އެންމެ ތުއްތު އިރުއްސުރެ ވެސް އަޅުގަނޑުގެ ހިތުގައި ފޮތްކިޔުމުގެ ޝައުޤު އުފެދިފައިވެއެވެ. ނަސީބު ކަންދިމާކުރި ގޮތުން އެންމެ ތުއްތުއިރު ވެސް ފޮތްކިޔުމުގެ މަގު ފަހިވިއެވެ. އާންމު ގޮތެއްގައި ކިޔައިލަން ލިބެނީ “ފަތްތޫރަ”އާއި “ޖަމާޢަތުގެ ޚަބަރު” މި ދެ މަޖައްލާއެވެ. މީގެ ތެރެއިން “ފަތްތޫރަ”އަށް ޚާއްޞަ ނަޒަރެއް ދެވުނެވެ. “ފަތްތޫރަ” ކިޔުން ވީ އަޅުގަނޑުގެ ހިތަށް ލިބޭ ފިނިކަމެއް ކަމުގައެވެ. ސިކުނޑި ތަރައްޤީވި ކަމެއް ކަމުގައެވެ. ރޫހަށް ތާޒާކަން ގެނެސްދިން ކަމެއް ކަމުގައި ވެސް މެއެވެ.
އާދޭހެވެ! 1979 އޭޕްރީލް 1ވަނަ ދުވަހަކީ، “ފަތްތޫރަ” މި ދުނިޔޭގެ އަލިކަމުގެ ތެރެއަށް ނިކުތް ދުވަހެވެ. “ފަތްތޫރަ”އަކީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި “ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީސް”ގެ ފަރާތުން ނެރުއްވާން ފެށްޓެވި މަޖައްލާއެކެވެ. މަޤުޞަދަކީ، ބަހާއި، ބަހުގެ އަދަބަށް ޚިދުމަތްކުރެއްވުމެވެ. ފަތްތޫރައިގެ 1ވަނަ ޢަދަދުން ފެށިގެން 119ވަނަ ޢަދަދާ ހަމައަށް، އެ މަޖައްލާގެ މުޙައްރިރަކީ ދިވެހި އަދަބީ އުދަރެހުން އެރި “އުޖާލާވިރަންތަރި” އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީއެވެ. އާދެ! އަޅުގަނޑުމެންގެ އުސްތާޛުލް ޖީލެވެ. މުޙައްރިރުގެ އެހީތެރިއަކީ ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ މަޝްހޫރު ޝާޢިރުއްޝަބާބު ނުވަތަ ޘާޤިބެވެ. ވާހަކަދެއްކުންތެރިކަމުގެ މައިދާނުގެ “ރިހި ދޫ”އެވެ. އާދޭހެވެ! އޮނަރަބަލް އަލްއުސްތާޛު އިބްރާހިމް ޝިހާބެވެ.
