މި އަހަރު ސެޕްޓެމްބަރު ދޭއްގައި ރިލީޒްކުރުމަށް ނިންމާފައިވާ ’އައި ފިލްމްސް‘ގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި”އަށް އެ ފިލްމުގެ ފިރިހެން ލީޑް އަޙްމަދު އިފްނާޒް ފިރާޤް (އިފްނާޒް) އޭނާގެ ހަށިގަނޑު 16 ކިލޯ ލުއިކޮށްފައި ވާކަން އެނގޭ ހެއްޔެވެ؟ އިފްނާޒް ވަނީ އޭނާގެ ފުރަތަމަ ފީޗާ ފިލްމަށް ވަރަށް ބޮޑެތި ތައްޔާރީތަކެއް ވެފައެވެ. ފިލްމު ”ބަވަތި”އާ ހަމައަށް އިފްނާޒަށް އާދެވުނު ގޮތާއި ފިލްމަށް ތައްޔާރުވުމަށް ކޮށްފައިވާ ކަންތައްތައް ކިޔުންތެރިންނަށް ގެނެސްދިނުމަށް އިފްނާޒާ ބައްދަލުކޮށްލީމެވެ.

އިފްނާޒްގެ ފިލްމީ ހަޔާތާއި ހަމައަށް ދިއުމުގެ ކުރިން އިފްނާޒާބެހޭގޮތުން އިތުރު މަޢުލޫމާތު ތަކެއް ހިއްސާކޮށްލާނަމެވެ.

އަމިއްލަ ތަޢާރަފެއް؟

ފުރިހަމަ ނަން: އަޙްމަދު އިފްނާޒް ފިރާޤް

އުފަން ރަށް: މާލެ

ކައިވެނި: ކޮށްގެން، ފުރަތަމަ ކައިވެންޏަށް 12 އަހަރުގެ ދަރިފުޅެއް ހުރޭ

ވަޒީފާ: ފިޓްނަސް އިންސްޓްރަކްޓަރ

އުފަން ތާރީޚް: 12 ޖެނުއަރީ

އިފްނާޒް ފިލްމީ ދާއިރާއަށް ނުކުންނަން ނިންމި ގޮތާއި ދާއިރާއަށް އާދެވުނުގޮތް ކިޔައިލަދީބަލަ؟

ސްކޫލް ނިންމާާފަ އަހަންނަކަށް ނޭނގުނު ޝައުޤުވެރިކަން ހުރީ ކޮން ދިމާއަކަށް ކަމެއް، ނުވަތަ ވަޒީފާއެއްގެ ގޮތުން އަހަރެން ކުރާނީ ކޮން ކަމެއް ކަމެއް. ފުރަތަމަ އަހަރެން ބޭނުންވީ ކައުންސިލިންގެ ދާއިރާއަށް ވަދެ ކައުންސިލަރަކަށް ވުމަށް. އޭރުން މީހުން އަންޑަސްޓޭންޑް ވާން ފަސޭހަވާނެކަމަށް ހީކޮށް. އެކަމުން އަހަންނަށް ފަސޭހަތަކެއްވެސް ލިބުނު. އެ ދާއިރާއިން ލެވަލް ތިނެއްގެ ކޯހެއް ހަދައިގެން ވަނީ ޕޮލިސްއަށް. އެތަނުގަ މަސައްކަތްކުރީ ފޮރެންސިކް ޑިޕާޓްމަންޓުގަ.

ފުރަތަމަ އަހަރު އަހަރެން މަސައްކަތްކުރީ ކްރައިމް ސީން އޮފިސަރެއްގެ ގޮތުގައި ފޮޓޯ ނެގުމުގެ މަސައްކަތުގަ ބޮޑަށް ހަރަކާތްތެެރިވީ. ފުލުހުންގެ ހުރިހައި އިވެންޓެއް، ނިއުސް ބްރީފިން، ފޮލިޝް ކޮމިޝަނަރުގެ ހުރިހައި ބައްދަލުވުންތަކެއްގެ ފޮޓޯ އަހަރެން ނެގިން.

ފޮލިސްގަ ފަސް އަހަރު އުޅެފަ އެތަނުން ކެނޑިގެން އަމިއްލަ ފޮޓޯ ސްޓޫޑިއޯއެއް ހުޅުމާލޭގަ ހުޅުވީ އަހަރެންގެ ސްކޫލް ދައުރުގެ ރައްޓެއްސަކާ ގުޅިގެން.

