“އެއް އަޑެއް. އެއް އަވަށެއް، ބަރާސިލު އެކުވެރި ރައްޔިތުން!”

މިއީ 1433 ވަނަ އަހަރު ލ. ފޮނަދޫގައި އޮންނަ ތިން އަވަށުގެ ތެރެއިން ބަރާސިލު ރައްޔިތުން ޢީދު ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގައި ބޭނުންކުރި ޝިއާރެވެ. އެ ޝިޔާރުގައި އެބުނާ ރޫޙުގައި ބަރާސިލު އަވަށު ހުރިހައި ރައްޔިތުންނާއި ކުޑަކުދިން، އަރުވައިޖަހައިގެން ނިކުތީ ފިސާރި ވަރުގަދަ ޢީދެއް ގެނައުމަށެވެ. އެފަހަރުގެ ނަތީޖާވެސް ކިތަންމެހައިވެސް ފުރިހަމައެވެ. ފޮނަދޫގެ ޙަޔާތުގައިވެސް ނުދެކޭފަދަ ވަރުގަދަ ބޮޑު ޢީދެއް އެ އަހަރު ފާހަގަކުރެވިގެން ދިޔައީ ބަރާސިލު ރައްޔިތުންގެ ކަށީގެ މަދުން ހިތްވަރު ނެރެގެންނެވެ.

ސާދަ ސަތޭކަ ތެއްތިރީސްވަނަ އަހަރަކީ މާ ދުރުނޫން ތާރީޚެކެވެ. އެ ތާރީޚަކީ އަލުން އަނބުރައި އިއާދަކުރަން ޖެހިފައިވާ ތާޜީޚެކެވެ. އޭރު ބޭނުންކުރި ދިގު ޝިޢާރު؛ “އެއް އަޑެއް. އެއް އަވަށެއް، ބަރާސިލު އެކުވެރި ރައްޔިތުން!” މިހާރުވެސް ބަރާސިލު އަވަށުގައި ދިރި އެބައޮތެވެ. ޒަމާނީގޮތަށް ކުރުކޮށްލާފައެވެ. އަދުގެ ޖީލަށް ފަރިތަގޮތަށް އިނގިރޭސި ކޮށްލާފައެވެ. އާދެ، “#ވަންބަރާސިލް” އެވެ.

2000 ވަނަ އަހަރު ބަރާސިލު ލަނގިރި ޓީމު – ފޮޓޯ: މުނިއަވަސް

ޒަމާނުއްސުރެން ފޮނަދޫ ބަރާސިލު އަވަށުގައި ފާހަގަކުރާ ބޮޑު ޢީދެއްގެ ބޮޑުކަމާއި ހައިބަތު ގެނެސްދެނީ “ބަރާސިލު ލަނގިރި” ހިމެނިގެންނެވެ. ޢީދުގެ ކުލަޖެހެނީ “ބަރާސިލު ލަނގިރީ”ގެ ފެހި، ރަތް އަދި ހުދުކުލައިގެ ލަނގިރި ހެދުމާއި، ބަރާސިލު ލަނގިރީގައި އެ ކިޔާ “ޤައުމުގެ އަމުނާ އަމާންކަމާ…. ޝަރަފާއެކު ދަމަހައްޓާން” ފަދަ، “ވީމާ ވީމާ ކަނބުލޮބޭނުންވީމާ” އާއި “ފުން އަސަރުކުރި ފުން އަސަރު” ފަދަ ލަވަތަކަށް ކޮށްލާ ފަރިފަރި ހަރަކާތްތަކާއި އެކުގައެވެ. ނަމަވެސް ހިތާމަހުއްޓެވެ. ޒަމާނުއްސުރެން ބަރާސިލު އަވަށުގައި ހަމަ ކޮންމެ އަހަރަކުހެން ޖަހަމުން އައި ލަނގިރީގެ އަޑު އެންމެ ފަހުން އިވިގެން ދިޔައީ 2016 ވަނަ އަހަރުއެވެ. އާދެ، ޕީއެސްއެމުން ލ. ފޮނަދޫގައި ބޭއްވި ޢީދު އުފާ ހަރަކާތްތަކުގެ ތެރެއިންނެވެ.

