“އަހަރަކީ 2023 ވަނަ އަހަރެވެ. ރާއްޖެއަށް ޗުއްޓީހޭދަކޮށްލުމަށް ޖަރުމަނުވިލާތުން ވޯލްޓާ އާއި ޕައުލާ އައީ މިއަދު މެންދުރުފަހުއެވެ. ލ. ކައްދޫ އެއާޕޯޓްގެ ހުޅަނގުކޮޅު ގޮނޑުދޮށުގައި އަޅާފައި އޮތް ކުޑަކުޑަ ރިޔަލު ބޮއްކުރައެއްގައި ފުރައިގެން އެ ދެމަފިރިން ދަތުރުކުރަމުންދަނީ ލ. ކައްދުއާއި ފޮނަދުއާއި ދެމެދުގައި މީގެ ދެތިން ހަތަރު އަހަރުކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ލ. ހުރައަށެވެ. ނަމަވެސް މިއަދު ލ. ހުރައަކީ ވަރަށް ޚާއްޞަ ރަށެކެވެ. ރާއްޖޭގައި އޭގެ ދެވަނައެއް ނެތްފަދަ ރަށެކެވެ. އޮނަވިހިސަތޭކަ ފަންސާހުގެ އަހަރުތަކުގައި ރާއްޖޭގައި އޮތްފަދަ ދިވެހިވަންތަ ރަށެކެވެ.

ލ. ހުރައަކީ މިއަދު ރިސޯޓެކެވެ. ދިވެހިވަންތަ ރަށެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ރިސޯޓެކެވެ. އެ ރަށުގައި ގަލުން ރާނާފައިވާ އެންމެ އިމާރާތެއްވެސް ނެތެވެ. އެންމެ ޓިނުގަނޑެއްވެސް ނެތެވެ. ޕްލާސްޓިކްގެ އެންމެ ކުނޑިކޮޅެއްވެސް އެރަށަކުން ނުފެންނާނެއެވެ. އެ ކުޑަކުޑަ ރަށުގައި ބޮޑެތި ފުޅާ މަގުތައް ހަދާފައެއް ނެތެވެ. ރަށުގައި ހުރީ އިންފާރުވެސް ރަނގަޅަށް ވަކިނުކޮށް އަޅާފައިހުރި ހައެއްކަ ގެވަޅެވެ. ކޮންމެ ގެވަޅެއްގައި ދަނޑިފަނުން ހަދާފައިވާ ގެއެއް ހުއްޓެވެ. ގޭތެރޭގައި ހުންނަނީ ބޭރުގެއަކާއި އެތެރެގެއެކެވެ. ބޭރުގޭ ތެރޭގައި ބޮޑު އަށްޓަކާއި ކުޑައަށްޓެއް ހުއްޓެވެ. ބޮޑުއަށީގައި އަޅާފައި އޮތީ ދިވެހި ހައިގަހުގެ ހައިން ވިޔެފައިވާ ކުނައެކެވެ. ބޮޑުއަށީގެ ބިތްދޮށުގައި ލަކުޑިން ޖަހާފައިވާ ބޮޑު ފޮށްޓަކާއި ކުޑަ ފޮށްޓެއް ހުއްޓެވެ. ބަނބުކެޔޮ ގުޅި ކީހައިގެން ހަދާފައިހުރި ބަނބުކެޔޮ ފިލާ އަތުރައިގެން ޒާތެއްގެ ސީލިންގެއް އަޅާފައި އޮތެވެ. ހަމަ އެހެންމެ، ބަނބުކެޔޮފިލައިން މަތާރަންފިލާވެސް ހަދާފައި ހުއްޓެވެ. ގޭތެރެ އަލިކުރުމަށް ދިއްލަން ތައްޔާރުކޮށްފައިހުރީ ގާހަކަ ފަޅި ބޭނުންކޮށްގެން ހަދާފައިހުރި ވޮށެވެ.

އެތެރެގޭ ތެރެއިން ވަދެވެން ހުންނަނީ ބޮޑު ގިފިއްޔަކަށެވެ. ފުޅައްއަޅައި އިންފާރު ވަކިކޮށްފައިވާ އެ ބޮޑު ގިފިލިތެރޭގައި ބޮޑު ބަނބުކެޔޮގަހެއް ހުއްޓެވެ. ކެޔޮފީނިތަކާއި އޮނުފީނިތައްވެސް ހުއްޓެވެ. ހިރިގަލުން ހަދާފައިވާ ވަޅެއް ހުރިއިރު، ވަޅު ކައިރީގައި ބިންމަތީގައި އަތުރާފައިހުރީ ބޮޑެތި ހަތައި ގަލެވެ. ތަޅުންގަނޑަކަށް އޮތީ އެ ހަތާތަކެވެ. ވަޅުން ފެންނެގުމަށް އޮތީ ބޮޑުކާށި ރުކެއްގެ ކާށީގެ ނާށިން ހަދާފައިއޮތް އުނބުގަނޑެކެވެ. ގިފިލިތެރޭގެ ތަންކޮޅެއް ބިތްދޮށުގައި ފާޚާނާ ކުރުމަށް ޚާއްޞަ ހަނޑަސްބުރިއެއް އޮތެވެ.

