“މާމުއި” ބޮއެ ނިންމައިލެވުނީ ހިތްހަމަޖެހިގެން ކަމަށާއި ފިލްމުގެ ތަރިންނާއި ޓެކްނިކަލްޓީމު އަދި ބެލުންތެރިންނަށް ޝުކުރުއަދާކުރާކަމަށް ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކާމިޔާބު ކޮމެޑީ ފިލްމު “މާމުއި”ގެ ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) ބުނެފިއެވެ.

ޗިއްޕެގެ ފޭސްބްކް މެދުވެރިކޮށް ނެރެފައިވާ ކުރު ބަޔާނެއްގައި ބުނީ އޭނާ ޑައިރެކްޓްކުރި އެންމެ ބޮޑު ފިލްމް “މާމުއި” ވެގެންދިޔައީ އެންމެ ގިނަބަޔަކުހެއްވާލި ފިލްމަކަށެވެ. މިފިލްމަކީ ފެންވަރުރަގަޅު މޮޅު ފިލްމެއްކަމަށް ބެލުންތެރިންވަނީ ހެކިވެފައި ކަމަށާއި މިފެންވަރަށް “މާމުއި” އަށް ފޮނިކަން ގެނެސްދިނީ ހަމަގައިމުވެސް މިފިލްމްގައި މަސައްކަތްކުރި އެންމެހައި ފަންނާނުންގެ ހިތްވަރާ، ކެތްތިކަމާއެކު ދިން އެއްބާރުލުމުގެ ސަބަބުންކަން ޗިއްޕެ ފާހަގަކުރެއެވެ.

“މިމަސައްކަތް މިހާ ފުރިހަމައަށް ނިންމާލެވުނީ ޑާކްރެއިންގެ ބާނީ އަދި ޕްރޮޑިއުސަރ މުޙައްމަދު އަލީ – މޮގަރ ގެ ފަރާތުން އަޅުގަނޑަށާއި “މާމުއި” ޓީމަށް ލިބުނު އިތުބާރާއި އެހީތެރިކަމުގެ ސަބަބުންނެވެ. ކިތަންމެ ރަގަޅު ޓީމެއްއޮތަސް މޮޅު ސްކްރިޕްޓެއް ނެތިއްޔާ މޮޅު ފިލްމެއް ނުހެދޭނެއެވެ. މިފިލްމަކީ ބެލުންތެރިން ޝައުގުވެރިކުރުވި މޮޅުފިލްމަކަށްވީ މިފިލްމްގެ ވަރުގަދަ ސްކްރިޕްޓްގެ ސަބަބުންނެވެ. އައިޝަތު ފުއާދުއާއި އަހްމަދު ތޮލާލްގެ ތޫނުފިލި ވިސްނުންތެރިކަމާއިއެކީ ތައްޔަރު ކޮށްފައިވާ މިފިލްމްގެ ސްކްޕްޓަކީ ކޮންމެ ރެއަކުވެސް ހޫނު އަތްތިލަބަޑީގެ އަޑުން ނިމިގެންދިޔަ ޝޯތަކެކެވެ.” ކާމިޔާބު އެވޯޑްތަކެއް ހޯދާފައިވާ ޒުވާން ޑައިރެކްޓަރުގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

“އަބަދުވެސް އެންމެ ފަހުގެ ޚިޔާލާއި ލަފާދީ، ވިޒުއަލީ ފިލްމްގެ މަންޒަރުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ގެނެސްދެވިފައިވަނީ އަހްމަދު ސިނާންގެ އެހީތެރިކަމާއިއެކީގައެވެ. “މާމުއި”ގެ ޓީމުން އަޅުގަނޑަށް ކުރި އިތުބާރަށް ޝުކުރިއްޔާ އަދި “މާމުއި” ގައި ހަރަކާތްތެރިވި އެންމެހައި ފަންނާނުންނަށް ސާބަހާއި އައްސަރިބަސް ރައްދުކުރަމެވެ. ފިލްމް ބަލަން ދުރުވި، ފިލްމަށް ސަޕޯޓްކުރި، އަދި ހުއްޓުމެއްނެތި ކޮމެންޓްކުރި އެންމެހައި ބެލުންތެރިނަށް ޝުކުރިއްޔާ.” ޗިއްޕެގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖުލައި ފުރަތަމަ ދުވަހު ރިލީޒްކޮށް މިމަހުގެ 19 ވަނަ ދުވަހުގެ ރެއާއި ހަމައަށް އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ދައްކާފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ބޮޑު ކޮމެޑީ ފިލްމު މާމުއިގެ ހައުސް ފުލް 18 ޝޯ އޮލިމްޕަހުގައި ދައްކާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.