ކޮންމެ މީހަކުވެސް ބައްދަލުކުރާހިތްވާނެ ފަރާތްތަކެއް ވާނެކަން ކަށަވަރެވެ. މިގޮތުން އަޅުގަނޑު އެންމެ ތުއްތުއިރުއްސުރެން ބައްދަލުކޮށްލާހިތްވާ ފަރާތްތަކެއް ވެއެވެ. އެފަދަ ބޭފުޅުންނާއި ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގައި ހުރެވެއެވެ. އެފަދަ ބޭފުޅުންނަށްޓަކައި، ހިތުގައި ޚާއްޞަ ޤަދަރެއް ދެވިފައިވެއެވެ. ހިތުގައި ޚާއްޞަ ލޯތްބެއް އުފެދިފައިވެއެވެ.

އޭގެތެރެއިން އެއްބޭފުޅަކީ ހެންވޭރު އާމުލީގޭ ޢަބްދުﷲ ޞާދިޤެވެ. އާދެ! ކުޅަދާނަ ޝާއިރު ޞާދުބެއެވެ. އެހެން ބީދައަކުން ބަޔާންކުރާނަމަ، ޞާދުބެއަކީ ދިވެހި އަދަބީ ގުލިސްތާނު ހީނަރުވެފައިވަނިކޮށް، ފެންދެއްވައި އާރޯކަމާއި ތާޒާކަން ގެނެސްދެއްވި އެއް ބޭފުޅެވެ. އަދި ކިއެއްތަ! ޞާދުބެއަކީ ދިވެހި އަދަބީ ގުލްޒާރުން، ގުލްދަސްތާތައް ތައްޔާރުކުރައްވައި، މިދިވެހި އަދަބުގެ ފަޒާ، ޝަޛާއިން ހުވަނދުލައްވައިދިނުމަށް އެންމެ ބުރަ މަސައްކަތްޕުޅުތައް ކުރެއްވެވި އެއްބޭފުޅެވެ. އަދިވެސް މި ހުވަނދުގެ ވަސް ފެތުރިފައިވެއެވެ. އޭގެ އަސަރު ފިލައި ނުދެއެވެ. ކަންމިހެން ހުރިއިރު ޞާދުބެއަކީ، ގުލްޗަންޕާ މަލާއި ގުލްހަޒާރުމަލުގެ ގުލްހާރުތަކުން ވެދުންކުރުން ޙައްޤު ބޭފުޅެއް ނޫންތޯއެވެ. އާދޭހެވެ. މިފަދަ ލޮބުވެތި ބޭފުޅަކާއި ބައްދަލުކޮށްލަން ހިތްނޭދެންވީ ކީއްވެހެއްޔެވެ.

އާދެ! 2019 ޖުލައި 01 ވަނަދުވަހުގެ ރެއަކީ، އަޅުގަނޑުގެ މިދިގު އިންތިޒާރަށް ނިމުމެއް ގެނުވައިދިން ރެއެވެ. ކޮންމެއަކަސް އެތަކެއް ދަތިތަކާއިއެކު ހެންވޭރު އާމުލީގެެއަށް ދެވިއްޖެއެވެ. އެކުގައިހުރީ، އަޅުގަނޑުގެ ހޫރުކާފަ ކައްދޫ ޢަބްދުއްރަޙްމާންގެ ކަދީދަ(ޚަދީޖާ) ގެ ޢަބްދުﷲ ގެ އިބްރާހިމް ރަޝީދުގެ ޢަލީ ނިހާސްއެވެ. ސަލާން ގޮވާލުމަށްފަހު ޞާދުބޭގެ އިޒުނަފުޅާއެކު ގެއަށްވަނީމެވެ. ހިނިފުޅުވަޑުވާ ޙާލުގައި ލިޔާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެވަޑައިގެން އިންނެވިއެވެ. ސާދާކަމުގެ ދެވަނައެއްނެތް މިސާލެކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އަދިކިއެއްތޯއެވެ. ޞާދުބޭ އަޅުގަނޑުމެންނާއި މުޚާތަބުކުރެއްވީ ވަރަށްވެސް މަޑުމައިތިރި ގޮތެއްގައެވެ.

