ލަނގިރި ކުޅިވަރު ބަލައިލުމަށް ބޮޑު ޢީދަކީ އެންމެ މުނާސަބު ދުވަސްވަރެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަނގިރީގެ ކުޅިވަރުތައް އަބަދުވެސް ކުޅެމުންދެއެވެ. އެގޮތުން ލ. ފޮނަދޫ ތިން އަވަށުގައިވެސް ލަނގިރި ޖެހުން އޮންނައިރު، ބަރާސިލް އަވަށަކީ ކޮންމެ އަހަރެއްގައިހެން ލަނގިރި ޖެހުން އޮންނަ އަވަށެކެވެ. ނަމަވެސް 2004 ވަނަ އަހަރާއި 2017 އަދި 2018 ވަނަ އަހަރު ބަރާސިލު އަވަށުގައި ލަނގިރިޖެހުން ނެތުމުން އެކަމުގެ ފަޅުކަމާއެކު ޢީދުގެ ފޯރި އެތައް ތަނަކުން ކުޑަވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ލ. ފޮނަދޫ ބަރާސިލު އަވަށު ޒުވާން ފިރިހެނުންގެ ހިތްގައިމު ލަނގިރި ހަރަކާތް މެދުކެނޑިފައި އޮތުމަށްފަހު މި އަހަރު އަނެއްކާވެސް ލަނގިރި ޖެހުމަށްޓަކައި ލަނގިރި ފަރިތަކުރުން ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

އެންމެފަހުން، ބަރާސިލު އަވަށު ޒުވާނުން ލަނގިރި ޖަހާފައިވަނީ 2016 ވަނަ އަހަރު ޕީއެސްއެމް އިން ފޮނަދޫގައި ބޭއްވި ޢީދު އުފާ ހަރަކާތުގެ ތެރޭގައެވެ. ގިނަ ބަޔަކު ފާހަގަކުރާގޮތުން، ލ. ފޮނަދޫ ބަރާސިލު އަވަށު ލަނގިރިއަކީ ފާހަގަކޮށްލެވޭ ހިތްގައިމު ކަމެއް ހުންނަ ސަގާފީ ހަރަކާތެކެވެ.

ލ. ފޮނަދޫ މެދު އަވަށުންވެސް މިފަހަރު ލަނގިރި ޖެހުން އޮންނަކަމަށް މަޢުލޫމާތު ލިބޭއިރު، ލ. ގަމު ތުނޑީ އަވަށާއި ލ. އަތޮޅުގެ އެހެނިހެން ބައެއް ރަށްރަށުގައިވެސް ލަނގިރިއާއި ހަރުބީގެ ފަރިތަކުރުންތައް ކުރިއަށްއެބަދެއެވެ. އެހެންކަމުން ޢީދުގެ އުފާވެރިކަން ހޯދުމަށް ހިތްގައިމު ލ. އަތޮޅަށް މިފަހަރުވެސް ގިނަބަޔަކު ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