ގެވަޅުގައި ހުރި ގޭޭގެ ބިތްދޮށް ފަރާތުން ހައެއްކަ ފިޔަވަޅު އެޅޭހައި ހިސާބުގައި ހުރީ ބަދިގެއެވެ. ދަނޑިފަނުން ހަދާފައިހުރި ބަދިގެއެކެވެ. ބައިފޫޓު އުސްމިން ހުންނަވަރުގެ އޮޅުގައު ކަނޑައިގެން ހަދާފައިހުރި ފުށްޑަން ތެރޭގައިވެސް އޮޅުގަލުން ހަދާފައިހުރި ދެ އުނދުން ހުއްޓެވެ. ފުށްޑަނާ ދިމާ މަތީގައި އޮށިން ހަދާފައިހުރި ދުމަށްޓެއް ހުއްޓެވެ. ދުމަށި މަތީގައި ހުރީ މެލުވި ކަޅުއޮށާއި ފިލޮޅެވެ. ބަދިގޭގެ ބޭރުން ކޮޅުބިތުގައި ލައްގާލާފައިހުރީ ހަވާދު ފުނޑާ ކަޅުހިލަ ދައެކެވެ.

ގެވަޅުތެރެއިން ބަދިގޭ ބިތްދޮށްފަރާތުގައި ކުޑަވަރެއްގެ އަލައޮޅެއް އޮތެވެ. އަލައޮޅު ކައިރީގައިވެސް ބޮޑެތި ފަތްކެޔޮފީނިތައް ހުއްޓެވެ. ހޮވާކާން އުޅޭ ކުކުޅުހާތަކާއި ކުދި ފިޔޮށްތަކުގެ އަޑުން ގެވަޅުތެރޭގައިވަނީ ހިތްގައިމު މޫސީޤީ އަޑެއް ހިއްޕާލާފައެވެ.

މިއީ ޖަރުމަނުގެ ދެމަފިރިންކަމަށްވާ، އަޅުގަނޑުމެންގެ ވޯލްޓާ އާއި ޕައުލާ ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުންވި ހިތްގައިމު، ދިވެހިވަންތަ ދިވެހި ރަށެވެ. ވޯލްޓާ އާއި ޕައުލާއަށް ގެވަޅާއި ހަމައަށް ދެވުނުއިރު ރައިވެރިބޭ ރުކުން އައިސް، ނާށިން ހަދާފައިވާ ކަންވާރެއްގައި ތާޒާ ރުކުރާ ދެމުން އެ ދެމަފިރިންނަށް މަރުޙަބާ ކިޔައިފިއެވެ. އެވަގުތު ޖެހިގެން ހުރި ގެވަޅުގައި ކުދިވެރިންނަށް ވޮށުފިލާ އަޅައިދޭން އިން އެދުރުދައިތަ އެތަނަށް އައިސް މަޑުކޮށްލިއެވެ. ރަށުގެ ހުރިހައި ވަނަވަރެއް ވަރަށް ފަރިތަކަމާއެކު އެދުރުދައިތަ ކިޔައިދިނީ ޖަރުމަނު ބަހުންނެވެ.”

އަޅުގަނޑު ސިފަކޮށްލެވޭތޯ މި މަސައްކަތްކުރީ އަދުގެ ޖަޒީރާ ސަރުކާރުން ގެންގުޅޭ ވަރަށް ޖަޒީރާވަންތަ ޚިޔާލެއްކަމަށްވާ “ދިވެހި ރާއްޖޭގައި ދިވެހި ރަށެއް ތަރައްގީކުރުމުމުން އެފަދަ ރަށެއް” އޮންނާނެ ގޮތުގެ ތަޞައްވުރެކެވެ. އެފަދަ ރަށަކަށް ރާއްޖެއިން ބޭރުން އަންނަ މެހެމާނުން އައިސް މަޑުކޮށްލާ “ޖަޒީރާ ރަށަކީ” ލ. އަތޮޅު ކައްދުއާއި ފޮނަދުއާއި ދެމެދުގައި ފުއްޓަރުފަރާތުގައި އެ އޮންނަ ފަޅުރަށް، އާދެ ހުރާ ކަމަށް ނިންމީ އަޅުގަނޑުގެ ޚިޔާލީ ރަށް ބިނާކުރުމަށެވެ.

“ދިވެހި ރާއްޖޭގައި ދިވެހި ރަށެއް ތަރައްގީކުރުމުގެ ތަސައްވުރު” މިއީ އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިޤު (މަނަދޫ ތޯރިގު) ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ސިފަކޮށްދެއްވި ތަޞައްވުރެކެވެ.