އަސްތާ! އެންމެ ފުރަތަމަވެސް އަޅުގަނޑާއި ހަވާލުކުރީ މަސައްކަތެކެވެ. ކުޑަކުޑަ މަސައްކަތެކެވެ. މަންފާހުރި ފިލާވަޅެކެވެ. މޭޒުމަތީގައި އޮތް ގަނޑަކާއި ގަލަމެއް އަޅުގަނޑުގެ އަތަށް ދެއްވާފައި ވިދާޅުވިއެވެ. ލިޔާށެވެ. މިކިޔާ ޖުމްލަ ލިޔާށެވެ. މިކިޔާ ޖުމްލަ ލިޔެ ނިމޭއިރު ޖުމްލައިގައި އެއްވެސް ކުށެއްނެތް ނަމަ ތިޔައީ މޮޅު ލިޔުންތެރިއެކެވެ. ކޮން ޖުމްލައެއްތޯއެވެ؟ އާދެ! “ދިޔަހިއްކާފައިން ދިޔަހިއްކައިފައި، ދިޔަހިއްކާފައި ބަހައްޓާށެވެ.” އާހް! އަޅުގަނޑުގެ ފުރަތަމަ ޖުމްލަ ރަނގަޅެއްނުވިއެވެ. އައިބައިފިލި ލިޔަންޖެހޭ މަޤާމުގައި އެހެންގޮތަކަށް ލިޔެވުނީއެވެ. އަދިވެސް ވިދާޅުވިއެވެ. ލިޔާށެވެ. “އެގެއަށް ވަންތަނާ ބުޅަލަކާއި ދިމާވިއެވެ.” އެއްވެސް ކުށެއް ނުލައި މިޖުމްލަ ލިޔެ ނިންމީމެވެ. ދަންނަވަންތޯއެވެ. މިކުޑަކުޑަ ފިލާވަޅުން ޞާދުބޭ އުނގަންނަވައިއިދެއްވަން ބޭނުންފުޅުވީ ފިލިޖެހޭ ގޮތާއި ސުކުން ކުރެވޭނެ ހަމައެވެ.

އާދޭހެވެ. ދެން ފެނިގެންދިޔައީ އަޅުގަނޑުގެ ރަޙްމަތްތެރި ޢަލީ ނިހާސް ޞާދުބެއާއި ސުވާލެއްކޮށްލިތަނެވެ. “އަނބި” މިލަފުޒުގައި ސުކުންކުރެވޭ ހަމައަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ޞާދުބޭ ވިދާޅުވީ “އަނބި” މި ލަފުޒުގައި ސުކުންކުރެވޭ ހަމައަކީ”އަންބެއް” މިގޮތަށެވެ. އެހެނެއްކަމަކު “އަނތްބެއް” އަދި “އަތްނބެއް” މިފަދަ ގޮތްތަކަކީ، ރަނގަޅުގޮތެއް ނޫންކަމުގައި ވިދާޅުވިއެވެ.

އާދެ! މިދެންނެވި ވާހަކަތަކުގެ އިތުރުންވެސް އެތައް ވާހަކަތަކެއް ދެކެވުނެވެ. ލިޔުމުގެ ހަމަތަކަށް އިސްކަންދިނުމަށާއި ގިނައިން ފޮތްކިޔައިހެދުމަށް ޞާދުބޭ އިލްތިމާސް ކުރެއްވިއެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. ވަރަށްވެސް އަގުހުރި ވަރަށްވެސް ލާބަހުރި ވަގުތުކޮޅެއްމެއެވެ. ހިތުގެ އެންމެ ފުންމިނުން ޞާދުބެއަށް ޝުކުރު ދަންނަވަމެވެ.

ޔާﷲ! ޢަބްދުﷲ ޞާދިޤުގެ ޢުމުރުފުޅު ދިގުކުރައްވައި ރަޙުމަތް ލައްވާފާނދޭވެ! އާމީން!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.