އަންނަ ޖުލައި މަހުގެ 02 ން 07 އަށް ސްރީ ލަންކާގައި ބާއްވާ ސާކް ފިލްމު މަހާސަމާ (ސާކް ފިލްމު ފެސްޓިވަލް)ގައި މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ފިލްމު “ސޯލް” ޖުލައި މަހުގެ ތިންވަނަ ދުވަހު ދެއްކުމަށް ތާވަލްކޮށްފައި ވާކަމަށް ސީޒަން ބުނެފިއެވެ.

މުނިއަވަސް އަށް މިރޭ ސީޒަން ބުނީ މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކުރުމަށް އެސް ޕްރޮޑަކްޝަން އާާއި ބައިސްކޯފް ގުޅިގެން އުފައްދާފައިވާ ކުރު ފިލްމު “ސޯލް” ފުރަތަމަ ޕްރިމިއާ ކުރެވޭނީ ސާކް ފިލްމު ފެސްޓިވަލްގައި ކަމަށެވެ. ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ ލަންކާ ގަޑިން 11:00 ގައެވެ.

“ބައިސްކޯފުން ވެސް އަދި އެހެން އެއްވެސް އެއްޗެއްގަ “ސޯލް” ނުދައްކާނެ. އެންމެ ކުރިން ދައްކާނީ ސާކް ފިލްމު ފެސްޓިވަލްގަ.” ސީޒަން ބުންޏެވެ.

މުނިއަވަސް އިން ފަޚްރުވެރިކަމާއެކު ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރަމުންދާ ސީޒަންގެ “ސޯލް” އަށް، ޓީވީއެމްގެ ”މެންދުރުފަސް“ ޕްރޮގްރާމުން ފާހަގަވެގެންދިޔަ ކުރީގެ މަޝްހޫރު ޕްރެޒެންޓަރ ރިފްޒާ އާއި ލަންކާގެ ރެޕް އާޓިސް އީސްވަރަން ކޮކިލަންގެ އަޑުން ލަވައެއް ކިޔާފައިވުމުންވެސް މި ފިލްމަށް ޚާއްޞަކަމެއް ލިބިގެންދާނެއެވެ.

އއ. މަތީވެރީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމު ކެޓަގަރީ އަށް ޚާއްސަކޮށްގެން ހަދާފައިވާ ވިއްސަކަށް މިނެޓްގެ ފިލްމެކެވެ.

“ސޯލް” ގެ ޝޫޓިންތެރެއިން – ފޮޓޯ: މުނިއަވަސް

ފިލްމުގައި މައިގަނޑުގޮތެއްގައި ވާހަކަ ދައްކާނީ އިނގިރޭސި ބަހުންނެވެ. އެހެން ނަމަވެސް ދިވެހި ޑައިލޮގް ތަކާއި ސިންގަޅަ ޑައިލޮގްތައް ވެސް ހުންނާނެ ކަމަށް ސީޒަން ބުނެއެވެ.

ސޯލް“ގެ ފުރަތަމަ ދައްކައިލުން އާއްމުކުރީ މިއަހަރުގެ ޖެނުއަރީ މަހު 27 ގައެވެ. ބައިސްކޯފުން އާއްމުކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމު، މި އަހަރު މާރިޗް މަހު ރިލީޒްކުރުމަށް ނިންމި ނަމަވެސް، ފިލްމު ބައިސްކޯފުގައި ރިލީޒް ކުރުމަށް ނިންމާފައިވަނީ ސާކް ފިލްމު ފެސްޓިވަލް އަށް ފަހުގައެވެ.

ފިލްމު “ސޯލް” ގައި ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ‘ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް‘ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.

“ސޯލް” ގެ ޝޫޓިންގައި ފިލްމުގެ ލީޓް ތަރިންނަށް ޑައިރެކްޓަރ ސީޒަން ޑައިރެކްޝަން ދެނީ – ފޮޓޯ: މުނިއަވަސް

ސާކް ފިލްމު މަހާސަމާ 2019 ގެ ޝެޑިއުލް އަށް ބަލައިލާއިރު، އިފްތިތާހީ ހަފްލާ އޮންނާނީ ޖުލައި 02 ގައި ސްރީ ލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ‘ދަ ސިނަމާ ހޯލް’ ގައެވެ.

ޖުލައި 03 ން 07 އަށް މި މަހާސަމާގައި ބައިވެރިކޮށްފައިވާ ފިލްމުތައް ދައްކާނެއެވެ. 04 ޖުލައި ގައި ފިލްމު ވޯކްޝޮޕެއް ކޮލޮމްބޯ ފިލްމު އެންޑް ޓެލެވިޛަން އެކެޑަމީގައި އޮންނާނެ އެވެ.

ސާކް ފިލްމު ފެސްޓިވަލްގެ އެވޯޑް ދިނުމާއި ނިންމުމުގެ ހަފްލާ އޮންނާނީ 07 ޖުލައި ގައި ސްރީ ލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ‘ދަ ސިނަމާ ހޯލް’ ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.