ސަތޭކަ އިންސައްތަ ހައުސްފުލް 15 ޝޯ މިހާރު ދައްކާފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓުގެ މޮޅު ކޮމެޑީ ފިލްމު “މާމުއި”ގެ ފޮނިކަން އެކެއް އޮގަސްޓުން ފެށިގެން ލ. އަތޮޅަށް ގެންދިއުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިމަހު 19ގައި “މާމުއި”ގެ އެންމެ ފަހު ޝޯ މާލޭގައި ދެއްކުމަށް ތާވަލުކުރެވިފައި ވާއިރު، ލ. އަތޮޅު ހަތަރު ރަށެއްގައި “މާމުއި” ދެއްކުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މުނިއަވަސް އަށް މަޢުލޫމާތު ދެމުން، ލ. އަތޮޅަށް “މާމުއި”ގެ ފޮނިރަހަ ލައްވައިލުމަށް މަސައްކަތްކުރަމުންދާ މުޙައްމަދު ސުނިލް ބުނީ އޮގަސްޓް އެއްވަނަ ދުވަހުގެ ރޭ ލ. ގަމުގައި، އޯގަސްޓް ދެވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގައި، އޯގަސްޓް ތިންވަނަ ދުވަހުގެރޭ ލ. މާމެންދޫގައި އެޅުވުމަށްފަހު އޯގަސްޓް ހަތަރުވަނަ ދުވަހުގެރޭ ލ. މާވަށުގައި “މާމުއި” ދައްކާނެ ކަމަށެވެ.

“މާމުއި” ލ. އަތޮޅުގެ ޝެޑިއުލް

މީގެ އިތުރުން އޯގަސްޓް ހަވަނަ ދުވަހުގެރޭ ލ. މާބައިދޫގައި ފިލްމު ދެއްކުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ބުންޏެވެ. މިހާރު އެކުލަވައިލާފައިވާ ޝެޑިއުލް އަށް ބަދަލެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

“މާބައިދޫ އަދި އެއްކޮށް ކޮންފަރމް ނުވޭ.” ސުނިލް ބުންޏެވެ.

މިހައިތަނަށް މާލޭގައި ދެއްކި ހުރިހައި ޝޯއެއްވެސް ހައުސްފުލްވެފައިވާ “މާމުއި” އަކީ ޑާކްރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ. ފިލްމުގެ ވާހަކަ ލިޔުނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުއެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ. ފިލްމުގެ ޑައިރެކްޓްކުރީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ޑައިރެކްޓަރުންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އަލީ ޝިފާއު (ޗިއްޕެ)އެވެ.

މާމުއި”ގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ”މާމުއި ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދިޔައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.