ޕޮލިސްގަ އުޅުނުއިރުވެސް ޕޮލިސް އެނިވާސަރީ ޝޯތަކުގަ ބައެއް ރޯލުތައް އަހަރެން ކުޅެން ފެށިން. ވަރަށް ބައިވަރު ޕޮޒިޓިވް ފީޑްބެކް ލިބުނު.

އިފްނާޒް ފުލުހުންގެ ފޮރެންސިކްގައި ހަރަކާްތެރިވަނީ – ފޮޓޯ: އިފްނާޒް

ސްޓޫޑިއޯގެ މަސައްކަތް ހުއްޓުނުފަހުން އަހަރެން މާލެއަށް ބަދަލުވެ، އަހަރެންގެ ފުރަތަމަ އިޝްތިހާރު ކުޅުނިން. މާލެއަށް ބަދަލުވެފަ ޕޯޓްރެއިޓް އަލްބަމްގަ ވަޒީފާއަދާކުރަން ފެށިން.

ރައްޓެހިންގެ ފަރާތުން ލިބޭ އޮފާތަކަށް އޭރުވެސް ކުދިކުދި ސްކިޓްސްތަކާ ސްޓޭޖް ޕާފޮމަންސްތައް ކުޅެމުންދިޔައިން. ގިނަ ރައްޓެހިން މިބުނި ކަހަލަ އެއްޗެހިން އަހަންނަށް ފުރުޞަތުދެމުންދިޔަ.

ޕޯޓްރެއިޓް އަލްބަމްގަ މަސައްކަތް ކުރަމުން އަހަރެންގެ ރަހުމަތްތެރިޔާ ރިޟްވާން (މޮޔަމީހާ) ކައިރިން އޮޅުންފިލުވިން އެއްވެސް ޓީވީ ސްޓޭޝަނެއްގަ ވަޒީފާއެއްގެ ފުރުޞަތު އޮތްތޯ.

ނަސީބު ރަނގަޅުކަމުން ދިޓީވީގަ މަސައްކަތްކުރާ ރިޟްވާންގެ ރައްޓެެއްސެއް، ޕްރޮޑިއުސަރެއް ހޯދަމުން ދިޔައީ. އެހެންކަމުން އަހަންނަށް ދިޓީވީއަށް ވަދެވުމުގެ ސަބަބަކީ މޮޔަމީހާ (ރިޟްވާން). އެތަނުން އަހަންނަށް ބައްދަލުވީ މިހުސޯ އާ އެންމެ ފުރަތަމަ ފަހަރަށްވެސް. މިހުސޯ އަކީ ދިޓީވީގެ ޕްރޮޑަކްޝަން ހެޑް އަދި މިހާރު ޗޮޕްއާޓްގެ އެމްޑީ.

ދިޓީވީގަ ޕްރޮޑިއުސަރެއް އަދި ޕްރެޒެންޓަރެއްގެ ގޮތުގަ އަހަރެން މަސައްކަތްކުރިން. އެތަނުން އަހަރެންގެ ފުރަތަމަ ޓީވީ ޝޯ “ޗިލް އައުޓް ވިތު ކޯކް” ގެނެސްދޭން ފެށީ.

މި ފުރުޞަތު އަހަންނަށް ދިނީ މިހުސޯ. ދިޓީވީގަ އެހެން ލައިވް ޝޯތައް ވެސް އަހަރެން ޖެއްސިން. އަހަރެން ދިޓީވީގަ އުޅުނުއިރު ސްޓޭޖް ޝޯ އެއް ހުށައެޅުމުގެ ފުރުޞަތު އެންމެ ފުރަތަމަ ލިބުނީވެސް. އެގޮތުން އަހަރެން ހުށައެޅީ “މެޓާލިކާ ޓްރިބިއުޓް ޝޯ”

“ޗިލް އައުޓް ވިތު ކޯކް” ގެނެސްދިނުމުގަ ފުރަތަމަ ކުރެވުނު ތަޖުރިބާއަކީ ހަންދާނުން ފޮހެލަން ދަތި ތަޖްރިބާއެއް. ޝޯގެ ރެކޯޑިން އެއް ހަދަން ނަގާ 10 ވަރަކަށް ގަޑިއިރު. އަހަރެން ހާސްވެ ބިރުގެންފަ ހުންނާތީ. އެއީވެސް ހަމަ އެންމެ ފަސް މިނެޓްގެ ވީޑިއޯކޮޅުތަކެއް. އެދުވަސްވަރު އަހަންނަށް އަހަރެންގެ މިހާރުގެ އަނބިމީހާއާ ބައްދަލުވެވުނީ.