“ފަތްތޫރަ”އަކީ ކޮބައިތޯއާއި “ފަތްތޫރަ”އަށް މިނަން ދެވުނީ ކޮން ސަބަބަކާ ހުރެތޯ ބައްލަވައިލައްވަމާ ހިންގަވާށެވެ. ފަތްތޫރަ މި ލަފުޒު ހެދިފައި ވަނީ ސިންގަޅަ ބަހުގެ “ޕައްތަރަ” (ނޫސް) މި ލަފުޒުން ކަމުގައި މުޙައްމަދު ޖަމީލްދީދީ ވިދާޅުވެފައިވެއެވެ. ފަތްތޫރައިގެ 1ވަނަ ޢަދަދުގެ 3ވަނަ ޞަފުހާގައިވެއެވެ. “ފަތްތޫރައިގެ ނަން ހޮވިފައިވަނީ، ދިވެހި ބަހުގެތެރެއިންނެވެ. ވަރަށް އިހުގެ ލިއުމެއްގައި މި ބަސް ލިޔެފައިވަނީ “ފައްތޫރާ” މިހެންނެވެ. މާނައެއްކަމުގައި ލިޔެފައިވަނީ “ފަތުވާކަން” މިހެންނެވެ. ފަތުވާކަމަކީ ނުވަތަ ފަތުވާއަކީ، ކަން އޮތް ގޮތް ބުނެދީ ބަޔާންކޮށް ފައުޅުކޮށް ހެދުމުގެ މާނައިގައި ބޭނުންކުރެވޭ ބަހެކެވެ. އަޅުގަނޑުމެން ފަތްތޫރައިގެ ނަން ހޮވައިފައި ވަނީ އެ މާނައިގެ މަތީންނެވެ. ބަހާއި ބަހުގެ އަދަބުގެ ކަންތައް އޮތް ގޮތް ދިވެހީންގެ ތެރޭގައި ފަތުރައި، އެންމެންނަށް އެނގޭ ގޮތުގައި ފައުޅުކޮށް ހެދުމުގެ މާނައިގެ މަތީންނެވެ. ފަތްތޫރައިގެ ނަން ލިޔުމުގައި ތާ ސުކުނެއް ބޭނުންކޮށްފައި ވަނީ، އެ ބަސް ބޭނުންކުރުމުގައި އާދަވެފައިވާ ގޮތަށް ތަބާވުމުގެ ހަމައިގެ މަތީންނެވެ. އަދި ފަތްތޫރަ ހިންގެވުމުގައި ބޭނުންކުރެވެނީ، ފަތްކޮޅުކަމަށް ވާތީއެވެ. މި ދެ ސަބަބަށް ޓަކައި ފަތްތޫރައިގެ ނަން ލިޔުމުގައި ތާ ސުކުނެއްގެ ބޭނުން ކުރެވިފައިވެއެވެ.”
ފަތްތޫރަ މަޖައްލާއޭ ތޯއެވެ؟ އާދޭހެވެ. މަޖައްލާއަކީ އޭރު ދިވެހިރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ލިޔުންތެރީން ލިޔުއްވަމުން ގެންދެވި މަޖައްލާއެކެވެ. މާދަރީބަހުގެ މުއްސަނދި ލިޔުންތައް ވުޖޫދުވި މައިގަނޑު ސަބަބު ކަމުގައި “ފަތްތޫރަ” ވި ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ތެދުތެދަށް ދަންނަވާ ނަމަ، މި މަޖައްލާއަކީ، ބަހުގެ ގަވާއިދާއި ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި، ދިވެހީންގެ ތެރެއަށް ދޫކުރި ޢިލްމުވެރި އެދުރެކެވެ. ފަތްތޫރައަކީ، ދިވެހިތާރީޚުގެ ލިޔުންތައް މި ދިވެހި ފަޒާގެ ތެރެއަށް ފަތުރައިލި ވަސްމީރު ހުވަނދެއްކަމުގައި ނޫނީނުވާނެއެވެ. އަދިކީއްތޯއެވެ. މި މައްޖަލާއަކީ، ދިވެހި ޅެންވެރިކަމުގެ ގުލިސްތާނަށް އެތަކެއް ޅެމެއް އިތުރުވި ސަބަބު ވެސް މެއެވެ. މީގެ އިތުރަށް ދިވެހި އަދަބުގެ “ފަތިހުގެ ތަރި” ފަޟީލަތުއް ޝައިޚް ޙުސެއިން ޞަލާޙުއްދީނާއި ދިވެހިއަދަބީ ގުލްޒާރުން ފޮޅުނު “ފިނިފެންމާ” ސުއްމުވުލްއަމީރު މުޙައްމަދު އަމީންދީދީގެ ލިޔުއްވުންތަކަކީ “ފަތްތޫރަ”އަށް ދިރުން ލިބި ކުރިލައި ހެދެން ފެށި އެއް ސަބަބު ކަމުގައި ވިއެވެ.
