ހާ ށަވިޔަންޏަށް ހާ ށަވިޔަނި ކިޔުނީ ކީއްވެބާއޭ

އާބާފިއްޔާ އޯބޯފިއްޔާ ދެމެނީ ކީއްވެބާއޭ

މަތީގައިވާ ޅެންބައިތު ހަނދާން ހުރީ ކިތައް ބޭފުޅުންބާވައެވެ. އަޅުގަނޑު ދައްކަން މިއުޅެނީ ޓީވީއެމްއިން ދެއްކި ކުޑަކުދިންގެ އެންމެ މަޝްހޫރު އެއް ޕްރޮގްރާމްގެ ވާހަކައާ ގުޅުންހުރި ވާހަކައެކެވެ. މުނިއަވަސް އިން މިއަދު މި ގެނެސްދެނީ “ހާ ށަވިޔަނި” ޕްރޮގްރާމުން އޭރު ތުއްތު ކުއްޖެއްގެ ގޮތުގައި ފެނިގެންދިޔަ އުލްޔާގެ ވާހަކައެވެ. ނަމަވެސް މިއަދު އުލްޔާ އަކީ ހަމައެކަނި ‘އަލިފުން ފެށޭ އުލްޔާއެއް’ ނޫނެވެ. މިއަދު އަލިފުން “އިއްޔަ ރެކޯޑްސް”ވެސް ފެށެއެވެ. މިއަދު އެ އުލްޔާ އަކީ “އިއްޔަ ރެކޯޑްސް”ގެ ނަމުގައި އައު ރެކޯޑް ލޭބަލްއެއް ފަށައިގެން އުޅޭ ހިތްވަރުގަދަ ޒުވާން ކަނބަލެކެވެ.

މުނިއަވަސް އިން “އިއްޔަ ރެކޯޑްސް”ގެ ވެރިޔާ އުލްޔާ އާއި ބައްދަލުކުރީ މިއުޒިކާއި ވީޑިއޯ އުފެއްދުމުގެ މަސައްކަތުގައި ވަރަށް ހިތްވަރާއެކު މަސައްކަތްކުރުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ކަނބަލަކަށް ވީތީއެވެ.

އިއްޔަގެ ބަސްދީގަތުމެއް ނަގަން ފެށިއިރު، އުލްޔާ އަކީ އެއްކަލަ “ހާ ށަވިޔަނި” ޕްރޮގްރާމްގައި ފެނިގެންދިޔަ ލޯބިލޯބި ތުއްތު އާޓިސްޓްކަމެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. އެހެންކަމުން އުލްޔާގެ މި ޚާއްޞަ ބަސްދީގަތުން ފެށުމުގެ ގޮތުން އުލްޔާގެ ތަޢާރަފު މި ނޫން ގޮތަކަށް ގެންނާކަށް އަޅުގަނޑުގެ އިނގިލިތަކުން ކީބޯޑްގައި ހަރަކާތްކުރެވޭ ގޮތެއް ނުވިއެވެ.

ވާހަކަ ގިނަ ނުކޮށް “އިއްޔަ ރެކޯޑްސް”ގެ އުލްޔާ އާ ބައްދަލުކޮށްލަމާ ހިނގާށެވެ. އުލްޔާ އާއި މުނިއަވަސް އިން ކުރެވުނު ސުވާލާއި ޖަވާބުތަކަށް ދަމާހިނގާށެވެ.

އުލްޔާގެ އަމިއްލަ ތަޢާރަފެއް؟

ފުރިހަމަ ނަން: އާއިޝަތު އުލްޔާ މުޝްތާގް

އުފަން ރަށް: މާލެ

އުފަން ތާރީޚް: 22 އޭޕްރީލް 1998

ވަޒީފާ: ކްރާފްޓް އާޓިސްޓެއް

އުމުރުން 16 އަހަރުން ފެށިގެން މިއަދާއި ހަމައަށް މަސައްކަތްކުރަމުން އައީ ކްރާފްޓް އާޓިސްޓެއްގެ ގޮތުގަ. “އިއްޔަ” ބްރޭންޑްގެ ދަށުން ދެވަނަ ވިޔަފާރިއެއްގެ ގޮތުގަ “އިއްޔަ ރެކޯޑްސް” މި އަހަރު ރެޖިސްޓްރީކޮށް މަސައްކަތް ފެށީ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް އުލްޔާ ނުކުތީ ކީއްވެގެންކަން ބުނެދީފާނަން؟

މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތް މައިގަނޑު ސަބަބަކީ އަޅުގަނޑުގެ ބައްޕަ. ބައްޕަ ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި. ކުޑައިރުންސުރެން ވެސް އަޅުގަނޑާއި އަޅުގަނޑުގެ މުޅި އާއިލާ މިއުޒިކު އަދި ފިލްމު އިންޑަސްޓްރީ އަށް ވަރަށް ލޯބިކުރަން. އަޅުގަނޑު ކުޑައިރު ޓީވީއެމް އިން ދެއްކި “ހާ ށަވިޔަނި” ޕްރޮގްރާމްގަވެސް އުޅެފަ ހުންނާނެ. އެންމެ ކުޑައިރުއްސުރެ ވެސް ވަރަށް ޝަޢުޤުވެރިކަން ހުންނަ ކަމެއް އެއީ.

ޓީވީއެމް އިން ދެއްކި “ހާ ށަވިޔަނި” ޕްރޮގްރާމާގައި އުލްޔާ (ވ) އަދި މިހާރު އުލްޔާ (ކ) ގައި – ފޮޓޯ: އިއްޔަ

“އިއްޔަ ރެކޯޑްސް”ގެ މަޤްޞަދު އަދި އަމާޒަކީ ކޮބާ؟

“އިއްޔަ ރެކޯޑްސް”ގެ މަޤްޞަދަކީ ރާއްޖެއަށް މުޅިން ތަފާތު ސްޓައިލެއްގެ މިއުޒިކު ގެނެސްދިނުން. އަދި ޕްލެޓްފޯމެއް (މަންސަ އެއް) ނުލިބިފައި ތިބި ހުނަރުވެރި ގިނަ ޒުވާނުން ތަކަކަށް ޕްލެޓްފޯމެއް ހޯދައިދީ ކުރިއަރުވައިދިނުން.

“ހާ ށަވިޔަނި ޕްރޮގްރާމް”ގައި ނޫން ގޮތަކަށް އެކްޓިންގައި އުޅުނިންތަ؟

ހައި-ސްކޫލް އަދި ކޮލެޖްގަ ބޭއްވި ގިނަ ޕްލޭ ތަކުގަ އުޅެފަ ހުންނާނެ. އަދި އިއްޔަ ރެކޯޑްސް އިން ކުރިއަށް އޮތްތަނުގައި ނުކުންނަން ހުރި މިއުޒިކް ވީޑިއޯތަކުން ވެސް ފެނިގެންދާނެ.

“އިއްޔަ ރެކޯޑްސް” އިން ފީޗާ ފިލްމު ހެދުމުގެ ވިސްނުން އެބަހުރިތަ؟ އެހެންކަމަށް ވާނަމަ “އިއްޔަ ރެކޯޑްސް” ގެ ފިލްމެއް ކިހައިތަނެއްގަ ފެންނަވަރު ވާނެ؟

ވިސްނުން އެބަހުރި. އޮކްޓޯބަރ މަހުގަ އަޅުގަނޑުމެންގެ ފީޗާ ފިލްމެއް ނެރުމަށް ޕްލޭން ކުރަމުން މިދަނީ.

ހަމޫދު އާއި އިއްޔަ ރެކޯޑްސްގެ ވީޑިއޯ ލަވަ އުފައްދާ ކްރޫ، މަސައްކަތުގައި- ފޮޓޯ: މުނިއަވަސް

“އިއްޔަ ރެކޯޑްސް” އަށް ފިލްމީ އަދި މިއުޒިކީ ފަންނާނުން ގެންނަގޮތަށް، ވާހަކަ ލިޔުންތެރިން، ސްކްރީންޕްލޭ ލިޔާމީހުން އަދި ވީޑިއޯ ހެދުމުގެ މަސައްކަތްކުރާ ޓެކްނިކަލް މީހުން ގެންދިއުގެ ވިސްނުން އެބަހުރިތަ؟ މިކަން މި ފާހަގަކޮށްލީ ވާހަކަ ލިޔާ މީހުންނާއި ސްކްރީންޕްލޭ ލިޔުމުގަ އެބައުޅޭ ހުނަރުވެރި ވަރަށް ގިނަ ކުދިން. އެފަދަ ކުދިންނަށް ކުރިޔަށް ދިއުމަށް އަތުގައި ހިފާނެ ފަރާތެއް ނެތީ.

