މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެނޑް އެގްރިކަލްޗަރުން ހިންގަވާ ފިޝަރީޒް ޑިވޮލޮޕްމެންޓް ޕޮރޮގްރާމްގެދަށުން، މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އިތުރުކުރައްވައިފިއެވެ.

އެމިނިސްޓްރީއިން މިފުރުޞަތު އިތުރުކުރައްވާފައިމިވަނީ، “ކަނޑުފަޅުގެ ނަފާ” ގެ ނަމުން ނަންދެވިފައިވާ މިލޯނަށް އެދުމުގެ ފުރުޞަތު 25 ޖޫން 2019 އަށް ހަމަވުމާއި ގުޅިގެންނެވެ. އަދި މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ނިޔަލަށް މިފުރުޞަތު އިތުރުކުރައްވާފައިވާކަމަށް އެމިނިސްޓްރީގެ އިޢުލާނުގައިވެއެވެ.

މިލޯނު ދޫކުރުމުގެ މަަޤުޞަދަކީ، މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިހުރި އައިސްޕްލާންޓްތަކުން އެކަށީގެންވާ ވަރަށް އައިސް ނުލިބޭތީ އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަތައް ކުޑަކުރުމަށް މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމުގައި އެމިނިސްޓްރީއިން ވިދާޅުވެއެވެ. މީގެ އިތުރުން މަސްވެރިން ބާނާ މަސް ގިނަވަގުތު ތަޒާކަންމަތީގައި ބެހެއްޓޭނެ ފަދަ އިންތިޒާމްތަކެއް ޤާއިމްކޮށްދީ މަސްވެރިކަން ތަރައްޤީކުރަން އެހީތެރިކަންދިނުން ހިމެނޭކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

ޖުމްލަ ތިން މިލިއަން އައްޑިހަ ހަތަރުހާސް (3,084,000) ރުފިޔާ ދޫކުރެވޭ މިލޯނާއި ބެހޭ އުޞޫލާއި، ލޯނަށް އެދޭ ފޯމް ރަސްމީގަޑީގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ލިބެންހުންނާނެއެވެ. ހަމައެހެންމެ ސްމޯލް އެނޑް މީޑިއަމް އެންޓަރޕްރައިސަސް ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީ.އެފް.ސީ) އިންނާއި އެކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެމިނިސްޓްރީއިން ހާމަކުރައްވާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.