އާދެ! މި އަގުހުރި މަޖައްލާއަށް ލިޔުއްވި ލިޔުންތެރިންގެ ތެރޭގައި އަދި ހަމައެހެންމެ އެ ބޭފުޅުންގެ ލިޔުއްވުންތަކާއި ޅެންތައް މި މަޖައްލާގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި، އައްޝައިޚު އަލް އުސްތާޛު މުޙައްމަދު ޖަމީލުދީދީ، އޮނަރަބަލް އަލްއުސްތާޛު އިބްރާހިމް ޝިހާބް، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް، އަލްފާޟިލް ޢަބްދުﷲ ޞާދިޤް(ޞާދުބެ)، އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، އަލްމަރުޙޫމް ޔޫސުފް މުޙައްމަދުފުޅު، އަލްމަރުޙޫމް ޔޫސުފް ޢަލިފުޅު، އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދުވީ، އަލްފާޟިލް ބޮޑުގަލު އިބްރާހިމް މަނިކު، އަލްފަޟިލް އާދަމް ސަލީމް(ހއ. ހޯރަފުށި) ، އަލްފާޟިލް މުޙައްމަދު ވަޙީދު (މަޑުލު)، އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު، އަލްފާޟިލް ޙަސަން އަޙްމަދު މަނިކު، އަލްފާޟިލާ އާމިނަތު ފާއިޒާ، އަލްފާޟިލް ޢަބްދުއްރައްޒާޤް މުޙައްމަދު (ޅ. ނައިފަރު)، އަލްފާޟިލް މުޙައްމަދު އިބްރާހިމް ލުޠުފީ، އަލްފާޟިލް ސައިކުރާ އިބްރާހިމް ނަޢީމް، އަލްފާޟިލް ޢަބްދުއްލަތީފު ޢުމަރު، އަލްފާޟިލް ޢަބްދުލް ޙަކީމް ޙުސައިން މަނިކު، އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާ، އަލްފާޟިލް އަލީ ޝަރީފް(ޏ)، އައްނަބީލާ އާމިނަތު ޙުސައިން، އަލްފާޟިލް ޢަބްދުﷲ ފާރޫޤް ޙަސަން(ޏ.ފުވައްމުލައް)، އަލްފާޟިލް އަޙްމަދު ޝަފީޤް، އަލްފާޟިލް ގުޅީ މުޙައްމަދު ވަސީމް،އަލްފާޟިލް ޢައްބާސް އިބްރާހީމް، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން، އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދު، އަލްފާޟިލް މުޙައްމަދު ޔޫސުފް(ބ.ދޮންފަނު)، އަލްފާޟިލް މުޙައްމަދު އާމިރު އަޙްމަދު(ފަރެސް)، އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން(ހއ.އުތީމު)، އަލްފާޟިލް އަބޫބަކުރު އާދަމް، އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ(ޅ.ނައިފަރު)، އަލްފާޟިލާ ނަސީމާ މުޙައްމަދު، އަލްފާޟިލް ޙަސަން ލަބީބް(ސ.ހިތަދޫ)، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު، އަލްއުސްތާޛު ޢަބްދުލް ޢަޒީޒު ޖަމާލް އަބޫބަކުރު، އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމް، އަލްފާޟިލް މުޙައްމަދު ވަޙީދު(މަންދު) ފަދަ އެތައް ލިޔުންތެރީންނެއް ހިމެނިވަޑައިގަންނަވައެވެ. އާދޭހެވެ. މިހުރިހައި ލިޔުންތެރީންނަކީ ވެސް ދިވެހި އަދަބުގެ ދަނޑަށް ފަތްތޫރަ މެދުވެރިކުރައްވައި ގަސްތައް ރުއްވަވައި އެއަށް ފެންދެއްވައި އެ ދަނޑުގެ ނަފާ ދިވެހި ގައުމަށް ނެރެދެއްވި ފަހުލަވާނުންނެވެ. ދިވެހި ބަހާއި އަދަބުގެ ޚަޒާނާ އަގުހުރި ރަންމުތްތަކުން ފުރުއްވި އާރުކާޓީންނެވެ. ކަމުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. އާދޭހެވެ! އަދަބުގެ ދަނޑުން ތާޒާ މޭވާ ލިބި އޭގެ ފައިދާ ބަހުގެ އަހުލުވެރިންނަށް ލިބޭން ފެށިއެވެ. ފަތްތޫރައިގެ ފުރަތަމަ ޢަދަދު މިދުނިޔެއަށް އުފަންވުމާ ގުޅިގެން “ފަތްތޫރަ” މިނަމުގައި މުޙައްމަދު ޖަމީލުދީދީ ހައްދަވައިފައި އޮތް ޅެމެއްގައި ވެއެވެ.
