ރާއްޖޭގެ ވިހި ރަށުގައި ރޭ ދިވެހިފިލްމު “ދަޢުވަތު” ދެއްކިކަމަށް ފިލްމުގެ ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) މުނިއަވަސް އަށް ބުނެފިއެވެ.
ރޭ ލ. ގަމުގައި “ދަޢުވަތު”ގެ ކާމިޔާބު ޝޯއެއް ދެއްކުމަށްފަހު އެރަށުގައި ހުރެ ޔޫއްޕެ ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރޭ “ދަޢުވަތު” ދައްކާފައިވާކަމަށާއި އެގޮތުން ވިހި ރަށުގައި އެ ފިލްމު ދެއްކި ކަމަށެވެ.
ޖޫން މަހުގެ 12 ގައި ރިލީޒްކުރެވުނު ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދަޢުވަތު”ގެ ވަދާޢީ ޝޯތައް މިދިޔަ ހަފުތާ ބަންދުގައި މާލޭގައި ވަނީ ދައްކާފައެވެ.
ވީމީޑިއާގެ ޕްރޮޑަކްޝަން ޕޫލްގެ ހެޑް އިސްމާއީލް ޝަފީގު ބުނީ މާލޭގައި ފިލްމު ދެއްކުމަށް ހަމަޖެއްސި ދުވަސްތަކުގެ އިތުރުން އިތުރު ދެ ދުވަހު މާލޭގައި މި ފިލްމު ދެއްކީ ބެލުންތެރިންގެ އެދުމުގެ މަތިންކަމަށެވެ. ޝަފީގު ބުނީ ގިނަ ޝޯތައް މާލޭގައި ދެއްކީ ހައުސްފުލްކޮށްކަމަށެވެ.
ލ. އަތޮޅުގައި “ދަޢުވަތު” ދައްކަން ފަށާފައިވާއިރު، މިރޭ ލ. މާމެންދޫގައި އެ ފިލްމު ދައްކާނެ އެވެ. މީގެ އިތުރުން މިމަހު 07 ވަނަ ދުވަހުގެ ރޭ ލ. މާވަށުގައި ދައްކާނެއެވެ. ލ. ދަނބިދޫގައި ވެސް ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
“ދަޢުވަތު” ދެއްކުމަށްޓަކައި ލ. އަތޮޅުގައި ހަރަކާތްތެރިވަމުންދަނީ ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެއެވެ. އޭގެ އިތުރުން މިއަދު މެންދުރުފަހު ޔޫއްޕެ އާއި އެކުގައި މި ފިލްމު ދެއްކުމަށް ފިލްމުގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ޢަލީ އާޒިމް (ދޮން އައްޔަ) ހަރަކާތްތެރިވާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
