މިއަހަރު ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ރޭ ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ’އައި ފިލްމްސް‘ގެ ފުރަތަމަ ފިލްމު “ބަވަތި“ގެ ދިގު ޓްރެއިލާއެއް ރޭ އޮލިމްޕަހުގައި ޕްރިމިއަރ ކުރެވުނު ފިލްމު “މާމުއި” ދެއްކުމުގެ ކުރީން ދައްކާލައިފިއެވެ.

’އައި ފިލްމްސް‘ އިން ބުނީ ފިލްމު “މާމުއި” ދައްކާ ކޮންމެ ރެއަކު އޮލިމްޕަހުގައި ފިލްމު “ބަވަތި“ގެ ދިގު ޓްރެއިލާ ދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

ރޭ އާއްމުކުރި ދިގު ޓްރެއިލާއިން މި ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުންގެ ހުނަރުވެރި މަސައްކަތާއި އިލްޔާސް ވަހީދުގެ މޮޅު ޑައިރެކްޝަން ފެނިގެންދިޔައެވެ. މީގެ އިތުރުން ފިލްމު “ބަވަތި“އިން ފެނިގެންދާނެ އެތަކެއްގެ މަންޒަރުތަކެއް ކުރު ޚުލާސާއެއްގެ ގޮތުގައި މި ޓްރެއިލާއިން ފެނިގެންދިޔައެވެ.

ފިލްމު “ބަވަތި”ގެ ތިއެޓްރިކަލް ޓްރެއިލަރ އިން ފެނިގެންދިޔަ މަންޒަރެއް – ފޮޓޯ:މުނިއަވަސް

ފިލްމު “ބަވަތި“ގެ ދިގު ޓްރެއިލާ ފެށެނީ ނުޒޫ ނުވަތަ މި ފިލްމުގައި ޝެހެނާޒް އާއި އިފްނާޒް ނުވަތަ އިބޫ އާއި ވާހަކަދައްކަން ހުންނަން މަންޒަރަކުންނެވެ. ‘އިބޫ އައުމުގެ ކުރިންވެސް އަހަރެންނަކީ އަހަރެންގެ މަންމަގެ ސަބަބުން މިރަށަށް ބަދުނާމު ވެފައިވާ މީހެކޭ’ އިބޫ ކައިރީގައި ޝެނާޒް ބުނެއެވެ. ދެން ފެނިގެންދަނީ ޝެހެނާޒްގެ ގޭތެރޭގައި ހިނގާ ޒުވާބެއްގައި ޝެހެނާޒްގެ ގައިގައި ޖަހަން ދަރާ ރަޝީދު އަތްނެގުމާއިއެކީގައި ޝެހެނާޒް ސަލާމަތްކުރުމަށް އިބޫ މަސައްކަތްކުރާ މަންޒަރެވެ.

ފިލްމު “ބަވަތި”ގެ ތިއެޓްރިކަލް ޓްރެއިލަރ އިން ފެނިގެންދިޔަ މަންޒަރެއް – ފޮޓޯ:މުނިއަވަސް

ދެން ފެނިގެންދަނީ އިބޫ ޝެހެނާޒް ކައިރީގައި އިންނަން އަހާތަނެވެ. ‘މަށާ އިންނަންވީ ނޫންހޭ، މިރަށު މީހުން ދައްކާ ވާހަކަތަކުގެ އަޑެއް އޭރުން ނީވޭނެ ނޫންހޭ އަހަރެންދާނީ ޝެހެނާޒް ގޮވައިގެންނޭ.’ ބުނެއެވެ. އެއަށްފަހު ދެން ފެންނަ މަންޒަރުން ފެނިގެންދަނީ ޝެހެނާޒް ގޮވައިގެން އިބޫ މާލެ ގޮސް ގެއަށް ވަންނަތަނެވެ. އެއަށްފަހު އެ ގޭތެރެއިން ބިރުވެރިކަންތައްތަކެއް ފެންނަ މަންޒަރުތަކެއް ފެނެއެވެ. ދެން ފެނިގެންދާ މަންޒަރުން ޝެހެނާޒް އިބޫއަށް ބުނަނީ ‘އަހަރެން އެއް ބިރުވެރިކަމުން ސަލާމަތްކޮށްގެން އަނެއް ބިރުވެރިކަމަށް ގެނެސް ތިޔަލީނޫންހޭ’ އޭ ބުނެ ޝެހެނާޒް ޝަކުވާކުރާ ތަނެވެ.