“ޓުއަރިޒަމް މިނިސްޓްރީއަށް ވަރަށް ބޮޑަށް ލަފާއަރުވަމުން މިގެންދަނީ ދިވެހިރާއްޖޭގަ އަޅުގަނޑުމެން ބޭނުމޭ ދިވެހި ރަށެއް އޮންނަން. ދިވެހި ރަށެއްގެ ކޮންސެޕްޓްގަ ރިސޯޓެއް ތަރައްޤީކުރުމަށް. އެ ދިވެހިގޭގަ ހުންނަން ބޭނުންވާ ގެސްޓް މީހާ އަންނާނީ. ދިވެހި ބަދިގޭގަ ކައްކައިގެން ކާލަން ބޭނުންވާ މީހާ އަންނާނީ. ދިވެހި ބޮޑުއަށީގަ ނިދާލަން ބޭނުންވާ މީހާ އަންނާނީ.” ދިވެހިވަންތަ ދިވެހި ރަށެއް ބޭއްވުމުގެ ކޮންސެޕްޓާމެދު ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިޤު ވިދާޅުވިއެވެ.

“އެހެންވީމަ އެކަހަލަ ރަށެއް އެބަޖެހޭ ހުންނަން، އެ ރަށެއްގަ އެބަޖެހޭ އޮޑިދޯނިފަހަރުވެސް އެހެލާފަ ހުންނަން، އޮޑިހަރުގެތައް ވެސް ހުންނަން، ބޮއްކުރާތައްވެސް ހުންނަން. ރާއްޖޭގެ އާއްމު ރަށެއްގަ ހުންނަ ހުރިހާ އެއްޗެއްހުރި، އެއް ރަށެއް ނަމަވެސް އެބަޖެހޭ އޮންނަން. އެހެންވީމަ ފައިމަގުގަ އުޅުމާ… ނޫނީ އެ ރަށެއްގަ ބަނދަރު ނުހަދާ އެ އޮންނަ އާދައިގެ ދިވެހި ރަށެއްގެ ކޮންސެޕްޓްގަ ރިސޯޓެއް ހެދީމަ ވާގޮތްވެސް ފެންނަން.” ޠާރިޤު އިތުރަށް ވިދާޅުވީ އެފަދަ ރަށެއްގައި ދިވެހިވަންތަ ހުރިހައި ސިފަތަކެއް ހުންނަން ޖެހޭނެ ކަމަށެވެ.

މިފަދަ ކޮންސެޕްޓެއްގައި ރަށެއް ތަރައްޤީކުރުމުން ވަރަށް ގިނަ ފަތުރުވެރީން އަންނާނެ ކަމަށް ޠާރިޤު ޤަބޫލުކުރައްވައެވެ.

“އަޅުގަނޑު ގަބޫލުކުރާގޮތުގަ ވަރަށް މީހުން އަންނާނެ. އެކަހަލަ ރަށެއް އޮންނަން އެބަޖެހޭ އަންނަން އޮތް ޖީލުތަކަށް ދައްކަންވެސް އަޅުގަނޑުމެން ދިވެހީން އުޅުނު ގޮތް.”

ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިޤު އެ ހާމަކުރެއްވި ވިސްނުންފުޅަކީ އަޅުގަނޑަށް ވަރަށް ކަމުދިޔަ ކޮންސެޕްޓެކެވެ. އެފަދަ ދިރިއުޅުމެއްގެ ކަންފުޅެއް ނަމަވެސް، ކޮންމެވެސް ވަރަކަށް ފެނިފައިވާ މީހަށްވާތީ ކަމަށްވެސް ވެދާނެއެވެ. އަޅުގަނޑުގެ އުއްމީދަކީ އެފަދަ ރަށެއް ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ނަމަވެސް ތަރައްޤީކުރުމެވެ. އަޅުގަނޑުގެ ވިސްނުމުގައި ބޭނުންކުރި ރަށް، އާދެ ލ. ހުރާ އެފަދަ ރަށަކަށް ލ. އަތޮޅުގެ ކަމުވޮށިގެންވާ އިދާރާތަކާއި ވެރީން ވިސްނަވައި އެފަދަ ފުރަތަމަ ރަށް މި ހިތްގައިމު ރީތި ލ. އަތޮޅުގައި ތަރައްޤީކޮށްލުން ކިހިނެއްވާނެބާއޭ އަޅުގަނޑުގެ ހިތަށްއަރައެވެ.

މާފުކުރައްވާށެވެ. އަޅުގަނޑުގެ ޚިޔާލީފޮލާގެ އޮޑި މާބޮޑަށްވެސް ދުއްވިއްޖެ ދޮގެއްތޯއެވެ. ނަމަވެސް، މި ކޮންސެޕްޓަކީ ޚިޔާލީފޮލާއަކަށްވުރެން ބޮޑަށް ޙަޤީޤަތަށް ހެދުމަށް ދިވެހިވަންތަ، ދިވެހި ފިކުރު ހުންނަ ކޮންމެ ދިވެއްސަކަށްވެސް ކުރެވިދާނެ ކަމެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ، ވަރަށް ހިތްގައިމު ކޮންސެޕްޓެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.