“އިހު އުޅުނު ތަނަވަސްވި ގުލްޒާރަށް އަލުން ވަދެވިއްޖެއޭ
ސިހުނު ސިހުމާ ހީވި ހީވުންތައް ހިތުން ފިލުވިއްޖެއޭ،
ނަންވެފައިވާ ރީތި ޑޭޒީމާތަކާ ވައިލެޓްމަލާ،
ތަންތަނުން ފޮޅެމުން އަލުން ދާތީ މިހާރު ފެނިއްޖެއޭ،
ތެދުފުޅެކެވެ. ވަރަށްވެސް ބޮޑު ތެދުފުޅެކެވެ. އަލުން މާތައް ފޮޅި ފަރިވެ އެ މާތަކުގެ ވަސް ފެތުރިއްޖެއެވެ.
އާދެ! މިހައި ހިސާބުން ފަތްތޫރައިގެ އެއްވަނަ ޢަދަދަށް ނަޒަރެއް ހިންގައިލާނަމެވެ. މާދަރީބަހުގެ އަހުލުވެރިންގެ ތެރޭގައި ފަތްތޫރަ ހިންގޭނެ ގޮތް މެދުވެރިކޮށްދެއްވި ފަރާތްޕުޅުގެ ލިޔުއްވުމަކަށް އަމާޒު ކުރަމާ ތޯއެވެ. އާދެ! “ބަހާމެދު….ދެތިން ބަހެއް” މި މައުޟޫޢުގެ ދަށުން ފަތްތޫރައިގެ 1ވަނަ ޢަދަދަށް އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ލިޔުއްވައިފައިވެއެވެ. ” ބޭނުމަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް އެއް ބިންގާ ކަމުގައިވާ އަޅުގަނޑުމެންގެ ޤައުމީ ބަހަށް ރައްކައުތެރިވުމެވެ. އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންނާ ހަމައަށް ވާސިލް ކޮށްދީފައިވާ މި އަގުހުރި “ތަރިކަ” ގެއްލި ހަލާކުވެގެން ދިޔަ ނުދިނުމެވެ. އަދި މި އަގުހުރި ތަރިކަ އަޅުގަނޑުމެންގެ އަންނަނިވި ޖީލުތަކަށް އަމާނަތްތެރިކަމާއެކު ވާސިލް ކޮށްދިނުމެވެ. މި މަޤުޞަދު އަޅުގަނޑުމެންނަށް ޙާޞިލް ކުރެވޭނީ ދިވެހިބަސް ދިރުވައި ތަރައްޤީކޮށްގެންނެވެ. ބަހުގެ އަދަބިއްޔާތު މުއްސަނދިކޮށް ކުރިއަރުވައިގެންނެވެ. އަޅުގަނޑުމެންގެ ހުރިހައި ޚިޔާލުތަކާއި ޝުޢޫރުތަކެއް ފުރިހަމައަށް އަދާކުރެވޭ ވަރަށް ބަސް މުއްސަނދިކޮށްގެންނެވެ. އަޅުގަނޑުމެންގެ ތަޢުލީމީ، އަދަބީ، އަދި ޤައުމީ ބޭނުންތައް އެއްވެސް ދަތިކަމެއް ނެތި ދިވެހިބަހުން ފުއްދޭވަރަށް ބަހުގެ ފެންވަރު މަތިކޮށްގެންނެވެ.”