އެންމެ ފަހުން ފެނިގެންދަނީ ނުޒޫ ކުރިމައްޗަށް ބިރެވެރި ސޫރައެއް ފުންމާލާތަނެވެ. “ބަވަތި” ގެ ޓްރެއިލާ ނިމުމާއެކު އޯޑިއަންސް އެއްކޮށްކަހަލަ ގޮތަކަށް ވަރަށް ހޫނު ތަރުހީބުގެ އަތްތިލަބަޑިއެއް ދިންކަން ފާހަގަކޮށްލެވުނެވެ.

ފިލްމު “ބަވަތި”ގެ ތިއެޓްރިކަލް ޓްރެއިލަރ އިން ފެނިގެންދިޔަ މަންޒަރެއް – ފޮޓޯ:މުނިއަވަސް

ފިލްމު “ބަވަތި” ތިއެޓްރިކަލް ނުވަތަ ދިގު ޓްރެއިލާ ފަހުގެ ތާރީޚެއްގައި ފޭސްބްކް އަދި ޔޫޓިއުބްގައި އާއްމުކޮށް ރިލީޒްކުރުމަށް ނިންމާފައިވާކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެއެވެ.

ފިލްމުގެ ޕްރޮމޯޝަނަލް ލަވައިންވެސް ރޭގައި ފެނިގެންދިޔަ ޓްރެއިލާއިން ދައްކުވައިދޭ ވާހަކައިގެ ކޮންމެވެސް މިންވަރެއް ސިފަކޮށްދީފައި ވެއެވެ.

ފިލްމު “ބަވަތި” އަކީ މުޅީން އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ އިލްޔާސް ވަހީދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑް ފިރިހެން ތަރި، އިފްނާޒް ވެސް ފީޗާ ފިލްމަކުން ފެންނާނެ މިއީ ފުރަތަމަ ފިލްމެކެވެ.

ފިލްމު “ބަވަތި“ގެ ތަރިންނަކީ ވިދަމުން އަންނަ ޒުވާން އުންމީދީ ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި ފީޗާ ފިލްމަކުން އަލަށް ތައާރަފުކުރާ އަހުމަދު އިފްނާޒް ފިރާގެވެ. އިފްނާޒަކީ ކުރިން ދި ޓީވީގެ ޕްރެޒެންޓަރެއްގެ ގޮތުން ފެނިގެންގޮސްފައިވާ ޓީވީ ހޯސްޓެކެވެ. މީގެ އިތުރުން އިޖުތިމާއީ މައްސަލަތަކަށް ބިނާކޮށް ވީޓީވީން ގެނެސްދިން ކުރު ބައެއް ޑްރާމާތަކުގައި އެކްޓަރެއްގެ ގޮތުން އިފްނާޒް ހަރަކާތްތެރިވެފައިވެއެވެ.

އާސިމް އަލީ އާއި އަހުމަދު ވަހީދުގެ ’އައި ފިލްމްސް‘ އިން އުފައްދާ “ބަވަތި“ގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ’ކަރުހަކުރު‘ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ’އޯކޭޒް އިންކް“ އެވެ.

ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ’ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ.

ފިލްމު ”ބަވަތި”ގައި މަންމައެއްގެ ރޯލުން ފެނިގެންދާނީ އާ ފަންނާނެކެވެ. ބައްޕައެއްގެ ރޯލުން ފެނިގެންދަނީ މަޝްހޫރު ފިލްމީތަރި އަދި މުޙައްމަދު ރަޝީދު (ދަރާ) އެވެ. ނުޒޫ އާއި ދަރާ ރަޝީދު ފިޔަވައި މި ފިލްމުން މުޅިންވެސް ފެންނާނީ ފިލްމީ ދާއިރާއަށް އާ ތަރިންކަމަށް ޑައިރެކްޓަރ އިލްޔާސް ބުންޏެވެ.

ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ’މުނިއަވަސް’ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.