ލ. ފޮނަދޫ ބަރާސިލު އަވަށަކީ ލަނގިރިއާއި ހަރުބީ ޖެހުމުގައި ދިގު ތާރީޚެއް އޮތް އަވަށެކެވެ. އާދެ، ފޮނަދޫ ބަރާސިލު އަވަށު ލަނގިރި އަކީ  މަޢުނަވީ ސަޤާފީ ތަރިކައެކެވެ. ނުވަތަ “އިންޓޭންޖިބަލް ހެރިޓޭޖް” އެކެވެ. މިއީ ޔުނެސްކޯގެ ސަޤާފީ ގައިޑްލައިންތަކާއި ރާއްޖޭގެ ތަރިއާއިބެހޭ ލިޔެކިޔުންތައް ބުނާގޮތުން އުވި ދިޔަނުދީ އާލާކުރަން ޖެހޭ ތަރިކައެކެވެ.

ލ. ފޮނަދޫ ބަރާސިލު އަވަށުގައި ލަނގިރިއާއި ހަރުބީގެ ކުޅިވަރު ފެށިގެން އައީ 1960 ގެ އަހަރުތަކުގައެވެ. މުންޑޫ ޒަކަރިއްޔާބެ ގެނެސްގެން ބަރާސިލު ފިރިހެން ރައްޔިތުން ތާރަޖަހަން ދަސްކޮށް، ޢީދުގައި ތާރަ ޖެހިއެވެ. އެއަށްފަހު، ތާރައާއި އެކުގައި ހަރުބީ އާއި ލަނގިރިއަށް ބަދަލުވެގެން ދިޔައެވެ. މުންޑޫ ޒަކަރިއްޔާބެ، މެދުއަވަށުން މީހަކާ އިނދެގެން އެ އަވަށަށް ބަދަލުވިފަހުން، ބަރާސިލު ރައްޔިތުން ލަނގިރި ފަރިތަކުރަން މާލެއިން ގެނައީ ނަން މަޝްހޫރު، ހުނަރުވެރި ކުޑަމުރީދު އެވެ. މިހާރު، ފޮނަދޫ ބަރާސިލު އަވަށު ފެހިވިލާގެ އެހުރި ސަރަހައްދަކީ އޭރު ލަނގިރި ފަރިތަކުރަން ބޭނުންކުރި ސަރަޙައްދެވެ. އޭގެ ފަހުން އިސްވެ އުޅުނީ މަތިފުށުގޭ (ހަނދުވަރުދޭގެ) އިބްރާހިމް މޫސާ އާއި ކުދިލުބޯމާގޭ ޢަބްދުﷲ ދޮންމަނިކު (މަރިޔަނބެގެ ޢަބްދުﷲ) ފަދަ ބޭކަލުންގެ މުރީދުކަމުގެ ދަށުގައެވެ.

ބަރާސިލު އަވަށުގައި ލަނގިރިޖެހުމުގެ ހަރަކާތްތަކާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ވަރަށް ތަފްޞީލީ ޑޮކިއުމެންޓްރީއެއް ތިރީގައި އެވަނީއެވެ.

މުންޑޫ ޒަކަރިއްޔާ އާއި ކުޑަމުރީދުގެ އެހީތެރިކަމުގެ ޒަމާނަށްފަހު، ދެން ބަރާސިލު އަވަށު ރައްޔިތުން ލަނގިރި ދަސްކުރުމަށް ގެނައީ ލ. ފޮނަދޫ މެދުއަވަށު ސޯސަންވިލާގޭ އަބޫބަކުރު އިބްރާހިމް (ކުޑަ ދޮންމަނިކު) އެވެ. އެއަށްފަހު ލ. ފޮނަދޫ މެދުއަވަށު ބީޗްހެވަން ޢަބްދުއްރަޙްމާން ވެސް ގެނައެވެ. އެއަށްފަހު ލަނގިރި ކުޅިތައް ރީތިކޮށްލުމުގެ ބޭނުމުގައާއި އައު ކުޅިތައް ދަސްކުރުމަށް ލ. ތުނޑީ އަވަށު ދާވޫދުބޭ ގެންނަން ފެށިއެވެ. ދާވޫދުބެއާއި އެކުގައި ތުނޑީ އަވަށު ކުޑަމަންޖެގެ އައްޔަވެސް ގެނައެވެ.