އާދޭހެވެ! ފަތްތޫރައަކީ އިސްވެ މި ނަކަލުކުރި ފަދަ އެތައް ލިޔުމެއް ފެންނަ މަޖައްލާއެކެވެ. މާދަރީބަހުގެ އަސްލު ގެއްލިގެންދިޔަ ނުދޭން އެހީތެރިވި މަދަދުގާރެކެވެ. ބަހުގެ ހަމަތަކާއި ޤަވާއިދަށް މަގުދައްކައިދިން އިސްދާރެކެވެ. ދިވެހިބަހާއި އަދަބާއި ތާރީޚާއި ސަގާފަތަށް ދިވެހިން ހޭލުންތެރި ކުރަން މަޢުލޫމާތު ފޯރުކޮށްދެމުން، ވަރުބަލިކަމެއް ނެތި ދުއްވަމުން އައި އަސްވާރެކެވެ. މުޙައްރިރު މުޙައްމަދު ޖަމީލުދީދީގެ މަސްއޫލުވެރިކަމުގެ ދަށުން އިސްވެ ބަޔާންކުރި ފަދަ އަގުހުރި އެތައް ލިޔުމެއް ފެނުނު އަގުބޮޑު “ތަރިކަ” އެކެވެ. އާދެ! މީގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ނަތީޖާއަކަށް ވީ ފަތްތޫރަ މި ދުނިޔެއަށް އައި ފަހުން އެތަކެއް ލިޔުންތެރީންނެއް އުފެދި ބިނާވުމެވެ. އަދި ކިއެއްތޯއެވެ. ނަތީޖާ އަކަށްވީ ދިވެހިންގެ ހިތުގައި ދިވެހިބަހަށް އޮތް ލޯބި ބޮޑުވެ އިތުރުވުމެވެ. އާދޭހެވެ. އެއް ދުވަހުން އަނެއް ދުވަހަށް “ފަތްތޫރަ” އައީ ކުރިއަރަމުންނެވެ. އެހައިމެ އޮމާން ކޮށެވެ. އެހައިމެ ސާދާ ކޮށެވެ. އެހައިމެ ސީދާ ކޮށެވެ.
އެހެންނަމަވެސް……. އާހް! ފަތްތޫރައިގެ 120ވަނަ ޢަދަދު މި ދުނިޔެއަށް އައީ ފުންހިތާމަތަކެއް ކުރަމުންނެވެ. ކީއްވެތޯއެވެ؟ އާދެ! ފަތްތޫރައަށް ފެންދެއްވާ އާރޯކުރައްވާން މިން ނެތް މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދެވި އަލްއުސްތާޛު މުޙައްމަދު ޖަމީލުދީދީ މި ދުނިޔެ ދޫކުރެއްވުމުގެ ފުން ހިތާމައާ ގުޅިގެންނެވެ. މި ހިތާމައިގައި ފަތްތޫރައިގެ މުޅި ޢާއިލާއާއި ފަތްތޫރައިގެ އެކުވެރިން ބައިވެރިވީ ހިތާމައާއި އަސަރާއެކީގައެވެ. އާދޭހެވެ! އެމަނިކުފާނު ވަޑައިގަތީ ހަމަ އެކަނި ފަތްތޫރަ ރޮއްވައިފައެއް ނޫނެވެ. އެ މަނިކުފާނު ވަޑައިގަތީ “ހަނދުމަތައް އެކިރޮނގުން ދޫކުރައްވައިފައެވެ. އަދި ކިއެއްތޯއެވެ! އެމަނިކުފާނު ވަޑައި ގަތީ މުޅި ޤައުމު ރޮއްވައިފައެވެ. ވަރަށް ވެސް ބޮޑު ތެދުފުޅެކެވެ. “އުޖާލާވިރަންތަރި” އޮއްސިގެން އެ ދިޔައީ މު ޅި އުދަރެހުން “ވިލާރަތްލާ ގޮތުންނަ އެ ފެން ދިލާސާ ރީތި” ދެކޭން އެތައް ވާހަކައެއް ކިޔައި ދެއްވައިފައެވެ. މާތް ﷲ މަރުޙޫމްގެ ފުރާނަފުޅަށް ރަޙުމަތް ލައްވާށިއެވެ. ފާފަތައް ފުއްސަވާށިއެވެ. ޖަންނަތުގެ އުފާވެރިކަން ދެއްވާށިއެވެ.