އޭރު ގާރލް ފްރެންޑް ތާތި އަހަރެން ޕްރެޒެންޓަރަކަށް ވުމުގަ ވަރަށް ބޮޑަށް އެހީވެދިން.

ތާތި އޭނާގެ ޑިގްރީއަށް ޕާކިސްތާނުގަ ކިޔަވަމުން ދިޔައީ. އެކަމަކުވެސް އޭނަ ބަލާނެ އަހަރެންގެ ހުރިހައި ޝޯތަކެއް. ބަލާފާ ފީޑްބެކް ދޭނެ ރަނގަޅުކުރަންވީ ކަންތައްތައް ބުނެދީގެން. ކިޔަވާ ނިމިގެން އައިސް އޭނަވެސް ވަނީ ދިޓީވީއަށް. އަހަރުން ދެމީން އެކީގަ މަސައްކަތްކުރީ. އޭގެ ފަހުން ދިޓީވީ ބަންދުކުރީމަ އަހަރެން އަނެއްކާވެސް ދިޔައީ ޕޯޓްރެއިޓް އަލްބަމަށް. ދުވަސްކޮޅެއް ވާންދެން އެތާ މަސައްކަތްކޮށް އަހަރެން ވީޓީވީއަށް ވަންނަން އެޕްލައިކުރީ. ޖޮބް ލިބުނީމަ އެތަނަށް ދިޔައީ.

ދިޓީވީގެ ހުރިހައި ދުވަސްތަކަކުވެސް އަހަރެން ޓީވީ އިޝްތިހާރު ކުޅުނިން. މިހެން ދަމުންގޮސް އެކްޓް ކުރެވޭޭނެޔޭ ހިތަށް އަރުވައިގެން އޭރުވެސް އަހަރެން އަބަދުވެސް ބޭނުންވޭ ފިލްމެއްގަ އެކްޓްކޮށްލަން.

އެކްޓް ކުރުމުގެ ފުރަތަމަ ފުރުޞަތު އަހަންނަށް ލިބުނީ ވީޓީވީގެ ޑްރާމާއަކުން. އެ ޗާންސް އަހަންނަށް ދިނީ ‘ބަވަތި’ގެ ޑައިރެކްޓަރ އިލްޔާސް ވަހީދު. އޭރު އިލްޔާސް ވީޓީވީގަ ހަދަމުން ދިޔައީ ކުރު ސީރީޒްއެއް “ކުށުގެ ހަފަރާތް” މި ނަމުގަ. އަހަރެން ކުޅުނިން ދާނިޝް ނަމަކަށް ކިޔާ އެބިއުސިވް ހަސްބަންޑެއްގެ ރޯލު. އެ ރޯލު ކުޅެގެންވެސް އަހަންނަށް ލިބުނީ ވަރަށް ޕޮޒިޓިވް ފީޑްބެކްތަކެއް.

“ބަވަތި”އިން އިފްނާޒަށް ފުރުޞަތު ލިބުނީ ކިހިނެތް؟

ވީޓީވީން ވަކިވެގެން އަހަރެން މަސައްކަތްކުރީ ޗޮޕްއާޓްގެ އޮަޕަރޭޝަންސް މެނޭޖަރަކަށް. އެތާ އުޅެމުން ބައެއް އިޝްތިހާރުތައްވެސް ކުޅުނިން. ޗޮޕްއާޓުން ކެނޑިގެން އަހަރެން ވީ ފިޓްނަސް އިންސްޓްރަކްޓަރަކަށް. އަހަރެންގެ ބޭސިކް އަދި އެޑްވާސް ލެވަލް ކޯސް ހެދީ “ޓީއެފްޖީ” އިން. އެންމެ ފަހުން އަހަރެން ކުޅުނީ އެމްޑަބަލިޔުއެސްސީގެ އިޝްތިހާރެއް. އެއީ ބެލުންތެރިންނަށް އެންމެ ކަމުދިޔަ އަހަރެން ކުޅެފައިވާ އިޝްތިހާރު. އަނެއްކާ މި އިޝްތިހާރު މިއީވެސް އިލްޔާސްގެ ޑައިރެކްޝަނެއް. އޭނަ އެޑްވަޓައިޒިންގ ކުންފުންޏެއްގަ މަސައްކަތްކުރިއިރު.

