އަލީ ޝާހިދު ނުވަތަ ސްޓެޕް އައްޔަ އޭނާގެ އަސްލު ޑާންސް ގްރޫޕާއެކު މިފަހަރު ބޮޑު ޢީދުގައި ޝޯތަކެއް ދިނުމަށް ތައްޔާރުވާން ފަށައިފި އެވެ. ސްޓެޕް އައްޔަގެ ޑާންސް ގްރޫޕަށް ދީފައިވާ ނަމަކީ “ރިއަލް ސްޓެޕް ޑާންސް ގްރޫޕް” އެވެ.

ސްޓެޕް އައްޔަގެ “ރިއަލް ސްޓެޕް ޑާންސް ގްރޫޕް” އަނެއްކާވެސް ނެށުމުގެ ތެރެއަށް ނިކުމެ ފައިތިލަ ސާބިތުކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެމީހުންގެ ފުރަތަމަ ޝޯތައް އޮތީ ލ. އަތޮޅުގައެވެ.

“ގްރޫޕުން ފުރަތަމަ ހުށައަޅާ ޝޯތައް އޮތީ މިފަހަރު ލ. ހިތަދޫގަ ހަތަރު ޝޯ.” ސްޓެޕް އައްޔަގެ “ރިއަލް ސްޓެޕް ޑާންސް ގްރޫޕް”ގެ ޝެޑިއުލް ފުރަތަމަ ފަހަރަށް މީޑިއާ އާއި ހިއްސާކުރަމުން މުނިއަވަސް އަށް ބުންޏެވެ.

“ރިއަލް ސްޓެޕް ޑާންސް ގްރޫޕް” ގައި ހަރަކާތްތެރިވަނީ ހަތަރު ފަންނާނުންނެވެ. އޭގެ ތެރޭގައި އިތުރު ތަޢާރަފަކަށް ބޭނުންނުވާނެ ސްޓެޕް އައްޔަގެ އިތުރުން، ހަފުތާ ނިންމުން ޝޯތަކުން މަޝްހޫރުކަން ހޯދި، އަދި މިހާރު ‘ގޯ ޕްލަސް’ ޗެނަލުން ގެނެސްދޭ ލަވަ މާނަ ޕްރޮގްރާމު ކޮމިކް ސްޓައިލެއްގައި ހުށައަޅައިދޭ މާލިކު އަބޫބަކުރު (މާލިކް ޖެކްޝަން)ގެ އިތުރުން، އަންހެން ފަންނާނުންގެ ގޮތުގައި ހަރަކާތްތެރިވަނީ ސްޓެޕް އައްޔަގެ އަންހެނުން އާމިނަތު ޒިޔާދާ އާއި އާމިނަތު ޝަމުޢާ (ޝަމް) އެވެ.

އަލީ ޝާހިދު ނުވަތަ ސްޓެޕް އައްޔަ 2000 ވަނަ އަހަރު “ސްޓެޕް ޑާންސް ގްރޫޕް”ގެ ނަމުގައި އަމިއްލަ ނަށާ ގުރޫޕެއް ހެދިއެވެ. އެގުރޫޕުގައި ހިމެނެނީ އޭރު އައްޔަ އާއެކު ނަށަން އުޅުނު ފަރާތްތައް ކަމަށްވާ މިހާރުގެވެސް ކުޅަދާނަ ނެށުންތެރިޔާ އަޒޭ އާއި ސޮބާހް، އާސިމް އަދި ޝިޔާދާމެންނެވެ.

ސްޓެޕް އައްޔައަކީ ނެށުމުގެ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އެއްފަރާތެވެ. އައްޔަ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ނެށުންތެރިންގެ ލިސްޓުގެ ކުރީ ސަފުގައި ހިމެނޭ މޮޅު ނެށުންތެރިއެކެވެ.

ސްޓޭޖް ނެށުންތަކުން އައްޔަ ފެންނަ މިންވަރު މަދުނަމަވެސް ލަވަތަކުގެ ކޮރިއޯގްރަފީ ހެދުމާއި އެކި އެކި މުނާސަބާތަކަށް ސްކޫލް، އޮފީސް އަދި ބައެއް މުއައްސަސާތަކަށް ނެށުން ތައްޔާރުކޮށްދެއެވެ. އެގޮތުން މިނިވަން50 ގެ ހަރަކާތްތަކަށްވެސް އައްޔަ ކޮރިއޮގްރަފީ ހަދައިދީ ނަށަން ދަސްކޮށްދިނެވެ.

ސްޓެޕް އައްޔަގެ “ރިއަލް ސްޓެޕް ޑާންސް ގްރޫޕް” އާއެކު އަލުން އެނބުރި ނެށުމުގެ ތެރެއަށް ވަންނަން ތައްޔާރުވެފައިވާއިރު މިހާރުވެސް އެކި ރަށްރަށުން ގުޅަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