް ލިބުނު ފުރަތަމަ ކާމިޔާބީކަމުގައެވެ. ބަޔަކަށް ކަމުދާވަރުގެ އެކްޓަރަކަށް އެންމެ ފުރަތަމަ އިއްސެ ނުވިޔަސް، މިއަދު އޭނާއަކީ ސިނަމާގައި އެންމެ ޑިމާންޑްބޮޑު އެއް އެކްޓަރެވެ.

އިއްސެ، “ކޮޕީ އިއްސެ” އަށް ވުން

ކޮޕީ އިއްސެ އަކީ ބޭރުގެ ފިލްމު ފެސްޓިވަލަކުން ފުރަތަމަ ފަހަރަށް އެވޯޑެއް ހާސިލުކުރި ދިވެހި އެކްޓަރެވެ. ސާކް ފިލްމު ފެސްޓިވަލްގައި އޭނާ ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައެވެ. ފިލްމު އުފެއްދުމަށް މަޝްހޫރު މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އެކްޓަރުންނާ ވާދަކޮށްގެންނެވެ.

ކޮޕީ އިއްސެ އާއި މޫމިން އެވޯޑެއް އުފުލާލައިގެން – ފޮޓޯ: މުނިއަވަސް

ސްކްރީން ރައިޓަރ އަދި ޑައިރެކްޓަރ މޫމިން ފުއާދު ގެ ފިލްމު “ހޭލާ” އިން އިއްސެ އަކީ ފިލްމީ ދާއިރާއަށް ފިސާރި ރަނގަޅަށް ހޭލާހުރި ފަންނާނެއްކަން ދިވެހި ފިލްމީ އާއިލާއަށް ދައްކުވައިދިނެވެ. ފިލްމު “ހޭލާ” ކުޅެގެން ގައުމީ އެވޯޑްސްގައި ސަޕޯޓިން އެކްޓަރުގެ އެވޯޑް އިއްސެއަށް ލިބުނެވެ. މޫމިންގެ “ލޫދިފާ” ކުޅެގެން އެއްވެސް ވަރަކަށް ލޫދެން ނުޖެހި މޯލްޑިވްސް ފިލްމު އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑްވެސް ހޯދި އެވެ.

ފިލްމު “ލޫދިފާ”އަށް ލިބުނު އެވޯޑާއި އިއްސެ ހަވާލުވަީ – ފޮޓޯ: ސަން އޮންލައިން

1997 ވަނަ އަހަރު އެމްއޭސީއެލް އިން ގެނެސްދިން ޑްރާމާ “ތަފާތު” އަށް އެންމެ މޮޅު ޑްރާމާގެ އެވޯޑް ލިބުނުއިރު އިއްސެ އަކީ އޭރު އަދި “ކޮޕީ އިއްސެ”ގެ ޓެގް ލިބިފައިނުވާ އެ ޑްރާމާގެ އާދައިގެ އެކްޓަރެކެވެ. ނަމަވެސް “ތަފާތު” ޑްރާމާއިން އިއްސެ ތަފާތެއް ދައްކައި އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ކޮމީޑިއަންގެ އެވޯޑް ހޯދިއެވެ. އެމްއޭސީއެލް އަށް ފަޚްރުވެރި، ޝަރަފުވެރި ރީތި ނަމެއް ހޯދައިދިނެވެ. އެ ޑްރާމާގައި އިއްސެ ޑަބަލް ރޯލު ކުޅެގެން ޑަބަލް އެވޯޑް ހޯދިއެވެ.