މިއަދު ބަރާސިލު އަވަށު ލަނގިރިން ފެންނަ ގިނަ ކުޅިތަކަކީ ލ. ގަމު ތުނޑީ ދާވޫދުބެ ދަސްކޮށްދެއްވި ކުޅިތަކެވެ. ލަނގިރިޖެހުމުގައި ހަރަކާތްތެރިވާ އެހެން ބައެއް ޒުވާނުން އެކުވެގެން ހަދާފައިވާ ބައެއް ކުޅިތައްވެސް ބަރާސިލު ލަނގިރީގައި ހިމެނެއެވެ. މީގެ އިތުރުން 2015 އާއި 2016 ހިސާބުގައި ލ. ފޮނަދޫ ސިލްވަރުވިލާ އަޙްމަދު މުޢާޒުގެ މުދައްރިބުކަމުގެ ދަށުން ދަސްކޮށްދީފައިވާ އައު ދެތިން ކުޅިއެއް ފެންނަމުން ދެއެވެ.

2016 ވަނަ އަހަރު ބަރާސިލު ލަނގިރި ކުޅިވަރުގެ ެތެރެއިން – ފޮޓޯ: #ވަންބަރާސިލް ވައިބަރ ގްރޫޕްން ނަގާފައި

ފޮނަދޫ ބަރާސިލު އަވަށު ލަނގިރީގެ ތާރީޚް، ކޮންމެވެސް ވަރަކަށް އަޅުގަނޑަށް ތިލަކޮށްލެވިއްޖެ ކަމަށް އުއްމީދުކުރަމެވެ. ބަރާސިލު އަވަށުގައި 1960 ގެ އަހަރުތަކުން ފެށިގެން ކުޅެމުން އައި ލަނގިރި ކުޅިވަރު ވަޅުޖެހި، އުވިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައި އޮންނަތާ މިވަނީ ދެ އަހަރެވެ. މި މުހިންމު މަޢުނަވީ ސަގާފީ ތަރިކައަކީ ދިރުވައި އާލާކުރާން ޖެހޭ ތަރިކައެކެވެ. ފޮނަދޫގެ ފަހުތިބީންނާއި ހަމައަށް މި ތަރިކަ ގެނެސްދިނުމަކީ އަދުތިބީން ކުރާންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. ހަމަގައިމުވެސް ސަގާފާތާއި ތަރިކައަކީ މުހިންމު ކަމެއްކަމަށް ޤަބޫލުކުރެވޭ އަޅުގަނޑުގެ ސިކުނޑިއަށް މިކަން މިގޮތަށް ފެނެއެވެ.

ލަނގިރި އެކަންޏެއް ނޫނެވެ. އިހުގެ ސަގާފަތާއި އާދަކާތައް ދިރުވައި އާލާކުރެވޭގޮތަށް ޢީދުގެ ކުޅިވަރުތައް ކުޅުމަކީ މުހިންމު ކަމެކެވެ. ބަރާސިލު އަވަށު ރައްޔިތުންގެ ރަސްމީ ޝިޔާރުގައި ހިފައިގެން ނުކުމެ ބޮޑު ޢީދަކަށް ވާވަރުގެ ބޮޑު ޢީދެއް ފާހަގަކުރަން މަސައްކަތް ކުރުމަކީ ބަރާސިލު އަވަށުގެ ހަމަ ކޮންމެ ރައްޔިތަކުމެ ދެކެން ބޭނުންވާނެ ދުވަހެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.