މުނިފޫހިފިލުވުމުގެ ދާއިރާއަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދިނުމަށް މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)ގެ ނަމުގައި 2011 ވަނަ އަހަރު ހިންގަންފެށި ޖަމުއިއްޔާ އުވުމުގެ މަގުމަތީގައި ވަނިކޮށް އެ ޖަމިއްޔާ އަލުން ނަގައި ކޮޅަށް ޖެހުމަށް ބައެއް ފަންނާނުންނާއި އިތުރު ފަރާތްތަކެއް ގުޅިގެން ނުކުމެއްޖެ އެވެ.
މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް އަކީ ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާ އާއި އެދާއިރާގައި މަސަކަތް ކުރާ ކުރާ ފަރާތްތައް ކުރިއަރުވާ، އެފަރާތަކުގެ އަގު ވަޒަންކުރުމަށާއި އަދި އެދާއިރާއިން މީހުން ބިނާކުރުމުގެ މަޤުސަދުގައި 2011 ވަނަ އަހަރު އަލްފާޟިލް މުޙައްމަދު ރަޝީދު (ދަރާ)ގެ އިސްނެގުމަކަށް ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ކޮއްޔަ ހަސަންމަނިކު ބައިވެރިކޮށް މި ތިން މީހުންގެ މަސްޢޫލުވެރިކަމުގެ ދަށުން އުފެއްދި ޖަމުޢިއްޔާއެކެވެ.
މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް އުފެއްދުމުގައި ކުރިންވެސް މަސައްކަތް ކުރެއްވި ތަޖުރިބާކާރު ފިލްމީ ފަންނާނު މުޙައްމަދު ރަޝީދު (ދަރާ) މުނިއަވަސް ވިދާޅުވީ މިފަހަރު އެމްއެސްޕީއޭ އަލުން ނަގައި ކޮޅަށް ޖަހަނީ ކުރިން އުފެއްދި ޖަމިއްޔާ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މުއްދަތު ހަމަވަން ކައިރިވެފައި ވަނިކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
“އެމްއެސްޕީއީގެ ބޯޑުގެ މުއްދަތު ހަމަވެދިޔައިރު ވެސް ބޯޑް އެކުލަވައި ނުލާ އޮތީ. ދެން އަޅުގަނޑުމެން ހޯމް މިނިސްޓްރީ އަށް ދަންނަވައިގެން އިތުރަށް ފުރުޞަތު ދެއްވުމަށް އެދުމުން ފުރުޞަތު ދެއްވީ. ހޯމް މިނިސްޓްރީގެ ދަށުން މިނިސްޓްރީ އޮފް ޔޫތަށް ޖަމިއްޔާ ރެޖިސްޓްރީކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވިފަހުން އެތަނުން ރެޖިސްޓަރ ކޮށްދެއްވީ.” މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އަލުން ވުޖޫދަށް ގެނައުމަށް ކުރި މަސައްކަތްތައް ފުރަތަމަ ފަހަރަށް މީޑިއަކާއި ހިއްސާކުރަމުން ދަރާ ރަޝީދު ހާމަކުރެއްވި އެވެ.
އެކިއެކި ސަބަބުތަކާހުރެ މި ޖަމުޢިއްޔާގެ މަސައްކަތްތައް ވަނީ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. މި ޖަމުޢިއްޔާގެ މަސައްކަތްތައް ކުރުމަށްޓަކައި ކުރީގެ ނައިބު ރައީސް އައް ނަބީލް މުޙައްމަދު ވަހީދުއްދީން ވަނީ ޖަމުޢިއްޔާގެ މަސައްކަތްތައް ކުރުމަށްޓަކައި ގާތްގަޑަކަށް ހައެއްކަ ލައްކަ ރުފިޔާގެ ސާމާނުވެސް ޖަމުޢިއްޔާއަށް ހަދިޔާ ކުރައްވާފައެވެ. ނަމަވެސް ޖަމުޢިއްޔާ އުފެއްދި ފަހުން ޖަމުޢިއްޔާގެ މަޤްސަދުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ކުރެވިފައިވަނީ ހަމައެންމެ ކަމެކެވެ. އެއީ 2015 ވަނަ އަހަރު އޮލިމްޕަހުގައި ބޭއްވި އަރުތަ އެވޯޑްއެވެ.
ޖަމިއްޔާގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކުރިން މި ދެންނެވި ހަރަކާތް ހިންގުމަށްފަހު ޖަމުޢިއްޔާގެ ހިންގުން ހީނަރުވެ މަސައްކަތްތައް ހުއްޓުމަކަށް އައެވެ. އެގޮތުން ޖަމުޢިއްޔާގެ އެންމެ ފަހުން އޮތް ހިންގާ ކޮމެޓިގެ ދައުރު 2018 ވަނަ އަހަރުގެ އޮކްޓޫބަރަށް ހަމަވެ އިތުރު ކޮމެޓީއެށް ނުހޮވައި އަދި ރެޖިސްޓްރީކޮށްފައި ނެތުމުން ހޯމް މިނިސްޓްރީން މި ޖަމުއިއްޔާ އުވާލުމަށް ނިންމާފައިވަނިކޮށް ދަރާ ރަޝީދު އަނެއްކާވެސް ހޯމް މިނިސްޓްރީގައި އިތުރު ފުރުސަތެއް ދެއްވުމަށް އެދުމުން އެ ފުރުސަތު ވަނީ ރަޝީދުއަށް ދެއްވާފައެވެ. ދަރާ ރަޝީދުއަށް އެ ފުރުސަތު ދެއްވި ސަބަބަކީ ރަޝީދުއަކީ އެމްއެސްޕީއޭގެ އެއް މަސްޢޫލު ވެރިޔާ އަށްވީތީ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެމްއެސްޕީއޭ އަލުން ނަގައި ކޮޅަށް ޖަހައި، ޖަމުއިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ގިނަ ޙަރަކާާތްތަކެއް ހިންގުމަށް މިހާރު އަމާޒު ހިފާފައިވާއިރު އައު ބޯޑު މެންބަރުންތަކެއް ވަނީ ހޮވާފައެވެ.
މިހާރުގެ ބޯޑު މެންބަރުންނަށް ބަލައިލާއިރު މުހައްމަދު ރަޝީދު (ދަރާ ރަޝީދު )، އަލީ ފާރޫގް، ހަސަން މަނިކު (ރޯނު)، ހުސެން ނިޔާޒް، އަހުމަދު ރަމީޒު، އަހުމަދު ތޮލާލް، ހުސެން ސާދު، މުހައްމަދު ނަވީޒް ސަލީމް އަދި ހަސަން ސުނާދު ހިމެނެއެވެ.
މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) ގެ ފަރާތުން މި އަހަރަށް ގިނަ ކަންތައްތަކެއް ވަނީ ޕްލޭންކޮށްފަ އެވެ. އެގޮތުން ފިލްމީ ދާއިރާއާއި ގުޅުންހުރި ތިން ޓްރެއިނިން ވޯކްޝޮޕް ބޭއްވުމަށް ވަނީ ނިންމާފައެވެ.
“އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ ބޭސިކް ކޮރިއޮގްރަފީ ކޯހެއް، އެކްޓިން އެންޑް ޕްރެޒެންޓޭޝަން ކޯހެއްގެ އިތުރުން ޑައިރެކްޓިން އެންޑް ސްކްރީން ރައިޓިން ކޯހެއް ބޭއްވުމަށް މިހާރު އަންނަނީ ރަސްމީ މަސައްކަތްތަކެއް ކުރެވެމުން.” ދަރާ ރަޝީދު ހާމަކުރެއްވި އެވެ.
“މީގެ އިތުރުން މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް އިން އިންތިޒާމުކޮށްގެން “ލިޔެލާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް”ގެ ނަމުގައި ބައިނަލްއަޤްވާމީ ފިލްމު ފެސްޓިވަލް އެއް ބާއްވަން ވަނީ ނިންމާފަ. މި ފެސްޓިވަލްގަ ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ފިލްމު ބައިވެރިކުރެވޭނެ.” ބޭރުގެ އެންޖީއޯ ތަކަކާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލްއާ ބެހޭގޮތުން ރަޝީދު ވިދާޅުވިއެވެ. މިއީ އަހަރަކު އެއް ފަހަރު ބޭއްވުމަށް ނިންމާފައިވާ ފެސްޓިވަލް އެކެވެ.
“މި ފެސްޓިވަލްގެ ފްރޭމްވޯކްގެ މަސައްކަތް މިހާރު ކުރެވެމުންދަނީ. މި އަހަރު ރަނގަޅު ދުވަސްވަރަކަށް ބަލާފަ ފެސްޓިވަލް ބާއްވަނީ.”
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!