އިނިގިރޭސިބަހުން އަޅުގަނޑުމެން މިކިޔާ ‘ބީޗް’ ނުވަތަ ދިވެހިބަހުން ފެށުނީއްސުރެން ބޭނުންކުރަމުން އަންނަ ‘ގޮނޑުދޮށް’ ނުވަތަ ‘އަތިރިމަތި’ މި ދެ ލަފުޒުގެ ބަދަލުގައި މަޝްހޫރު ޤާނޫނީ ވަކީލު. ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޙުސައިން ރައްޔިތުން މަޖިލީހުގެ ކޮމެޓީ ޖަލްސާއެއްގައި ‘ވެލިމަލަ’ ބޭނުން ކުރެއްވިތަން ފެނުނެވެ.

އަޅުގަނޑަށް މިކަން ވީ ވަރަށް ހިތްގައިމު ކަމަކަށެވެ. ހިތްގައިމުވީ ޢަލީ ޙުސައިން އެ ބޭނުންކުރެއްވި ލަފުޒެވެ. ބަސްފޮތުގައި ނުވަތަ ރަދީފުގައި މި ލަފުޒު ނެތްނަމަވެސް، ‘ވެލި’ އަދި ‘މަލަ’ މި ދެ ލަފުޒު ފެންނާން އެބައޮތެވެ. އެހެންކަމުން މި ދެލަފުޒު އެއްކޮށްލައިގެން ‘ވެލިމަލަ’ ކިޔުން ރަނގަޅުކަމަށް އަޅުގަނޑަށްވެސް ޤަބޫލުކުރެވެއެވެ. “ގޮނޑުދޮށް” ކިޔުމުގެ ބަދަލުގައި ސާފު ދޮންވެލިން ފުރިފައިވާ ރަށުގެ މަލަމައްޗަށް “ވެލިމަލަ” ކިޔުން ހުރިހައި ގޮތަކުން ބެލިޔަސް ހަމަޖެހިފައި މާ ބޮޑަށްވެސް ގުޅެއެވެ.

“……. އަޅުގަނޑު ހަމަ ހުށައަޅާ ހުށައެޅުމެއް މީ. ތިކުދިން ލިޔާއިރުގަވެސް އަދި ކިޔާއިރުގަވެސް އެހެން މީހުނާ މުޢާމަލާތު ކުރާއިރުގަވެސް އަޅުގަނޑަކަށް ރީއްޗެއް ނޫން ގޮނޑުދޮށް ކިޔާކަށް. އަޅުގަނޑަށް ހީވަނީ މި ޕްލާސްޓިކްގެ ވާހަކަ ދައްކާއިރުގާ އަތިރިމައްޗޭ ގޮނޑުދޮށޭ ކިޔީމަ އެ ކިޔާ ބަސްމަގުވެސް އަޅުގަނޑުމެން އެބަޖެހޭ ބަދަލުކުރަން. އަޅުގަނޑު މިހާރު ނުކިޔަން ގޮނޑުދޮށެކޭ އަތިރިމައްޗެކޭ. އަޅުގަނޑު ކިޔަނީ ވެލިމަލައޭ ކިޔަނީ. މިހެން މި ދަންނަވަނީ ގޮނޑުދޮށަކީ ގޮނޑު އެއީ. ގޮނޑަކަށް ދެން ޕްލާސްޓިކް އެޅުމަކީ މާބޮޑު މައްސަލައެއްވެސް ނޫންތާ އަނެއްހެން އުސޫލެއްގެ ގޮތުން. ގޮނޑު ވިއްޔާ ގޮނޑަށްތާ ހުރިހާ އުކާލާ ހުރިހާ އެއްޗެއް ގޮނޑަށް އަޅާނީ. އެހެންވީމަ ގޮނޑެއް އަޅުގަނޑަކަށް ރީއްޗެއް ނޫން. ގޮނޑުދޮށްވެސް އަޅުގަނޑަކަށް ރީއްޗެއް ނޫން. އަޅުގަނޑަށް ރީތީ ވެލިމަލަ. އަތރިިމައްޗެއްވެސް ރީއްޗެއް ނޫން. އަތިރިމައްޗަކީ އަތިރި، އެއީ ފާޚާނާ އަށްދާން އޮންނަ ތަނެއްވެސް ނޫން. ހަމަ ރީތި ވެލިމަލަ އެއް އެއީ ވަރަށް ރީތިތަނެއް އިނގޭތޯ…..”

ތިރީގައިވާ ވީޑިއޯގެ 50 ވަނަ މިނެޓުން ފެށިގެން ޢަލީ ޙުސައިންގެ ވާހަކަ އަޑުއައްސަވާލައްވާ!

މަތީގައި އެވަނީ މިމަހުގެ 23 ވީ އާދީއްތަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ތިމާވެށްޓާއި ބެހޭ ކޮމެޓީއަށް ސްކޫލުތަކުގެ ދަރިވަރުން ހާޒިރުވެ ބޭއްވި ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޙުސޭން ދެއްކެވި ވާހަކަފުޅެވެ.

ކުރިންވެސް ދެންނެވިފަދައިން ޢަލީ ޙުސައިން ދެއްކެވި ވާހަކަފުޅަށް އަޅުގަނޑަށް ވަރަށް ބޮޑަށްވެސް ތާއިދު ކުރެވެއެވެ. ސަބަބުތައް ޢަލީ ޙުސައިންވެސް އެ ފާހަގަކޮށްދެއްވީއެވެ.

ދިވެހިބަސް ފޮތުގައި އިނގިރޭސި ބަހުން މިކިޔާ “ބީޗް”ގެ މާނައިގައި ބޭނުންކުރަން ހުރި ލަފުޒުތަކަށް ބަލައިލަމާތޯއެވެ.

ގޮނޑުދޮށް
ދެފަސް ބެދުނު ހިސާބުން ފެށިގެން މޫދާ ދެމެދު.

ފަންނު
(2) ގޮނޑުދޮށަށް އަރައި ފައިބާ ޚާއްޞަ ދިމަދިމާ.

މަތީގައިވާ ދެ ލަފުޒަށްވުރެ ބީޗަށް، ވެލިމަލަ ކިޔުން މާ ބޮޑަށްވެސް ރީތި ނޫންތޯއެވެ. ވެލި އަދި މަލަ، މި ދެ ލަފުޒުގެ މާނައަށް ވެސް ބަލައިލަމާތޯއެވެ.

ވެލި
ބިމުގައި ހުންނަ ކުދިކުދި ފުއްތައް.

މަލަ
ދުރުން ފެންނަ ރަށެއްގެ ގަސްކަރަ.

ވަރަށްވެސް ސާފު އެހެން ނޫންތޯއެވެ. ދުރުން ރަށެއް ފެންނައިރު އެ ރަށުގެ ގަސްކަރައިން ނުވަތަ މަލަމަތިން އެންމެ ބޮޑަށް ފެންނާން އޮންނާނީ ހުދުހުދު ދޮންވެލި ގަނޑެކެވެ. އެހެންކަމުން ވެލިމަލަ ކިޔުމަކީ ގުޅޭގޮތެއް ނޫންތޯއެވެ. މިއީ ޢަލީ ޙުސައިންގެ ޚިޔާލަށް އަޅުގަނޑަށް ތާއިދުކުރެވި، އަޅުގަނޑުގެ ޚިޔާލުވެސް މިކަމުގައި ހުރިގޮތެވެ. ތިބާގެ ޚިޔާލު ހުރީ ކިހިނެއްތޯ އެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.