އާދޭހެވެ! އަޅުގަނޑުގެ ގަލަން ކުރިއަށް ގެންދެވެން އަންނަނީ ފަތްތޫރައިގެ 120ވަނަ ޢަދަދަށް ނަޒަރު ހިންގައިލުމަށް ފަހުގައެވެ. “އެއީ ލިޔުންތެރީންގެ ރޫޙީ ބައްޕައެވެ.” މި މައުޟޫޢުގެ ދަށުން ފަތްތޫރައިގެ ދެވަނަ މުޙައްރިރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، އަޅުގަނޑުމެންގެ އުސްތާޛުލް ޖީލަށް އިޝާރާތްކުރައްވަމުން ލިޔުއްވައިފައިވެއެވެ. ” ފަތްތޫރައިގެ މި ޢަދަދު މި ނިކުންނަނީ ވަރަށް ވެސް ފުންހިތާމައެއް އިޙްސާސް ކުރަމުންނެވެ. ގެއްލިގެން ދިޔަ އަގުހުރި ޝަޚްޞިއްއްޔަތަށް ޓަކައި ކަރުނަ އަޅަމުންނެވެ. އެ މަނިކުފާނުގެ ހަނދާން އާކޮށް ދިރުވުމުގެ ގޮތުން ބައެއް ލިޔުންތެރީންގެ ލިޔުންތައް ތިޔަ ބޭފުޅުންގެ އަރިހަށް ހުށައަޅަމުންނެވެ. މާތް މަރުޙޫމަށް ހެޔޮ ރަޙުމަތްލެއްވުން އެދި ދުޢާކުރުމާއެކު ފަތްތޫރައިގެ އަމިއްލަ ނަފުސަށް ވެސް ތަޢުޒިޔާ ލިބިގަންނަމުންނެވެ.”
މިހިތާމައިން ޢިބުރަތް ލިބިގަތުމާއެކީގައި ވެސް ފަތްތޫރަ ދަނީ ކުރިއަށެވެ. ހަލުވި ފުއްލާގެ ދުވެލީގައެވެ. ދިވެހިބަސް ހިމާޔަތް ކުރުމުގެ މަތިވެރި މަގުސަދާ އެކީގައެވެ. ދިވެހިބަހުގެ ގަވާއިދާއި ހަމަތައް ޖީލުތަކަށް ފޯރުކޮށްދެމުންނެވެ. އާދެ! ފަތްތޫރަ އުފަންވި ފަހުން މިހާރު 40 އަހަރުވެފައިވާ އިރު، މި މަޖައްލާގެ 400 އަށްވުރެ
މި މަޖައްލާގެ 400 އަށްވުރެ ގިނަ ޢަދަދު ނިކުމެފައިވެއެވެ. މިއިން ވެސް ހާމަވަނީ ޒަމާނުގެ ގަދަ އޮއިވަރާއެކު ވެސް ފަތްތޫރަ އޭގެ ފުރިހަމަ މަގާމުގައި ވިދަމުން އަންނަ ކަމެވެ.
