މީގެ ދެ ރެއެއް ކުރިން ރައްޓެއްސަކު ހިއްސާކޮށްލި ފޮޓޯއެކެވެ. އިރުއޮއްސޭ މަންޒަރެކެވެ. ޒުވާން ދެމަފިރިން، ހިތްގައިމު ނަލަނަލަ ލ. އަތޮޅުގެ އެންމެ ހިތްގައިމު މަންޒިލުން އުފާވެރިކަން ހޯދަމުންދާ ޕޯޓްރެއިޓް ފޮޓޯ އެކެވެ.

މިއީ ފޮޓޯޝޮޕް ފަދަ ފޮޓޯ އެޑިޓްކޮށް، އޮފުދާރުކުރާ ސޮފްޓްވެއަރ އެއްގެ އެހީގައި ބަދަލުތަކެއް ގެނެސްފައިވާ ފޮޓޯއެއް ކަމަށް ޤަބޫލުކުރެވޭދޯ އެވެ. އެހެން ކަމަށްވާނަމަ ތިޔައީ ކުރެވޭ ކުށްހީ އެކެވެ.

“އެޑިޓްކޮށްލާފަ ހެއްޔޭ ހަމަ ކޮންމެ މީހަކުވެސް އަހަނީ. އެކަމަކު މިއީ ހަމަ ނޯމަލްކޮށް ޕޯޓްރެއިޓްކުރުމަށް އެޑިޓްކޮށްލާފަ.” ލ. އަތޮޅުގައި ބޭއްވި ދުވުމުގައި ބައިވެރިވުމަށް އައްޑު އަތޮޅުން އައި ދެމަފިރިންކަމަށްވާ އަމްޖޭ އާއި ފިޒޫގެ މި ފޮޓޯގަނޑާއި ބެހޭގޮތުން ލ. ގަމުގައި ހުންނަ ‘އައި ކޭންޑީ‘ގެ ފަރާތުން އުސްމާން ޢަބްދުﷲ (އުއްސޭ) ބުންޏެވެ.

“އަޅުގަނޑުމެންގެ ފޭސްބްކް ޕޭޖަށް މި ފޮޓޯ ލުމުން މީހަކު ކޮމެންޓްވެސް ކޮށްފަ އެބަ އޮތް ‘ޓޫ މަޗް އެޑިޓިން’އޭ ކިޔާފަ. އެކަމަކު މިއީ ހަމަ ފޮޓޯގެ އަސްލު.” އުއްސޭ ކިޔައިދިނެވެ.

މި ހިތްގައިމު ފޮޓޯ ސިފަކޮށްލުމަށް މުނިއަވަސް ގެ ލިޔުންތެރީންގެ ތެރެއިން އެންމެ ފުރިހަމައަށް މަންޒަރާއި ހާލަތު ސިފަކޮށްދޭ ލިޔުންތެރިޔާ އަޙްމަދު ޝަބީންގެ އެހީތެރިކަން ހޯދަން އަހަންނަށް މަޖުބޫރުވީ މި ފޮޓޯގެ ފުރިހަމަކަމުންނެވެ.

“ޤުދުރަތުގެ ފުރިހަމަކަމާއެވެ. ގުރަހާނަ ހެއްދެވި އިލާހުގެ ކަށަދާނަ ކަމާއެވެ. ވާހްވާ! ތާލަމެ ދުވަހެކެވެ. ދުވަހުގެ އިރު މި ހަސްތީ އާއި އަލްވަދާޢުކިޔަމުން ދިޔައީ ބޭހޯސް ކުރުވަމުންނެވެ. އިރުގެ ދޯދިތަކުން ތެޔޮފާންލާފައިވާ މޫދަށް ރިވެލި އެޅޭއިރު ހީވަނީ ވިދާބަބުޅާ ރަންފަތްގަނޑެއް ހެންނެވެ. ސަނދުވާތަކެއް ފަދައިން ފަޒާގައި އަތުރާލާފައިވާ ރަތްވިލާތަކުން އިތުރު ހިތްގައިމުކަމެއް ގެނެސްދެއެވެ. އެއްވެސް ޝައްކެއްނެތެވެ. ތަސްވީރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެތާތިބި އަންދަލީބު ޖޯޑެއްނޫންހެއްޔެވެ.”