އާދެ، ތިކަމުގެ ވިސްނުން އެބަހުރި. އިރާދަކުރެއްވިއްޔާ “އިއްޔަ ރެކޯޑްސް” މި ދާއިރާއިން ތަފާތު ހުނަރުތަކައިގެން ވަރަށް ހަރަކާތްތެރިކޮށް ކުރިއަށް އޮތް ދުވަސްތަކުގަ ހަރަކާތްތެރިވުމަށް ޕްލޭންތައް ކުރެވިފަ އެބަ އޮތް. ޒުވާން، އާ ޖީލަށް ފުރުސަތުދީ އަދި ޕްލެޓްފޯމެއް ގާއިމުކޮށްދޭނަން. “އިއްޔަ ރެކޯޑްސް”ގެ ޓީމަކީ ހުނަރުވެރި، ކުޅަދާނަ އަދި ޒުވާން ޓީމެއްގެ ގޮތުގައި ދެކެން އަޅުގަނޑު ބޭނުން.

އިއްޔަ ރެކޯޑްސް އަށް ބައެއް ފަންނާނުން ސޮއިކުރުމުގެ ތެރެއިން – ފޮޓޯ: އިއްޔަ ރެކޯޑްސް

އުލްޔާ ބުނިންދޯ އުލްޔާގެ އާއިލާއަކީ މިއުޒިކް އަދި ފިލްމީ ކަންތައްތަކަށް ލޯބިކުރާ ބައެކޭ. އުލްޔާގެ ބައްޕަ އަކީ މިއުޒިކްގަ ނުވަތަ ފިލްމީ މަސައްކަތުގަ އުޅުއްވާ ބޭފުޅެއްތޯ؟

ބައްޕަގެ އެބައޮތް މިއުޒިކީ ބެކްގްރައުންޑެއް. މައިގަނޑު ގޮތަކަށް ބޮޑުބެރުގަ. ބުންޒީލަ ބޮޑުބެރު ގްރޫޕްގަ.

“އިއްޔަ ރެކޯޑްސް” އަށް ކިތަކެއް އާޓިސްޓުން މިހާރު ސޮއެކޮށްފިބާ؟ ރާއްޖޭގެ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކަށް ގޮންޖަހައިލައި މަސައްކަތްކުރުމަށްތަ އަމާޒު ހުރީ؟

އިރާދަކުރެއްވިއްޔާ. ހަ އާޓިސްޓުންނާ ބައެއް އިތުރު މީހުން ގުޅިއްޖެ.

މާއިޝް އަދި ޓްރޯ އާއި އިއްޔަ މުސްތާޤް – ފޮޓޯ: އިއްޔަ ރެކޯޑްސް

“އިއްޔަ ރެކޯޑްސް” އިން ފިލްމީ އަދި މިއުޒިކީ މަސައްކަތް ކުރުމަށް ނުކުމެފަވާއިރު، އަމިއްލަ އިކުއިޕްމެންޓްސް އަދި އަމިއްލަ ސްޓޫޑިއޯއެއް ޤާއިމުކުރެވިއްޖެތަ؟

ތިކަމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އެއްކޮށް ލޯންޗްކޮށްފަ މީޑިއާއާ ޚަބަރު ހިއްސާކޮށްލާނަން.

މި ދާއިރާގައި ކުރިއަށް ދިއުމަށް ހުރީ ކޮން ކަހަލަ ގޮންޖެހުންތަކެއް؟

ލިބޭ ފުރުޞަތުތައް މަދުވެފައި، މިފަދަ މަސައްކަތްތައް އެހައި ބޮޑަށް މުޖުތަމަޢުން ބަލައިނުގަތުން.

ނިންމާލަމުން އިތުރަށް ފާހަގަކޮށްލާނީ ކޮންކަމެއް؟

މުނިއަވަސް އިން ތިޔަ ދެއްވި ފުރުޞަތަށް ޝުކުރުއަދާކުރަން. އަދި އަޅުގަނޑުގެ ބައްޕަ އަށާއި އަޅުގަނޑާއެކީ ގާތްކޮށް މަސައްކަތް ކުރަމުންދާ ހަމޫދު އަޅުގަނޑަށް ދެއްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރު އަދާކުރަން.

މުނިއަވަސް އިން “އިއްޔަ ރެކޯޑްސް” އަށާއި ފަންނުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަންނާނުންނަށް އަބަދުވެސް އެދެނީ ކާމިޔާބީ އެވެ. މުނިއަވަސް އިން މިތިބީ ފަންނުވެރިންގެ މަސައްކަތްތައް އެންމެ އަވަހަށް، އެންމެ ޞައްޙަކޮށް ގެނެސްދިނުމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.