އިފްނާޒަކީ ޓީއެފްޖީން ސެޓްފިކެޓް ހާސިލްކޮށްފައިވާ އިންސްޓަރަކްޓަރެއް – ފޮޓޯ: އިފްނާޒް

ދެން މިވާގޮތަކީ އިލްޔާސް ފިލްމެއް ހެދުމުގެ ވާހަކަތައް ދައްކަމުންދިޔައިރު އަހަރެން މި އިންނަނީ އޭނަގެ ސަޅި އައިޑިއާތައް އަޑުއަހަން. އެ ވާހަކަތައް ދައްކަމުން އޭނަ އަހައިފި އޭނާގެ ފުރަތަމަ ފިލްމުގެ ލީޑް ރޯލް ކުޅެފާނަންހޭ. އަހަރެން ކިހާ އުފަލެއްވާނެ. ވަރަށް ގިނަ މީހުން އިލްޔާސް ކައިރީ އަހާ ކީއްވެހޭ އަހަރެން އެ ރޯލަށް ނެގީ. އިލްޔާސްގެ ޖަވާބަކީ އޭނައަކީވެސް ފިލްމު އިންޑަސްޓްރީއަށް އާ މީހެކޭ، އެހެންވީމަ އޭނަ ބޭނުންވަނީ މި ދާއިރާއަށް ވަދެވޭތޯ ބުރަކޮށް މަސައްކަތްކުރަމުން އަންނަ އާ މީހުނަށް ފުރުޞަތު ދޭށޭ. މީހުން އޭނައަށް ނަސޭހަތްވެސް ދިން އަހަރެން ނެގުމާ ދެކޮޅަށް. އެކަމަކުވެސް އޭނަ ހުރީ ގޮތް ނިންމައިގެން. މީހުން ކިޔި އެއީ ވަރަށް ބޮޑު ރިސްކެކޭ އާ މީހެއް ލައިގެން ފިލްމު ހެދުމަކީ. މިއީ އަހަންނަށް މި ޗާންސް ލިބުނު ގޮތަކީ.

އޯކޭ. “ބަވަތި”އަށް ތައްޔާރުވުމަށް އިފްނާޒް ވަރަށް މަސައްކަތްކުރިކަން އޮތީ އެނގިފަ. އެކަމަށްޓަކައި ހަށިގަނޑުން 16 ކިލޯ ދުއްވައިލިކަންވެސް އެނގޭ. އަދި މުންކޮ އާއިއެކީގަ އެކްޓިން ކްލާސްތަކެއް ޖެއްސިކަންވެސް އެނގޭ.

ފިލްމަށް ތައްޔާރުވުމަށް އަހަރެން 16 ކިލޯ ދުއްވައިލިން. މި އޮފާ ލިބުނުއިރުވެސް ކުދިކުދި ސްކިޓްތަކާ އިޝްތިހާރުތައް ކުޅެމުން އަހަރެން އައީ. މި މުއްދަތުގަ އަހަރެން މުންކޮއާއެކު މަސައްކަތްކުރިން. އޭރު އުޅުނީ މުންކޮގެ “ނުޖެހޭގެ” ކިޔާ ޕްލޭއަކަށް ތައްޔާރުވާން. ރިހާސަލްވެސް ކުރިއަށްދިޔަ، އެކަމަކު ވަކި ހިސާބަކުން އޭތި ހުއްޓުނީ. ކީއްވެގެން ކަމެއް އަހަރެން ހަނދާނެއް ނެތް.

އިފްނާޒް 16 ކިލޯ ލުއިކޮށްލުމުގެ ކުރިން (ކ) އަދި 16 ކިލޯ ލުއިކޮށްލުމުގެ ފަހުން (ވ) ފަރާތުގައި

“ބަވަތި” އަށް ތައްޔާރުވުމަށްވެސް މުންކޮއާއެކީ މަސައްކަތްކުރިން. މުންކޮ ހިންގީ ކެރެކްޓަރ ބިލްޑިންގ ކްލާސްތަކެއް. 16 ކިލޯ ދުއްވައިލުމަށް ވަރަށް ފަސޭހަވި އަހަރެންނަކީ ފިޓްނަސް އިންސްޓްރަކްޓަރަކަށް ވީމަ. ބަރުދަން ލުއިކުރުމަށް އަހަރެން ހަދަންވީ ވޯކްއައުޓް ތަކާއި ކެއުން ބަހައްޓަންވި ގޮތްވެސް އެނގޭީ ވަރަށް ފަސޭހަވި.

