މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތުމަތު ނަހުލާ ދިވެހި ފިލްމް އިންޑަސްޓްރީއަށް 17 އަށް ވުރެން ގިނަ ފީޗާ ފިލްމު ގެނެސްދީފައިވާއިރު، އެ ފިލްމު ތަކަކީ ދިވެހިން ބަލައިގެންފައިވާ މޮޅު ފިލްމުތަކެކެވެ. އަސަރުގަދަ، އިބްރަތްތެރި ފިލްމުތަކެކެވެ. ނަހޫގެ ސްޓައިލްގައި ގެނެސްދީފައިވާ ހަމަ ކޮންމެ ފިލްމަކީ ހިޓަކަށް ވެފައިވާ ފިލްމެކެވެ. އަނެއްކާ ވެސް ނަހޫގެ ހަމަ އެ އިހްސާސްތަކާއެކު ފިލްމެއް ތައްޔާރުކުރަން ފަށައިފި އެވެ. މިފަހަރު ނަހޫ އޭނާގެ ފޭނުންނަށް ބުނަނީ “ސޮރީ” އެވެ.

“ސޮރީ” އަކީ ނަހޫގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. “ސޮރީ” ޑައިރެކްޓް ކުރަނީ ކާކު ކަން ހާމަކުރާކަށް އަދި ނަހުލާ ބޭނުމެއް ނުވެއެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަގެ އިތުރުން، އިތުރު ބަތަލާއަކާއި ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ އެކްޓަރަކު ވެސް ހިމެނޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އަންނަ ޖުލައިމަހު ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެކަމަށް ނަހުލާ ވަނީ ހާމަކޮށްފައެވެ. މިހާރު ފިލްމުގެ ކަރުދާހުގެ މަސައްކަތް އެއްކޮށް ކޮށް ނިންމާފައިވާ ކަމަށްވެސް ނަހުލާ ހާމަކޮށްފައި ވެއެވެ. މިއީ ނަހުލާގެ އަމިއްލަ ފިލްމު ކުންފުނި ކްރިސްޓަލް އެންޓަޓެއިންމެންޓުން ހަދާ ފިލްމެކެވެ.

“ސޮރީ” ގައި އަމިއްލަ ރާގުގެ ޖުމްލަ 7 ލަވަ ހިމެނޭނެ ކަމަށާއި ލަވަތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ނަހޫ ބުނެއެވެ.

“އަހަރެން ބުނާނީ މި ފިލްމަކީ ވެސް ކުރިން އަހަރެން ގެނެސް ދީފައިވާ ކަހަލަ ލޯބީގެ ހަމަ ވަރަށް އަސަރު ގަދަ އަދި ރޮވޭ ކަހަލަ ހާދިސާތަކެއް ވެސް ހިމެނޭނެ ވަރަށް ރީތި ލަވަތަކެއް ވެސް ހުންނާނެ ފިލްމަކަށް ވާނޭ،” ނަހުލާ އާއި ހަވާލާދީ ‘މިހާރު’ އޮންލައިންގައި ބުނެފައިވެއެވެ.

“ޔަގީނުން ވެސް ކުރީގެ މާޒީ މަތިން ހަނދާން އާވާ ކަހަލަ ފިލްމަކަށް ސޮރީ ވާނެ. މިއީ އިބުރަތްތެރި އާއިލީ ފިލްމެކޭ އަހަރެން ބުނާ ހިތް ވަނީ.”

“ސޮރީ” ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.