“މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެއަށް ގެނައިމާ،

މަސް ލާރިއަށް މަސް ލާރިއަށް އެ ހަދަނީ މަސްވެރިވި އަންހެނުންނޭ،”

ދިރިއުޅުގައި އެންމެ ބުރަމަސައްކަތްކުރާ ބަޔަކީ އަންހެން ކަނބަލުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަންހެނުންގެ ހިއްސާއަކީ ގައުމެއް ކުރިއަރައިގެން ދާއިރު އޭގައި ނުހިމެނި ނުދާނެ ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަންހެންކުދީން ފިރިހެން ކުދީންނަށްވުރެ ގިނައިން މަތީތައުލީމު ހާޞިލުކޮށް ހޯދާ ނަތީޖާ ރަގަޅެވެ. ރަނގަޅު ތައުލީމެއް ލިބުމަކީ ދިރިއުޅުމުގައި ހެޔޮބަދަލު ގެނައުމަށް ކަންކަމާމެދު ވިސްނާ ސުވާލުކުރުމަށް ބޭނުންވާ ވަރަށް މުހިންމު ހުނަރެކެވެ. އަދި ގެވެށިއަނިޔާއިން ސަލާމަތް ވުމަށް ބޭނުންވާ ވަރަށް މުހިއްމު ވަސީލަތެކެވެ.

އަންހެނުން ބާރުވެރިކުރުވުމަކީ ތަރައްޤީއަށް މަސައްކަތް ކުރާ ހުރިހައި ފަރާތްތަކުން އެންމެ އިސްކަމެއް ދެމުންދާ އެއްކަމެވެ. ބާރުވެރިވުމަކީ އަމިއްލައަށް ކަންކަން ނިންމުމުގެ މިނިވަންކަމާއި ފުރުސަތު ލިބިފައިއޮތުމެވެ.

އަންހެނުންނަށް އާމްދަނީ ލިބުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަށް ލިބޭ ވަރަށް ބޮޑުބާރެކެވެ.​ ތިމާއަކީވެސް މުޖުތަމައުއަށް ފައިދާއެއްކުރާ މީހެއްކަން އަމިއްލައަށް އިހުސާސްކުރެވޭނެ ކަމެކެވެ.

އަންހެނުންގެ މަޤާމަކީ ​ގޭގައި ތިބުން ނޫންކަމަށް ތަފާތު އެކި ގޮތްގޮތަށް އަންހެނުންނަށް ބުނެދެވެމުން ދާއިރު އަންހެންވަންތަ މަސައްކަތާއި ފިރިހެންވަންތަ މަސައްކަތްތައް މުޖުތަމައުގައި ކަނޑައެޅުމުންދާތީ، އަންހެނުންނަށް ލިބޭ ފުރުޞަތުތައް އަދިވެސް މަދެވެ.

އަންހެނުން އާންމުކޮށް ކުރާ މަސައްކަތަށް ލިބޭ އުޖޫރަ ކުޑަވުމުންނާއި އަދި ގިނަވަގުތު މަސައްކަތުގައާއި ދަރިންބަލަން ހޭދަކުރަންޖެހުމުގެ ސަބަބުން އަރާމުކުރަން ލިބޭވަގުތު އަންހެނުންނަށް ވަރަށްބޮޑުތަން މަދުވެގެންދެއެވެ.

ދިރިއުޅުމުގެ އެކި މަރުހަލާގައި އެންމެގިނަ ގޮންޖެހުންތައް ދިމާވާ ބަޔަކީ އަންހެނުންކަމަށް ވާއިރު އެ ކަނބަލުންނަށް އިޙުތިރާމް ކުރާ ބަޔަކަށް އަންހެން ކަނބަލުން ވާންވާނެއެވެ. ތިމާއަށް ލިބިފައިވާ ތަޢުލީމެއްގެ ސަބަބުން ނުވަތަ މަޤާމެއްގެ ސަބަބުން އަނެއް އަންހެންމީހާ ދެރަކޮށްލާ ނުވަތަ އެއީ މާ ދަށު ދަރަޖައިގެ މީހެއް ކަމަށް ދެކުން ދޫކޮށްލަންޖެހެއެވެ. ގޭގައިތިބޭ އަންހެނުންނަކީވެސް ބުރަ މަސައްކަތެއްކުރާ ބައެއްކަން ދަނެ އެމީހުންނަށް އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ ބަޔަކީ އަންހެން ކަބަލެއް ކަމުގައި ވާންވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.