އަޙްމަދު ޝަބީން –

މާންދޫ-ކައްދޫ ފާލަންމަތީގައި އައްޑު ދެމަފިރިންކަމަށްވާ އަމްޖޭ އާއި ފިޒޫ – ފޮޓޯ: ޒިދޫ – އައި ކޭންޑީ

މިއީ އުއްސޭގެ ލޮބުވެތި އަންހެނުން ޒިދޫ ނަގާފައިވާ ފޮޓޯއެކެވެ. މާންދޫ-ކައްދޫ ފާލަމުގައި މި ފޮޓޯ ނެގި ދަނޑިވަޅު ވެގެންދިޔައީ ވަރަށް ހިތްގައިމު ޤުދުރަތީ މަންޒަރެއް އުދަރެހުން ފާޅުވެފައި ހުރި ވަގުތަކަށެވެ.

“ހަމަ ކުއްލިއަކަށް ސަންސެޓް އެހާ ފަޔަރ ވީ.” އުއްސޭ ބުނީ މި ފޮޓޯ ނެގި ދުވަހު، އިރުއޮއްސެމުންދިޔަ ވަގުތު އުދަރެސްމަތީގައި ލާފައިވާ ރަތްވިލާގެ ރަތްކަން އިތުރުވެގެން ދިޔައީ ހަމަ ކުއްލިއަކަށް ކަމަށެވެ. ފޮޓޯ ނެގި ދުވަހު 1700 ގައި ވެސް އުދަރެސް އޮތީ އަޅިނޫ ކުލައަކަށެވެ. ނަމަވެސް އައްޑޫން ރީތި ލާމުގެ ހިތްގައިމުކަން ދެކިލަން އައި ދެމަފިރިންގެ ފޮޓޯ ޝޫޓްގައި މުޅި ކާއިނާތުވެސް ބައިވެރިވުމަށް ބޭނުންވި ކަހަލައެވެ. އިރު އޮއްސުނު ވަގުތު އުދަރެހަށް ވެރިވެގެންދިޔަ ލާމަސީލު، ލާޖަވާބު މަންޒަރަކީ ހިތްގައިމުކަމުގެ އިންތިހާއެކެވެ.

އަމްޖޭ އާއި ފިޒޫ، ރީތި ލާމުގެ ހިތްގައިމު ވެލިމަލައިގައި ހަވީރު 1700 ގައި – ފޮޓޯ: ޒިދޫ – އައި ކޭންޑީ

ލ. ގަމުގައި ހުންނަ ‘އައި ކޭންޑީ‘ އަކީ ހައްދުންމަތީގައި ފޮޓޯ ނެގުމުގެ ދާއިރާގައި އެންމެ އުހުގައި އުޅޭ ސްޓޫޑިއޯ އޭ ބުނުން ދޮގަކަށް ނުވާނެވެ. އުއްސޭ އޭނާގެ އަންހެނުން ޒިދޫގެ ޝައުޤުވެރިކަން އެކަމަކަށް ގޮސް ހުސްވެފައިވާ ފޮޓޯ ނެގުމުގެ ދާއިރާގައި އެހީތެރިވެދެމުން އަންނަނީ ފިރިއެއްގެ ފަރާތުން އަތްނބަކަށް ލިބޭނެ އެންމެ ފުރިހަމަ އެހީތެރިކަމުގެ މިސާލު ދައްކަމުންނެވެ.

އައި ކޭންޑީ‘ އަކީ ޒިދޫގެ ސްޓޫޑިއޯ އެވެ. ފޮޓޯ ނަގަނީ ޒިދޫ އެވެ. ޒިދޫ އަށް އެހީތެރިވެދެނީ އުއްސެ އެވެ. އާދައިގެމަތިން ފޮޓޯ ޝޫޓެއް ލިބުމުން ޒިދޫމެން އެ ދުވަހުވެސް ފޮޓޯ ނަގަން ދިޔައީ ހައްދުންމަތީ ގަން-ފޮނަދޫ ސަރަހައްދުގެ އެންމެ ހިތްގައިމު މަންޒިލްތަކަށެވެ. ފޮޓޯ ނެގުމުގައި ޤުދުރަތީ އަލިކަމުގެ ބޭނުން އެންމެ ފުރިހަމަކޮށް، އެންމެ އުފެއްދުންތެރިކޮށް ހިފުމަކީ ޒިދޫ އަބަދުވެސް އެންމެ ބޮޑަށް ވިސްނުން ބަހައްޓާ އެއް ކަންތަކެވެ.

އުއްސޭ އާއި ޒިދޫ، އެމީހުންގެ ދަރިފުޅާއެކު – ފޮޓޯ: އުއްސޭ

އެތަކެއް ހާސް ފޮޓޯ ނަގާފައިވާ ޒިދޫއަށް މިހައި ހިތްގައިމު ފޮޓޯއެއް ނެގުމުން ހަމަ ކޮންމެހެންވެސް މިކަމާމެދު ޒިދޫގެ ޝުޢޫރު ހުރިގޮތް ހޯދައިލުން މުހިންމުދޯ އެވެ.