އެމްއޭސީއެލް އަށް މިފަދަ މުބާރާތަކުން ލިބުނު އެންމެ ބޮޑު ކާމިޔާބީ

އެމްއޭސީއެލް ޑްރާމާ “ނަކަލް” އަށް ވަނީ 10 އެވޯޑް ލިބިފައި – ފޮޓޯ: މުނިއަވަސް

ދެން އޮތީ މި އަހަރުގެ ރަމަޟާންމަހު ޕީއެސްއެމްއިން ބޭއްވި ޑްރާމާ މުބާރާތުގައި އިއްސެގެ ސިކުނޑިން ދިޔަފެލައިގެން، އެތައް ރެއެއްގެ ނިދި ނަގައިލައިގެން، އެތަކެއް ދަލެއް އޮހުރުވައިގެން އިއްސެއާއި އޭނާގެ ޓީމުން ހޯދި ‘ރެކޯޑް ބްރޭކިން އެވޯޑް’ތަކުގެ ވާހަކައެވެ. ހަމަ ގައިމުވެސް މިއީވެސް އެމްއޭސީއެލްގެ ހަމަ ކޮންމެ މުވައްޒަފަކުވެސް ފަޚްރުވެރިކަމާއެކު އިސްފުލައިލާ މޭ ފުއްޕައިލަން ލިބުނު އެވޯޑް ފުންޏެކެވެ. އިއްސެގެ ނެވިކަމުގެ ދަށުންނެވެ. ނެއްވަކަށް އިރުޝާދު ދެވޭނެ ނުވަތަ ޑައިރެކްޓް ކުރެވޭނެ އެންމެ މޮޅަށް އެމްއޭސީއެލްގެ ޑްރާމާ ‘ނަކަލު’ ޑައިރެކްޓްކޮށްފައި ވާކަން އެއޮތީ ސާބިތުކޮށްދީފައެވެ.

 

އިއްސެގެ މޭސްތިކަމުގެ ދަށުން އެމްއޭސީއެލްގެ “ނަކަލު” ޑްރާމާއަށް ލިބުނު ފާހަގަކޮށްލެވޭ އެވޯޑުތައް.

އެމްއޭސީއެލްގެ އިސްމާއީލް ރަޝީދު “ނަކަލު” ޑްރާމާގެ ބައިވެރިން އަދި އެމްއޭސީއެލް އެމްޑީއާއެކު – ފޮޓޯ: މުނިއަވަސް

އެމްއޭސީއެލްގެ ”ނަކުލު“ އަށް ޖުމްލަ 10 އެވޯޑް ލުބުނެވެ. މި ޑްރާމާ ޑައިރެކްޓްކޮށްގެން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު އިއްސެ ހޯދާފައިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ އިތުރު ދެ ފަންނާނުންނާ ވާދަކޮށްގެންނެވެ.

މިފަހަރު ކޮޕީ އިއްސެގެ ނަން ދިވެހިކޮށްލައިގެން ގެނެސްދިނީ “ނަކަލު”

2019 ވަނަ އަހަރު އޮފީސް ޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑައިރެކްޓަރ އިސްމާޢީލް ރަޝީދު – ފޮޓޯ: ޕީއެސްއެމް

ކޮޕީ އިއްސެގެ ނަމުގެ ކުރިއަށް އެ އޮންނަ ‘ކޮޕީ’ މި ލަފުޒު ދިވެހިބަހުން ގެނެސް ‘ނަކަލު’ ގެ ގޮތުގައި ގެނެސްދިނީ މޮޅު ޑްރާމާ އެކެވެ. ގިނަ އެވޯޑްތަކެއް ލިބުނީ މިދެންނެވި ސަބަބާއި ހުރެއެވެ.

މިއީ އޮފީސް ޑްރާމާ މުބާރާތެއްގައި މިހައި ގިނަ އެވޯޑްތަކެއް އެއް މުއައްސަސާއަކުން އުފުލައިލި ފުރަތަމަ ފަހަރެވެ. މިއީ އެމްއޭސީއެލް ގެ ހަޔާތުގައި މިފަދަ މުބާރާތެއްގައިވެސް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ. މިއީ އެމްއޭސީއެލްގެ އާދައިގެ ސްޓާފެއް މެދުވެރިވެގެން މިހައިތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ. އެފަހަރުވެސް އެމްއޭސީއެލް އަށް ލިބުނު ކާމިޔާބީގެ މޭސްތިރިއަކީ އިއްސެ އެވެ. މިފަހަރުވެސް އެމްއޭސީއެލްގެ ބޮޑު ކާމިޔާބީގެ ޙަޤީޤީ މޭސްތިރިއަކީ ކޮޕީ އިއްސެ ނޫން އެހެން ދެވަނަ ފަންނާނެއް ނޫނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.