މި އަހަރު ނުކުންނަން ހުރި ދިވެހި ފިލްމުތަކުގެ ތެރެއިން އެންމެ ތަފާތުވާނެ އެއް ފިލްމަކީ އަންނަ ސެޕްޓެމްބަރު މަހު ދޭއްގައި ރިލީޒްކުރުމަށް ނިންމާފައިވާ “ބަވަތި” ކަމަށް ގަބޫލުކުރެވެއެވެ.
ފިލްމު “ބަވަތި” ތަފާތު ފިލްމަކަށް ވާނެ ގިނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް، ފިލްމަށް ކިޔާފައިވާ ނަމުގެ ތަފާތު ކަމެވެ. “ބަވަތި” މި ލަފުޒުގެ މާނައަކީ ’ދެރަކަމެއް ވާން އުޅޭކަމަށް ފެންނަ ޢަލާމާތް ނުވަތަ ނިޝާން‘ މި މާނައާއި ’ކަމެއް ވުމުން އެކަމާ ގުޅިގެން ފަހުން ވާނޭ ކަމަކާމެދު ކުރެވޭ ލަފާ‘ އެވެ.
ދެވަނަ ކަމަކަށް ފާހަގަކޮށްލެވެނީ ފިލްމު “ބަވަތި” ގެ ވާހަކައެވެ. ދިވެހި މުޖުތަމަޢުތެރޭގައި އާއްމުކޮށް ހިނގާ ކަންތައްތަކެއް ނަމަވެސް މި ފިލްމުގައި ވާހަކަ ގެނެސްދީފައިވަނީ ތަފާތު ސްޓައިލެއްގައެވެ. މީގެ އިތުރުން މި ފިލްމަކީ ވީޑިއޯ ޕްރޮޑްކްޝަންގެ ދާއިރާގައި ތަޖުރިބާތަކެއް ހޯދާފައިވާ ފަންނުވެރިޔާ އިލްޔާސް ވަހީދުގެ އަލަތު ފީޗާ ފިލްމެވެ.
ތިންވަނަ ކަމަކަށް ފާހަގަކޮށްލެވެނީ ފިލްމުގެ ކާސްޓެވެ. ފިލްމު “ބަވަތި” ގެ ލީޑަކީ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ކުޅަދާނަ އެކްޓްރެސް ނުޒުހަތު ޝުޢަބު އެވެ. ފިރިހެން ލީޑެއްގެ ގޮތުގައި ފެނިގެންދާނީ ބައެއް ވީޑިއޯ އިޝްތިހާރުތަކުން ފެނިފައިވާ، ދިޓީވީ އަދި ވީޓީގައި ޕްރެޒެންޓަރެއްގެ ގޮތުގައި ފެނިފައިވާ އެކްޓިން އަށް ހުނަރުވެރި އަޙްމަދު އިފްނާޒް ފިރާޤް އެވެ. ނަމަވެސް ފިލްމު ”ބަވަތި“ މިއީ ފިލްމީ ދާއިރާއަށް އިފްނާޒް ތަޢާރަފްވާ ފިލްމެވެ.
މިއީ ނުޒޫ ލީޑް ރޯލް ކުޅޭ ފިލްމުތަކުން ވަރަށް ތަފާތު ފިލްމެކެވެ. އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ “މަލިކާ” އިން އަލަށް ފެނިގެންދިޔަ ނުޒޫ އަކީ ހުނަރުވެރި ފަންނާނެއްކަން އެ ފިލްމުން އޮތީ ސާބިތުކޮށްދީފައެވެ. ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން ނުޒޫ އުޅުނީ އެނިމޭޝަން ޑާންސް ގްރޫޕާ އެކު ނެށުންތެރިއަކަށެވެ. ފިލްމު “މަލިކާ”އަށް ފަހު ނުޒޫ ވަނީ އެތަކެއް ފިލްމެއްގައި ތަފާތު ރޯލުތަކުން ފެނިފައެވެ. ނަމަވެސް ފިލްމު “ބަވަތި” އަކީ ނުޒޫގެ ބޮޑު ފިލްމު ކަމަށް ޤަބޫލުކުރެވޭފަދަ ކެރެކްޓަރ އެއް އަދާކޮށްފައިވާ ފިލްމެކެވެ.