“ސަންސެޓެއްގަ ޕޯޓްރެއިޓް ޝޫޓެއް އެންމެ ހިތްހަމަޖެހިގެން ނެގުނު ފަހަރު މީ. އެދުވަހު އިރުއޮއްސެންދިޔަ ގަޑީގަ ކުއްލިއަކަށް މުޅި އުޑުމައްޗަށް އެރި ކުލަވަރަކީ މަދުން ނޫނީ ނުފެންނަ މަންޒަރެއް… ހައިރާންވާހާ އަވަހަށް ކުލަތައް ބަދަލުވެގެން ދިޔަ. އެދުވަހު ނެގުނީ ވަރަށް ހިތްހަމަޖެހޭ ފޮޓޯ ތަކެއް.” ނެގުނު ފޮޓޯގެ ފުރިހަމަކަމުން އުފަލުން ހުރެ ޒިދޫ ބުންޏެވެ.

ޒިދޫ އަށް ނެގުނު ހިތްގައިމު ފޮޓޯ، އެއްވެސް އެޑިޓެއްނެތި – ފޮޓޯ: އައި ކޭންޑީ

“ގިނަ މީހުން ޤަބޫލުވެސް ނުކުރޭ. އެޑިޓްކޮށްގެން ލާފަ އިން ބެކްގްރައުންޑެއް ކަމަށް ގިނަ މީހުން ހީކުރީ….. ފޮޓޯ ނަގާއިރު މިކަހަލަ ނެޗްރަލް ލައިޓްސް ކެޗްކުރަން ވަރަށް މަސައްކަތްކުރަން އަބަދުވެސް.” ޒިދޫ އިތުރަށް ބުންޏެވެ.

ޤުދުރަތުގެ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ދައްކައިދޭ ފޮޓޯއެއް – ފޮޓޯ: އައި ކޭންޑީ

2013 ވަނަ އަހަރު ފޮޓޯ ނަގަން ފަށާފައިވާ ޒިދޫގެ ”އައި ކޭންޑީ‘ ފޭސްބްކް ޕޭޖް’ގެ ފޮލޮވަރސް ވެސް އުޅެނީ 34ހާހަށް ވުރެން މަތީގައެވެ. މިއީ ލ. އަތޮޅުގައި ހިންގާ ފޮޓޯނަގާ ސްޓޫޑިއޯއެއްގެ އެންމެ ބޮޑު އޯޑިއަންސް ލިބިފައިވާ ޕޭޖްކަން ފާހަގަކޮށްލެވެއެވެ.

ކޮންމެއަކަސް، ޒިދޫގެ މި ފޮޓޯ އަކީ ވަރަށް ހިތްގައިމު، މޮޅު ފޮޓޯއެކެވެ. ރީތި ލާމުގެ ހިތްގައިމުކަން ދެކިލައި ފޮޓޯ ނަގަން އަންނަ މީހުންނަށް އެންމެ ހިތްހަމަޖެހޭ ގޮތަށް ފޮޓޯ ނެގުމަށް ގުޅައިލުމަށް ހަމަ ގައިމުވެސް އަހަރެން ލަފާ ދޭނީ ޒިދޫގެ ‘އައި ކޭންޑީ‘ އެވެ. ޓްރައިކޮށްލުމުން ތަފާތު ފެންނާނެކަން ގައިމެވެ.

*****

ބަސްކޮށާރު:-

ގުރަހާނަ (ބދ.) ގުރަހަ. ޕްލެނެޓް

ކަށަދާނަ (ބދ.) (1) ކުޅަދާނަކަންބޮޑު. (2) ކުޅަދުންވަންތަވެރި.

ތާލަމެ (ގ.) ވައިރޯޅިހެޔޮވަރުވެފައި އުޑުމަތިސާފުވުން.

ހަސްތީ ދުނިޔެ.

ރިވެލި (1) ހިޔަނި. (2) ގޭގޭ ދޮރުން، ބޭރަށް ނިކުމެފައި ހުންނަ އަލި. (3) ކަނޑުގެ ބާނިތަކަށް އިރުންއެޅިފައި ހުންނަ ދަޅަ.

ސަނދުވާ އައްޓާއި އެނދާއި އުނދޯއްޔާއި މާލޫދު ހަރުގެ ފަދަ ތަންތާގެ މަތީގައި ދަމާ ފޮތިގަނޑު.

އަންދަލީބު – ނައިޓިންގޭލް ދޫނި

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.