ހައްދުންމަތީ ފޮނަދުއަކީ ވަރަށް ކުރީންސުރެ ތިން އަވަށުގެ މައްޗަށްބެހިގެން މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެހެންނަމަވެސް ކުރީޒަމާނުގައި ހުކުރުމިސްކިތް ފިޔަވައި ހުކުރުނަމާދު ކުރާނެ މިސްކިތެއް ނުހުރެއެވެ. ހުރިހައި އެންމެންވެސް ހުކުރަށް ދަނީ މިހާރުވެސް މެދުއަވަށުގައި ފެންނާން އެހުރި ހުކުރުމިސްކިތަށެވެ. ސުވާލު އުފެދޭ ކަމަކީ ހުކުރުމިސްކިތް މިހެން ހުއްޓާ އީދުނަމާދަށް މިރަށުގެ އެންމެ އުތުރަށއ އޮންނަ އަވަށް ކުރިގަމު އަވަށު ކޮޅުގައިހުންނަ ބާވެ ވީރާނާވެފައިވާ މިސްކިތަކަށް ދާކަމެވެ. އެ މިސްކިތަކީ ހުކުރުމިސްކިތް އެޅުމުގެ މާކުރީންވެސް ދޫކޮށްލެވިފައިވާ ބާ މިސްކިތެކެވެ. އެ މިސްކިތުގެ ހަތަރު ފާރުގަނޑު ފިޔަވައި އެހެން ތަނެއް ނުހުންނަކަމަށް ވެއެވެ. އެ މިސްކިތަށް ކިޔަނީ ޢީދުމިސްކިތެވެ. ޢީދެއް އައިސްފިނަމަ ރަށުގެ ރައްޔިތުން ނިކުމެ އެ މިސްކިތްގަނޑު ސާފުކޮށް މިސްކިތުގެ މަތީ ރިޔާ ދަމައި ބިންމަތީ ކުނާއަޅާ ޢީދުނަމާދަށް ތައްޔާރުކުރެއެވެ. 

ޢީދު ދުވަހު ހެނދުނު ޢީދުނަމާދަށްދާ ހުރިހައި އެންމެން ހުކުރުމިސްކިތް ދޮށަށް ޖަމާވެއެވެ. ހުކުރުމިސްކިތަށް ޖަމާވަނީ ހަމައެކަނި މެދުއަވަށު މީހުންނާއި ބަރާސިލު އަވަށު މީހުން ކަމުގައި ވެދާނެއެވެ.  ޢީދަށް ދިޔުމަށް މީހުން ޖަމާވީމާ އެންމެންގެ ކުރިޔަށް ޖަޑިބަކު އަރާ ކަނޑިކޮޅެއް މައްޗަށް އުފުލައި ތަކުބީރު ފަށައެވެ. އެއްވެ ތިބޭ ހުރިހައި އެންމެން ޖަޑިބުގެ ފަހަތުން ތަކުބީރު ކިޔަމުން މާމަގު ހުރިގޮތަށް ޢީދުމިސްކިތާ ދިމާއަށް މިސްރާބުޖަހައެވެ. މިހެން ދަމުން ކުރިގަމު އަވަށާ އަރައި ހަމަވީމާ އެ އަވަށުން ޢީދުނަމާދަށް ދާން ނިކުމެތިބޭ މީހުންވެސް ޖަޑިބުގެ ފަހަތުން އަންނަ މީހުންނާއި ގުޅި ތަކުބީރު ފަށައެވެ. މާމަގަކީ ރަށް ދިގަށް ރަށުގެ މީހުންދިރިއުޅޭ ހިސާބުން ކޮޅުންކޮޅަށް ކޮށާފާ އޮންނަ މަގެކެވެ. މިތަން ބެލުމަށް ރަށުގެ އަންހެންވެރިން އެ ވަގުތަށް މާމަގަށް ނިކުންނަކަމަށް ވެއެވެ. 

ޢީދުނަމާދުން އަވަދިވެގެން ޢީދުނަމާދަށް ދިޔަ މަގު ނޫން އެހެން މަގަކުން އަންނަންވެގެން އަންނަނީ ހުޅަނގުފަރާތު އަތިރިމަތިންނެވެ. މިހެން އަންނައިރުވެސް އަންނަނީ ތަކުބީރު ކިޔަމުންނެވެ. އަތިރިމަތިން އައިސް މާމިސްކިތް މަގުން އަރައިގެން ހުރިހައި އެންމެންވެސް ޖަމާވަނީ ހުކުރުމިސްކިތް ދޮށަށެވެ. މިތަނުން ތަކުބީރު ނިންމާ ހުރިހައި އެންމެން ގެއަށް ދެއެވެ. މިހެން އަންނައިރު އެ ތަން ބަލަންވެސް އަންހެންވެރިން މާމިސްކިތްމަގު އަތިރީ ރުއްގަޑު ތެރޭގައި ތިބޭކަމަށް ވެއެވެ. 

މިހައި ހިސާބުން ވެސް އުފެދެނީ ހަމަ އެއް ސުވާލެކެވެ. ހަލާކުވެ ވީރާނާވެފައި ހުރި މިސްކިތަކަށް އެޒަމާނުގައި މާ ވަރުނަގާފައި ޢީދުނަމާދަށް އެދަނީ ކީއްކުރަންބާވައެވެ. އެއީ ކާބަފައިންގެ ޒަމާނުންސުރެ ޢީދުނަމާދަށް  އެމިސްކިތަށް ދާތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެޒަމާނުގެ އެސަގާފަތް ދިރުވަން ކަމަށް ވުމަކީވެސް އެކަށީގެން ވާކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.