އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން އުފައްދާފައިވާ ކުރު ފިލްމު “ސޯލް” ގެ ހިތްގައިމު ޓްރެއިލަރ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ. ފިލްމު “ސޯލް” ގެ ޓްރެއިލަރ ދޫކޮށްލާފައިވާ ވާއިރު، މި ފިލްމު ރިލީޒް ކުރާނީ އަންނަ ޖުލައިމަހު 03 ވަނަ ދުވަހު، ސްރީ ލަންކާގައި ބާއްވާ ސާކް ފިލްމު ފެސްޓިވަލްގައި ކަމަށް އެސް ޕްރޮޑަކްޝަނުން މުނިއަވަސް އަށް މަޢުލޫމާތު ދެއެވެ. އެހެންކަމުން ފިލްމު “ސޯލް” ވެގެން ދާނީ ރާއްޖެއިން ބޭރުގައި ރިލީޒްކުރެވޭ ފުރަތަމަ ދިވެހި އުފެއްދުން ކަމަށެވެ.

ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ޓްރެއިލަރ އިން މި ފިލްމުގައި ހަރަކާތްތެރިވާ މައިގަނޑު ކާސްޓުން ފެނެއެވެ. އެގޮތުން ކުރިއަރަމުން އަންނަ ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެނިގެންދަނީ ބާބަކިއު އެއް ހެދުމަށް ރަށަކަށް ގޮސް އުޅުމުގައި ފިލްމުގެ ލީޑް ކާސްޓުންނާ ދިމާވެ އެމީހުންނަށް އަމިއްލަ ތަޢާރަފްދޭ މަންޒަރެވެ.

ފިލްމު “ސޯލް” ގެ ލީޑް ކާސްޓުން ފިލްމުގެ މަންޒަރެއްގައި – ފޮޓޯ: މުނިއަވަސް

މީގެ އިތުރުން ފިލްމުގެ ލީޑުން ފެނިގެންދާ ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނު އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ރާއްޖޭއަށް ޗުއްޓީ ހޭދަކުރަން އައިސް ރާއްޖޭގެ ހިތްގައިމު މާހައުލުން އުފާ ހޯދަމުންދާ ތަން ފެނެއެވެ.

މީގެ ކުރިން ދޫކޮށްލާފައިވާ ފިލްމު “ސޯލް“ގެ ޓީޒާއިން ފެނިގެންދިޔަ މަންޒަރުތަކުގެ އިތުރުން، ހިތްގައިމު މަންޒަރު ތަކަކާއި ފިލްމު ފިރިހެން ލީޑް އަމިލާ ކަރޫނާނަޔަކަ އަށް ކުރިމަތިވެގެން އުޅޭ ކޮންމެވެސް މައްސަލައެއްގައި މާޔޫސްވެ ގޮތް ހުސްވެފައި އިންނަ މަންޒަރެއްވެސް ފެނިގެން ދެއެވެ.

މުނިއަވަސް އަށް ސީޒަން ބުނީ މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކުރުމަށް އެސް ޕްރޮޑަކްޝަން އާާއި ބައިސްކޯފް ގުޅިގެން އުފައްދާފައިވާ ކުރު ފިލްމު ”ސޯލް“ ފުރަތަމަ ޕްރިމިއާ ކުރެވޭނީ ސާކް ފިލްމު ފެސްޓިވަލްގައި ކަމަށެވެ. ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ ލަންކާގައި ޖުލައި 03 ވާ ބުދަދުވަހުގެ ހެނދުނު 11:00 ގައެވެ. ހަމަ އެހެންމެ އަންނަ ބުދަ ދުވަހު ބައިސްކޯފު އެޕް މެދުވެރިކޮށް ވެސް ފިލްމު ރިލީޒްކުރާނެ ކަމަށް ސީޒަން ބުންޏެވެ.

“ސޯލް”ގެ ލަވައެެއް ރިކޯޑްކުރުމަށް ކުރީގެ ޕްރެޒެންޓަރ ރިފްޒާ، ތިއްތިގެ ސްޓޫޑިއޯގައި – ފޮޓޯ: މުނިއަވަސް

ސީޒަން ޑައިރެކްޓް ކޮށްފައިވާ ”ސޯލް“ އަށް، ޓީވީއެމްގެ ”މެންދުރުފަސް“ ޕްރޮގްރާމުން ފާހަގަވެގެންދިޔަ ކުރީގެ މަޝްހޫރު ޕްރެޒެންޓަރ ރިފްޒާ އާއި ލަންކާގެ ރެޕް އާޓިސް އީސްވަރަން ކޮކިލަންގެ އަޑުން ލަވައެއް ކިޔާފައިވުމުންވެސް މި ފިލްމަށް ޚާއްޞަކަމެއް ލިބިގެންދާނެއެވެ.

ފިލްމުގެ މިއުޒިކް ހަދާފައިވަނީ މަޝްހޫރު މިއުޒީޝަން އިބްރާހިމް ނިފާރް (ތިއްތި) އެވެ. ފިލްމުގައި މައިގަނޑުގޮތެއްގައި ވާހަކަ ދައްކާނީ އިނގިރޭސި ބަހުންނެވެ. އެހެން ނަމަވެސް ދިވެހި ޑައިލޮގް ތަކާއި ސިންގަޅަ ޑައިލޮގްތައް ވެސް ހުންނާނެ ކަމަށް ސީޒަން ބުނެއެވެ.

އއ. މަތީވެރީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމު ކެޓަގަރީ އަށް ޚާއްސަކޮށްގެން ހަދާފައިވާ ވިއްސަކަށް މިނެޓްގެ ފިލްމެކެވެ.

 ފިލްމު ”ސޯލް“ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ. 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.