ޤައުމީ ފިލްމު އެވޯޑް މިއަހަރު ފަހުކޮޅު ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ، ހެރިޓޭޖް ޔުމްނާ މަޢުމޫނު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤައުމީ ފިލްމު އެވޯޑް ބޭއްވުމަށް ކުރަން ޖެހޭ މަޝްވަރާތައް މިހާރު ކުރެވެމުންދާކަމަށެވެ.

“މިއަހަރު ފަހުކޮޅަށް އަޅުގަނޑުމެން ފިލްމު އެވޯޑް ބާއްވަން މިހާރުވެސް މަޝްވަރާތައް ކުރަން ފަށައިގެން މީ ތައްޔާރީތައް ވެސް ފަށައިގެން މިއުޅެނީ. ޕްލޭންކޮށްފަ ބަޖެޓްވެސް އެއަށް ލިބިގެން އަޅުގަނޑުމެންނަށް ކުރެވޭނީ. އެހެންވީމަ ބަޖެޓް ހޯދުމުގެ މަސައްކަތާ މި މަސައްކަތްތައް ފަށައިފިން.” ފަންނުވެރިންގެ މަސައްކަތްތަކާއި ދިވެހި ސަގާފީ ތަރިކަ ހިމާޔަތްކުރުމަށް އުފައްދަވާފައިވާ ވުޒާރާއިން ކުރައްވަވަމުން ގެންދަވާ މަސައްކަތްތައް އޮޅުންފިލުއްވައިދެއްވަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

“ފިލްމު އެވޯޑަކީވެސް ހަޤީޤަތުގަ ފިލްމީ ދާއިރާގެ ބޭފުޅުން އެކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް އެ ބޭފުޅުންނަށް ދޭ އެވޯޑެއް. އެހެންވީމާ މި ޕާފޯމިން ވިޔަސް މީ އެކްޓިން ލަވަކިޔުން މި ކޮންމެ ކަމަކަށްވެސް އެއަށް އަގުވަޒަންކޮށް އެވޯޑްދީ އެއަށް ތަރުހީބުދީގެން ކަންކަން ކުރިއެރުވޭނީ. އެހެންވީމަ ވަރަށް މުހިންމު އެވޯޑެއް ފިލްމު އެވޯޑަކީވެސް. އަޅުގަނޑުމެން އުއްމީދުކުރަން މިއަހަރު ފަހުކޮޅަށް، ފަހުކޮޅު ބޭއްވޭތޯ މަސައްކަތް ކުރަމުން މިހާރުއްސުރެން މި ގެންދަނީ.” މިނިސްޓަރ ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނާއި ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިކްރާމް  އެބޭފުޅުންގެ މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަންތައްތަކާއި ރާއްވަވަމުން ގެންދަވާ ގިނަ ކަންތައްތަކެއް ހިއްސާކުރެއްވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