މިމަހު 23 ގައި ރިލީޒްކުރުމަށް ނިންމާފައިވާ އަބްދުﷲ މުއާޒު (މުއާ)ގެ ފިލްމް ”ލީނާ”ގެޓިކެޓް ވިއްކަން މާާދަމާ ހެނދުނު ފަށާނެ ކަމަށް ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބުނެފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވައި މީގެ އަހަރުތަކެއް ކުރީން ފެނުނު އަލްޒީނާ ނަފީސްގެ މަަރުގެ ހާދިސާއިން ”އިންސްޕަޔާވެގެން“ މުއާ ޑައިރެކްޓްކޮށް އަދި ފިލްމުގައި ލީނާގެ ޤާތިލުގެ ބައި ކުޅެފައިވާ ”ލީނާ”ގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ.

އެހެން ފިލްމުތަކުގެ އަގުތަކާ ޚިލާފަށް “ލީނާ” ގެ ޕްރިމިއާ ނައިޓްގެ ޓިކެޓް އުޅެނީ 200 ރުފިޔާއަށެވެ. ނަމަވެސް އެހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ މިހާރު ދިވެހި ފިލްމުގެ ޓިކެޓް ވިއްކާ ރަސްމީ އަގު 100 ރުފިޔާއަށެވެ. ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ޓިކެޓް ގަންނަން މީހުން ދާ ތަރުތީބުންނެވެ.

ފިލްމު ”ލީނާ”ގެ ލީޑް ރޯލުން ފެންނާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ. އަޒްލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ. މީގެ އިތުރުން މި ފިލްމުގައި ނުޒުހަތު ޝުއައިބް (ނުޒޫ)، އަހުމަދު އީސަ (އާނަންދު)، ޒީނަތު އައްބާސް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ތަރިން ހިމެނެ އެވެ.

އއ. އުކުޅަހުގައި ޝޫޓްކޮށްފައިވާ ފިލްމް ”ލީނާ” އާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7234443 ނަންބަރު ވަނީ އާއްމުކޮށްފަ އެވެ.

މިއީ މިއަހަރު އޮލިމްޕަހަށް އަންނަ ހަތްވަނަ ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.