މުނިއަވަސް އިން ނުޒޫ އާއި ބައްދަލުކޮށްލައި، ނުޒޫގެ ފިލްމީ ހަޔާތާއި، ފިލްމު “ބަވަތި“ގެ ތަޖުރިބާތައް އޮޅުންފިލުވައިލީމެވެ.
ފިލްމު “ބަވަތި” އަކީ ނުޒޫގެ ކިތައްވަނަ ފިލްމު؟
ފިލްމު “ބަވަތި” އަކީ ހަތްވަނަ ފިލްމު
“ބަވަތި” ފިލްމަށް އާނ ބަސްބުނީ ކީއްވެ؟ ކިހިނެއް އެ ފިލްމުން ފުރުޞަތު ލިބުނީ؟
މި ފިލްމު ޗޫސްކުރީކީއެއް ނޫން. ހަމަ އިއްލެ (އިލްޔާސް ވަހީދު) ބުނީމަ އާނއެކޭ ބުނީ. އަސްލު އިއްލެ، ނުޒޫ ޗޫސްކުރީއޭ ބުނެވިދާނެ. އޭރު ހިއެއްނުވޭ ފިލްމުގެ ސްކްރިޕްޓްވެސް ރެޑީވެފަ އޮތްހެނެއް.
ފިލްމު “ބަވަތި” ގަ ނުޒޫ ފެންނާނީ ކޮންކަހަލަ ކެރެކްޓަރ އަކުން؟
ވަރަށް މަޑުމައިތިރި، ބަސްމަދު، އެކަނި އުޅެން ބޭނުންވާ ކުއްޖެއްގެ ގޮތަށް.
ފިލްމު “ބަވަތި” ނުޒޫ އަށް ޚާއްޞަވާ ސަބަބުތައް ބުނެދީފާނަން؟
ފިލްމު “ބަވަތި” ނުޒޫއަށް ޚާއްޞަވާ ސަބަބަކީ އިއްލެގެ ފުރަތަމަ ޑައިރެކްޝަނަށް ވެފަ، ނުޒޫ އަށް އަނެއްކާވެސް ތަފާތު ބައެއް ކުޅެން ލިބުނީމަ.
ކީއްވެ ފިލްމީ ދާއިރާއަށް މުޅިން އާ ޑައިރެކްޓަރަކަށް އާނއެކޭ ބުނީ؟ އާ ޑައިރެކްޓަރަކާ އެކީގަ މަސައްކަތްކުރަން އުނދަގޫތަ؟
އިއްލެ އެއްދުވަހަކު ވީޓީވީ ތެރެއިން ދިމާވެގެން ބުނީ ނުޒޫ ވާނެޔޭ އިއްލެގެ ފުރަތަމަ ފިލްމުގެ ލީޑް ކުޅެދޭން. އެދުވަސް އެއީ އިއްލެއާ ފުރަތަމަ ދިމާވި ދުވަސް. އަސްލު ހީކުރީ މަޖަލަކަށް ކަމަށް އެހެން ބުނީ. އެކަމަކު ފަހުން އިއްލެ ގުޅާފަ ފިލްމުގެ ވާހަކަ ބުނީމަ ނުޒޫ ހުރީ ހަމަ ވަރަށް ބޮޑަށް ޝޮކްގަ. ވަރަށް އުފާވެސްވި އިއްލެ ހަނދާންހުރީމަ. ދެން އިއްލެ އަކީ އާ ޑައިރެކްޓަރެއް ނަމަވެސް ހަމަ އެއްވެސް ކަހަލަ އުނދަގުލަކާ ދިމައެއް ނުވޭ. ވަރަށް ވެސް ފަސޭހަ އިއްލެއާ އެއްކޮށް ވޯރކް ކުރަން. ބުނެވިދާނެ މިއީ އަހަންނަށް ނެގުނު ވަން އޮފް ދަ ބެސްޓް ޑިޒިޝަން އޭ.
އާ އެކްޓަރަކާ އެކީގަ ވީމަ އުނދަގޫވިތަ؟
ނޫން. އިފްނާޒް އަކީ އަސްލު ވަރަށް މަޖާ، ޓެލެންޓެޑް މީހެއް. ވަރަށް ފަސޭހަ މަސައްކަތް ކުރަން. ވަރަށް ކޮމްފޮޓަބަލް މީހެއް.