އާދޭހެވެ! “ފަތްތޫރަ” މަޖައްލާއަކީ މިއަދުގެ ލިޔުންތެރިންނަށާއި ކިޔުންތެރިންނަށް ލިބިފައިވާ އަގުބޮޑު ޚަޒާނާއެކެވެ. ޚަޒާނާ ހެޔޮގޮތުގައި ބަލައިގެންފި މީހަކަށް ޒަމާނާއެކު ފައިތިލަ ސާބިތުކުރެވޭނެކަން ކަށަވަރެވެ. ޒަމާނަކީ ފަސޭހަކަމާއެކު “ފަތްތޫރަ” ކިޔޭނޭ ޒަމާނެވެ. ދިވެހިބަހުގެ އެކެޑަމީން މިއަދު މިވަނީ ފަތްތޫރަ އަދުގެ ޖީލަށް ފަސޭހައާއި ނިޔާމައިގައި ބެލެނޭ ގޮތާއި ކިޔެނޭ ހެން ސުމޭކު ކުރައްވައިފައެވެ. “ފަތްތޫރަ”ގެ ނަމުގައި ޚާއްޞަ އެޕެއް ވަނީ ވުޖޫދުކުރައްވައިފައެވެ. މި މުހިންމު މަސައްކަތަށް ޓަކައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއަށާއި މި ދެންނެވި އެޕު ވުޖޫދުކުރެއްވުމަށް ޓަކައި ބުރަ މަސައްކަތްޕުޅު ކުރެއްވި އެންމެހައި ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އުފާކުރާ ކަމަކީ މެދުކެނޑުންތަކެއް ދޭތެރެއަކުން އައި ނަމަވެސް ހުއްޓުމެއް ނެތި ފަތްތޫރަ ވުޖޫދުވާތީއެވެ. ފަތްތޫރައިގެ އުފާވެރި މޫސުންބަހާރުން އަބަދުވެސް ފާގަތިކަމާއި އުފާވެރިކަމުގެ މައުތައް ފަރިވެ ފޮޅޭށިއެވެ. އޭގެ ޢަބީރުން ދިވެހި އަދަބީ ޗަމަން އެއްވަސްވާށިއެވެ. އަޅުގަނޑު އެދެނީ ފަތްތޫރައަށް ބާއްޖަވެރިކަމެވެ. ދިވެހި ބަހާއި އަދަބަށް ކުރިއެރުމާއި ފާގަތިކަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 ނޮވެމްބަރ 2023ރިޕޯޓްދޮގު ޚަބަރު، ހިތި ހަބަރު ފަދަ އެވެ.
- 27 އޮކްޓޯބަރ 2019މަޢުލޫމާތުޤާބިލު ޝަޚުޞިއްޔަތެއްގެ ހަނދާން އައުކޮށްލަމާތޯ
- 25 އޮކްޓޯބަރ 2019ރިޕޯޓްއަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލު – ތިންވަނަ ބައި
- 25 އޮކްޓޯބަރ 2019އަދަބިއްޔާތުއެއީ ޤުދުރަތުގެ ގާނޫނެވެ. – ފުރަތަމަ ބައި
ވަރަށް ފުރިހަަ ލިއުމެއް ކަމުގައި ދެކެމެވެ. އަދި ހިތަށް އަރައެެވެ. މިހާރުވެސް ދިވެހި ބަހުގެ އެކަޑަމީން ހަފްތާއަކުން ނޫންނަމަ މަސްދުވަހަކުން އެއްފަހަރު ނަމަވެސް މިފަދަ މަޖައްލާއެއް ނެރޭނަމައެވެ. އެއިރުންވެސް އެހައިރުން ފޮޅުނުފަދަ ރީތި ޗާލޫ އައު މާތަކެއް ފަރިވެ ގުލްޒާރުގައި ގޮޅޭނެއެވެ. ޒަމާން ކުރިއަރައި ދިޔަ ހިނދުން އެކަޑަމީ އިން މިފަދަ އަލިކަމެއް ގެނެސްދޭނޭ އަބަދުމެ ހިތުގައި އޮވެއެވެ. ލިއުންތެރިން ތިބި އެކަޑަމީ އިން މިފަދަ ފުރުސަތެއް ދިވެހި ދަރިންނަށް ފަހިކޮށް ދޭނެކަމުގައި ހީކުރަމެވެ. ލިއުންތެރިން އުފެއްދޭނީ އެފަދަ ޖާޖޫތަކުން ކަމުގަިވެސް ދެކެމެވެ.
މިހާރުވެސް ފަތްތޫރަ ނެރެމުންދޭ. އިންޝާﷲ ފަތްތޫރަ ދާނީ ކުރިއަަށް. ތިފާޅު ކުރެއްވި ޚިޔާލަކީ ވަރަށް ރަނގަޅު ޚިޔާލެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަން.