ކެމެރާއެއްގެ ފިލްމު ރޯލުތެރެއަށް ނުވަތަ މި ޒަމާނުގެ ޑިޖިޓަލް ކެމެރާގެ މެމޮރީއަށް ހިތްގައިމު މަންޒަރެއް ގައިދުކޮށްލުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، އެފަދަ މަންޒަރެއް ނުވަތަ ފޮޓޯއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގައިދުކޮށްލުމަށްވެސް ޚާއްޞަ ހުނަރަކާއި އުކުޅުތަކެއް ބޭނުންވެއެވެ. ހަމަ އެހެންމެ ޝަޢުޤުވެރިކަމަކީވެސް ހަމަ ކޮންމެހެން ހުންނަން ޖެހޭ ލާޒިމު ސިފައެކެވެ.

މި ހަފުތާގެ ބަސްދީގަތުން ބައިގައި މި ހިމަނައިލަނީ ވަރަށް ޒުވާން ފަންނާނެކެވެ. ފޮޓޯގްރާފަރެކެވެ. ކުރެހުންތެރިއެކެވެ. ލ. ފޮނަދުއަށް އުފަން ރައްވެއްސެކެވެ. މިވަގުތު ފޮނަދޫގައި އުޅެމުން އަޔަސް މި ޒުވާނާގެ ޅައިރުންސުރެން ދާދި ފަހަކާއި ޖެހެންދެން ދުވަސްތައް ހޭދަކުރީ މާލޭގައެވެ.

ސިޔާސީ ބޭފުޅުންގެ ކެޕްމޭން ދުވަސްވަރު މި ފަންނާނު ނަގާފައިވާ ފޮޓޯތަކަށް ވަރަށް ގިނަ ފާޑުކިޔުންތައް ލިބިގެން ދިޔައެވެ. އެ ފާޑުކިޔުންތައް މި ޒުވާނާ ބަލައިގަތީ އިތުރު ހިތްވަރަކާއިއެކުގައެވެ. މި ޒުވާނާއަކީ ހަމަ ގައިމުވެސް ފޮނަދޫގައި ފޮޓޯނެގުމަށް ހަރަކާތްތެރިވާ ޒުވާނުންގެ ތެރޭގައި ވަރަށް ނުފޫޒުގަދަ ޒުވާނެއް ކަމަށް ބުނެވެންއޮތީވެސް ކުރިން މި ބުނި ސަބަބާއި ހުރެއެވެ.

އާދައިގެމަތިން މިހަފުތާގެ މެހެމާނާވެސް ސުވާލުތަކެއް ކޮށްލީމެވެ. މެހެމާނުގެ ޖަވާބުތައް ގެނެސްދީފައިވާނީ އެއްވެސް އުނިއިތުރު ކުރުމެއް ނެތިއެވެ.

އަމިއްލަ ތަޢާރަފެއް؟

ފުރިހަމަ ނަން: ޢަބްދުﷲ އާޒިމް ޢަލީ (އާޒިން)

އުފަން ރަށް: ލ. ފޮނަދޫ

ވަޒީފާ: އާޓިސްޓެއް. ކުރަހަން، ފޮޓޯ ނަގަން އަދި ޑިޒައިން ކުރަން

އުމުރު: 20 އަހަރު

ކުރެހުމާއި ފޮޓޯ ނެގުމުގެ ތެރެއަށް ވަދެވުނީ ކިހިނެތް؟ ކޮން އިރަކު؟ ކީއްވެ މި ދާއިރާތައް ޚިޔާރުކުރީ؟

ކުރަހަން ފެށީ އުމުރުން އެންމެ އަށް އަހަރުން ފެށިގެން. ފޮޓޯ ނަގަން ފެށީ އުމުރުން 13 އަހަރުގަ.

އާޒިމް އެންމެ ނަގާހިތްވަނޫ ކުޑަކުދިންގެ ޕޯޓްރެއިޓް ފޮޓޯ

ތި ދާއިރާތަކުން މަސައްކަތުގެ ތަމްރީނާ ތަޖުރިބާ ހުރީ ކިހައިވަރަކަށް؟ އެއްވެސް ސްޓޫޑިއޯއެއްގަ މަސައްކަތްކުރިންތަ؟

ނޫން. އެއްވެސް މީހެއް ކައިރިއަކުންވެސް އަދި އެއްވެސް ތަނަކުންވެސް މަސައްކަތުގެ ތަޖުރިބާއެއް ނުހޯދަން. ހަމަ އަމިއްލައަށް ތަޖުރިބާ ހޯދައިގެން ދަސްކުރީ. އެކަމަކު ސްކޫލުގަ އުޅުނުއިރު ކުރެހުމުގެ ފަންނުތައް ކުޑަކޮށް ދަސްކުރިން ޓީޗަރުގެ ފަރާތުން. އެއްވެސް ސްޓޫޑިއޯއެއްގަ މަސައްކަތެއް ނުކުރަން.

ރަނގަޅު އާއްމުދަނީއެއް ލިބޭވަރަށް ލާމުން ފޮޓޯ ނެގުމުގެ ފުރުޞަތު ލިބޭތަ؟

އަދި އިންކަމް އަކަށް ފޯކަސް ކޮށްގެން ނޫން މިކަން މިކުރަނީކީ. މިކަން މިކުރަނީ ހޮބީއެއްގެ ގޮތުގަ، ޕޭޝަންއެއްގެ ގޮތުން.

ފޮޓޯ ނަގާއިރު އެންމެ ވިސްނުން ބަހައްޓަނީ ކޮން ކަންތައްތަކަކަށް؟

ކޮންމެ މީހަކާވެސް ކަނެކްޓްވެގެން ނަގަން ވަރަށް މަސައްކަތްކުރަން އެމީހެއްގެ ގޮތުގަ.

މި ދާއިރާގަ ކުރިއަށް ދިއުމަށް ހުރި ގޮންޖެހުންތަކަކީ ކޮބާ<

ފޮޓޯނަގާ މީހުން ބަލައިނުގަންނާތީ ވަރަށް އުނދަގޫވޭ. ބައެއް މީހުންނަށް ހީވެފަ އޮންނަނީ މިއީ އެއްވެސް މަސައްކަތެއް ނޫނޭ މިކަން ކުރާ މީހުން މިކުރަނީކީ. ދެން އާޓް ފީލްޑްގަ ކުރަހާނެ އެއްޗެހި ނުލިބުން.

އާޒިންގެ ސްޓޫޑިއޯއެއް އަދި ނެތްދޯ. އެހެންވީމަ ސްޓޫޑިއޯއެއް ހުޅުވުމުގެ ވިސްނުން އެބަހުރިތަ؟

އާނ. ވަރަށް ވިސްނަން.

އެންމެ ނަގާހިތްވަނީ ކޮންކަހަލަ ފޮޓޯއެއް؟

ތުއްތުކުދިންނާއި ކުޑަކުދިންގެ ފޮޓޯ ވަރަށް ނަގާހިތްވޭ. ދެން ލޭންޑްސްކޭޕް ވަރަށް ނަގާހިތްވޭ. ދެން އަހަރެން އިންޓަރެސްޓް ހުންނަނީ ވިންޓޭޖް ކްލެސިކް ސްޓައިލްގެ ފޮޓޯތަަކަށް.

އާޒިމްގެ ކޮއްކޮއެއްގެ ފޯޓޯއެއް، ތަފާތު ސްޓައިލެއްގައި ނަގާފައި

އާޒިމް މަސައްކަތް ތިޔަކުރާ ދާއިރާތަކުން އެންމެ ދެކެން ބޭނުންވަނީ ކޮން ދުވަހެއް؟

ފޮޓޯ ނެގުމުގެ ދާއިރާގަ އެންމެންވެސް ބަލައިގަންނަ މީހަކަށް ވުން.

އާޒިމް އަކީ ޒުވާން ފޮޓޯގްރާފަރެކެވެ، ކުރެހުންތެރިއެކެވެ. ޑިޒައިންކުރުމަކީވެސް އޭނާގެ ހުނަރެކެވެ. މިފަދަ ޒުވާނުންނަށް މުޖުތަމަޢުން ފުރުޞަތުތައް ފަހިވެގެން ދިއުމަކީ މިފަދަ އާޓިސްޓުންގެ މަސައްކަތަށް ދިރުން ލިބޭނެ ކަމެކެވެ. މުނިއަވަސް އިން އާޒިމް ގެ ކަވަރޭޖެއް މި ގެނެސްދިނީވެސް އެ ބޭނުމުގައެވެ.

އާޒިމް ނަގާފައި ހުރި ތުއްތުކުދިންނާއި ކުޑަކުދިންގެ ފޮޓޯތައް ފެނުމުން، ތުއްތުކުދިންނާއި ކުޑަކުދިންގެ ފޮޓޯ އާޒިމް ލައްވައިނެގުމަށް ހިތްޖެހޭހައިވެސް ފުރިހަމައެކެވެ.

މުނިއަވަސް އިން އެދެނީ އާޒިމް އަށް މި ފަންނުތަކުގައި ކުރިއަރައިގެން ދިއުމުގެ މަގު ތަނަވަސް ވެގެން ދިއުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.