ފިލްމު “ބަވަތި“ގަ އެންމެ އުނދަގޫވީ ކޮންކަމެއް؟ އަދި އެންމެ ފަސޭހަވީ ކޮންކަމެއް؟
މޫދުގަ ނެގި ސީންތައް ވަރަށް އުނދަގޫވި. އެކަމަކު އިއްލެ ވަރަށް އަންޑަސްޓޭންޑިންގ އަދި ޓީމް ވޯރކްވެސް ވަރަށް ރަނގަޅު. ވަރަށް ސަޕޯޓިވް، ވަރަށް މަޖާ. އޮވަރޯލްކޮށް ބުނަންޏާ ހުރިހައި ކަމެއްވެސް ވަރަށް ފަސޭހަކޮށް ދިޔައީ.
“ބަވަތި” ފިލްމުގަ އެންމެ ހިތްހަމަޖެހެނީ ކޮން ކަމެއް؟
މުޅި ފިލްމާ ދޭތެރޭގަވެސް ބުނާނީ ހަމަ ހިތްހަމަޖެހެއޭ. އެހެން ވަކި ކަމެއް ޚާއްޞަކޮށް ބުނެފިއްޔާ ފިލްމުގަ ވާގޮތްވެސް އެނގިދާނެ.
“ބަވަތި” ފިލްމުގަ ކުރެވުނު މަސައްކަތަށް ހިތްހަމަޖެހޭތަ؟ ހިތްހަމަ ޖެހެނީ ކީއްވެ؟
އާނ. ވަރަށް ހިތްހަމަޖެހޭ. ކޮންމެ ދުވަހަކު ޝޫޓް ނިންމާފަ އިއްލެ ބުނާނެ ނުޒޫއޭ ވަރަށް ސަޅިއޭ މިތަންކޮޅު ދިޔަގޮތް. ދެން ވަރަށް އެޕްރިސިއޭޝަން އެންޑް އިންސްޕިރޭޝަން ލިބުނު. އެހެންވެ ހަމަ އެ ދުވަހަށް ވުރެން އަނެއް ދުވަހު ރަނގަޅުކުރަން.
ފިލްމު “ބަވަތި“ގަ ނޫނީ ޝޫޓިންގަ ނުޒޫ އަށް އެންމެ ފާހަގަކުރެވުނު ކަމަކީ ކޮވާ؟
ވަރަށް ހެލްޕްފުލް އެންމެންވެސް… ދެން އެހެން ޝޫޓްތަކުގަ ނުވެޔެކޭ ނޫން މިބުނީ. ނުޒޫއަށް ހަމަ ކޮންމެ ފިލްމެއްގަ ޝޫޓަކަށް ދިޔަޔަސް ހަމަ ފީލް ލައިކް އަ ފެމެލީ އެންޑް މި ފިލްމަކީވެސް ދިރިއުޅުމެއްގެ ވާހަކަ.
ނުޒޫ “ބަވަތި” ފިލްމާ ބެހޭގޮތުން މުނިއަވަސްގެ ކިޔުންތެރިނަށް އަދި މި ފިލްމު ބަލަން ތައްޔާރަށް ތިބި އޯޑިއަންސަށް ބުނެލަން ބޭނުންވަނީ ކީކޭ؟
ވަރަށް ގިނަ މީހުން އަހާ ނުޒޫ ކައިރީގަ “ބަވަތި” ފިލްމަކީ ބިރުވެރި ފިލްމެއްހޭ… އެހެން ބުނެވިދާނެ. އެހެންވެސް (ބިރުވެރި ފިލްމަކަށްވެސް) ވެދާނެ. އެހެން ނުވެސްދާނެ. ނުޒޫވެސް ހަމަ ބެލުންތެރިންނާ އެއްކޮށް ފިލްމު ބަލައިލަން މި މަޑުކޮށްލަނީ.
ނުޒޫ އާ އެކީގަ ފިލްމު “ބަވަތި“ގެ ވާހަކަތައް ކިޔުންތެރިންނާ ހިއްސާކޮށްލަން މި ފުރުޞަތު ލިބުނީތީ ނުޒޫ އަށާއި ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.
އިލްޔާސް ވަހީދުގެ ’އައި ފިލްމްސް‘ އިން އުފައްދާ ”ބަވަތި”ގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ’ކަރުހަކުރު‘ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ’އޯކޭޒް އިންކް“ އެވެ.
ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ’ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ.
މި އަހަރު ސެޕްޓެމްބަރު ދޭއްގައި ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު “ބަވަތި“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!