ފިލްމު “ބަވަތި”ގެ ޝޫޓިންގައި ކުރެވުނު ތަޖުރިބާތައް ކިޔާލަދީބަލަ؟

އެއްކަލަ ފުރަތަމަ ޝޯ ހުށައެޅި ދުވަހު ޖެހުނު ކަހަލަ ކުނޑިކޮޅެއް ނުޒޫއާއެކު ޝޫޓްކުރި ފުރަތަމަ ދުވަހު ދިމާވި. މީހާ ދާހިއްލާ …. ރޮބަޓެއްހެން ހިނގާ.

އެދުވަހު ޝޫޓް ނުކުރެވޭނެޔޭ ހިތަށްއަރާ ހިސާބަށް ގޮސް އެންމެފަހުން އިލްޔާސް އަހަރެންގެ އަންހެނުން ތާތި އޮފީހުގަ ހުއްޓާ އޭނަ ގެނެސްގެން އެކަންވީ.

ފިލްމު “ބަވަތި”ގެ މަންޒަރެއްގައި އިފްނާޒް އާއި ނުޒޫ – ފޮޓޯ: މުނިއަވަސް

ފިލްމު “ބަވަތި”ގައި ދެވިފައިވާ ޕާފޮމަންސާމެދު ކީކޭ ބުނާނީ؟

މިއީ އަހަރެންގެ ފުރަތަމަ ފީޗާ ފިލްމު. އެކަމަކު މިއަދުވެސް އަހަންނަށް ފީލްވޭ އަނެއްކާ އަލުން ޝޫޓްކޮށްފިއްޔާ އެއަށްވުރެން ރަނގަޅަށް އެކްޓް ކުރެވޭނެޔޭ. ފިލްމުގަ ހުންނާނީ އަހަރެންގެ ބެސްޓް ދީފަ. އުއްމީދުކުރަނީ ދެން އެކްޓްކުރާ އެއްޗެއްވެސް މީގެއިން (ބަވަތި އިން) ލިބޭ ފީޑްބެކާ އެއްކޮށް ރަނގަޅުކުރަން. އަހަންނަށް އެނގޭ އަހަރެން އިމްޕްރޫވްކުރަންޖެހޭ ބައިވަރު ކަންތައްތައް ހުންނާނެކަން.

ފިލްމު “ބަވަތި”ގެ މަންޒަރެއްގައި އިފްނާޒް އާއި ނުޒޫ – ފޮޓޯ: މުނިއަވަސް

ނިންމާލަމުން ބުނާނީ ކީކޭ؟

މީ ވަރަށް ދިގު ފަތުރެއްގެ ފުރަތަމަ ފިލްމާ ހަމައަށް އާދެވުން، ކުރަން ބޭނުން ވަންޏާ އަބަދުވެސް އެކަމަކާ ކުރިމަތިލާންވީ. ލިބޭ އެންމެ ކުޑަ ފުރުޞަތުވެސް ބޭނުންކޮށްގެން ކޮންމެ މީހެއްގެވެސް ހުވަފެންތައް ހަޤީޤަތަކަށް ހެދޭނީ.

މާތްﷲ އަށް ޝުކުރުވެރިވާ ހާލުގަ ތާތިއަށް ޝުކުރުވެރިވަން އަހަރެންގެ ހުވަފެން ކާމިޔާބުކުރުމުގަ އަބަދުވެސް އަހަންނަށް މަގުދައްކާ އަހަންނަށް ސަޕޯޓްދިނުމުގަ ދެމިހުންނާތީ. ހަމަ އެހެންމެ އިލްޔާސްގެ ވަގުތާއި ފައިސާ ހޭދަކޮށްގެން އަހަންނަށް މި ފުރުޞަތު ދީ މިހާ ބޮޑު ރިސްކެއް ނަގާތީ އިލްޔާސަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން.

ވަރަށް ތަފާތު ރޯލުތަކުން ބެލުންތެރިންނަށް ފެންނަން އަހަރެން ބޭނުންވަނީ. ތަފާތޭ މިބުނީ އެ ރޯލުން ކުރާ އަސަރު ބޮޑު ރޯލުތަކުން.

ފިލްމު ”ބަވަތި”ގެ ފަޚްރުވެރި އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.